ބޯވަ ނަގަން ގޮސް އުޅެނިކޮށް ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކުރިއަށް

ބޯވަ ނަގަން ގޮސް އުޅެނިކޮށް ގެއްލުނު މީހާ އަދިވެސް ހޯދަމުންދާ ސަރަހައްދު -- ފޮޓޯ/ އެމްއެންޑީއެފް

ބޯވަ ނަގަން ގޮސް އުޅެނިކޮށް ގެއްލުނު ޒުވާނާ ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ދާ ކަމަށާއި އަދިވެސް އޭނާ ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ގެއްލިގެން ހޯދަމުން އަންނަނީ ހދ. ކުމުންދޫ، އަރާއިރު، ޝުރައިހު ހަސަންއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ޝުރައިހު ހޯދުމަށްޓަކައި އެމްއެންޑީއެފްގެ ހާބަ ކްރާފްޓް އަދި ފާސްޓް އިންޓަސެޕްޓަ ކްރާފްޓް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން ބޮލިފުއްޓާއި ގުޅިފަޅުގެ އިތުރުން ވިލިނގިލި ހުޅަނގު ކަނުން ފެށިގެން ގިރާވަރު އުތުރު ކަނާ ހިސާބަށް ބަލައިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ހަމައެޔާއެކު ގިރާވަރު ކަނޑުގެ 69.3 ސްކޮޔަ ނޯޓިކަލް މޭލްގެ ސަރަހައްދެއް ވެސް މިހާރު ވަނީ ބަލައިފައެވެ.

ކ. ގުޅިފަޅު ކައިރިއަށް ބޯވަ ނަގަން ގޮސް އުޅުނު 21 އަހަރުގެ ޝުރައިހު ގެއްލިގެން ރިޕޯޓު ކޮށްފައި ވަނީ މިިދިޔަ ހުކުރު ދުވަހުގެ ހެނދުނު 08:58 ހާއިރު ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

އޭނާ ހޯދުމަށް ކޯސްޓު ގާޑުގެ ޑައިވަރުން ޑައިވް ކޮށްގެން 55000 އަކަމީޓަރު ބަލައިފައިވާކަަމަށް އެދުވަހު އެމްއެންޑީއެފްއިން ބުންޏެވެ. އަދި ސްނޯކްލިން ކޮށްގެން 36000 އަކަ މީޓަރު ކޯސްޓު ގާޑުގެ ޑައިވަރުން ވަނީ ބަލައިފައެވެ.

އޭނާ ގެއްލުނުއިރު އެންމެ ފަހުން ލައިގެން ހުރީ އަޅި ކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއްކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

މީގެ ކުރިން ވެސް ބޯވަ ހިފަން ގޮސް އުޅުނު ބައެއް މީހުން އޮޔާ ދަމައިގަނެ، ގެއްލުމުގެ ހާދިސާތައް ހިނގައިފައިވެއެވެ.

comment ކޮމެންޓް