ތިޔަ ލޯބި އެދިގެން... - 32

ތިޔަ ލޯބި އެދިގެންގެ ޕޯސްޓަރު --

"މިންހާ. އައި އެމް ސޮރީ. އެކަމަކު މިކޮޅުގައި އުޅޭއިރު އަހަރެމެން ޖެހޭނީ އެއް ރޫމެއް ޝެއަރ ކުރަން. " ޝިޒާން ފުން ނަޒަރަކުން މިންހާއަށް ބަލައިލިއެވެ. މިންހާގެ ނަޒަރު ހުއްޓުނީ އެނދަށެވެ. ޝިޒާންއަށްވެސް ބޭ އިޚްތިޔާރުގައި އެނދާ ދިމާލަށް ބަލައިލެވުނެވެ.

"މިންހާ ހާސްވަނީތަ؟ އެހެރީ ސޯފާއެކޭ. އަހަރެން ނިދާފާނަން ސޯފާގައި..." ޝިޒާން ބުނެލިއެވެ. މިންހާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ހިނދުކޮޅަކަށްވެސް އޭނާ ހާސްވީ ޝިޒާންއާ އެއް އެނދެއް ހިއްސާކުރަން ޖެހިދާނެތީއެވެ. އޭނާ ބޯ ޖަހައިލިއެވެ. ޝިޒާން ހިނިތުންވެލުމަށްފަހު، ފާޚާނާއާ ދިމާލަށް ހިނގައިގަތުމާއެކު މިންހާ ބެލްކަނީ ދޮރު ހުޅުވާލާފައި ނުކުތެވެ. ޖެހެމުންދިޔަ އާދަޔާ ޚިލާފް ތެތްފިނި ވައިރޯޅިތަކުން އޭނާގެ ގައިން ހީބިހި ހަލުވައިލިއެވެ. ދެއަތް މޭގައި ހުރަސްކޮށްލައިގެން މިންހާ ބެލްކަނީގެ ރެއިލިންގައި ހިފައްޓާލައިގެން އުޑުމައްޗަށް ނަޒަރު ހުއްޓައިލިއެވެ. އޭނާގެ ސިކުނޑި ވަނީ ހާސްވެފައެވެ. ނިދާފައި އޮންނައިރު ޝިޒާން އޭނާއަށް ކަމެއް ނުކުރާނެކަމެއް އެނގެނީއެއް ނޫނެވެ. އެފަދަ ވަސްވާސްތަކުން އޭނާގެ ހިތް ބަނދެވެމުންދިޔަނަމަވެސް، ސިކުނޑި ވިސްނައިދެމުން ދިޔައީ ޝިޒާންއަކީ އެއަށްވުރެ ތެދުވެރި ޒުވާނެއްކަމެވެ. ޝިޒާންގެ އަމިއްލަ އެދުން އެހާ ބޮޑު ނަމަ ކައިވެންޏަށް ފަހުވެސް އޭނާއަށް ވަކިން ކޮޓަރިއެއް ދީފައި ނުބެހެއްޓީހެވެ.

ފާޚާނާއިން ނުކުތް ޝިޒާންގެ ނަޒަރު ހުއްޓުނީ ބެލްކަނީގައި މަޑުކޮށްލައިގެން ހުރި މިންހާއަށެވެ. މިންހާ ހުރި ގޮތުން އެހުރީ ފިނިވެފައިކަން އޭނާއަށް ދެނެގަނެވުމާއެކު އޭނާ އަލަމާރިން ބޯ ބްލޭންކެޓެއް ނަގައިގެން މިންހާއާ ދިމާލަށް ހިނގައިގަތެވެ. އޭނާ މަޑުމަޑުން މިންހާގެ ކަރާ ގައިގައި ބްލޭންކެޓް އޮޅައިލަދިނެވެ. ކުއްލިއަކަށް އެފަދަ އަމަލެއް ކުރުމުން މިންހާ ސިހޭ ގޮތްވިއެވެ. އޭނާ ބަލައިލިއިރު ޝިޒާން ހުރީ ދާރި ގާތުގައެވެ. އެހާ ކައިރިން ޝިޒާންގެ މޫނު ފެނުމުން މިންހާއަށް ހިނދުކޮޅަކަށް ބަސް ހުއްޓިފައި ހުރެވުނެވެ. އޭނާއަށް ޝިޒާންގެ އެ ދެލޮލުގެ ވިދުން ފާހަގަވިއެވެ.

"އައި އެމް ސޮރީ. މިންހާ މާ ބޮޑަށް ފިނިވެފަ ހުރީމަ..." ޝިޒާން ބުނެލިއެވެ.

"ތެންކިއު..." އެވަގުތު ޝިޒާންއާ ޒުވާބުކުރާކަށް މިންހާވެސް ބޭނުމެއްނުވިއެވެ. އޭނާ ޝިޒާންއަށް ބަލައިލުމަށްފަހު ޝުކުރު އަދާކޮށްލިއެވެ. މިންހާ ދުރުބަލައިލުމުންވެސް ޝިޒާންއަށް ހުރެވުނީ މިންހާއަށް ބަލަހައްޓައިގެންނެވެ. އެ އަންހެން ކުއްޖާއަށްޓަކައި އެ ހިތުގައި ވި އިޙްސާސްތައް ދުވަހެއް ދުވަހެއް ދަނީ ފުންވަމުންނެވެ. އޭނާގެ ހިތުގައި މިންހާއަށްޓަކައި ވާ ލޯބި ހާމަކުރަން އޭނާ އިންތިހާ ބޭނުންވިއެވެ. އެ ހިތްވަރު އޭނާ ހޯދާނީ ކިހިނެއް ހެއްޔެވެ؟ މިންހާ އޭނާ ދެކެ ލޯބި ނުވާކަން އޭނާއަށް އެނގޭއިރު އެ ހިތުގައި ވީ ލޯބި ފާޅުކޮށްގެން އޭނާއަށް ލިބޭނީ މިންހާގެ ނަފްރަތު ނޫން ކޯންޗެއްހެއްޔެވެ؟ އެކަ ވީން އެންމެ ރަނގަޅަށް އެނގޭނީވެސް އޭނާއަށެވެ. އެކަކަށް ނޭނގުނު ކަމުގައިވީ ނަމަވެސް، އޭނާއަށް މިންހާ ވަރަށް ރަނގަޅަށް އެނގެއެވެ.

"ވަރަށް ފިނި ދޯ... ފިނި މޫސުމަށް ފެށެން އުޅޭތީ އެހާ ފިނީ..." ޝިޒާން ބުނެލިއެވެ. މިންހާ ބޯ ޖަހައިލިއެވެ.

"އަހަރެން ކުޑައިރުއްސުރެ އުޅުނީ މިކޮޅުގައި." ޝިޒާން ކުއްލިއަކަށް ބުނެލިއެވެ. މިންހާ ސުވާލުގެ ނަޒަރަކުން ޝިޒާންއަށް ބަލައިލީ ހަމަ ކުއްލިއަކަށް ހުރެފައި އެފަދަ ވާހަކައެއް ޝިޒާން ބުނީތީއެވެ.

"ކިހިނެއްވީ؟ އަހަރެން ހީކުރީ އަހަންނާ ބެހޭގޮތުން ކޮންމެވެސް ވަރަކަށް އެނގެން މިންހާ ބޭނުންވާނެކަމަށް." ޝިޒާން ބުނެލިއެވެ.

"އަހަރެން ރާއްޖެ ދިޔައީ އެކޮޅުގެ ވިޔަފާރިއާ ހަވާލުވެގެން. ބައްޕަގެ މައި އޮފީސް ހުންނާނީ މިކޮޅުގައި. މިތަން ނޫނަސް ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ބައްޕަގެ ވިޔަފާރިތައް އޮންނާނެ. ކުޑައިރުއްސުރެ ދުވަހަކުވެސް އަހަރެން ބައްޕަމެން ދޫކޮށްލާފައި ދާކަށް ބޭނުމެއް ނުވި. މާމަވެސް ބައްޕަވެސް އަހަރެން ދެކެ ވަރަށް ލޯބިވާނެ."

"ދެން ކީއްވެ ޝިޒާން ދިޔައީ ރާއްޖެ؟" މިންހާ ވަކި ހިސާބަކުން ސުވާލުކޮށްލިއެވެ.

"އަހަރެން މި ބުނީނު އެކޮޅުގެ ވިޔަފާރިއާ ހަވާލުވާންށޭ ދިޔައީ... ކޮންމެވެސް އެކަކު ދާންޖެހޭނެތާ..." ޝިޒާން އޮޅުވައިލި ނަމަވެސް މާގިނަ ދުވަހެއްނުވެ މިންހާއަށް ހަޤީގަތް އެނގޭނެކަން އޭނާއަށް ވެސް ގަބޫލުކުރެވެއެވެ. އެކަމަކު މިރޭ އެ ހުރިހާ ވާހަކައެއް ކިޔައިދޭކަށް އޭނާ ބޭނުމެއް ނުވިއެވެ.

"ކާފަ ނިޔާވުމަށްފަހު އާއިލާގެ ހުރިހާ ޒިންމާއެއް ނެގީ މާމަ. މިހާރުވެސް އާއިލާގައި ނިންމާ ހުރިހާ ބޮޑެތި ކަންތައްތަކުގެ ފަހު ބަސް އިއްވާނީ މާމަ. އޭގެ މާނައެއް ނޫން މާމަ ދަރިންނަށް ނުފޫޒު ފޯރުވަނީއޭ... މާމަ ވަރަށް ރަނގަޅުވާނެ. ދުވަހަކުވެސް ދަރިއަކަށް ކަމެއް މަޖުބޫރެއް ނުކުރާނެ." ޝިޒާން ވާހަކަ ދެއްކިއެވެ.

މިންހާއަށް ޝިޒާން އޭނާއަށް ކަމެއް ފޮރުވަން މަސައްކަތް ކުރަމުންދާކަން އެނގުނުނަމަވެސް، އެވަގުތު އޭނާ އެ ސުވާލުތައް ނުކޮށް ދޫކޮށްލީއެވެ.

"އެތެރެއަށް ވަންނާކަށް ނުވޭތަ؟ މިހާރު ތިހުރީ މާ ބޮޑަށް ފިނިވެފަ." ޝިޒާން ބުނެލިއެވެ. މިންހާ ބޯ ޖަހައިލަމުން އެތެރެއަށް ވަދެލިއެވެ. އެވަގުތު ދޮރުގައި ޓަކި ޖަހައިލިއެވެ.

"ކާއެއްޗެހި ކަމަށްވާނީ... އަހަރެން މިދަނީ ހުޅުވަން." ޝިޒާން އެހެން ބުނެލާފައި ގޮސް ދޮރު ހުޅުވައިލިއެވެ. ކުރިމަތީގައި ހުރި ނޯކަރު އަންހެން ކުއްޖާގެ އަތުގައި ހުރި ތަބައް ނަގަމުން ޝިޒާން އެ ގެނެސް ބެހެއްޓީ ސޯފާގެ ކުރިމަތީގައި ބަހައްޓާފައި ހުރި ވަށްމޭޒުގައެވެ. އޭނާ އިށީނުމަށްފަހު މިންހާއަށް ގޮވައިލިއެވެ. މިންހާވެސް ބެލްކަނީ ދޮރު ލައްޕައިލުމަސްފަހު ފޮތިތައް ކަހާލާފައި އައިސް ސޯފާގައި އިށީނދެލިއިރުވެސް އޭނާ ދިޔައީ ތުރުތުރު އަޅަމުންނެވެ. އޭނާގެ ދެ ތުންފަތްވެސް ދިޔައީ ރޫރޫ އަޅަމުންނެވެ.

"ހީޓަރު ޖައްސައިލަންވީ ދޯ..." ޝިޒާން އެހެން ބުނެލާފައި ތެދުވެލިއެވެ. އޭނާ އެ މަސައްކަތް ކޮށް ނިންމާލާފައި އައިސް އަނެއްކާވެސް ސޯފާގައި އިށީނދެލިއެވެ. ދެމީހުން ކައިގެން އަވަސްވެގަތީ އަރާމުކޮށްލުމަށެވެ. މިންހާ އެއްޗެހި ބަދަލުކޮށްލައިގެން އައިސް އެނދުގައި އޮށޯވެލިއިރު، ޝިޒާން އޮތީ ސޯފާގައެވެ.

ވެފައި ހުރި ވަރުބައްޔާއެކު މިންހާއަށް ނިދޭކަށް މާގިނަ އިރެއް ނުނެގިއެވެ. މިންހާ ނިދުމާއެކު ޝިޒާން މަޑުމަޑުން ސޯފާއިން ތެދުވެލިއެވެ. އޭނާ މިންހާ ގާތަށް ގޮސް ހުއްޓިފައި މިންހާގެ މޫނާ ދިމާލުގައި އަތް ހޫރައިލީ މިންހާ ނިދީ ތޯ ޔަޤީންކޮށްލުމުގެ ބޭނުމުގައެވެ. މިންހާއަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު ޝިޒާން އޭނާގެ ތުންފަތް މިންހާގެ ނިތްކުރިއާދިމާލަށް ގެންދިޔައެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި އޭނާ އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލަމުން ދުރުވެލިއެވެ. މިންހާގެ މައުސޫމު މޫނަށް ބަލަން ހުރުމަށްފަހު ޝިޒާން ވިސްނިއެވެ. އޭނާގެ ހިތުގައި ވި އިޙްސާސްތައް އޭނާ މިންހާއަށް ހާމަކުރަންވީއެވެ. އިތުރަށް ކެތްކުރާނެހާ ހިތްވަރެއް އޭނާގެ ނެތެވެ. އެ އިޙްސާސްތައް ވަނީ އޭނާގެ ބާރުގެ ދަށުގައެއް ނޫނެވެ. މިންހާ ފެންނަ ކޮންމެ ފަހަރަކު އެ އަންހެން ކުއްޖާ ގެނެސް އެމޭގައި ބޮނޑިކޮށްލަން އޭނާ ބޭނުންވެއެވެ. އޭނާ ލޯބިވާވަރު އަންގައިދޭން ބޭނުންވެއެވެ. މިންހާއަށްޓަކައި އޭނާގެ ހިތުގައި އުތިރި އަރަމުންދާ ޝުޢޫރުތައް ހާމަކުރަން ބޭނުންވިއެވެ. އެހެންނަމަވެސް، އޭނާއަށް ފަސްޖެހެވެނީ މިންހާ އޭނާ ދެކެ ލޯބިނުވާކަން އެނގޭތީއެވެ. އެހެންނަމަވެސް މިއަދު ހިތުގެ ކަނަކުން އެބަގޮވައެވެ. މިންހާއަށް އެ ލޯބި ހުށައެޅުމަށް އޭނާއަށް އެ ހިތް މަޖުބޫރުކުރަނީއެވެ.

މަޑުމަޑުން ޝިޒާން އޭނާގެ އަތުން މިންހާގެ މޫނުމައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅު އެއްފަރާތް ކޮށްލިއެވެ. އެއަށްފަހު އޭނާ ޑްރެސިންޓޭބަލް ކައިރީގައި ހުރި ގޮނޑި ހިފައިގެން އައިސް އިށީނދެލިއެވެ. މަޑުމަޑުން އޭނާ މިންހާގެ އަތުގައި ހިފައްޓައިލިއެވެ. އިޙްސާސްތައް ކޮންޓްރޯލް ކުރަން އޭނާއަށް އުނދަގޫވުމާއެކު މަޑުމަޑުން މިންހާގެ އަތް ނަގާ އޭނާގެ ތުންފަތުގައި ޖައްސާލަފައި ޝިޒާން އެ އަތަށް ބޮސް ދިނެވެ.

"އައި ލަވްޔޫ މިންހާ... އައި ލަވް ޔޫ ސޯ މަޗް. އަހަންނަށް ދެން މިންހާއާ ދުރުގައި ނުހުރޭވެނެ. އަހަންނަށް އެންމެ ޗާންސެއް ދީބަލަ. އައި ވިލް ޕްރޫވް އިޓް ޓު ޔޫ ދެޓް އައި އެމް އިން ސޯ މަޗް ލަވް ވިތް ޔޫ." ޝިޒާން މަޑުމަޑުން ވާހަކަ ދެއްކިއެވެ. އޭނާއަށް ނިދުނީވެސް އެހެން އިންދައެވެ.

ނިދުނު ގޮތަށް މިންހާއަށް ހޭލެވުނީ އިރުވެސް އެރި ފަހުންނެވެ. އޭނާ މޯޅިއަކަށް ދެމިލަމުން ތެދުވެލިއެވެ. އެއާއެކު ހައިރާންކަން ލިބި ކުޑަކޮށް ސިހޭގޮތްވީ ޝިޒާން އޮތް ގޮތްފެނިފައެވެ. ގޮނޑީގައި އިށީނދެ އިނދެ ބޯ އެނދުގައި ޖައްސާލައިގެން ނިދާފައި އޮތްއިރު އޭނާގެ ފަންއިސްތަށިތައް ވަނީ އެ މޫނުމައްޗަށް ވެރިފައެވެ. ނިދާފައި އޮންނައިރުވެސް އެ މޫނުމަތިން ފިރިހެންވަންތަ ކަމުގެ އަސަރުތައް ފަނޑުކޮށެއް ނުލެވެއެވެ. ޝިޒާން އެތަނުގައި އޮވެގެން ނިދީ ކީއްވެބާއޭ މިންހާގެ ހިތަށް އެރިއެވެ. އޭނާ ޝިޒާންއަށް ގޮވައިލަން އަތް ހިއްލައިލި ވަގުތު ޝިޒާން ވާހަކަ ދެއްކުމާއެކު ސިހޭ ގޮތްވިއެވެ.

"ވައި އާރ ޔޫ ޑުއިން ދިސް ޓު މީ... އަހަރެން ލޯބިވާވަރު ނޭނގޭތަ؟" ޝިޒާންގެ ސުވާލާއެކު މިންހާއަށް ހަރަކާތްތައް މަޑުޖައްސައިލެވުނެވެ. އަތް ވެސް ތިރިކޮށްލުމާއެކު، އޭނާއަށް ޝިޒާންއަށް ބަލަހައްޓައިގެން އިނދެވުނީއެވެ. ޝިޒާން އޮތީ ނިދާފައި ކަން ޔަޤީންވުމުން ހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލި ނަމަވެސް، އޭރު މިންހާގެ ހިތުގައ ވަނީ ހައިޖާނުގަނޑެއް އުފެދިފައެވެ. ޝިޒާން އެހެން އެބުނީ ކާކަށް ނިސްބަތް ކޮށްފައިހެއްޔެވެ؟ އޭނާއަށް ހެއްޔެވެ؟ ނޫނީ އިތުރު މީހަކަށް ހެއްޔެވެ؟ އެއީ ޝިޒާން ނިދީގައި ބުނި ވާހަކައެއްކަމަށް ވިސްނައިދޭން ސިކުނޑި މަސައްކަތް ކުރިނަމަވެސް، މިންހާއަށް ހަމަޖެހުމެއް ނުލިބުނެވެ. އޭނާ އެހެން އިންދާ ޝިޒާން އެއް އަތް އުފުއްލައިލީ ތަދުވެގެން އުޅޭ ފަދަ ގޮތަކަށެވެ. އޭނާ ބަލަން އިންދާ އާފުރިލަމުން ޝިޒާން ތެދުވެލިއެވެ. ދެއަތް ދަަމައިލަމުން ޝިޒާން އަނެއްކާވެސް އާފުރިލިއެވެ. އޭނާއަށް ރަނގަޅަށް ދެލޯ ހުޅުވައިލެވުމާއެކު މިންހާ ފެނުނެވެ. އެއާއެކު އޭނާވެސް ވެސް ގޮނޑި ދުރުކޮށްލާފައި ކުއްލިއަކަށް ތެދުވެވުނެވެ.

"މީ... އަނެއް.... އަނެއް...." ޝިޒާންއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާއަށް ބޯ ކަހައިލެވުނެވެ.

"މިންހާ ނިދީގައި... ހީވަނީ ހުވަފަނެއް ފެނުނީހެން... އަނެއް..." ޝިޒާންއަށް ވާހަކަ ދައްކަން އުނދަގޫވިއެވެ. އޭނާ އުޅުނީ ދޮގެއް ހަދަން ނަމަވެސް އެވަގުތު ހާސްވެފައި ހުރިވަރުން އުނދަގޫވީއެވެ.

"އަހަރެން ނިދީގައި؟" މިންހާ އެދުނީ ޝިޒާން ބުނަން އުޅުނު ޖުމްލަ ފުރިހަމަ ކުރުމަށެވެ.

"މިންހާ ކުޑަކޮށް ބިރުން އުޅުނީމަ އަހަރެން ދިޔައީ... ގޮސް އެތަނުގައި އޮވެގެން ނިދުނީ..." ޝިޒާން ހަމަޖެހެމުން ބުނެލިއެވެ. މިންހާ އެހެންހޭ އަހާ ސުވާލުކޮށްލީ ކޮންމެވެސް ވަރެއްގެ ހައިރާންކަމަކާއި އެކުގައެވެ.

ފެންވަރައިގެން ދެމީހުން ތިރިއަށްދިޔައިރު ނާސްތާގެ ވަގުތުގައި އެންމެން ބައިވެރިވިއެވެ. ލީވާންއަށް ޝިޒާން ފެނުމާއެކު އޭނާގެ މޫނުމަތި ވަގުތުން ބަނަވިއެވެ. އެކަން ޝިޒާންއަށްވެސް ފާހަގަވިއެވެ.

"ދަރިފުޅާ ޝިޒާން!. ބައްޕަގެ އެޕޮއިންޓްމެންޓު އެބައިން މިއަދު. ލީވާން އޮފީހުގައި ބިޒީވާނެ. ދަރިފުޅު ދާންވީނު މަންމައާއެކު ބައްޕަ ގޮވައިގެން..." ނޫރުލް ހުދާ ފަހަރަކު މީހެއްގެ މޫނަށް ބަލައިލަމުން ބުނެލިއެވެ. އެއާއެކު މެހެރީންގެ މޫނުމަތިންވެސް ހިތްހަމަ ނުޖެހުމުގެ އަސަރުތައް ފާޅުވާން ފެށިއެވެ.

"އެކަމަކު މަންމާ...އޭރުން." މެހެރީން ކޮންމެވެސް ބަހަނާއެއް ދައްކަން އުޅުނުނަމަވެސް، ނޫރުލް ހުދާ އެއްބަސްވާގޮތެއް ނުވިއެވެ. ޝިޒާންވެސް ނޫރުލް ހުދާއަށް ބަލައިލަމުން އިސްޖަހައިލިއެވެ. ނޫރުލް ހުދާ އެގޮތަށް އެކަންތައް ކުރީ ކީއްވެގެންކަން އޭނާއާށް އެނގޭ ފަދައެވެ. އެތަނުގައ އުފެދުނު ނުތަނަވަސްކަން މިންހާއާށް ވެސް ފާހަގަވިއެވެ. އޭނާ އެއްޗެއް ނުބުނެ އިންދާ އަނެއްކާވެސް ނޫރުލް ހުދާ ވާހަކަ ދެއްކިއެވެ.

އެދުވަހު އޮތް އެޕޮއިންޓްމެންޓަށް ނުހައިލް ގޮވައިގެން ދިޔައީ ޝިޒާންއާއި މެހެރީންއެވެ. ކުރީ ސީޓުގައި ޝިޒާން އިންއިރު، މެހެރީންއާ ނުހައިލް ތިބީ ފަހަތުގައެވެ. ދުއްވަން އިނީ ނުހައިލްގެ ޑްރައިވަރު ލުއިސް އެވެ. ޓްރެފިކް ބޮޑުކަމުން ހޮސްޕިޓަލަށް އާދެވެން ގައިގަނޑަކަށް ތިން ގަޑިއިރެއްހާއިރު ނެގިއެވެ.

ޑޮކްޓަރަށް ދައްކާނިމެންދެންވެސް ޝިޒާންއާ މެހެރީންއާ ދެމެދު މާގިނަ ވާހަކައެއް ނުދެކެވެއެވެ. ނުހައިލްއަށް އެ މަންޒަރު ފެނުމުން ދެލޯ މަރައިލެވުނެވެ. ފުންނޭވައެއް އޭނާ ދޫކޮށްލިއެވެ. ޝިޒާން ބޭސް ނަގަން ދިޔުުމުން ނުހައިލް ގޮނޑީގައި އިނދެ މެހެރީންއަށް ގޮވައިލުމާއެކު މެހެރީން ކުޑަކޮށް ގުދުވެލިއެވެ.

"ޝިޒާންއާ ވާހަކަ ދައްކައިލަބަލަ! އޭނަ ކިހާ އުފާވާނެ އެންމެ ފަހަރަކު ވެސް މެހެރް އޭނައަށް ގޮވައިލިއްޔާ..." ނުހައިލް ބުނެލިއެވެ. މެހެރީން އެއްވެސް އެއްޗެއް ނުބުނެއެވެ. ނުހައިލް އިނީ ވަރުބަލިވެފައިކަމުން އޭނާވެސް އިތުރަށް އެވާހަކަ ދައްކާ ޚިޔާލެއް ނުކުރެއެވެ. އެ ހަމަހިމޭންކަމުގައި ދެމީހުން ތިއްބާ ޝިޒާން ބޭސް ނަގައިގެން އައެވެ. ހުރިހާކަމެއް ކޮށް ނިންމާލާފައި ގެއަށް ދެވުނުއިރު ހުރީ އިރުއޮއްސެން ކައިރިވެފައެވެ.

