ލަންދޫގައި ޓޫރިޒަމަށް ފުރުސަތު އެބައޮތް، އެ ފުރުސަތު ރަށުން ބޭރު މީހުންނަށް ދޭން ޖެހޭ: އަސްލަމް

މިނިސްޓަރު މުހައްމަދު އަސްލަމް -- ފައިލް ފޮޓޯ/ ރައީސް އޮފީސް

ކޮންމެ ރަށަކަށް ވެސް ސަރުކާރުން އުމްރާނީ ތަރައްގީ ގެނައުމުން، އެ ރަށެއް ކުރިއެރުމުގެ ބާރު އޮތީ ރައްޔިތުންގެ އަތް މަތީގައި ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ނ. ލަންދޫ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ ލަންދޫއަކީ ބިންބޮޑު ރަށެއް ކަމަށާއި އެ ބިމުގެ ބޭނުން ކޮށްގެން ރަށަށް ތަރައްގީ ގެނެވިދާނެ ކަމަށެވެ.

"ރަށުގެ އާބާދުވެފަ އޮތް ހިސާބުން އުތުރަށް އެބައޮތް 50 ހެކްޓަރު، އާބާދުވެފަ އޮތް ހިސާބުން ދެކުނަށް އެބައޮތް ނުވަ ހެކްޓަރު، އެއާޕޯޓު އޮތީ ހަތް ކިލޯމީޓަރު ދުރުގަ، ދެން ލަފާ ފުރޭނެ ގޮތް މިއޮތީ ހެދިފައި، ކަރަންޓު ޔަގީންކަމާއެކުގައި އެބަ ލިބޭ،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ސަރުކާރުން ގެންނާނީ އުމްރާނީ ތަރައްގީ ކަމަށާއި އެ ރަށެއް ކުރިއެރުވުމުގެ ބާރު އޮތީ ރައްޔިތުންގެ އަތްމަތީގައި ކަމަށެވެ. އެކަން ވާނީ ދުރާލައި ވިސްނައިގެން، ރަށުގައި ކުރެވޭނެ އިގްތިސޯދީ މަސައްކަތްތަކަކީ ކޮބައިތޯ ބަލައިގެން ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑަށް ފެނޭ މިރަށުގަ ޓޫރިޒަމް ވަރަށް ބާރަށް ކުރި އަރައިގެންދާނެތަން، އެކަމަށް އަޅުގަނޑުމެން ތައްޔާރަށް ތިބިއްޔާ، އެހާ ކައިރީގަ އިންޓަނޭޝަނަލް އެއާޕޯޓެއް މިއޮތީ، ބިން އެބައޮތް، މީސްކޮޅު މަދު، ޓޫރިޒަމަށް ބޮޑު ފުރުސަތެއް އެބައޮތް،" އަސްލަމް ވިދާޅުވިއެވެ.

އެހެންނަމަވެސް ރަށެއް ކުރި އަރާ ދިއުމުގައި ދިމާވާ އެންމެ ބޮޑު ހުރަހަކީ ރައްޔިތުންގެ ބޯދާ ފިކުރުތައް ކަމަށް އަސްލަމް ވިދާޅުވިއެވެ. އެގޮތުން އެހެން ރަށްރަށުގެ މީހުންނަށް ރަށުން ބިން ދޭން ދެކޮޅު ހެދުމާ ގިނަ ބަޔަކު ދެކޮޅު ހަދާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިހާތަނަށް ރާއްޖޭގެ ކޮންމެ ރަށެއް ވެސް ކުރި އަރައިގެން ގޮސްފައިވަނީ އެހެން ރަށްރަށުގެ މީހުންނަށް ކީ މެހެމާންދާރީގެ ސަބަބުން ކަމަށެވެ.

"އަޅުގަނޑަށް ފެނުނީ އެހެން ރަށްރަށުން އެތަނަށް މީހުން އައިސް އިންވެސްޓު ކުރިތަން، ކޮންމެވެސް ވަރަކަށް އަޅުގަނޑުމެންގެ ތެރޭގައި ބޯދާ ވިސްނުމެއް ހުރޭ ގިނަ ރަށްރަށުގެ ރައްޔިތުންގެ މެދުގައި، ރަށަަށް ހަމައެކަނި މި ރަށު މީހާއަށް ނޫނީ އެއްވެސް ކަމެއް މި ރަށުން ވިޔަ ނުދޭން،" އަސްލަމް ވިދާޅުވިއެވެ.

ލަންދޫގެ ރައްޔިތުންނަކީ މިފަދަ ވިސްނުންތަކުން ދުރު، ރަށުގެ ތަރައްގީއަށް އިސްކަން ދޭނެ ރައްޔިތުން ދިރިއުޅޭ ރަށެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

"އަޅުގަނޑަށް ފެނޭ މި ރަށުގެ ބިން އެހެން ރަށްރަށުގެ މީހުން ބޭނުންވާނެ ތަން، އެއާއެކީގައި މި ރަށުގެ މީހުން އިންވެސްޓު ކުރާނެ ތަން، އެހެންވީމަ އުމްރާނީ ތަރައްގީ ސަރުކާރުން ގެނައީމަ ދެން އެ ހިސާބުން ކުރި އަރައިދާން އެ ފުރުސަތު ލިބުނީ ރައްޔިތުންނަށް،" އަސްލަމް ވިދާޅުވިއެވެ.

ލަންދޫގައި އިގްތިސޯދީ ގިނަ މަސައްކަތްކެއް ހިނގާ ތަން ކުރިއަށް އޮތް ތަނުގައި ދެކޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް