ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުމުން ރަނގަޅު ނަތީޖާތަކެއް ނެރެވިއްޖެ: ޗައިނާ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ އާ ބައްދަލުކުރެއްވުން -- ފޮޓޯ/ ފޮރިން މިނިސްޓްރީ

ދެ ގައުމުގެ ދޭތެރޭގައި އޮތް އިހުތިރާމާއެކު، ރާއްޖެއާއި ޗައިނާއާއެކު އޮތް ގުޅުމުން ރަނގަޅު ނަތީޖާތަކެއް ނެރެވިފައިވާ ކަމަށް ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން ބުނެފިއެވެ.

ރާއްޖެއާއި ޗައިނާ އާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރިތާ މި އަހަރު 50 އަހަރު ފުރޭ ރަންޔޫބީލް އަހަރު ކަމަށްވާއިރު، ޗައިނާ އެމްބަސީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ދެ ގައުމު ދޭތެރޭގައި ހިނގައިފައިވާ މުއާމަލާތްތަކާއެކު، މި 50 އަހަރު ތެރޭގައި ދޭދޭ ގުޅުން ނުހަނު ރަނގަޅުވެފައެވެ.

"ޗައިނާއާއި ރާއްޖެއާ ދެމެދު އޮތީ އެއްގައުމު އަނެއް ގައުމަށް އިތުބާރާއި އެއްބާރުލުން، އެއް ގައުމު އަނެއް ގައުމާ މެދު ހަމަހަމަ އުސޫލަކުން މުއާމަލާތްކޮށް، ފައިދާކުރަނިވި ނަތީޖާތަކެއް ވަނީ ހޯދައިފައި،" ޗައިނާ އެމްބަސީން ބުނެފައިވެއެވެ.

އެމްބަސީން މިފަދައިން ބުނެފައިމިވަނީ ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ލީ ކުރިއަށް އޮތް ހަފްތާ ބަންދުގައި ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނިކޮށެވެ.

ވަންގް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ ހަތްވަނަ ދުވަހުއެވެ.

ވަންގް ރާއްޖެ އަށް ކުރައްވާ ރަސްމީ ދަތުުރު ފުޅަކީ ރާއްޖެ އާއި ޗައިނާއާއި ދެމެދުވާ ހާރިޖީ ގުޅުމަށް 50 އަހަރު ވުމާ ގުޅިގެން އެ މުނާސަބާ ކުލަ ގަދަކޮށް ފާހަގަ ކުރުމަށް މަޝްވަރާ ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ދެ ދުވަހުގެ މުއްދަތައް ކުރައްވާ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް ޗައިނާ އެމްބަސީން މީގެ ކުރިން ބުނެފައިވެއެވެ.

ވަންގް މި ދަތުރުފުޅު ކުރައްވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިދިޔަ މަހު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ދެއްވި ދައުވަތަކާ ގުޅިގެންނެވެ.

މި ދަތުރުފުޅުގައި މިނިސްޓަރު ޝާހިދުވެސް ބައިވެރިވާނެކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އަދި މި ދަތުރުފުޅުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ވެސް ވަންގް ކުރައްވާނެއެވެ.

ވަންގްގެ މި ދަތުރުފުޅު ވާނީ ރަސްމީ ދަތުރުފުޅެއްގައި ޗައިނާގެ މިނިސްޓަރަކު ރައީސް ސޯލިހުގެ ޒައާމަތުގައި ރާއްޖެ ޒިޔާރަތްކުރައްވާ ފުރަތަމަ ފަހަރަށެވެ.

އެންމެ ފަހުން ވަންގް ރާއްޖެ ވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2016 ވަނަ އަހަރުގައެވެ. އެ ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެއް ކަމުގައި ވީނަމަވެސް ސަރުކާރުގެ އިސްވެރިންނާ އޭނާ ބައްދަލު ކުރެއްވިއެވެ.

ރައީސް ޔާމިނުގެ ވެރިކަމުގައި ޗައިނާއާ އެކު ވަރަށް ގާތް ގުޅުމެއް ވަނީ ބާއްވާފައެވެ. ޗައިނާގެ އެހީތެރިކަމާ އެކު ގިނަ މަޝްރޫއުތަކެއް އޭރު ވަނީ ރާއްޖޭގައި ހިންގާފައެވެ.

comment ކޮމެންޓް