އިޝާނަމާދުކޮށްލައިގެން ޝިޒާން ނުހައިލްގެ ކޮޓަރިއަށް ދާން މިސްރާބުޖެހިއެވެ. އެ ހިސާބާ އަރާ ހަމަވީއިރު، ކޮޓަރީގެ ދޮރު ހުރީ ކުޑަކޮށް ހުޅުވިފައިކަމުން ނުހައިލްއާ މެހެރީން ދައްކަމުންދިޔަ ވާހަކަ އޭނާގެ ކަންފަތުގައި ޖެހުނެވެ.

"އެއީވެސް އަހަރެންގެ ދަރިއެކޭ... ލީވާން އެކޭ އެއްގޮތަށް ޝިޒާންވެސް އަހަރެން ބޭނުންވޭ އަހަރެމެންގެ ކައިރީގައި ބަހައްޓަން. އަހަރެން ޝިޒާން ފޮނުވައިލަން ޖެހުނު ސަބަބު އެންމެ ރަނގަޅަށްވެސް އެނގޭނީ މެހެރްއަށް. އޭނައަށް ވެގެންވާނަމަ ދުވަހަކުވެސް މިގެއަށް އޭނަ ނާންނާނެ. އެއީ ކިއްވެގެން؟ އޭނަ މެހެރްއާ މެދު ވިސްނާތީ. އަދި އަދަށް ދާންދެންވެސް އަހަރެން..." ވަކި ހިސާބަކަށް ބުނެފައި ނުހައިލް އޭނާގެ ވާހަކަ ހުއްޓައިލިއެވެ. ޝިޒާން އިރުކޮޅަކު މަޑުކޮށްލި ނަމަވެސް، އިތުރަށް އެއްވެސް އެއްޗެއް ނުހައިލް ނުބުނެއެވެ. ވަގުތުގެ ގޮތުން އެ ކޮޓަރިއަށް ވަނުން އެހާ ރަނގަޅުނުވާނެތީ ޝިޒާން މިސްރާބުޖެހީ ޓެރެސްއަށް އެރުމަށެވެ. އޭނާ ހިނގައިގަތީ ލިފްޓާ ދިމާލަށެވެ. ލިފްޓުން ޓެރެސްއަށް އެރި ޝިޒާން އަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އޭނާއަށް ދެލޮލުގައި ކުޑަކޮށް އަތް ޖައްސައިލެވުނީ ދެލޯ ފެންކަޅިވަމުން ދިޔައީތީއެވެ.

"ދަރިފުޅާ!" ޝިޒާން ސިހުނީ އޭނާގެ ނަމުން ނޫރުލް ހުދާ ގޮވައިލުމާއެކުގައެވެ. އޭނާ އެނބުރި ބަލަިއލިއެވެ.

"މާމަ ކީއްވެ މިހާ ފިނިއިރު ތި ނުކުތީ؟" ޝިޒާން ސުވާލުކޮށްލިއެވެ.

"ދަރިފުޅުވެސް ނިކުތީނު." ނޫރުލް ހުދާ އައީ އޭނާއަށް ޝިޒާން ކަންތައް ކުރި ގޮތް ފެނުމުންނެވެ. ޝިޒާންއަށް ކޮންމެވެސް އެއްޗެއް އަޑު އިވުނީކަން އޭނާއަށް ޔަޤީންވިއެވެ.

"އަޅުގަނޑު މާމަހާ ފިންޏަށް ބައްޔެއް ނުވާނެޔޭ..." ޝިޒާން ބުނެލިއެވެ. އޭނާ މޫނުމަތީގައިވީ ނުތަނަވަސްކަން ފޮރުވޭތޯ މަސައްކަތް ކުރިނަމަވެސް، އެ އަޑުގައިވި ހިތާމައިގެ އަސަރު ނޫރުލް ހުދާއަށް ސިއްރެއް ނުވިއެވެ.

"ނޫރުލް ހުދާ ޝިޒާން ގެ އަތުގައި ހިފާލައިގެން ގެންދިޔައެވެ.

