ވަށުގިރި ރިސޯޓުން ތިމާވެއްޓަށް ގެއްލުން ދިނުމުން ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފި

ވަށުގިރީގައި ހަދާފައިވާ ކޮކޯގިރި ރިޒޯޓު -- ފޮޓޯ/ ކޮކޯގިރި

ވ. ވަށުގިރި ރިސޯޓުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރުމާ ގުޅިގެން ވަށުގިރި ޕްރައިވެޓް ލިމިޓެޑް 593،750 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އެންވައިރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ވަށުގިރި ޕްރައިވެޓް ލިމިޓެޑުން ވަށުގިރި ތަރައްގީ ކުރުމުގެ މަސައްކަތް ކޮށްފައި ވަނީ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާ ބެހޭ ގަވައިދާ ހިލާފަށް ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އީޕީއޭއިން ނުދެއެވެ.

އެހެންކަމުން ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން، ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދާ އެއްގޮތް ވާގޮތުގެ މަތިން އެ ކުންފުނި ޖޫރިމަނާ ކޮށްފައިވާ ކަމަށް އީޕީއޭއިން ބުންޏެވެ.

އެހެންކަމުން އިއްޔެއިން ފެށިގެން މަސް ދުވަހުގެ ތެރޭގައި ޖޫރިމަނާ ދެއްކުމަށް އީޕީއޭއިން ވަނީ ވަށުގިރި ޕްރައިވެޓް ލިމިޓެޑަށް އަންގާފައެވެ.

ގަވާއިދާ ހިލާފަށް މަސައްކަތް ކުރުމާ ގުޅިގެން އީޕީއޭއިން ވަނީ މިިދިޔަ ހަފްތާގެ ތެރޭގައި އދ. މާފުށިވަރު ރިސޯޓުވެސް ޖޫރިމަނާ ކޮށްފައެވެ.

އެ ރިސޯޓް ތަރައްގީ ކުރި ޕެރެޑައިސް ރިސޯޓް ޑިވިލޮޕްމަންޓް މެނޭޖްމަންޓް ޖޫރިމަނާ ކޮށްފައި ވަނީ 402،500 ރުފިޔާއިންނެވެ.

comment ކޮމެންޓް