ހާއްސަ އެހީއަށް ބޭނުންވާ އަންހެން ކުދިން ހަށި ވިއްކުމުގެ ވިޔަފާރީގައި ބޭނުންކުރޭ: އެޗްއާރްސީއެމް

ޖޫން 29، 2020: ރޭޕްއާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހާއްސަ އެހީއަށް ބޭނުންވާ އަންހެން ކުދިން، ހަށި ވިއްކުމުގެ ވިޔަފާރީގައި ބައިވެރިކުރާ ކަން ފާހަގަވެފައިވާ ކަމަށް 2021 ވަނަ އަހަރުގެ ހިއުމަން ރައިޓްސް ރިޕޯޓުން ދައްކައިފިއެވެ.

އެޗްއާރްސީއެމްގެ މި ރިޕޯޓުގައި ވަނީ ހާއްސަ އެހީ ބޭނުންވާ މީހުންނަށް ލިބޭ އަނިޔާގެ މައްސަލަތައް ދެނެގަތުމުގައި ގިނަ ގޮންޖެހުންތަކެއް ހުރިކަން ފާހަގަކޮށްފައެވެ. އެގޮތުން މިފަދަ މައްސަލަތައް ރިޕޯޓު ކުރުމަށް ފަސްޖެހޭކަމާއި ރިޕޯޓުކުރެވޭ މައްސަލަ މަދުކަން ފާހަގަކޮށްފައިވާއިރު، ކުޑަކުދިންގެ މައްސަލަތައް ބެލެނިވެރިންނަށް ދެނެ ނުގަނެވޭ ކަން ވެސް ފާހަގަކޮށްފައިވެއެވެ.

"ނުކުޅެދުންތެރިކަން ހުންނަ ކުޑަކުދިންނަށް އަނިޔާ ލިބުމުން ބުނަން ނޭނގޭކަމާއި ބެލެނިވެރިންނަށް އަނިޔާގެ އެއްވެސް އަމަލަކަށް ހުށަހެޅިފައިވާކަން ފާހަގަ ކުރުމަށް ދަތިވާކަމާއި ޢާއްމު ގޮތެއްގައި މިފަދަ އަނިޔާގެ މައްސަލަ ފާހަގަކުރެވެނީ
ޓީޗަރުންނާއި ޑޮކްޓަރުންނަށްކަން ފާހަގަކުރެވިފައިވެއެވެ." ރިޕޯޓުގައި ބުނެފައިވެއެވެ.

ރިޕޯޓުގައި އިތުރަށް ބުނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ލިބޭ އަނިޔާގެ މައްސަލަތައް ހުށަހެޅުމަށް އެންމެ އެކަށީގެންވާ އިންތިޒާމް ތަންފީޒީ އިދާރާތަކުގައި ހަމަޖެހިފައި ނުވާ ކަމަށެވެ. އެގޮތުން އަނިޔާގެ މައްސަލަތަކުގައި ބަޔާން ނެގޭނެ މަގު ފުލުހުންގެ މުއައްސަސާގައި ފަހިވެފައި ނެތުމުގެ ސަބަބުން މައްސަލަ ބެލުމުގައި ދަތިތަކާ ދިމާވާކަން ލިބުނު މަޢުލޫމާތުން ހާމަވާ ކަމަށް އެޗްއާރްސީއެމްގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ރިޕޯޓުގައި ވަނީ ހާއްސަ އެހީއަށް ބޭނުންވާ އަންހެނުންނާއި އަންހެން ކުދިން އަނިޔާއަށް ހުށަހެޅުމުގެ ފުރުސަތު ބޮޑު ކަން ފާހަގަކޮށްފައެވެ.

"ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނާއި އަންހެންކުދިން ޢާއިލާއިން ސްޓެރެލައިޒް ކުރުވާކަން ފާހަގަކުރެވިފައިވާއިރު ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނާއި އަންހެންކުދިން ހަށިވިއްކުމުގެ ވިޔަފާރީގައި ބޭނުންކުރާކަން ލިބުނު މަޢުލޫމާތުން ފާހަގަކުރެވިފައިވެއެވެ." ރިޕޯޓުގައި ބުނެފައިވެއެވެ.

މިފަދަ ބައެއް ކުދިން ޖިންސީ އެކިއެކި ވިޔަފާރީގައި ޝާމިލުކޮށްފައިވާއިރު މި ކުދިންނަށް ރުހުން ދިނުމަކީ ކޮބައިކަން ނޭނގޭއިރު، އެ ކުދިންނަށް ރުހުން ދިނުމުގެ ބާރު ލިބިގެން ނުވާ ކަމަށް އެޗްއާރްސީއެމުން ބުނެފައިވެއެވެ.

ފާއިތުވީ 2021 ވަނަ އަހަރު ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ކުރި އެކި އަނިޔާއާއި ފުރައްސާރައިގެ ފަސް މައްސަލައެއް ވަނީ އެޗްއާރްސީއެމަށް ހުށަހެޅިފައެވެ.

comment ކޮމެންޓް