ހަނިމާދޫ ހައުސިން މަޝްރޫއުގެ ބިޑްތައް އަލުން އިވެލުއޭޓްކުރަން އަމުރުކޮށްފި

ސިވިލް ކޯޓު: އެ ކޯޓުން މިއަދު ވަނީ ހަނިމާދޫގެ ހައުސިން މަޝްރޫއުގެ ބިޑްތައް އަލުން އިވެލުއޭޓްކުރަން އަމުރުކޮށްފައި --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ހދ. ހަނިމާދޫގައި އެޅުމަށް ނިންމާފައިވާ ހައުސިން މަޝްރޫއުގެ ބިޑްތައް އަލުން އިވެލުއޭޓްކޮށް އެންމެ މަތިން ޕޮއިންޓް ލިބުނު ފަރާތަކަށް ބިޑް އެވޯޑްކުރުމަށް ސިވިލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ހަނިމާދޫގައި އިމާރާތްކުރަން ފަށާފައިވާ 52 ހައުސިން ޔުނިޓް ނިންމުމުގެ މަސައްކަތާއި އަލަށް އިމާރާތްކުރާ 48 ހައުސިން ޔުނިޓްގެ މަސައްކަތް ނިންމުމަށް ދޮންބެޒް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 19 ވަނަ ދުވަހުއެވެ.

ޖެހިގެން އައި އޯގަސްޓް މަހުގެ ދެ ވަނަ ދުވަހު އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި އެސްޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑުންނެވެ.

އެ ދެ ކުންފުނިން ގުޅިގެން ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ, ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފަށް ނޭޝަނަލް ޓެންޑާ ބޯޑުން އަމަލުކޮށް، ބިޑް އިވެލުއޭޓްކޮށްފައި ނުވާކަމަށެވެ.

ހަނިމާދޫ ހައުސިން މަޝްރޫއު ނިންމަން އެ ދެ ކުންފުނިން ބިޑްކޮށްފައިވަނީ ޖޮއިންޓް ވެންޗާ ކޮށެވެ. ނަމަވެސް އެ ކުންފުނަޏަށް މަސައްކަތް ލިބިފައިނުވަނީ, ބިޑްގައި ދެ ރިކުއައިމަންޓެއް ފުރިހަމަ ނުވާތީ ކަމަށް ނޭޝަނަލް ޓެންޑާ ބޯޑުން ވަނީ ބުނެފައެވެ.

އެ ރިކުއައިމަންޓްތައް ފުރިހަމަވާކަމަށް، މުސްތަގިއްލު ރިވިއު ކޮމެޓީން އަންގާފައިވާއިރު، އެ ކޮމެޓީގެ ނިންމުން ބަދަލުކުރުމުގެ ބާރު ނޭޝަނަލް ޓެންޑާ
ބޯޑަށް ލިބިގެންނުވާ ކަމަށް ބުނެ އެ މަސައްކަތް ހަވާލުކޮށްފައިވަނީ އެހެން ކުންފުންޏަކާއެވެ.

ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ ދައުވާކުރި ދެ ކުންފުންޏަކީ ފައިނޭންޝަލް ރިސޯސަސް އާއި އެމްޕްލޯޔާސް ރިކުއައިމަންޓް ފުރިހަމަވެފައިވާ ފަރާތްތަކެއް ކަމަށް ކަނޑައަޅައިފައެވެ.

އަދި މިއަދުން ފެށިގެން ސަރުކާރު ބަންދު ދުވަސް ނުހިމެނޭހެން 20 ދުވަހުގެ ތެރޭގައި އެ ދެ ކުންފުނީގެ ބިޑް ހިމެނޭގޮތަށް ހުރިހާ ބިޑްތައް ރީ-އިވެލުއޭޓްކޮށް އެންމެ މަތިން ޕޮއިންޓް ލިބުނު ފަރާތަކަށް ބިޑް އެވޯޑްކުރުމަށް އެ ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ހަނިމާދޫގެ ހައުސިން މަޝްރޫއަކީ ޖުމްލަ 79.4 ރުފިޔާގެ މަޝްރޫއެއް ކަަމަށް ޕްލޭނިން މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ. އަދި އެ މަސައްކަތް ހަވާލުކޮށްފައިވަނީ 330 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

comment ކޮމެންޓް