ސައުދީން އައިސިސްގެ ފިކުރު ފައްކާކުރާކަމުގެ ތުހުމަތު

ހަސަން ނަސްރުﷲ، ލުބްނާންގެ ހިޒްބުﷲ ޖަމާއަތުގެ ލީޑަރު. -- ފޮޓޯ/ޕްރައިމްޓައިމްޒޯން.

ސައުދި އަރަބިއްޔާއިން އައިސިސްގެ ފިކުރު ފައްކާކޮށް، ދުނިޔެއަށް އެކްސްޕޯޓް ކުރާކަމުގެ ތުހުމަތު ހިޒްބުﷲ ޖަމާޢާތުގެ ސެކްރެޓަރީ ޖެނެރަލް ޙަސަން ނަސްރުﷲ ކޮށްފިއެވެ.

ނަސްރުﷲ މި ތުހުމަތު ސައުދީންގެ ބޮލުގައި އަޅުވާފައިވަނީ ހޯމަ ދުވަހު ޓެލެވައިޒް ކުރި ތަގުރީރެއްގައެވެ.

މި ތަގުރީރުގައި އޭނާ ވަނީ ސައުދީންނަށް ފާޑުކިޔާފައެވެ. އަދި ޓެރަރިޒަމަކީ ސައުދީންގެ އެއްޗެއްކަމަށް ބުނެފައެވެ.

"މިތަނުގައި ޓެރަރިސްޓަކީ އެތައް ހާސް ސައުދީ ރައްޔިތުންނެއް ސުސައިޑް މިޝަންތަކުގައި އީރާޤަށާއި ސީރިއާއަށް ފޮނުވާ މީހާ" ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒަށް އަމާޒުކޮށް ނަސްރުﷲ ބުންޏެވެ.

"ރަސްގެފާނެވެ. ޓެރަރިސްޓަކީ ދާޢިޝް ފިކުރު ދުނިޔެއަށް ފެތުރި މީހާ" ނަސްރުﷲ ބުންޏެވެ.

ދާޢިޝް އަކީ އައިސިސް އާއި އައިސިލް އަށް އަމާޒުކޮށް ބޭނުންކުރާ ލަފުޒެކެވެ.

ނަސްރުﷲ ވަނީ ސައުދީން ޔަމަނުގައި ހިންގާ ލާއިންސާނީ ޢަމަލުތަކާ ދެކޮޅަށްވެސް އަޑުއުފުލާފައެވެ. އަދި އެމެރިކާއާ ގުޅިގެން ހިންގާ މިލިޓަރީ ހަރަކާތްތައްވެސް ކުށްވެރިކޮށްފައެވެ.

ހިޒްބުﷲގެ މި ބަޔާން ނެރެފައިވަނީ އެ ޖަމާޢަތާ މެދުއިރުމަތީގެ ބައެއް ގައުމުތަކާ ދެމެދު ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައެވެ. މިދިޔަ ހަފްތާގައި ރަސްގެފާނު ސަލްމާން ވަނީ ހިޒްބުﷲ އަކީ ޓެރަރިސްޓް ޖަމާޢަތެއްކަމަށް ވިދާޅުވެފައެވެ.

ހިޒްބުﷲ އާއި އެހެނިހެން މެދުއިރުމަތީގެ ސަރުކާރުތަކާ ދެމެދު ނުތަނަވަސްކަން އުފެދިފައިވާއިރު، އެ ޖަމާޢަތުން ވަނީ މީގެ ދެ އަހަރުކުރިން އެމެރިކާއިން މަރާލި ޖެނެރަލް ސޮލެއިމާނީގެ ޒިކުރާ އާކޮށްފައެވެ. ނަސްރުﷲ ވަނީ އެމެރިކާ އަކީ އެމީހުންގެ ދުޝްމަނެއްކަން މިހާރު ވަރަށް ސާފުކޮށް އެނގެން އެބައޮތްކަމަށް ބުނެފައެވެ.

comment ކޮމެންޓް