ނަޝީދާ ގުޅޭ ގޮތުން ހުށަހެޅި މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭފަދަ ކަމެއް ނެތް: ފުލުހުން

ރައީސް މުހައްމަދު ނަޝީދާ ގުޅޭ ގޮތުން ފުލުހުންނަށް ހުށަހެޅި މައްސަލަގައި ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭފަދަ ކަމެއް ނެތް ކަމަށް ފުލުހުން ވަނީ ބުނެފައި ----- ފޮޓޯ/ ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު, ޣައިރު ދީންތަކުގެ ޝިއާރުތައް ފަތުރާ ކަމަށް ބުނެ "ރައްޔިތުންގެ އިއްތިހާދު" އިން ފުލުހުންނަށް ހުށަހެޅި މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭފަދަ ކަމެއް ނެތް ކަމަށް ފުލުހުން ބުނެފިއެވެ.

ރައްޔިތުންގެ އިއްތިހާދުން ފުލުހުންނަށް މައްސަލަ ހުށަހަޅައިފައިވަނީ 2020 ވަނަ އަހަރު ނަޝީދު ކްރިސްމަސްގެ ތަހުނިޔާ ފާޅުގައި ދިވެހިންނަށް ފޮނުވާފައިވާ ކަމަށް ބުނެއެވެ. އަދި މިދިޔަ އަހަރު ވެސް އަނެއްކާ ކްރިސްމަސްގެ ތަހުނިޔާ ކިޔުން ތަކުރާރުކޮށް ފޮޓޯ އާންމު ކޮށްފައިވާ ކަމަށް އެ މައްސަލާގައިވެއެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ ޖަމިއްޔަތުލް އިއްތިހާދުގެ ނަމުގައި ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހަަޅާފައިވާ ސިޓީގައި ބަޔާންކޮށްފައިވާ ކަންތައްތައް ބެލިބެލުމުން ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭފަދަކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.

އެ ސިޓީގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅިގެން ފުލުހުންގެ ފަރާތުން ތަހުގީގެއް ކުރިއަށް ނުގެންދާ ކަމަށް ވެސް ވަނީ ބުނެފައެވެ. އަދި ސިޓީ ހުށަހަޅާފައިވަނީ ދައުލަތުގެ އެއްވެސް އިދާރާއެއްގައި ރަޖިސްޓްރީކުރެވިގެން ހިންގާ ގާނޫނީ ސަހުސަކުންކަމުގައި ނުވާތީ އެސިޓީއާމެދު އަމަލުކުރިގޮތް, ސިޓީ ފޮނުވިފަރާތަށް އަންގާފައި ނުވާނެ ކަމަށް ފުލުހުން ބުންޏެވެ.

"އެސިޓީއާމެދު މިހިދުމަތުން އަމަލުކޮށްފައިވާނީ މިހިދުމަތާ ހިއްސާކުރާ މައުލޫމާތުތަކާމެދު އަމަލުކުރަމުންދާ އުސޫލުންކަމުގައި ދަންނަވަން," ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވިއެވެ.

އިސްލާމްދީނާ ހިލާފަށް ރާއްޖޭގައި ބައެއް ފަރާތްތަކުން ހިންގާ ކަންކަމަކީ ފުލުހުން ވަރަށް އިސްކަމެއްދީގެން ތަހުގީގުކުރަމުންދާ އަދި މުސްތަގުބަލުގައިވެސް ތަހުގީގުކުރާނެ މައްސަލަތަކެެއްކަމުގައި ވަނީ ބުނެފައެވެ. ނަމަވެސް އެސިޓީގައި ފާހަގަކޮށްފައިވަނީ މިފަދަ ކަމެއްގެ މައުލޫމާތެއް ނޫންކަމަށް ފުލުހުން ބުންޏެވެ.

ލާދީނީ އެކި ތުހުމަތުތައް އަޅުވަނީ ފުރާނައަށް ގެއްލުން ދިނުމަށް ކަމަށް ނަޝީދު މިއަދު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް