މާވިންގެ ދިވެހި ލޯބިވެރިޔާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ލަމްހާ އާއި އޭނާގެ ލޯބިވެރިޔާ މާވިން: އެ ދެ މީހުން ވެސް ތިބީ ބަންދުގައި--

މާވިންގެ ދިވެހި ލޯބިވެރިޔާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފިއެވެ.

އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހަކު މަރާލިކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ އޭނާގެ ފިރިމީހާއާ ލޯބީގެ ގުޅުން އޮތް ދިވެހި ނަރުސް، ހަލީމަތު ލަމްހާ އަބްދުލް ރަހުމާން ހައްޔަރު ކުރީ މިދިޔަ މަހުގެ 16 ވަނަ ދުވަހުއެވެ.

އެއާއެކު، ދިވެހި ނަރުހުގެ ބަންދަށް ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް މިދިޔަ މަހުގެ 17 ވަނަ ދުވަހު ކޯޓުން ދިނެވެ.

ނަމަވެސް މިއަދަށް އެ މުއްދަތު ހަމަވެފައި ވާއިރު، ބަންދަށް އިތުރު 15 ދުވަސް އިއްޔެ ކްރިމިނަލް ކޯޓުން ދީފައިވާކަމަށް ފުލުހުން ބުންޏެވެ.

މާވިންއާއި ލަމްހާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި މިދިޔަ މަހު ފަހުކޮޅު ވަނީ ޕީޖީއަށް ފޮނުވާފައެވެ. ޕީޖީ އޮފީހުން ބުނީ އަންނަ އަންގާރަ ދުވަހުގެ ކުރިން މި މައްސަލައާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.

ދިވެހި ނަރުސް ހަލީމަތު ލަމްހާ މީގެ ކުރިން "ސަން"އަށް ދިން އިންޓަވިއުއެއްގައި ވެސް ވަނީ އޭނާ އާއި މާވިންއާ ދެމެދުގައި ލޯބީގެ ގުޅުމެއް އޮތް ކަމަށް ބުނެފައެވެ. މޭރީ ގްރޭސްފިލިޕީން ނަރުސް މަރުވުމުގެ އެއް ދުވަސް ކުރިން އެ ދެ މީހުންގެ ގުޅުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވެސް ލަމްހާ ކިޔައިދިނެވެ. އަދި މޭރީގެ މަރަށް ފަހު އެ ދެ މީހުން ލޯބީގެ ގޮތުން އަލުން ގުޅެން އޮތީ ނިންމާފައެވެ.

ފުލުހުން މީގެ ކުރިން ވެސް ލަމްހާ ހައްޔަރު ކުރުމަށް މަސައްކަތް ކުރިކަން ވަނީ އެނގިފައެވެ. ނަމަވެސް އެކަށީގެންވާ ހެކި ނެތުމުން އޭރު ލަމްހާ ވަނީ ހައްޔަރު ނުކުރެވިފައެވެ.

އެ މަރާ ގުޅޭގޮތުން ލަމްހާ ބުނީ، މާވިން އާއި މޭރީގެ ހުރި ހަމައެކަނި ދަރިފުޅު މޭރީ މަރާލި ދުވަހު ހުރީ އޭނާ ކައިރީގައި ކަމަށާއި ނަމަވެސް ދެމަފިރިން އުޅެމުންދިޔަ ގެއަށް އޭނާ ނުވަންނަ ކަމަށެވެ.

މޭރީ ދަންޖެހިގެން މަރުވީކަމަށް ބުނެ ހޮސްޕިޓަލަށް ހަށިގަނޑު ގެންދިޔައީ ވެސް އޭނާގެ ފިރިމީހާއެވެ. އެއީ އޭނާ ހޮސްޕިޓަލުގައި ޑިއުޓީގައި ހުރެފައި ބްރޭކަށް ދިޔަތާ އިރުކޮޅެއް ފަހުންނެވެ.

comment ކޮމެންޓް