މާފަރު އެއާޕޯޓުގެ ރަންވޭ ބޮޑުކުރުން: ޕްރޮޕޯސަލްތައް ބާތިލްކުރީ ޓެކްނިކަލް މައްސަލަތަކެއް ހުރުމުން

މާފަރު އެއާޕޯޓް -- ފޮޓޯ: މޯލްޑިވިއަން

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭ ބޮޑުކުރުމުގެ މަސައްކަތްކުރުމަށް ހުށަހެޅި ބިޑްތައް ބާތިލުކުރީ ޓެކްނިކަލް މައްސަލަތަކެއް ފާހަގަވުމުން ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ބީލަން ހުށަހެޅުމުގެ ދައުވަތު ތަކާއި ޕްރޮކިއުމެންޓު މަސައްކަތްތައް ބާތިލުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން "ސަން"އަށް މިރޭ ވިދާޅުވީ އެ ޕްރޮޕޯސަލްތައް ބާތިލުކުރީ އޭގައި މައްސަލަތަކެއް އުޅޭކަމަށް ފާހަގަކުރެވޭތީ އަލުން ބިޑަށް ހުޅުވާލުމަށް ކަމަށެވެ.

އެހެންނަމަވެސް ފާހަގަކުރެވިފައިވާ ޓެކްނިކަލް މައްސަލަތަކުގެ ތަފްސީލެއް އޭނާ ނުދެއްވައެވެ.

"ހުށަހަޅާފައިވާ ފްރޮޕޯސަލްތަކުގެ ޓެކްނިކަލް ބައި ބެލިއިރު، ހުށަހެޅި ޕްރޮޕޯސަލްތައް ކަމުނުދާ ކަމަށް ފާހަގަވާތީ، އަލުން ބިޑު ކުރުމަށް ވަނީ ނިންމާފައި،" އަކްރަމް ކަމާލުއްދީން ވިދާޅުވިއެވެ.

މި މަޝްރޫއަކީ އަބޫދާބީ ފަންޑުގެ ދަށުން ކުރަން ހަމަޖެހިފައިވާ މަޝްރޫއެކެވެ. އެ ފަންޑުން މުޅި މަޝްރޫއަށް ހަރަދުކުރުމަށް ނިންމާފައިވާތީ މިކަމުގައި ގޮތެއް ނިންމޭނީ އެ ފަންޑުގެ ލަފާގެ މަތިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މާފަރު އެއާޕޯޓުގެ ރަންވޭ ބޮޑު ކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ސަރުކާރުން އިއުލާންކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

މި އެއާޕޯޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ސިންގަޕޫރުގެ ތަފް ނަމަކަށް ކިޔާ ކުންފުޏަކާ ހަވާލުކޮށްގެން ތަރައްގިކޮށްފައިވާ އެއާޕޯޓެކެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އަބޫދާބީ ފަންޑުން 60 މިލިއަން ޑޮލަރު ހޭދަކޮށްގެން ހިލޭ އެހީގެ ގޮތުގައި ހަދާފައިވާ މާފަރު އެއާޕޯޓަކީ ދުނިޔޭގެ އެންމެ ބޮޑެތިި މަތިންދާ ބޯޓުތައް ކަމަށްވާ A320 އާއި ބޮއިންގް 737 މަރުކާގެ ބޯޓު ވެސް ޖެއްސޭ ފެންވަރަށް ތަރައްގީ ކޮށްފައިވާ އެއާޕޯޓެކެވެ. މާފަރު އެއާޕޯޓުގެ ރަންވޭގެ ދިގުމިނަކީ 2،200 މީޓަރެވެ. އަދި ފުޅާމިނަކީ 40 މީޓަރެވެ. ރަންވޭގެ އިތުރުން ޓާމިނަލް އަކާއި ލައުންޖެއް ވެެސް މާފަރު އެއާޕޯޓުގައި ހުރެއެވެ.

comment ކޮމެންޓް