ޤުރުއާނާމެދު އުފައްދާ ޝައްކާއި ވަހުމުގެ ދިފާޢުގައި

ކީރިތި ޤުރްއާން--

މިއަދާ ހަމައަށްވެސް ޤުރުއާނުގެ އަޞްލަށް އެއްވެސް ބަދަލެއް ނައިސް ރައްކާތެރި ވެގެންވާކަން އަޅުގަނޑުމެން މުސްލިމުންނަށް ކަށަވަރުވެ ޔަޤީން ވެފައި ވީނަމަވެސް، އަޅުގަނޑުމެންނަށް ޤުރުއާން ބާވައިލެއްވީ މާތް ﷲ ކަމާއި އަދި އެނޫން ފަރާތަކުން ނޫންކަން ކަށަވަރުވަނީ ކިހިނަކުންތޯ އެވެ. މިސުވާލަށް ޖަވާބު ހޯދުމަކީ ޤުރުއާނާ މެދު އުފައްދާ ވަހުމާއި ޝައްކު ފުހެލުމަށް ވަރަށް ބޭނުންތެރި ކަމެކެވެ. އަދި މިކަން ކުރުމަށްޓަކައި، ޤުރުއާނުގެ ޞައްޙަ ކަމާމެދު ބަލައި އަދި ޤުރުއާން ބާވައިލެއްވި ގޮތް ބަލައި ނަޒަރު ހިންގައި ދިރާސާ ކުރުމަކީ ވަރަށްވެސް ބޭނުންތެރި ލާޒިމު ކަމެކެވެ.

ޤުރުއާނަކީ، ރަސޫރާ މުޙައްމަދުގެ ފާނަށް މާތް ﷲ ވަޙީގެ ޒަރީޢާއިން ބާވައިލެއްވުނު އެކަލާނގެ ކަލާންފުޅު ކަމާއި، އަދި އެއަށް އެއްވެސް ބަދަލެއް ނައިސް މީލާދީން 7 ވަނަ ޤަރުނުގައި އެ ލިޔެ ރެކޯޑު ކުރެވުނުގޮތަށް އެއްވެސް ބަދަލެއް ނައިސް ވާކަން މުސްލިމުން ޤަބޫލު ކުރިކަމުގައި ވީނަމަވެސް، ފިކުރީ ގޮތުން އަދި ޢިލްމީ ގޮތުން ބަލައި ދިރާސާކުރާ ހުޅަނގުގެ މުސްތަޝްރިޤުން (އޮރިއެންޓަލިސްޓުން) މީލަދީން 18 ވަނަ ޤަރުނުން ފެށިގެން ޤުރުއާނާމެދު ދަނީ ޝައްކު އުފައްދަމުންނެވެ. މިބައިމީހުންގެ މި ޙަރަކާތަކީ ފުރަތަމަ އިސްލާމް ދީން ފެތުރިގެން ދާލެއް ހަލުވި ކަމުން، އެކަން ހުއްޓުވާލުމަށް ފެއްޓުނު މަސައްކަތެއްކަމަށް ވީނަމަވެސް މިބައިމީހުން ފަހުން ލަނޑުދަނޑިތައް ބަދަލުކުރިއެވެ.

ބަޔަކަށް ހަމަލާދޭން ނުވަތަ ޖަންގަލީން ޖަނަވާރެއް ޝިކާރަކުރަން ބޭނުންވާ މީހަކުނަމަ، އެޖަނަވާރު ނުވަތަ އެމީހާގެ އުޅުމާއި ގުޅުން ބަލައި ދިރާސާކުރެއެވެ. މިއުޞޫލުން މުސްލިމުންގެ ބަސް ބަހާއި ޘަޤާފަތާއި ދީނާއިބެހޭ ގޮތުން ހޯދާ ބަލައި މިބައި މީހުން ދެނެގަންނަނީ ތެދު ނިޔަތެއްގައި ނޫނެވެ. އަދި ކިއެއްތަ! އެއީ ފިކުރީ ގޮތުން ތަފާތު ހަމަލާތައްދީ އިސްލާމް ދީނާއި ޤުރުއާނާއި ސުންނަތާމެދު ހަނގުރާމަކަޮށް އިސްލާމް ދީނުގެ އަޞްލު ސޫރަ ހަޑިކުރުމަށެވެ.

މުސްލިމުންނަށް ޤުރުއާނުގެ ދަލީލުވެސް ފުދެއެވެ. އެއީ އެތެރޭގެ ދަލީލެއްގެ ގޮތުން ބަލައިގެންނެވެ. ސޫރަތުއް ނިސާއުގެ 82 ވަނަ އާޔަތުގައި އެކަނލާގެ ވަޙީކުރެއްވިއެވެ. [ أَفَلَا يَتَدَبَّرُ‌ونَ الْقُرْ‌آنَ ۚ وَلَوْ كَانَ مِنْ عِندِ غَيْرِ‌ اللَّـهِ لَوَجَدُوا فِيهِ اخْتِلَافًا كَثِيرً‌ا ] މާނައީ: "ފަހެ، قرآن އާމެދު އެއުރެން ވިސްނައި ފިކުރު ނުކުރަނީހެއްޔެވެ؟ އެ قرآن އަކީ، اللَّه ނޫން އެހެން ފަރާތަކުން އައި އެއްޗެއް ކަމުގައިވީނަމަ، ގިނަވެގެންވާ ތަފާތުތައް އެއިން އެއުރެންނަށް ފެނުނީހެވެ."

ބުއްދީގެ ހަމަތަކުން ދަލީލު ލިބިގަތުމަށްޓަކައި، ބޭނުންކުރަން އެންމެ ރަނގަޅު އެއްގޮތަކީ، "ޤުރުއާން ބާވައިލެއްވީ ކޮން ފަރާތަކުންތޯ؟" ސުވާލުކޮށް ޞައްޙަ ޖަވާބު ހޯދައި ޞައްހަ ނުވެދާނެ އެންމެހައި ޖަވާބުތައް އެކަހެރި ކުރުމެވެ. މުސްތަޝްރިޤުންގެ ގޮތުގައި އެންމެ ބޮޑަށް ޤުރުއާނާ މެދު ޝައްކު އުފައްދާ މުސްތަޝްރިޤުން އެބައިމީހުންގެ ފޮތްތަކުގައި ފާހަގަކޮށްފައިވާ އަދި ޤުރުއާން އެފަރާތްތަކަށް ނިސްބަތްކުރާ ފަރާތްތަކުގެ ތެރޭގައި، މުޙައްމަދުގެ ފާނާއި، ޢަރަބި ޝާޢިރުންނާއި، ޢަރަބި ނޫން ޝާޢިރުންނާއި، ރާހިބުންނާއި އިބުލީސް ނުވަތަ ޝައިޠާނާގެ އިތުރުން ﷲ ހިމެނެއެވެ.

ވަޙީ އާމެދު ކުރާ ތުހުމަތު:

ކީރިތި ރަސޫގެ ޢުމުރުފުޅުން 12 އަހަރުފުޅުގައި އެކަލޭގެފާނުންގެ ބޮޑުބޭބޭފުޅުގެ އަރިހުގައި ޝާމްކަރައިގެ ބަޞަރާ އަށް ވިޔަފާރި ދަތުރުފުޅެއްގައި ވަޑައިގަތެވެ. މިދަތުރުފުޅުގައި ބަޙީރާ ނަމަކަށްކިޔުނު ރާހިބަކާއި ބައްދަލުވިއެވެ. ބުނެވޭގޮތުގައި މީނައަކީ ނުސްޠޫރީއެކެވެ. މީނައަކީ، ޢީސާގެފާނަކީ ކަލަކު ކަމަށް ޤަބޫލުކުރާ ޢަޤީދާ ޤަބޫލު ނުކުރާ މީހެކެވެ. މީނާއަކީ، ފަލަކީ، ނުޖޫމީ، ހިސާބާއި ސިޙުރުގެ ޢިލްމަށް އަރާހުރި ބޭކަލެއްކަމަށްވެސް ބުނެވެއެވެ. މީނާ ޤަބޫލުކުރައްވާ ގޮތުގައި އިސްމާޢީލުގެ ފާނުންގެ ދަރިކޮޅުން ނަބިއްޔަކު ފޮނުއްވާނެއެވެ.

އެހެންކަމުން ޤުރުއާނާމެދު ތުހުމަތުކުރާ މީހުން ބުނާގޮތުގައި، ބަޙީރާ ވެގެންދިޔައީ، ރަސޫލާގެ ރިސާލަތަށްފަހު އެކަލޭގެފާނާ ވަރަށް ގާތްގުޅުމެއް އޮތް އަދި އެކަލޭގެފާނަށް ޢިލްމު އުނގަންނަވައި ދެއްވި މީހަކަށެވެ. އަދި ރަސޫލާ އެއްފަހަރަކު ރާފޮދު ހިއްޕަވައިގެން މަސްތުގެ ޙާލުގައިހުރެ އެކަލޭގެފާނުންގެ އުސްތާޛު ބަޙީރާ ޤަތުލުކޮށްފުމަށް ދާންދެން ރާ ޙަރާމް ނުކުރައްވަވައެވެ. ނަމަވެސް ޙަޤީޤަތުގައި، މިދެންނެވުނު ވާހަކަ ތަކަކީ، އެވާހަކަ ތަކަށް އުނި އިތުރު ކޮށްގެން ދެކެވިފައިވާ ވާހަކަތަކެވެ. ޞައްޙަ މަގުތަކުން ރަސޫލާގެ ސީރަތު ނަޤުލުކުރެވިފައިވާ ގޮތުގައި، އެކަލޭގެ ފާނުން ޝާމްކަރައަށް ކުރެއްވި ދަތުރުފުޅުގައި، އިރުގެ އަވިން އެކަލޭގެ ފާނުން ސަލާމަތް ކުރެއްވުމަށްޓަކައި ވިލާގަޑެއް އެކަލޭގެ ފާނަށް ހިޔާ އެޅުއްވިކަން ބަޙީރާއަށް އެގުމުން، އަބޫޠާލިބުގެފާނުގެ އަރިހުގައި، އެކަލޭގެފާނަށް ޔަހޫދީންގެ ކިބައިން ރައްކާތެރިވުމަށް އަމުރު ކުރެއްވިއެވެ. ތިރުމިޒީގެ ރިވާޔަތް ފިޔަވައިހުރި ރިވާޔަތްތަކަކީ ޙަޤީޤަތުގައި، ބަލިކަށި ސަނަދުތަކަކުން ވާރިދުވެފައިވާ ރިވާޔަތްތަކެވެ. ތިރުމިޒީގެ ރިވާޔަތުގައި ބަޙީރާގެ ޢަޤީދާއާއި ދީނާ ބެހޭ ގޮތުން އެކަލޭގެފާނު އެއްވެސް އެއްޗެއް އަޑުއައްސަވައިފައި ނުވެއެވެ. އަދި ކިއެއްތަ! އެ ރިވާޔަތުގައި ބަޙީރާގެ ނަންފުޅުވެސް އައިސްފައި ނުވެއެވެ. އެހެންކަމުން ޤުރުއާނަކީ ބަޙީރާގެ ފަރާތުން އުނގެނި ނަޤުލު ކުރެވިފައިވާ އެއްޗެއްކަމަށް ކުރާ ދަޢުވާއަކީ އެއްވެސް ޙަޤީޤަތެއް ނެތް ދޮގު ދަޢުވާއެއްކަން ދަލީލް ކޮށްދެއެވެ.

ރާހިބެއްގެ ބަސް ކަމަށް ބުނުން:
މިބައިމީހުންގެ ބުނާގޮތުގައި ވަރަޤަތު ބިން ނައުފަލު އަކީ، އެޒަމާނުގައި އުޅުއްވި ނަޞާރާ ދީން ޤަބޫލުކޮށްގެން ހުންނެވި، އެދީނުގެ ޢިލްމަށް އަރާހުންނެވި އަދި ޚަދީޖަތުގެ ފާނުންގެ ބޮޑުބޭބެގެ ދަރިކަލެކެވެ. އެހެންކަމުން ރަސޫލާ އެކަލޭގެފާނުންގެ ގާތުން އަހުލު ކިތާބީންގެ ޢިލްމު ލިބިވަޑައިގަތެވެ. ނަމަވެސް އެއީ ކަނޑައެޅިގެން ބުނެވޭ ދޮގު ޚަބަރެކެވެ. މިކަމުގައި އޮތް އެންމެ ޞައްޙަ ގޮތަކީ، އިމާމް މުސްލިމް އަދި އިމާމް ބުޚާރީގައި އަބޫބަކުރު އަދި ޢުމަރުގެފާނުންގެ އަރިހުން ރިވާކުރައްވާފައިވާ ފަދައިން، ޙިރާ ފަރުބަދައިގެ ހޮހަޅުގައި ރަސޫލާ އިންނަނަވަނިކޮށް ވަޙީ ބާވައިލެއްވުމުން، އެކަން ހިގާދިޔަގޮތް ޚަދީޖަތުގެފާނަށް ކިޔައި ދެއްވެވުމާއި ގުޅިގެން އެކަމަނާ، އެކަލޭގެފާނާއެކު، ވަރަޤަތު ބިން ނައުފަލުގެ އަރިހަށް ވަޑައިގަތެވެ. އެއިރުވެސް ވަރަޤަތު ބިން ނައުފަލަކީ، ލޯބޯ ކޮށިވެ މުސްކުޅިފުޅު ވެފައިވާ ބޭކަލެކެވެ.

ޚަދީޖަތުގެފާނު ވަޑައިގެން ރަސޫލާއަށް ފެނިވަޑައިގެންނެވި ކަންތައްތަކުގެ ޚަބަރު ކީރިތި ރަސޫލާ ވަރަޤަތު ބިން ނައުފަލަށް ވިދާޅުވުމުން ވަރަޤަތު ބިން ނައުފަލު ވިދާޅުވިއެވެ. އެއީ މޫސާގެ ފާނުންގެ އަރިހަށް ވަޑައިގެންނެވި "އައްނާމޫސު" އެވެ. އަދި ކަލޭގެފާނުގެ ޤައުމުގެ މީހުން ކަލޭގެފާނުން ޤައުމުން ބޭރުކޮށް ހަދާ ދުވަހު ހުރެވޭނެނަމަ ކޮންފަދަ ހެއްޔެވެ. ބައެއް ރިވާޔަތްތަކުގައި އެކަލޭގެ ފާނަކީ، ޢީސާގެ ފާނުން އެބޭކަލަކާމެދު އުފާވެރިކަމުގެ ޚަބަރު ދެއްވި ނަބިއްޔާކަމަށް ވަރަޤަތު ބިން ނައުފަލު ވިދާޅުވި ކަމަށްވެސް އައިސްފައި ވެއެވެ. އަދި ބައެއް ރިވާޔަތްތަކުގައި، ވަރަޤަތު ބިން ނައުފަލު ބިލާލުގެ ފާނަށް އަނިޔާކުރި މަންޒަރު ދުއްކަމަށް އައިސްފައި ވީނަމަވެސް ބަޔާންކުރެވުނު ޙާދިޘާއަށްފަހު، ރަސޫލާ ވަރަޤަތު ބިން ނައުފަލު ދެކެވަޑައި ނުގަންނަވައެވެ. އަދި ކިއެއްތަ! ވަރަގަތު ބުނު ނައުފަލު މިޙާދިޘާއަށް ފަހު މާގިނަ ދުވަސްތަކެއް ނުވަނީސް މިދުނިޔެ ދޫކުރައްވައިފިއެވެ.

ޔަހޫދީންނާއި ނަޞާރާއިންގެ ފަރާތުން ފެތުރިގެން އައިސްފައިވާ އެއްޗެއްކަމަށް ބުނުން:
މިދަޢުވާގައިވާ ގޮތުގައި، އިސްލާމް ދީން ޢަރަބި ދުނިޔޭގައި ފާޅުވުމުގެ މާކުރިންސުރެ ޔަހޫދީންނާއި ނަޞާރާއިންގެ އިލްމުވެރިންގެ ފަރާތުން ޢަރަބީންގެ ތެރޭގައި އުޅުނު ފަޞާޙަތްތެރިކަމާއި ބަލާޣަތްތެރިކަމަށް އަރާތިއްބެވި ޤުއްސު ބިން ސާޢިދަތުލް އިޔާދީ އަދި އުމައްޔަތު ބިން އަބިއްޞަލްތި ފަދަ މީހުން ރަސޫލާ ރަސޫލު ކަމައިގެން ފޮނުއްވަން ކައިރި ވެފައިވަނިކޮށް، ޔަހުދީންނާއި ނަޞާރާއިންގެ ފަތްފުއްތަކުން ރަސޫލާއާއި ބެހޭ ގޮތުން ވަނީ ނަގުލުކޮށްފައެވެ.

ތައުރާތާއި އިންޖީލުގައި މިފަދަ ވާހަކަތައް ވާކަން ޤުރުއާނުގެ އަލްޢައުރާފު ސޫރަތުގެ 157 ވަނަ އާޔަތުންވެސް ކަށަވަރުވެއެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. [الَّذِينَ يَتَّبِعُونَ الرَّ‌سُولَ النَّبِيَّ الْأُمِّيَّ الَّذِي يَجِدُونَهُ مَكْتُوبًا عِندَهُمْ فِي التَّوْرَ‌اةِ وَالْإِنجِيلِ] މާނައީ: " އެއުރެންނީ، أمّى ނަބިއްޔާ ކަމުގައިވާ رسول އާއަށް تبع ވާ މީހުންނެވެ. އެ رسول އާއި، އެއުރެންގެ ގާތުގައިވާ توراة އާއި، إنجيل ގައި رسول އާގެ ސިފަފުޅުތައް ލިޔެވިގެންވާތީ، އެއުރެންދެކޭ رسول އެވެ."

ނަމަވެސް ސީރަތުގެ އަލީގައި އެނގެން އޮތްކަމަކީ، ރަސޫލާ ރަސޫލުކަމާއިގެން ވަޑައިގަތުމުގެ ކުރިން ޤުއްސު ބިން ސާޢިދަތުލް އިޔާދީ އަވަހާރަވެއްޖެއެވެ. އުމައްޔަތު ބިން އަބިއްޞަލްތު އަކީ މަޝްހޫރު ޝާއިރެއްކަމަށް ޢަބޫ ޢުބައިދާ އަދި ޒުބައިރުގެ ފާނުންގެ އަރިހުން ރިވާވެފައި ވެއެވެ. އަދި ރަލާއި، ބުދަށް އަޅުކަން ކުރުމުން ދުރުހެލިވެގެން ހުއްޓެވެ. އަދި ޙިޖާޒުކަރައިން ރަސޫލަކު ފާޅުވާނެކަމަށް ބުނަމުން ދަނިކޮށް، ރަސޫލާ ރަސޫލުކަމައިގެން ވަޑައިގަތުމުން އެކަމާ ޙަސަދަވެރިވެ އިސްލާމް ނުވިއެވެ. އިބްނި ހިޝާމް ރިވާކުރައްވާ ގޮތުގައި އޭނާއަކީ ރަސޫލާއަށް އީމާންވި މީހެކެވެ. އެނގެން އޮތްކަމަކީ އޭނާއަކީ އިބްރާހީމްގެ ފާނުންގެ މިއްލަތުގައި ހިފަހައްޓައިގެން ހުރި މީހެއްކަމެވެ. އަދި ރަސޫލާ ރަސޫލުކަމުގެ ކުރިންވެސް އަދި ފަހުންވެސް އުމައްޔަތު ބިން އަބިއްޞަލްތުއާއި ބައްދަލުވެފައި ނުވެ ހުއްޓާ ޠާއިފުގައި އޭނާ ނިޔާވެފައިވާކަމެވެ.

މައްކާގައި އުޅުނު އަހުލުކިތާބީންގެ ފަރާތުން ވާހަކަތައް ނަޤުލުކުރިކަމަށް ބުނުން:
މައްކާގައި އެދުވަސްވަރު ތިބި ޔަހޫދީންނާއި ނަޞާރާއިންގެ ތެރޭގައި ތިއްބެވި ގިނަބަޔަކަށް އެބައިމީހުންނަށް ޤުރައިޝުންގެ ބޮޑުންގެ އުދަގުލާހުރެ އަދި އެބައި މީހުން އަޅުކަންކުރާ ބުދުތަކުގެ އަބުރުވެރިކަމާހުރެ މިދެންނެވި އަހުލު ކިތާބީން އަޅުކަމުގައި އުޅެމުންދިޔައީ މައްކާގެ ރަށްބޭރުގައެވެ. އެހެންކަމުން ޤުރައިޝުންނަށް އަޑު ނުއިވޭފަދައިން އެބައިމީހުންތައް ދިޔައީ ދީނުގެ ވާހަކަތައް ހިއްސާ ކުރަމުންނެވެ. ރަސޫލާއަކީ ވަރަށްގިނައިން ވިޔަފާރި ދަތުރުކޮށް އުޅުނު ބޭފުޅަކަށްވުމުން މިބައިމީހުންގެ ވާހަކަތައް އިވި އަޑުއަހައި ފެނި އޭގެ އަވާގައިޖެހި، އެވާހަކަތަކުން ކަންތައްތައް އިސްތިންބާޠުކޮށްގެން އެވާހަކަތައް ނަޤުލުކުރީއެވެ. މިގޮތުން ޝާމުކަރައިން ބަޙީރާއާއި ބައްދަލުވިއެވެ. އަދި ޝާމްކަރައިން ރޯމުގެ އަޙްބާރުންނާއި، ނަޞާރާއިންގެ އަޅުވެރިންނާ ބައްދަލުކޮށް އެބައިމީހުންގެ ފަތްފުއްތައް ބަލައިފައިވެއެވެ. ފާރިސީން އަލިފާނަށް އަޅުކަން ކުރަމުންދާކަން އެކަލޭގެ ފާނަށް ވަނީ އެގިފައެވެ. އަދި އަހުލު ކިތާބީން ރަސޫލަކަށް އިންތިޒާރުކުރާކަން ވަނީ އެކަލޭގެފާނަށް މިގޮތުން އެނގި ކަށަވަރުވެފައެވެ. ނަމަވެސް ޙަޤީޤަތަކީ، ޝާމް ކަރައަށް އެކަލޭގެފާނުން ތުއްޕުޅުއިރު ބޮޑުބޭބޭފުޅު އަބޫޠާލިބުގެ އަރިހުގައި ކުރެއްވި ދަތުރުފުޅު ނޫނީ އެތަނަށް އެކަލޭގެފާނުން ދަތުރެއް ނުކުރައްވާކަން ޞައްޙަމަގުން ޘާބިތުވެއެވެ. އަދި ކިއެއްތަ! އެދަތުރުފުޅުވެސް ފުރިހަމަ ނުކުރެވެނީސް އެނބުރި މައްކާއަށް ވަޑައިގެންނެވިކަން ތާރީޚު ހެކިދެއެވެ.

ދެން އެކަލޭގެފާނުގެ ޒުވާން ދުވަސްވަރުގައި ޚަދީޖަތުގެ ފާނުންގެ ވިޔަފާރި މުދަލައިގެން ދަތުރެއް ކުރެއްވި ނަމަވެސް އަދި ބަޞަރާގެ ބާޒާރަށް އެކަލޭގެފާނުން ވަޑައިގެންނެވި ނަމަވެސް، އެއްވެސް ޙާލެއްގައި މަދުޔަނަކަށްވެސް އަދި އެހެން ރަށަކަށްވެސް ގޮސް ތަފާތު ދީންތަކާއި އަޅުވެރިންނާއި ފޮތްތަކަށް ބަޙުޘްކުރައްވައި އެކަންތައްތަކުގެ މައުލޫމާތާއި ޢިލްމު ހޯއްދެވުމަށް އެއްވެސް ގޮތަކަށް ދަތުރުކޮށް މަސައްކަތްކޮށްފައި ނުވާކަން ތާރީޚު ހެކިދެއެވެ. މުޙައްމަދުގެ ފާނުން، އެއްވެސް ތަނަކުން އަދި އެއްވެސް މީހެއްގެ ގާތުން އެއްވެސް ގޮތަކުން ކިޔަވައި ވިދާޅުނުވާކަން މުސްލިމުން ނޫނަސް ޣައިރު މުސްލިމުންގެ ތެރެއިން ވަރަށް ގިނަބަޔަކު ޤަބޫލުކުރެއެވެ.

މައްކާގެ އަހުލުވެރިންގެ ތެރޭގައިވާ އެންމެބޮޑު އަމާނަތްތެރިއަކީ، އެކަލޭގެ ފާނުކަން މުސްލިމުންނާއި ޣައިރު މުސްލިމުން ޤަބޫލުކުރެއެވެ. މާތް ﷲ ވަނީ ހުރިހައި ރިވެތި ސިފަތަކެއް އެކަލޭގެ ފާނުންގެ ކިބައިގައި ޖަމަޢަ ކުރައްވާފައެވެ. އެކަލޭގެފާނުންގެ ޤައުމުގެ މީހުން އެކަލޭގެފާނަށް ކިޔުމަށް ދީފައިވާ ލަޤަބު ކަމަށްވާ "އައްޞާދިޤުލް އަމީން" މިލަޤަބުންވެސް އެކަން އެނގިގެންދެއެވެ. އެންމެ ކުޑަމިނުން އާދައިގެ ކުޑަ ދޮގެއްވެސް އެކަލޭގެފާނުންގެ މުޅިހަޔާތުން ފެނިފައި ނުވާކަން ހުޅަނގުގެ މުސްތަޝްރިޤެއް ކަމަށްވާ "ގިބު" އޭނާގެ ފޮތުގައި ލިޔެފައިވެއެވެ. އެހެންކަމުން މިކަމުންވެސް އެނގިގެންދަނީ، ޤުރުއާނަކީ، މާތް ﷲ އެކަލޭގެ ފާނަށް ބާވައިލެއްވި އެއްޗެއްކަމެވެ.

މުސްތަޝްރިޤުން ޤުރުއާނާމެދު އުފައްދާ ވަހުމަތަކުގެ ތެރޭގައި އަހުލު ކިތާބީންގެ ފޮތްތަކުގައި ހުރި އާޔަތްތަކާއި ކީރިތި ޤުރުއާނުގައި ހުރި އާޔަތް ތަކުގައި ހުރި އެއްގޮތް ކަންތައްތައް ފާހަގަކުރެއެވެ. އަޅުގަނޑުމެން ވަރަށް އާދައިގެ ގޮތެއްގައި ވިސްނާލުމުންވެސް ދެފޮތެއްގައި އެއްގޮތް ކަންތައްތަކެއް ހުރުމަކުން ކޮޕީ ކުރިކަން ސާބިތުވުމަށް އެކަށީގެންވާ ދަލީލެއް ނުލިބެއެވެ. އެއީ ބުއްދީގެ މަގުން އަޅުގަނޑުމެން ވިސްނާލުމުން އެކަން އެއީ ޙަޤީޤަތެއްކަން އެގެއެވެ. އޭގެ ބަދަލުގައި ފަހަރެއްގައި އެދެފޮތުގައިވެސް ހުރި ތަކެއްޗަކީ ތިންވަނަ މަޞްދަރަކުން ލިޔެފައިވާ އެއްޗަކަށްވުމީވެސް އެކަށީގެންވާ ކަމެކެވެ. މިއީ ޙަޤީޤަތުގައި ކީރިތި ޤުރުއާނުން އަޅުގަނޑުމެންނަށް ކަށަވަރުކަމާއެކު އަންގަވާފައިވާ ކަމެކެވެ. އަދި އެންމެހައި ސަމާވީ ފޮތްތައް ބާވައިލެއްވި ޙަޤީޤީ ފަރާތަކީ، އެއްފަރާތެކެވެ. އެއީ ﷲ އެވެ. އެހެންކަމުން ސަމާވީ ފޮތްތަކުގައި އެއްގޮތް ކަމެއްހުރުމާއި އެއްގޮތް ވާހަކަ، އެއް ޙަޤީޤަތެއްގެ މައްޗަށް އެކުލެވޭ އާޔަތްތައް ހުރުމަކީ މައްސަލެއް ނޫނެވެ. އެކަލާނގެ އައްނިސާއު ސޫރަތުގެ 47 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ. [يَا أَيُّهَا الَّذِينَ أُوتُوا الْكِتَابَ آمِنُوا بِمَا نَزَّلْنَا مُصَدِّقًا لِّمَا مَعَكُم مِّن قَبْلِ أَن نَّطْمِسَ وُجُوهًا فَنَرُ‌دَّهَا عَلَىٰ أَدْبَارِ‌هَا أَوْ نَلْعَنَهُمْ كَمَا لَعَنَّا أَصْحَابَ السَّبْتِ ۚ وَكَانَ أَمْرُ‌ اللَّـهِ مَفْعُولًا] މާނައީ: "އޭ ފޮތް ލިބުނު މީހުންނޭވެ! ތިޔަބައިމީހުންނާ އެކުގައިވާ ފޮތް ތެދުކުރާގޮތުގައި، ތިމަންރަސްކަލާނގެ ބާވައިލެއްވި ފޮތަށް (އެބަހީ: قرآن އަށް) ތިޔަބައިމީހުން إيمان ވާށެވެ! (އެއީ) މޫނުތަކެއް ބަދަލުކުރައްވައި، ތިމަންރަސްކަލާނގެ އެ މޫނުތައް ފުރަގަހަށް ރައްދުކުރެއްވުމުގެ ކުރިންނެވެ. (އެބަހީ: އެއުރެންގެ މައްޗަށް عذاب އެއް ފޮނުއްވުމުގެ ކުރިންނެވެ.) ނުވަތަ، ހޮނިހިރުގެ أهل ވެރިންނަށް، ތިމަންރަސްކަލާނގެ لعنة ލެއްވިފަދައިން، އެއުރެންނަށް لعنة ލެއްވުމުގެ ކުރިންނެވެ. اللَّه ގެ أمر ފުޅު އެއީ، ހިނގަނިވިކަމެއް ކަމުގައިވެއެވެ."

ހަމައެފަދައިން ޤުރުއާނާއި އަހުލު ކިތާބީންގެ ފޮތްތަކުގައި ފުށުއަރާ ޙަޤީޤަތްތައްވެސް ކޮންމެވެސް ޢަދަދަކަށް ހުރިކަން ފާހަގަވެގެންދެއެވެ. މީގެ ތެރޭގައި، އާދަމްގެފާނުންގެ ވާހަކައިގައި ޙައްވާގެ ފާނުން ކުށެއް ކުރިކަމަށް އައިސްފައިނުވުމާއި، އާދަމް ގެ ފާނާއި އިބްލީސް ﷲ އަށް އުރެދުނު ކަމާއި، އެކަލާގެއަށް ދުޢާ ދެންނެވުމުން އެކަން ﷲ ޤަބޫލުކުރެއްވެވިކަމާއި، އުޑުން އާދަމްގެ ފާނާއި އިބްލީސް ވައްޓަވައި ލެއްވޭނެކަން ކުރިން ﷲ ލިޔުއްވާ ކަނޑައަޅުއްވާފައިވާކަން ޤުރުއާނުގައި ވީނަމަވެސް ޖެނެސިސްގައި ވަނީ މިއާ ޚިލާފަށެވެ. އިންޖީލުގައި ބަޔާންވެފައިވާ ގޮތާއި ޚިލާފަށް ޤުރުއާނުގައި އަންނަނިވި ތާރީޚީ ކަންކަން ބަޔާން ވެގެން ވެއެވެ.

· ޢާދާއި ޘަމޫދު ބާގައިގެ މީހުންގެ ވާހަކައިގައި އެދެބާގައިގެ މީހުންގެ ނަބިއްޔުން ކަމުގައިވާ ހޫދު އަދި ޞާލިޙް ގެ ފާނުންގެ ވާހަކަ.

· ނޫޙުގެ ފާނުންގެ ޤައުމުގެ މީހުން ޣަރަގު ކުރެއްވުމުގެ ކުރިން އަދި ޚާއްޞަކޮށް އެކަލޭގެފާނުންގެ ދަރިކަލުންނާއިމެދު ހިގާދިޔަ ވާހަކަ (ޤްރުއާން 11: 42-43).

· އިބްރާހީމްގެ ފާނާއި އެކަލޭގެފާނުންގެ ބައްޕާފުޅާއި ދެމެދު ދެކެވުނު ވާހަކަތައް ( ޤްރުއާން 22: 70-102؛ 29: 16-18؛ 37: 83-98؛ 21: 57).

· އިރަމް ކިޔުނު ރަށަށް ކަންތައް ވެގެން ދިޔަގޮތުގެ ވާހަކަ (ޤްރުއާން 89: 7).

· ފިރުޢަނު ޣަރަޤުކުރައްވާ އެކަލޭގެ ފާނުންގެ ހަށިގަނޑު ޢިބްރަތަކަށް ރައްކާތެރި ކުރެއްވުން (ޤުރުއާން 10: 90-92).

· ޢީސާގެ ފާނުން ތުއްޕުޅު އިރު ވާހަކަފުޅު ދެއްކެވުމާއި، އެކަލޭގެ ފާނަށް ދެއްވި މުޢުޖިޒާތެއްގެ ގޮތުން މަށިން ދޫންޖެއް ހަދައި ފުހެލުމުން ﷲ ގެ އިޛުނަފުޅާއެކު އެއަށް ދިރުން ދެއްވުން (ޤްރުއާން 3: 49).

ޤުރުއާނުގައި ވާރިދުވެފައިވާ ވަރަށް ގިނަ ސައިންޓިފިކް ޙަޤީޤަތްތަކަކީ، ހަމައެކަނި 20 ވަނަ ޤަރުނުގައި އަޅުގަނޑުމެންނަށް ކަށަވަރުކުރެވުނު ކަންތައްތަކެކެވެ. ތިރީގައި މިވަނީ އޭގެ ތެރެއިން ބައެއް ކަންތައްތަކެވެ.

· އިރަމް ކިޔުނު ރަށް ނެތިކުރެއްވުމާއި ގުޅުންހުރި ސައިންޓިފިކް ހެކިތައް ފެނުން (ޤުރުއާން 89: 7).

· ކުޅަދުރު ހަތާގައި މަސައްކަތްކުރާ ކުޅަދުރަކީ އަންހެން ކުޅަދުރުކަން (ޤުރުއާން 16: 68).

· ފަރުބަދަތައް ބިމުގައިި ލައްވާފައިވަނީ ކަޑަ ތަކެއްފަދައިން ދުނިޔެ ގުޑުމުން ސަލާމަތްކޮށް ސާބިތުކޮށް ދިނުމަށްކަން (ޤްރުއާން 78: 6-7).

· ދުނިޔޭގައި ބިންވަނީ ކުކުޅު ބިސް ބުރަށްކަން (ޤުރުއާން 7: 54؛ 36: 37؛ 31: 29).

· ދުނިޔެ ފުޅާވަމުން ދާނެކަން (ޤުރުއާން 51: 47).

· "ބިގް ބޭން" ނަޒަރިއްޔާ (ޤުރުއާން 21: 30).

· ކުރިން ދުނިޔެ އޮތީ ދުންގަނޑެއް ގެ ވިލާގަނޑެއް ފަދައިންކަން (ޤުރުއާން 41: 11).

· އިންސާނާ އުފެދުމުގެ މަރުޙަލާތައް ފުރިހަމައަށް ސިފަކުރެވިފައިވާ ގޮތް (ޤުރުއާން 23: 12-14).

ބަޔާންކުރެވުނު އެންމެހައި ޙަޤީޤަތްތަކުގެ މައްޗަށް ރިޢާޔަތްކުރާ ހިނދު އަންނަނިވި ޙަޤީގަތްތައް ހާމަވެއެވެ. މުޙައްމަދުގެ ފާނަކީ، ލިޔަން ކިޔަން ނުދަންނަ މީހެއްކަމާއި، އެކަލޭގެ ފާނުންނަށް ލިބިފައިވާ އިންސާނީ މަތިވެރި މާތް ޚުލްޤު ފުޅުތަކާއި، ޚާއްޞަކޮށް އެކަލޭގެ ފާނަކީ އެޒަމާނުގައި ތެދުވެރިކަމާއި އަމާނަތްތެރިކަމަށް އަރާ ހުންނެވި ބޭފުޅެއްކަމާއި، ޤުރުއާނުގެ މަންހަޖާއި އޭގައިވާ އަދި އަހުލު ކިތާބީންގެ ފޮތްތަކުގައި ނުވާ ޙަޤީޤަތްތަކާއި، އެއްގޮތް ކަންތައްތަކާއި، ފުށުއަރާ ކަންތައްތަކާއި އަދި ވަކީން ޚާއްޞަކޮށް ދާދި އިހަކަށް ދުވަހަކު ނޫނީ ނުވަތަ 20 ވަނަ ޤަރުނުގައި ނޫނީ އަޅުގަނޑުމެންނަށް ނޭގި ހުރި ސައިންޓިފިކް ޙަޤީޤަތްތައް ހުރިކަން އަޅުގަނޑުމެންނަށް އެނގިގެން ހިގައްޖެއެވެ. އެހެންކަމުން ޤުުރުއާނަކީ، މުޙައްމަދުގެ ފާނުން ގެންނެވި ނުވަތަ ހެއްދެވި ފޮތަކަށް ވުމުގެ ފުރުޞަތެއް އޮތްކަމަށް ބުއްދި ޤަބޫލު ނުކުރެވޭ ވަރަށް ގިނަ ޙަޤީޤަތްތައް ހާމަވެއްޖެއެވެ. އޮފޮތަކީ، ޢަރަބިންގެ ތެރެއިން އެހެން ޝާއިރަކު ނުވަތަ ކާހިނަކަށް ނުވަތަ އަހުލު ކިތާބީންގެ ޢިލްމުވެރިއަކަށް އެކުލަވާލެވިދާނެ އެއްޗެއްކަމަށް ޤަބޫލު ކުރެވިދާނެ އެއްވެސް ފުރުޞަތެއް ނެތެވެ. ކުރިން ހުށަހެޅުނު ނުގުތާތަކުން އެކަން ސާބިތު ވެއެވެ.

ޤުރުއާން ފަދަ ފޮތެއް ކިއެއްތަ! 10 ސޫތަރް، ކިއެއްތަ! އެންމެ ސޫރަތެއް ނުވަތަ އާޔަތެއްވެސް އިންސީންނާއި ޖިންނީންނަށް ނުގެނެވޭނެކަން ކަނޑައަޅާ އެކަމަށް ޗެލެންޖް ކޮށްފައިވާ ފަރާތް ނޫން ދެވަނަ ފަރާތަކުން އައި އެއްޗަކަށް ކީރިތި ޤުރުއާން ވުމުގެ ފުރުޞަތު ނަޤުލީ، ޢަޤުލީ އަދި ސައިންސާއި މާއްދީ ދަލީލް ތަކުންވެސް ޤަބޫލުކުރުމުގެ ކުޑަ މިންވަރެއްގެ ފުރުޞަތެއް ނެތްކަން އަޅުގަނޑުމެންނަށް ހާމަވެ ކަށަވަރުވެގެން ދިޔައީއެވެ. އެކަން ވަރަށް ރަގަނޅަށް ސާފެވެ. ޤުރުއާނާމެދު އުފައްދާ ޝައްކާއި ވަހުމަކީ ބާޠިލް ޝައްކު ތަކެއްކަން ހަމަޔަޤީނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް