މިފްކޯގެ ތާރީހުގައި ވެސް އެންމެ ގިނައިން މަސް ގަނެވުނީ މިދިޔަ ޑިސެންބަރު މަހު

ފެލިވަރަށް މަސް ކިރަން ގޮސް އޮތް ދޯންޏަކުން މަސް ކިރަނީ -- ސަން ފޮޓޯ/ ނަޖާހު މަސްުއޫދު

މިފްކޯގެ ތާރީހުގައި ވެސް މިހާތަނަށް މަސްވެރީން އަތުން އެންމެ ގިނައިން މަސް ގަތް މަހަކީ މިދިޔަ ޑިސެންބަރު މަސް ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ "ސަން"އަށް ވިދާޅުވީ މިއީ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވުމާއެކު، އެ ކުންފުނީގެ މުވައްޒަފުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

ޑިސެންބަރު މަހަކީ އެންމެ ގިނައިން މަސް ގަތް މަހުގެ އިތުރުން، އެ ކުންފުނިން އެންމެ ގިނައިން މަސްވެރިންނަށް ފައިސާ ދޫކުރި މަސް ވެސް މެއެވެ. އެގޮތުން ޑިސެންބަރު މަހު މަސްވެރިންނަށް 170 މިލިއަން ރުފިޔާ ދޫކުރެވިފައިވާ ކަން ފައުޒީ ފާހަގަކުރެއްވިއެވެ.

ފައުޒީ ވިދާޅުވީ މިދިޔަ އަހަރު އެ ކުންފުންޏަށް ޖުމްލަ 58،350.309 ޓަނުގެ މަސް ގަނެވިފައިވާ ކަމަށާއި މުޅު އަހަރު މަސްވެރިންނަށް 901 މިލިއަން ރުފިޔާ ދޫކުރެވިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މިފްކޯގެ ވަސީލަތްތައް ތަރައްގީ ކުރަން ސަރުކާރުން ހަދައިފައިވާ ޕްލޭން ތަންފީޒުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"އެގޮތުން ކޫއްޑޫގެ ބަނދަރުގެ ޖާގައިގެ ދަތިކަން ހުރިކަމަށް ބަލައި، އެކަން ވެސް އެބަ ކުރެވޭ، ދެން ކޫއްޑޫގެ ސްޓޯރޭޖު ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ވެސް ސައުދީ ފަންޑުގެ ލޯނުގެ އެހީގަ އެކަން ކުރުމަށް ތައްޔާރުވަމުން އަންނަނީ،" ފައުޒީ ވިދާޅުވިއެވެ.

ހަމައެހެންމެ ގދ. ތިނަދޫއާއި މ. މުލީގައި ވެސް ކޯލްޑް ސްޓޯރޭޖު އިތުރުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަން ފައުޒީ ފާހަގަކުރެއްވިއެވެ.

މަސްވެރިކަމުގެ ހާލަތު ރަނގަޅުވެ ގިނަ އަދަދެއްގެ ބޯޓުތަކުން މިފްކޯއަށް މަސް ކިރަމުން އަންނާތީ މިދިޔަ ޑިސެންބަރު މަހުގެ 24 ވަނަ ދުވަހުގެ ވަނީ މިފްކޯގެ މަސް ކިރާ އަދަދު ކޮންޓްރޯލްކޮށްފައެވެ.

މިކަމާ ގުޅިގެން ފައުޒީ ވިދާޅުވީ މިހާރު ފެލިވަރުން މަސް ކިރަމުން އައި ކޮންޓްރޯލް ދޫކޮށްފައިލައިފައިވާ ކަމަށާއި މިއަދުން ފެށިގެން ކޫއްޑޫ އާއި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ކޮންމެ ދޯންޏަކުން ހަ ޓަނުގެ މަސް ކިރާ ގޮތަށް މިހާރު ބަދަލު ގެނެވިފައިވާ ކަމަށެވެ.

މަސް ކިރުމުގެ ކެޕޭސިޓިއަށް ގެނެސްފައިވާ ބަދަލާއެކު މިފްކޯއަށް ދުވާލެއްގެ މައްޗަށް 400 ނުވަތަ 500 ޓަނު މަސް ގަނެވޭނެ ކަމަށް މިފްކޯއިން ބުނެއެވެ.

comment ކޮމެންޓް