ބައި-އިލެކްޝަން ކެމްޕެއިން ލޯންޗުކުރުމަށް ރައީސް ކޮމަންޑުއަށް ވަޑައިގަންނަވަނީ

އޭޕްރިލް 6، 2019: ރައްޔިތުން މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމުގެ ތެރެއިން -- ސަން ފައިލް ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވެރިކަންކުރާ އެމްޑީޕީގެ ފަރާތުން ވާދަކުރާ މުހައްމަދު ރާޝިދުގެ ކެމްޕެއިން ލޯންޗުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ށ. ކޮމަންޑުއަށް ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.

ރާޝިދުގެ ކެމްޕެއިން ފެށުމަށް ޓަކައި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ ހަތް ވަނަ ދުވަހު، ކޮމަންޑޫ އެމްޑީޕީ ހަރުގޭގައެވެ.

އެމްޑީޕީން ބުނީ މި ޖަލްސާގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ކުރިން ރާޝިދު ހުންނެވީ ށ. ފޯކައިދޫ ކައުންސިލްގެ ސެކެޓްރީ ޖެނެރަލްގެ މަގާމުގައެވެ. އަދި އޭނާ އަކީ ފާއިތުވެދިޔަ ތިން ދައުރުގައި އެ ކައުންސިލްގެ ރައީސްކަން ވެސް ކުރެއްވި ބޭފުޅާއެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ރާޝިދުގެ އިތުރުން ކުރިމަތިލާފައި ވަނީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ކެންޑިޑޭޓް އަބްދުލް ހަންނާނު އިދުރީހާއި އިދިކޮޅު ޕީޕީއެމްގެ ފަރާތުން ކުރިމަތިލައްވާ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުސާ ފަތުހީ އާދަމެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ އަންނަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު އެ ދާއިރާގެ ބައި އިލެކްޝަން ބާވާނެކަމަށް އިއުލާންކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގައި ކޮމަނޑޫ ދައިރާ ތަމްސީލުކުރާ ގޮނޑި ހުސްވެފައިމިވަނީ އެ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި ހުސައިން ވަހީދު މި މަހުގެ 14 ވަނަ ދުވަހު އަވަހާރަވުމާ ގުޅިގެންނެވެ. ހުސައިން މަޖިލީހުގައި ހުންނެވީ އެމްޑީޕީގެ ޓިކެޓުގައެވެ.

comment ކޮމެންޓް