ދިއްގަރުގެ މެހެމާންދާރީން، ފުރަތަމަ ހޯމްސްޓޭ ފަތުރުވެރިން އުފަލުން ފޮޅިފައި

ޖޫލީގެ ދެމަފިރިންނަށް ދިއްގަރުން މަރުހަބާ ކިޔަނީ--

މި އަހަރު ފެށިގެން ދިޔައީ ރާއްޖޭގައި ފުރަތަމަ ފަހަރަށް "ހޯމްސްޓޭ" ކޮންސެޕްޓަށް ފަތުރުވެރިން ޒިޔާރަތް ކުރުމާއެކުގައެވެ. ހޯމްސްޓޭ ފަތުރުވެރިކަން ފަށައިފައިވަނީ މ. ދިއްގަރުންނެވެ.

އެ ރަށުގައި ހޯމްސްޓޭ ފަތުރުވެރިކަން ފަށައިފައިވަނީ ފަސް ފަތުރުވެރިންނާއެކުގައެވެ. އެއީ އެމެރިކާގެ ދެމަފިރިންނާއި ސޫދާންގެ ދެމަފިރިއެއްގެ އިތުރުން އދ. އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ކެތުރިން ހެސްވެލްއެވެ.

ދިއްގަރުގައި މިވަގުތު ޗުއްޓީ ހޭދަކުރަމުން އަންނަ އެމެރިކާގެ ޖޫލީ މެކް ވަނީ އޭނާގެ ހޯމްސްޓޭ ތަޖުރިބާ ހިއްސާކޮށްފައެވެ.

ޖޫލީ އޭނާގެ ފޭސްބުކުގައި ހިއްސާކޮށްފައިވާ ގޮތުން ރާއްޖޭގެ ހޯމްސްޓޭ ފުރަތަމަ ފަތުރުވެރިންނަށް ވާން ދައުވަތު ލިބުނީ މީގެ ދެ ދުވަހެއް ކުރިންނެވެ. ހޯމްސްޓޭ ކޮންސެޕްޓަކީ އޭނާ އަބަދު ވެސް ލޯބިކުރާ އެއްޗެއް ކަމަށްވުމުން، އެކަމަށް އާނބަސް ނުބުނެ ނުހުރެވުނު ކަމަށް ޖޫލީ ބުނެފައިވެއެވެ.

ހޯމް ސްޓޭ ޓޫރިޒަމް ފެށުމަށް ދިއްގަރަށް ދިޔަ ފުރަތަމަ ހަތަރު ފަތުރުވެރިންނަށް އެރަށުން މަރުހަބާ ކިޔަނީ --- ފޮޓޯ/ އަލީ ޝާފީ

ދިއްގަރުގެ ރައްޔިތުންނާ ބެހޭ ގޮތުން ޖޫލީ ބުނެފައި ވަނީ އެއީ އޭނާއަށް މިހާތަނަށް ދިމާވި އެންމެ އޯގާތެރި މީހުން ކަމަށެވެ. އެމީހުންގެ މެހެމާންދާރީގެ ފުރިހަމަކަމުން އޭނާއަށް އިހުސާސްކުރެވެނީ އަމިއްލަ އާއިލާތެރޭގައި އުޅެވޭ ފަދައިން ކަމަށް ޖޫލީ ބުނެފައިވެއެވެ.

"އަޅުގަނޑުމެން ދުވަހަކު ވެސް ހަނދާން ނުނެތޭނެ ދިއްގަރު ރައްޔިތުންގެ ފަރާތުން ލިބުނު ހޫނު މަރުހަބާ އާއި އަންހެނުންނާއި ފިރިހެނުންނާއި ކުޑަކުދިންގެ ހިނިތުންވުން. އަންހެނުން ލައިގެން ތިބި ރީތި ކުލަކުލައިގެ ހެދުންތައް. ދިވެހި ރާއްޖޭގެ ސަގާފީ ލަވަތައް ކިޔުމާއި ނެށުމާއި، ކައުންސިލްގެ މެންބަރުން ނެށުން ވެސް، ދުވަހަކުވެސް ހަނދާން ނުނެތޭނެ،" ދިއްގަރު ރައްޔިތުންގެ މެހެމާންދާރީ ސިފަ ކޮށްދެމުން ޖޫލީ ބުނެފައިވެއެވެ.

މ. ދިއްގަރުގައި ހޯމް ސްޓޭ ފަތުރުވެރިކަން ފެށުން --- ފޮޓޯ/ އަލީ ޝާފީ

ޖޫލީ އިތުރަށް ބުނީ އެ ރަށުން މިހާތަނަށް ކުރެވުނު އެންމެ ހިތްގައިމު ތަޖުރިބާއަކީ ރިހާކުރު ކެއްކުމުގެ އެކި މަރުހަލާތައް ދަސްކުރުން ކަމަށެވެ.

ދިއްގަރުން މިހާތަނަށް ގިނަ ކަންކަން ދަސްވެފައިވާ ކަން ޖޫލީ ފާހަގަކުރިއިރު، އޭގެ ތެރޭގައި ރާއްޖޭގެ ރަށްރަށުގެ ސަގާފަތާއި މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅީގެ ކަންކަން ޖޫލީ ވަނީ ފާހަގަކޮށްފައެވެ.

ހަމައެއާއެކު އޭނާ ވަނީ މިނިސްޓްރީ އޮފް ޓޫރިޒަމާއި ހޯމްސްޓޭގެ ހިދުމަތް ދެމުން އަންނަ މޫރިތި ހޯމްސްޓޭއަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.

comment ކޮމެންޓް