2022 އެލައިޑުން ހާއްސަކުރީ މަސައްކަތުގައި މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމަށް

އެލައިޑް އިންޝުއަރެންސްގެ މުވައްޒަފުންތަކެއް-- ސަން ފައިލް ފޮޓޯ

އާ އަހަރާ ދިމާކޮށް އެލައިޑް އިންޝުއަރެންސުން، މަސައްކަތުގެ މާހައުލުގައި މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަން ޕްރޮމޯޓުކުރުމަށް ހާއްސަ ސީރީޒްއެއް ފަށައިފިއެވެ.

އެލައިޑުން 2022 ވަނަ އަހަރާ ދިމާކޮށް މި ފެށި ސީރީޒްގެ ފުރަތަމަ ވީޑިއޯ މިހާރު ވަނީ މީސް މީޑިއާ މެދުވެރިކޮށް ހިއްސާކޮށްފައެވެ. މި ވީޑިއޯގައި އެ ކުންފުނީގެ މުވައްޒަފުން ވަނީ މަސައްކަތުގެ މާހައުލުގައި ދިމާވާ ތަފާތު ސްޓްރެސްތަކާއި އެ ކަމުން އަރައިގަންނާނެ ބައެއް އުކުޅުތައް ވެސް ހިއްސާކޮށްފައެވެ.

މަސައްކަތުގެ މާހައުލުގައި ދިމާވާ ބައެއް ސްޓްރެސްތައް ހިއްސާކުރަމުން އެލައިޑުގެ މުވައްޒަފަކު ވީޑިއޯގައި ކިޔައިދިން ގޮތުގައި ރުޅިގަދަވެފަ ހުރި ކަސްޓަމަރަކާ ޑީލް ކުރުމަކީ މަސައްކަތުގައި މުޅި މީހާ އެއްކޮށް ސްޓްރެސް ކޮށްލާ ކަމެކެވެ.

އިތުރު މުވައްޒަފަކު ކިޔައިދިން ގޮތުގައި މަސައްކަތުގައި އެމީހެއްގެ ބެސްޓް ޕާފޮމަންސް ދޭން ބޭނުން ވިނަމަވެސް ދިމާވާ ބައެއް ނާކާމިޔާބީތަކުން މުޅި މީހާ މާޔޫސްކޮށްލައެވެ.

މިކަންކަން ހައްލު ކުރުމަށް ޓަކައި މަސައްކަތުގެ މާހައުލުގައި އުޅޭއިރު ބްރޭކެއް ނަގައިގެން ހަމަޖެހިލުން މުހިންމުކަން ވީޑިއޯގައި ފާހަގަކޮށްފައިވެއެވެ.

"ކޮންމެ ކަމެއް ވެސް ފުރިހަމަކޮށް ކުރަން މީހާގެ ނަފްސާނީ ދުޅަހެޔޮކަން ވަރަށް މުހިންމު، މަސައްކަތުގެ މާހައުލުގައި އުޅޭއިރު ވެސް ތިމާގެ މެންޓަލް ހެލްތަށް ފަރުވާތެރިވުން ވަރަށް މުހިންމު،"

އެލައިޑު އިންޝުއަރެންސުން ބުނީ މި ސީރީޒްގެ އަމާޒަކީ މި ފެށުނު 2022 ވަނަ އަހަރަކީ މަސައްކަތުގެ މާހައުލަކީ ނަފްސާނީ ދުޅަހެޔޮކަން ނުވަތަ މެންޓަލް ވެލްބީން އެޓް ވޯކް އަށް ސަމާލުކަން ދޭ އަހަރަކަށް ހެދުމަށް އެންމެން ވެސް ގުޅިގެން މަސައްކަތް ކުރުން ކަމަށެވެ.

ކުރިއަށް އޮތް ތަނުގައި ވެސް މި ސީރީޒްގެ އިތުރު ވީޑިއޯތައް އާންމުންނާ ހަމައަށް ފެންނާނެ ކަމަށް އެލައިޑުން ބުނެއެވެ.

comment ކޮމެންޓް