"މާމައަށް އެނގޭ ދަރިފުޅަށް ކޮންމެވެސް ކަމެއް ވެއްޖެކަން. ކިހިނެއްވީ؟ މާމަ ކައިރީ ބުނެބަލަ!" ނޫރުލް ހުދާ ލޯތްބާއެކު ސުވާލުކޮށްލިއެވެ.އޭނާ ސޯފާގައި އިށީނުމާއެކު ޝިޒާން ތިރީގައި އިށީނދެ ނޫރުލް ހުދާގެ އުނގުގައި ބޯ އަޅައިލިއެވެ. އެއާއެކު ނޫރުލް ހުދާ ޝިޒާން ގެ ބޮލުގައި ފިރުމައިލިއެވެ.

"ދެން ބުނެބަލަ! ކިހިނެއްވީ؟"

"މާމާ ކީއްވެތަ އަޅުގަނޑަށް ލޯބި ނުލިބެނީ؟" ޝިޒާން ސުވާލުކޮށްލިއެވެ. އެއާއެކު ނޫރުލް ހުދާއަށް އޭނާގެ އިނގިލިތަކުގެ ހަރަކާތްތައް ކުޑަކޮށް މަޑު ޖައްސައިލެވުނެވެ.

އަޅުގަނޑަށް ނޭނގި ނަމަވެސް ކުށެއް ކުރެވުނީތަ؟" ޝިޒާން އަނެއްކާވެސް ސުވާލުކޮށްލިއެވެ.

"މާމަވެސް ބައްޕަވެސް އެންމެންވެސް ދަރިފުޅު ދެކެ ލޯބިވެޔޭ..." ނޫރުލް ހުދާ ބުނެލިއެވެ.

"ދުވަހަކުވެސް ބޭނުމެއް ނޫން އެއްވެސް މީހެއް ކައިރީގައި ޝަކުވާކުރާކަށް. އެކަމަކު މާމާ... އަޅުގަނޑު..." ޝިޒާން ހުއްޓައިލިއެވެ. އޭނާ ހިނދުކޮޅަކަށް މަޑުޖެހިލާފައި އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.

"މަންމަ ކީއްވެތަ އެގޮތަށް ކަންތައް ކުރަނީ؟؟" ޝިޒާންއަށް ޝަކުވާ ކުރެވެމުންދިޔައެވެ. ނޫރުލް ހުދާ ޝިޒާންއަށް ހިތްވަރުދިންނަމަވެސް، އެއިން އެއްވެސް ކަމަކުން ޝިޒާންގެ ހިތަށް އަސަރުނުކުރާ ފަދައެވެ.

"ކީއްވެތަ އަޅުގަނޑަށް އަބަދު ދެރަ ގޮތްތައް ވަނީ؟ އަޅުގަނޑުވެސް ދެރަވެޔޭ... މިކޮޅަށް އައިމަ މާ ދެރަވޭ... އެހެންވީމަ އަންނަން ބޭނުންނުވަނީވެސް. އަބަދުވެސް އާއިލާތެރޭގައި އަޅުގަނޑާ ހެދި ކޮންމެވެސް މައްސަލައެއް ޖެހިފައި އޮންނަނީ. އެންމެ ރަނގަޅުވާނީ ވީހާވެސް އަވަހަކަށް އަޅުގަނޑު ފުރައިފިއްޔާ..." ޝިޒާން ވާހަކަ ދެއްކިއެވެ. ނޫރުލް ހުދާއާ ޝިޒާންއާ ދެމީހުން ތިބީ ޓެރެސްއަށް ވަންނަ ދޮރަށް ފުރަގަސްދީގެންކަމުން ފަހަތުގައި މިންހާ ހުރިކަމެއް އެއިން އެކަކަށްވެސް ނޭނގުނެވެ. މިންހާއަށް އެ ދެމީހުން ދެމެދު ދެކެވުނު ހުރިހާ ވާހަކައެއް ވެސް އަޑު އިވުނެވެ. އެ އަޑުގައިވި ރިހުމުގެ އަސަރުން އޭނާއަށްވެސް ތަފާތު އިޙްސާސްއެއް ކުރުވިއެވެ. މީހެ ކުރިން ޝިޒާންގެ އެ ސިފަ ދުވަހަކުވެސް އޭނާއަށް ފެނިފައެއް ނުވެއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު