"ބިސްމިﷲ ކިޔާފައި ކޮޓަރީގެ ނުވަތަ ގޭގެ ދޮރު ލައްޕަވާ. އޭރުން އެ ދޮރު ޝައިތާނާއަކަށް ނުހުޅޭވޭނެ...( ބުޚާރީ އަދި މުސްލިމް)

***

ބައްޕާ..ކޮންމެހެންވެސް ބައްޕަ ނާސްތާކޮށްލަން ޖެހޭނެ. ކޮންމެވެސް އެއްޗެއް ކާންވާނެ..." ނޯރާ މަހުމޫދު އިން ކޮޓަރިއަށްވަނީ ނޯރާ އަމިއްލައަށް ކެއްކި ކާއެއްޗެހި އަތުރާފައި ހުރި ތަބައް ހިފައިގެންނެވެ. އެއީ ބައްޕަ އެންމެ ގަޔާވާގޮތަށް ހަދާފައި ހުރި ޕޮރިޖަކާއި ބިސްގަނޑެކެވެ. ބައްޕަ އެންމެ ލޯބިކުރާ ނާސްތާއެވެ.

"ނޯރާ...." މަހުމޫދު އަޑުކޮޅަށް ގޮވައިލިއެވެ. ބައްޕަގެ ހަނދާނަށް އޭނަ އައީއެވެ. އެހާ ދުވަސްކޮށްފައި ބައްޕަ އޭނަގެ ނަމުން ގޮވައިލުމުން ނޯރާގެ ލޯ ކަރުނުން ފުރެން ހިނދުކޮޅެއްވެސް ނުނެގިއެވެ.

"ބައްޕަ އަޅުގަނޑު މަތިން ހަނދާންވެއްޖެ. ނާޔަލް؟" ނޯރާ ބައްޕަގެ ގާތު އިށީދެފައި ވައިޓަލްސް އެއްޗެހި ބަލަންފެށިއެވެ.

"ތިއީ ހަމަ ނޯރާތަ؟ އިސްހާގު ކިޔާ މީހަކު ބުނި ނޯރާ ކިޔާ ކުއްޖެއް އަންނާނެއޭ. ތިއީ ހަމަ އަހަރެންގެ ދަރިފުޅުތަ؟" މަހުމޫދުގެ ލޮލުން ކަންބޮޑުވުމުގެ ކުލަވަރު ފެނުނެވެ. ނޯރާއަށް ނަޒަރު ހުއްޓާލައިގެން އިންދާ ނޯރާގެ ކޯތާފަތަށް އެޅުނު އަޑިކޮޅާއެކު އަންހެނުން ނަމްރާގެ މަތިން ހަނދާންވެ އޭނައަށް ބޭނުންވާ ޔަގީންކަން ލިބުނެވެ.

"ތިއީ ހަމަ ނޯރާ" މަހުމޫދު ނޯރާގެ އަތްތިލަ އޭނަގެ އަތުތެރެއަށް ލިއެވެ.

"ލައްބަ ބައްޕާ. މިއީ އަޅުގަނޑު. މިއީ ނޯރާ.." ބައްޕަގެ އެ ދެނެފަރިތަވެފައިވާ ހޫނު އަތުގެ ހިމާޔަތް ލިބުމުން ކުޑައިރު ފަދައިން ރައްކާތެރިކަން އިހުސާސްކުރެވުނެވެ. ބައްޕަ ގެއްލިފައި ހީނުކުރާފަދަ ގޮތަކަށް އޭނައަށް ލިބުނީއެވެ.

"މިތާ ކީއްކުރަނީ؟ މިއީ ކާކުގެ ގެއެއްތަ؟ ބައްޕަމެން މިގޭގައި މިތިބީ ކީއްވެތަ؟" މަހުމޫދުގެ އެތައް ސުވާލުތަކެއް ނޯރާއާއި އަމާޒުވިއެވެ. ހީވާގޮތުން މަހުމޫދުގެ ހަނދާންތައް އަނބުރާ އަންނަންފެށީއެވެ. އެކަމަކުވެސް އަދިވެސް ހުރެވުނީ އޮޅުމެއްގެ ތެރޭގައެވެ. ވިންޓަރފެލްގެ ވަޒީފާ ދޫކޮށްލި ހަދާނެއް ނެތްތާ އޭނަ ހީކުރީ ނާޔަލްވެސް ލަންޑަނުގައި ތައުލީމު ހާސިލުރަން ހުރިކަމަށެވެ. އެންމެ ފަހު އަހަރުތަކުގެ ހަނދާންތައް އަދިވެސް އޭނައާއި ވަކިވެފައެވެ. އެކަމަކު އެންމެފަހުން ބައްޕައަށް އޭނައަކީ ކާކުކަން އޮޅުންފިލައިފިއެވެ.

"ދަރިފުޅު ހާދަ ބޮޑުވެއްޖެއޭ. ކިހިނެއް މިވީ؟"

ނޯރާ ތަފްސީލުކޮށް ކިޔާދޭން ޖެހުނު ކިތަންމެ އެއްޗެއްވިއެވެ. އެކަމަކު ނޯރާ ގަސްތުގައި ނުބުނެ ދޫކޮށްލީ ވިންޓަރފެލްގެ ބަޔާއި އެގޭގެ ޓެކްސީ ދުއްވުމުގެ ވަޒީފާ ދޫކޮށްލި ވާހަކައެވެ. ނޯރާ ބުނީ އެފަހުން ތޭރަ އަހަރުވެއްޖެ ކަމަށާއި ބައްޕަ އެހެން ގައުމެއްގައި ގެއްލިފައި ހުއްޓާ ކައިލް ނަމަކަށް ކިޔާ ޒުވާނަކު ބައްޕަ ސަލާމަތްކޮށްދީގެން އެނބުރި ގައުމަށް ގެނައި ކަމަށެވެ. އަދި މަހުމޫދުއަށް ފުރިހަމަ ސިއްހަތެއް ލިބެންދެން ހުރި ގެއަކީ އެ ޒުވާނާގެ ގެ ކަމުގައެވެ. މަހުމޫދު އަމިއްލައަށްވެސް އޭނަގެ ހަނދާންތައް ވަކިވެގެން ދިޔަކަން ނަގައިގަނެވުނެވެ.

"ނޯރާ ބައްޕަގެ ހާލު މުޅިން ރަގަޅު. ގެއަށް ދަމާ ހިނގާ." އެތައް އަހަރެއްވާންދެން އެންމެ ލަފުޒެއްވެސް ދުލުން ބޭރުނުކޮށް ހުރުމުން އަޑު ކުރަކިވެ ކިރިޔާ ވާހަކަދެއްކޭވަރުވަނީއެވެ." ނަމްރާ.......ބައްޕަގެ އިންތިޒާރުގައި ހުންނާނެ. ކީކޭ މަންމަ ގާތު ބުނާނީ؟ ހަމަ މިހާރު ގެއަށް ދާން ޖެހޭ..."

"ބައްޕާ. ބައްޕާ. ލުކް އެޓް މީ.." ނޯރާ ބައްޕައާއި ހަތަރުކަޅި ހަމަކޮށްލިހިނދު މަންމަގެ ނަން އިވި އޭނަގެ ހިތަށްވެސް ފުން އަސަރުތަކެއްކުރުވައިފިއެވެ. ބައްޕަގެ ހަނދާނުން އެތައް ކަމެއް ފޮހެވިގެން ހިނގައްޖެއެވެ. ހުރިހާ ކަމެއް ހަނދާންވުމުން އަދި ދެވަނަފަހަރަށް އެތައް ތަދެއް އިހުސާސްވާނެއެވެ.

"މުޅިން ރަގަޅުވީމަ ގެއަށް ދާނީ. ލުކް ބައްޕަގެ ދަރިފުޅަކީ މިހާރު ޑޮކްޓަރެއް. މި އަރާމު ކޮޓަރީގައި ބައްޕަގެ ފަރުވާ ކުރިއަށް ދާނީ. އަދި ބައްޕަގެ ހަނދާން އަނބުރާ އައީމަ ވަގުތުން ގެއަށް ދާނީ އޯކޭ؟" ނޯރާ އޭނަގެ ބައްޕަގެ ހިތް ހަމަޖައްސައިދޭން މަސައްކަތްކުރިއެވެ. އޭނަ ބައްޕަ މަސަލަސްކުރުމުގައި ކާމިޔާބު ހޯދާ ކާންވެސް ދިނެވެ.

"ނޯރާ. މިއީ ކާކުގެ ގެއެއްތަ؟ އެނގޭތަ؟" އެއީ ޒުވާނެއް..އޭނަ ދެކުނިންތަ" މަހުމޫދު ތަންކޮޅެއް އަޑުމަޑުކޮށްލާފައި ދޮރާއި ދިމާލަށް ލޯ ހިންގައިލިއެވެ.

"އެއީ ރަގަޅު އިންސާނެއް. އިތުބާރުކުރޭ . ބައްޕަގެ ފަރުވާ ނިމެންދެން މިގޭގައި ހުރުމުގެ ފުރުސަތު ދޭނެ.."

"ބައްޕަ އެންމެ ފަހަށް ކުރި ކަންތައް ހަނދާން އެބަހުރިތަ؟" ނޯރާ ސުވާލުކޮށްލިއެވެ.

"މީ؟ ބައްޕަ.....ބައްޕަ ހަނދާނެއްނެތް. ނޯރާ ތިއީ ހަމަ ދަރިފުޅުތަ؟ ކޮންއިރަކު ހިޖާބު އެޅީ؟ ވަރަށް ރީތި....ހަމަ މަންމަފަދައިން..."

ނޯރާ އެސްފިޔަ ޖަހައިލިއިރު ލޯ ކަރުނުން ފުރުނެވެ. އޭނަ ހިނިތުންވެލިއެވެ. ބައްޕަ އަދިވެސް މުޅިން ހޭވެރިކަން ނުވާހިނދުގައިވެސް ތޭރަ އަހަރަށްފަހުންވެސް އޭނަ ދެނެގެންފިއެވެ.

"ކޮބާ ނާޔަލް؟ އޭނަ އަންނާނެތަ؟ ކޮންތާކު އެ ދަރިފުޅުވީ؟" މަހުމޫދު އޮށޯންނަމުން ތުން ތަޅުވައިލިއެވެ. އަނެއްކާވެސް ބޮލުގެ ރިހުން ގަދަވެއްޖެއެވެ.

"ބައްޕާ.އަޅުގަނޑު ނާޔަލް ގާތު އަންނަން ބުނާނަން. މިހާރު ބައްޕަ އަރާމުކޮށްލާ....ބައްޕަ ހޭލެވެންވާއިރަށް ނާޔަލް އަންނާނެ އިންޝާﷲ. ކޮންމެހެންވެސް ނާޔަލް ދެނެގަންނައްޗޭ ނޫނީ ވަރަށް ދެރަވާނެ..." ނޯރާ މަހުމޫދުގެ ލޮލުގައި ހުރި އައިނު ނަގާފައި މޭޒުމަތީގައި ބޭއްވިއެވެ. ނޯރާ ބައްޕަގެ އަތަށް އައިވީ ގުޅާލުމަށްފަހު ބަލައިލިއިރު ބައްޕައަށް ނިދިއްޖެއެވެ. އިރުގަނޑެއްވާންދެން އެމޫނަށް ބަލަން އިނދެވުނެވެ. މޫނުމަތީގައި ހުރި ރޮގުތަކުން އުފާވެރި ދިރިއުޅުމެއްގެ ވާހަކަ ކިޔައިދެއެވެ. އަދި ލޮލުގެ ކަނުގައި ހުރި ރޮގުތައް ބުނެދެނީ ހުނުމެވެ. އަދި ކޯތާފަތުގައި ހުރި ފުން ރޫތައް ހިނިތުންވުން ހަދިޔާކޮށްދޭކަން އަންގައިދެއެވެ. މިއީ ގާތިލެއްގެ މޫނެއް ނޫނެވެ. މި އިންސާނާ މީހަކު ގަތުލުކޮށްލާނެ ގޮތެއް ނެތެވެ. މިއީ އޭނަގެ ބައްޕައެވެ. އެންމެ އަޅާލާ އެންމެ ލޯބިވެތި އެންމެންވެސް އެންމެ އެދޭނެފަދަ އިންސާނެކެވެ. އަބަދުވެސް ހުރިހާކަމަކަށްވުރެ އާއިލާއަށް އިސްކަންދީ މަންމައާއި ނޯރާ އަދި ބޭބެގެ އުފަލަށްޓަކާ ނުކުރާކަށް ކަމެއްނެތެވެ. އެއީ ހިތްތިރި ޑްރައިވަރެކެވެ.

ނޯރާގެ ފޯނު ރިންގުވާން ފެށުމުން އޭނަ ފޯނު ކަންފަތުގައި ޖަހައިގެން ނުކުމެ މަޑުމަޑުން ދޮރު ލައްޕާލައިފިއެވެ."ނާޔަލް. ބައްޕަ އަހަރެމެންގެ މަތިން ހަނދާންވެއްޖެ.." ނޯރާއަށް އުފާވެރިކަން އަޑުން ފޮރުވުމުގައި ކާމިޔާބެއްނުވިއެވެ." ވަރަށް ގިނަ ކަންތައްތައް ހަނދާން ނެތަސް ބައްޕައަށް އަހަރެމެން އެނގިއްޖެ."

"އަލްހަމްދުލިﷲ." ނާޔަލްއަށް ބުނެވުނީ އެވަރަށެވެ.

"ޝިފްޓް ނިމުނީމަ އަވަހަށް އަންނައްޗޭ..." ނޯރާއަށް ފޯނުގައި ހުރެ އެ ދިގު ހޯލުގެ އެންމެ ކޮޅާއި ހަމަޔަށް ދެވުނެވެ. އޭނަ މަޑުމަޑުން އެ ރަންކުލައިގެ ދޮރުތައް ހުޅުވާލުމުން ނިކުމެވުނީ އެންމެ ރީތި ހިތްގައިމު ބެލްކަންޏަށެވެ. ތަނަވަސްވެފައި މަޑު ގޮދަޑި ޖެހި ގޮނޑިތަކާއި މޭޒެއް ބަހައްޓާފައިވާއިރު މުށިތަކުގައި ފޮޅިފައިވާ މާތަކެވެ. ފިނި މޫސުމްގައި އެފަދައިން މާ އަޅާ ގަސްތައް ބަލަހައްޓަން އެނގޭ އިލްމު ހުރި މީހަކު އެހެރީ މަރުނުވާފަދަ މާގަސްތައް އިންދާފައެވެ. އާޝޯޚުވެފައި ހުރެވުނީ ނަށަމުން އައި ސްނޯގެ އެތިކޮޅުތައް އޮރެންޖް ވިންޓަބެރީ މައްޗަށް ފައިބާ ކުދި ފަރުބަދައެއްހެން ހަދާލާތަން ފެނިފައެވެ. އެގަހުގެ ހުރިހާވެސް ކަމަކީ އެ ބެރީސްތަކެވެ. ދުންފިނި ވަށައިގެން އެނބުރެމުން ދިޔައީ އޭގެ ޒާތުގައި ޖާދުވީ ޝޯއެއް ދައްކަމުންނެވެ. މާބޮޑަށް ފިނިވާން ފެށުމުން އޭނައަށް އަތް އުނގުޅައިލެވުނެވެ. އަދި ކުޑަކޮށް ހޫނުވި އަތްތިލަ މޫނުގައި ޖައްސާލައިފިއެވެ.

"ނޯރާ...." ނޯރާއަށް ފިޔަވަޅުގެ އަޑުވެސް ނީވުނެވެ. އޭނަގެ ނަމުން ގޮވައިލުމުގެ ކުރިން ހުރިކަމެއްވެސް ނޭގުނެވެ. ނޯރާ ކުއްލިއަކަށް އެނބުރުނުއިރުވެސް ހުރީ ކޯތާފަތުގައި އަތްޖައްސައިލިގޮތަށެވެ. ކުށްވެރި އިހުސާސަކާއެކު އޭނަ ލޯބޮޑުކޮށްލިއެވެ. ކައިލް ގެއަށް އައިކަމެއް އޭނަ ނުދެނެހުއްޓެވެ.

"އަހަރެން ކޮންމެހެން މިތަނަށް އަންނާކަށް ނޫން ދޮރު ހުޅުވާކަށްވެސް ނޫން. އަހަރެން....." ނޯރާ ތަފްސީލަށް ދިޔުމުގެ ކުރިން ކައިލް މެދު ކަނޑައިލިއެވެ." ހިނގާލުން މަނަލެއްނޫން....."

ނޯރާއަށް އިހުސާސްވި ނުތަނަވަސްކަމާއިއެކު ކުޑަކޮށް ޖެހިލުންވެސް ވާގޮތްވިއެވެ. އިއްޔެއަށްވުރެ ބޮޑަށެވެ. އޭނަ ހުރީ ދިގު ކަޅުކުލައިގެ ކޯޓަކާއި ކަޅު ވެއިސްޓް ކޯޓެއްގައެވެ. އެތެރެއިން ލާފައި ހުރި ހުދު ގަމީހުގެ ތަންކޮޅެއް ކިރިޔާ ކަޅުކަމުގެ ތެރެއިން ފެންނަކަމެވެ. ކަޅު އިސްތަށިގަނޑު މައްޗަށް އޮމާންކޮށްފައި ކަޅު އަންގި އަރުވައިގެން ހުރިއިރު މުޅިންހެން ކަޅުއެއްޗެހީގައެވެ. މިއީ ނޯރާއަށް އާ ކައިލްއެކެވެ. މަޝްހޫރުކަމާއި މުއްސަދިކަން ހޯދި ނޯރާއާއި ބީރައްޓެހި ކައިލްއެވެ.

"މަހުމޫދު ކިހިނެއްތަ؟" ކައިލް ހުއްޓުނީ ބެލްކަނީގެ ރެއިލިންގަ އަތް އަޅުވާލައިގެންނެވެ. ނޯރާއާއި ފުދޭވަރަށްވުރެވެސް ބޮޑަށް ދުރުމިން ބަހައްޓައިގެންނެވެ.

"ބައްޕަ މީހުންގެ މަތިން ހަނދާން ވޭ. އެކަމަކު ބައެއް އިވެންޓްތައް ހަނދާނެއްނެތް. ބައްޕައާއި ދިމާވި ހާދިސާތައް އެ މެންޓަލް އެސައިލަމްގައި ހައްޔަރުވިގޮތް. އެފަދަ ކަންތައް ހަނދާނުން ފޮހެވިއްޖެ. އެއީ ޑިސްއޯސިއެޓިވް އެމްނީޒިއާގެ ވައްތަރެއް. އެއީ ކޮންމެވެސް އެއްޗަކުން ހަނދާނުގެ ބައި ދަށްކޮށްލާފައި. ނުބައި ބޭހެއްގެ ސަބަބުން އިތުރަށް ގޯސް އެވީ. އެކަމަކު އަލްހަމްދުލިﷲ. ބައްޕައަށް ޝިފާ ލިބެމުންދާލެއް އަވަސް..." ވެހެމުން ދާ ސްނޯތަކަށް ނަޒަރު ދޫކޮށްލައިގެން ހުރެ ނޯރާ ތަފްސީލު ކިޔައިދިނެވެ.

"ހުރިހާކަމެއް ފުރިހަމައަށް ދަންޏާ ރަގަޅު..." އެވަގުތު ކައިލްގެ ލޮލުގައި ވިދުމެއް އަޅައިގަތީ އެންމެ ކުޑަ ކުޑަ ޖަވާހިރެއްގެ ދަޅައިންނެވެ. ބެލްކަނީގެ ރެއިލިންމަތީ ލުއިކޮށް ބާއްވާލާފައި އޮތް ނޯރާގެ އަތުގެ އިނގިލީގައި އޮތް އޭނަގެ މާމަގެ އަނގޮޓިންނެވެ. ނޯރާގެ ވަޒީފާގެ ގޮތުންނާއި ލިބޭ މުސާރައަށް ބަލާއިރު އެއަށްވުރެ މާ އަގުހުރި އަނގޮޓިއެއް ހޯދިދާނެއެވެ. މާމަގެ އަނގޮޓިއަކީ އެހާ އަގުހުރި މުދަލެއްނޫނެވެ. އާދައިގެ ސާދާ އެކަމަކު މާމައަށް ވަރަށް ޚާއްސަ އަނގޮޓިއެކެވެ. އެވަރުގެ އެއްޗެއް ނޯރާއަށް ދޫކޮށްލުމުން ޒާފިރާގެ ހިތުގައި ނޯރާއަށް އޮތް އިހުސާސްތައް ބުނެދިނެވެ.

"އަނގޮޓި ވަރަށް ގުޅޭ....." ކައިލްގެ ފަރާތުން އެފަދަ ބަސްތަކަކަށް އުއްމީދުނުކުރާ ނޯރާއަށް ކައިލްގެ މޫނަށް ބަލައިލެވުނެވެ.

"މާމަ މަތިން ވަރަށް ހަނދާންވޭ. މިހެން ބުނީމަ ވަރަށް ވިއާޑް އެކަމަކު މި އަނގޮޓި އެޅީމަ ހީވަނީ ހަމަ ކޮންމެ ވަގުތެއްގައިވެސް ކުރިމަތިން ފެނިދާނެހެން. ޔޫ ނޯ ލައިކް ޝީޒް ނޮޓް ކޮމްޕްލީޓްލީ ގޯން....."ނޯރާއަށްވެސް ނަޒަރު ހުއްޓައިލެވުނީ އިނގިއްޔަށެވެ. ކުއްލިއަކަށް ވިސްނުނު އެއްޗަކުން އޭނަ އަނެއްކާވެސް ކައިލްއާއި ދިމާލަށް ބަލައިލިއެވެ.

"ކައިލްއަށް ކަމުނުދިޔައީތަ؟ އައިމް ސޮރީ ކައިލްގެ ކުރިމަތީގައި މި އަޅައިގެން ހުރެވުނީމަ. އަހަރެން ނަގާފާނަން..." ނޯރާ އަނގޮޓީގައި އިނގިލި ޖައްސައިލިއެވެ.

"ތި އަނގޮޓި އެޅިޔަނުދޭން މަގޭ އެއްޗެއް ނޫން. މާމަ ބޭނުންވީ ތި ނޯރާއަށް ދޭން. ނޯރާ އަޅައިގެން ހުންނަތަން ދެކެން މާމަ ލޯބިކުރާނެކަން ޔަގީން." ކައިލްގެ ޖަވާބުން ނޯރާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ.

"ތިވަރަށް ކަޅުކުލަ ލަނީ ކީއްވެތަ؟" ކައިލްގެ އަތަށް އަރުވާފައި ހުރި ކަޅު އަންގިއަށް ބަލައިލަމުން ސުވާލުކުރިއެވެ. ނޯރާ ލައިގެން ހުރި ބީޖްކުލައިގެ ދޫ ގަމީހަކާއި ބުރުގާ އެ ކަޅުކުލައާއި ދިމާ އިދިކޮޅެވެ. ކައިލް ހިނިތުންވެލީ ނޯރާ އެހެން ހުރެފައި މުޅިން އެހެން ސުވާލެއްކޮށްލާގޮތުންނެވެ. އެ ސަތާރަ އަހަރުގެ ނޯރާއެކޭ ތަފާތެއްނެތެވެ. މާގިނައިރުވަންދެން އަނގަ ހިމޭނުން ލައިގެން ހުންނަން އެކުއްޖާއަށްވެސް އުދަގުލެވެ. އެއީ ކައިލްއަށް މާރަގަޅަށްވެސް އެނގޭ ނޯރާގެ ސިފައެކެވެ.

"ކަޅުކުލައިގާ އޮތީ ކޮން ނުބައިކަމެއްތަ؟"

"އެނގެއެއްނު. އެ ކުލަ ރަމްޒުކޮށްދެނީ އަނދިރިކަން. ވާތައް......." ނޯރާ އިނގިލި ގުނަމުން ދިޔައެވެ." ކައިލްގެ ބުޅާ......"

ފަހު ދެ ލަފުޒު ކިޔަން އުޅެފައިވެސް އޭނަ ބުނެލީ ކައިލްގެ ބުޅަލުގެ ބަދަލުގައި ކާޅެވެ.

"އާދަމް އަލައިހިއްސަލާމް ގެ ޒަމާނުގައި ގާބިލް އޭނަގެ ކޮއްކޮ ގަތުލުކޮށްލި. އަދި އޭނަގެ ކޮއްކޮގެ ފުރާނަނެތް މަސްގަނޑު ވަޅުލާނެގޮތް ދަސްކޮށްދިނީ ކާޅު. ކާޅު ގެ ވަކިތަކުން ބިންގަނޑު ކޮނެލުމަށްފަހު މަރުވެފައި އޮތް ކާޅެއް ގެންގޮސް ވަޅަށްލި. ގާބިލްވެސް އެކަން ނަކަލުކޮށްގެން ކާޅުފަދައިން އޭނަގެ ކޮއްކޮ ވަޅުލުމަށްފަހު އެކަމާއި ހިތާމަކުރި. މިއަދާއި ހަމަޔަށްވެސް މުސްލިމުން އެމީހުންގެ މަރުވެފައިވާ ހަށިތައް އެގޮތުގައި ވަޅުލާ......"

"ކީރިތި ޤުރުއާނުގެ އަލް މާއިދާ ސޫރަތުގެ ތިރީސް އަދި ތިރީސް އެއްވަނަ އާޔަތުގައި މާތް ﷲ ވަހީ ކުރައްވަނީ" فَطَوَّعَتْ لَهُۥ نَفْسُهُۥ قَتْلَ أَخِيهِ فَقَتَلَهُۥ فَأَصْبَحَ مِنَ ٱلْخَسِرِينَ.فَبَعَثَ ٱللَّهُ غُرَابًۭا يَبْحَثُ فِى ٱلْأَرْضِ لِيُرِيَهُۥ كَيْفَ يُوَرِى سَوْءَةَ أَخِيهِ ۚ قَالَ يَوَيْلَتَىٰٓ أَعَجَزْتُ أَنْ أَكُونَ مِثْلَ هَذَا ٱلْغُرَابِ فَأُوَرِىَ سَوْءَةَ أَخِى ۖ فَأَصْبَحَ مِنَ ٱلنَّدِمِينَ މާނައަކީ ދެން އޭނަގެ އަޚާ ގަތުލުކުރުމަށް އޭނަގެ ނަފުސް އޭނައަށް ހިތްވަރު ދީ އެކަން ޒީނަތްތެރިކޮށް އޭނައަށް ދެއްކިއެވެ. ދެން އޭނަ އޭނަގެ އަޚާ ގަތުލު ކުޅައެވެ. ދެން އެއަށްފަހު ގެއްލެނިވެގެންވާ މީހުންގެ ތެރޭ އޭނަ ވެއްޖެއެވެ. ދެން އޭނަގެ އަޚާގެ ފުރާނަނެތް މަސްގަނޑު ނިވާކުރާނީ ކޮންފަދައަކުން ކަން އޭނައަށް ދެއްކެވުމަށްޓަކާ މި ބިމުގައި ކޮންނާނެ ކާޅެއް މާތް ﷲ ފޮނުއްވިއެވެ. ދެން އޭނަ ބުންޏެވެ." އޭ ހުރި ހިތާމައަކާއި ލަދެއްގެ ބޮޑުކަމާއެވެ. މި ކާޅު ފަދައިން ތިމަންގެ އަޚާގެ މަސްގަނޑު ނިވާކުޅައުމަށް ނުކުޅެދިގެންވީހޭ؟ ދެން ހިތާމަ ކުރާ މީހުންގެ ތެރެއިން އޭނަ ވިއެވެ."

"އެހެންވިއްޔާ ކަޅުކުލައަށް އެހެން ނަޒަރަކުން ބަލަމާ. ދުވަހެއް ފެށުމުގެ ކުރިން ކިހާ އަނދިރި. މެލަޓޯނިން އުފައްދަނީ އެ ކަޅު އަނދިރީގެ ތެރޭ އަދި އެކަމާއި ގުޅިފައިވާ ސިއްހީ ކަންތައް ނޯރާއަށް ބޮޑަށް އެނގޭނީވެސް....." ކައިލް ނޯރާއަށް ނަޒަރު ހުއްޓައިލުމަށްފަހު ވާހަކަ މިދެކެވެނީ ކޮންފަދަ ހެއްވާ މައުޟޫއަކަށްކަން ދެނެގަނެވުނެވެ. ނޯރާއަށްވެސް ކައިލްގެ ކަންފަތް ރަތްވެގެން ދިޔަތަން ފެނުނެވެ. ކައިލް މިގޮތަށް އޭނައާއި ހަމަޖެހިލައިގެން ވާހަކަދައްކަން ރާވައިގެން ނެތީބާވައޭވެސް ނޯރާގެ ހިތަށް އެރިއެވެ. އޭނަ ކަހަލަ މީހަކާއި ގުޅުން ބޭއްވުނުކަމީ މޮޔަކަމެއްގެ ގޮތުގައި ކައިލް ދެކޭނެހެއްޔެވެ؟

"ޔަގީންކޮށް މި ލިޓެރަލްކޮށް ނުނަގަން ދޯ. އަނދިރިކަމާއި އަލިކަން ދީނީ ކޮންޓެކްސްޓް އަކުން ކަޅާއި ހުދުގެ ގޮތުގައި. ޒާތީކަމެއް އެކުލައާއިމެދު ނެތިއްޔާ އެކުލަދެކެ އެހާ ރުޅިއަންނަވީ ކީއްވެތަ؟" ކައިލް ވާހަކަދެއްކިއިރު ނޯރާގެ ނަޒަރު ހުއްޓިފައިވީ ކައިލްގެ އަތްތިލަ ފޮރުވާފައިވި ކަޅު އަންގިއަށެވެ. އޭނައަށް އެ އަތެއްގައި ހިފައިލުމުގެ ފުރުސަތު ދުވަހަކު ނުލިބޭނެ އަތެކެވެ. އޭނަ ވެއްޓެން ދިޔަ ފަހަރުތަކުގައިވެސް ސަލާމަތްކުރަން އުފުލައި ނުލި ދެ އަތެވެ. ނޯރާގެ ނަޒަރު ދެން ދަތުރުކުރީ ލޮލުގައިވި ކަޅުކަންގަދަ އެސްފިޔަތަކަށެވެ. އަދި ބުމައާއި ވައިގެ މެހުމާންދާރީކަމުގައި މޫނަށް ފައިބާފައިވާ އިސްތަށިތަކަށެވެ.

"އަހަރެން ކަޅުކުލަދެކެ ނުރުހުމެއްނުވޭ. ހަގީގަތުގައި އެކުލައާއި ގަޔާވޭ. އިޓްސް އެލެގަންޓް. އަދި ވަރަށް ރީތި..." ނޯރާ އެހެން ބުނެފައި ކުއްލިއަކަށް މާ ދުރަށް ބަލަންފެށިއިރު އޭނަގެ މޫނަށް ރަތްކުލަ ފާއްދާލައިފިއެވެ. ކޯންޗެއް ރީތި ވާހަކަހެއްޔެވެ؟ އޭނަ ކިޔަމުން އެދިޔައީ ކީކޭހެއްޔެވެ؟

"އަދިވެސް އިބުރަތެއް ނުލިބޭ ދޯ."ކައިލްގެ އަޑު މަޑެވެ. އޭނަ ނަޒަރު ހުއްޓާލައިގެން ހުރީ ދުރުދުރުން ފުސްކޮށް ފެންނަމުންދާ ފަރުބަދަތަކުގެ ކުރިއަށެވެ. ވަޔާއިއެކު ހަރަކާތްކުރަމުން ދިޔަ ސްނޯފުކެއް މަޑުމަޑުން އައިސް ތިިރިކޮށްލީ ކައިލްގެ ކަޅު އިސްތަށިގަނޑަށެވެ. ނޯރާ އެ މަންޒަރު ބަލަން ހުއްޓެވެ.

"ތިބުނީ ކީކޭ؟" ކައިލް ބުނި އެއްޗެއްގެ މާނައެއް ނޯރާއަށް ދޭހައެއްނުވިއެވެ.

"އެރޭ މަތިން ހަނދާން އެބަހުރިތަ؟ އެރޭ ކުޑަކުއްޖެއްހެން ސްނޯތެރޭ ދުވެދުވެފައި ޖެހިގެން އައި ދުވަހު އަރިދަފުސްރޯގާ ޖެހުނީ." ކައިލް ޖުމްލަ ނިންމައިލަމުން ނޯރާއަށް ބަލައިލިއެވެ. ފިނި މޫސުމްގެ އެރޭ ފުރަތަމަ ފަހަރަށް ސްނޯ ފޭބިއިރެވެ. މަގަށް އެޅިފައިވި ރީދޫ އައްޔެވެ. ވައިގެ ގޯނާ ކުރަމުން ދިޔަ ނޯރާގެ އިސްތަށިގަނޑެވެ. ނޯރާގެ މޮޔަ ނެށުމެވެ. އެދެމީހުންގެ ސްނޯބޯޅައިން ތެޅުމެވެ. ފުރަތަމަ ފަހަރަށް ކައިލް އޭނައާއި ހިނިތުންވުމެވެ. އެހުރިހާ އެއްޗެއް ކުރު ފިލްމެއްހެން ނޯރާގެ ސިކުނޑީގައި ހިނގައިލިއެވެ. އޭނަ ހަނދާން ނެތޭނީ ކިހިނެއްހެއްޔެވެ؟ އެރޭ ފަދައިން މިފަހަރުވެސް އެނބުރިލާފައި ދާން ހިނގައިގަތީ ކައިލްއެވެ.

"ކައިލް...." ނޯރާއަށް އަށް ގޮވާލެވުނެވެ. އެއާއެކު ވިސްނުނީ އޭނަ ކައިލްގެ ކުރިމަތީގައި އެގޮތަށް އެނަމުން ގޮވައިލެވުނީ އެތައް ޒަމާނަކަށްފަހުގައި ކަމެވެ.

"ހޫމް؟" ދޮރުގެ ރަންކުލައިގެ ފްރޭމްގައި އެއް އަތް ޖައްސާލުމާއެކު ފިޔަވަޅުތައް ހުއްޓި އެނބުރި ބަލައިލެވުނެވެ.

"އަސްލުކޮށްވެސް އާވާއާއި ކައިވެނިކުރަނީތަ؟ ކީއްވެތަ؟" ނޯރާގެ ސުވާލުއައީ ކުއްލިއަކަށެވެ. އަދި އެ ޖުމްލައިން ކައިލްވެސް ހުއްޓުން އަރުވާލައިފިއެވެ. ބަސްމޮށުމަކާއި ނުލާ ނޯރާއަށް ބަލަން ހުރެވުނީއެވެ. ބޮލުގައި އަޅާފައިވާ ބީޖްކުލައިގެ ސްކާފުން މޫނު ވަށާލެވިފައިވާއިރު ފިނީގެ ސަބަބުން ނޭފަތާއި ކޯތާފަތަށް ފިނިފެންމަލުގައި ހުންނަ ރަތްކުލަ އަރާފައިވެއެވެ. އަދ އެގޮތަށް ފެންނައިރު އާސާރީ ފިހާރަތަކުން ފެންނަ ބުދެއްފަދައެވެ. އެސްފިޔަޖަހާނުލާ ވިދާ ދެލޮލުން އޭނަ ކައިލްއަށް ބަލަމުން ދިޔައީ ނަޒަރު ވަކިކުރުމެއްނެތިއެވެ. ފިނީގެ ސަބަބުން ނޯރާގެ ލޮލުގައި ގިނަވަމުން ދިޔަ ކަރުނަތައް ހިފަހައްޓަން ނޯރާ ކިހާވަރަކަށް މަސައްކަތްކުރޭބާވައޭވެސް ކައިލްގެ ހިތަށް އެރިއެވެ. ނޯރާ ރޮނީ ނޫންކަމާއި ފިނީގެ ސަބަބުން ކަމަށްބުނެ ނޯރާ ތަފްސީލު ކިޔާދޭން ބޭނުންވާނެ ވަރުވެސް ދެނެގަނެވުނެވެ. ނޯރާގެ މުށް ލެއްޕުނުގޮތާއި ރަތްވެގެން ދިޔަ އިނގިލި ހުޅުތައްވެސް ހާމަކޮށްދިނީ ނޯރާ އެ ވާހަކަ ކައިލް ގާތުން އަހަން ހިތްވަރު ކުރި ވަރެވެ. އެ ސުވާލުކުރަން ނޯރާ ކޮށްލި ހިތްވަރެއް ބުނާކަށްވެސް ނޭގެއެވެ. ކައިލް މިފަހަރު އެނބުރިގެން އެތަނުން ދޫކޮށް ނުދިޔަ ސަބަބަކީ އެއީއެވެ. ކައިލް ދިގު ނޭވާއެއްލިއެވެ. އޭނަ ވެހެމުން ދިޔަ ސްނޯއަށް ނަޒަރު ހުއްޓާލައިގެން ހުރުމަށްފަހު ނޯރާގެ މޫނަށް ބަލައިލިއެވެ.

"ހަމަ ރަގަޅަށްވެސް އެނގެން ބޭނުންތަ؟"

ނޯރާ ކުޑަކޮށް ދަތްދޮޅި ހިއްލައިލިކަމެވެ. ހޯލުން އިވެމުން ދިޔަ އަޑުތައް އެދެމީހުން ގެ ވާހަކަތައް މެދުކަނޑުވާލައިފިއެވެ.

"އަހަރެމެންގެ ބޭކަރީގެ ހުރިހާވެސް ފޯރިއަކީ ނާޔަލްގެ ކޮއްކޮ. އެއް ފަހަރު ނޯރާ ކަޕްކޭކުގައި ފްރޮސްޓިން ޖަހަން ފެށީ އެ ފިނިނުވަނީސް..." މިކާލްގެ އަޑު އައެވެ."އޯ...އެއޮތް އުޅެނީ އެކުއްޖާ....."

"ބައެއްފަހަރު މަގޭ ކޮއްކޮ ހެޑް ޑެންސްވާނެ.." ނާޔަލް ޖަވާބުދިނެވެ. ނޯރާ ވަގުތުން ފޯރި އަރައިގަތެވެ.

"އަހަންނަކީ މޮޔައެއްނޫން...." ނޯރާ ބުނެލިއެވެ. މިކާލް ޚިޔާރުކުރީ އެންމެ ނުބައި ދަނޑިވަޅެވެ. ކައިލް އެ ދަނީއެވެ.

"ޔަގީން ޔަގީން އެންމެންވެސް ބުނާނީ ތިހެން."މިކާލް ތުންފަތް ޒިޕްކުރަން އަމިއްލަ ތުންފަތުގައި އިނގިލި ޖައްސައިލިއެވެ."ތިއީ އަހަރެމެންނާއި ދިމާވި އެ ކުރީގެ ނޯރާ ނޫންކަން ހަދާން ނައްތައިލެވެނީ..ސޮރީ ޑޮކްޓަރ ނޯރާ...."

"ގޯޝް ތިރޮނީތަ؟ އަހަރެން ޖޯކެކޭ ޖެހީ..." ކައިލްއަށް އިވުނީ މިކާލް މަފަށް އެދުނު އަޑެވެ. ދެން ނޯރާގެ ޖަވާބުއައިއިރު އެއީ ފިނި އަޑެކެވެ. ކައިލް ހީކުރިގޮތަށް ވީއެވެ. ފިނި މޫސުމްގެ ފިނިން އުދަގޫވެ ލޮލުން ކަރުނަ އަންނަ ކުއްޖާއެވެ.

އެދުވަހު ނާޔަލްއާއި ނޯރާވެސް ލަވެންޑަރގައި އޮތް ރޭގަނޑު ކެއުމާއި ބައިވެރިވިއެވެ. އެންމެން ކާކޮޓަރީގައި ތިއްބާ ކައިލްގެ މީހުން އައިސް މަޑުމަޑުން ބުނި އެއްޗަކުން ކައިލް ސީރިޔަސްވިއެވެ.

"މިތަަނަށް ގެނޭ...." ކައިލްގެ ޖަވާބު އައެވެ. އެންމެންވެސް ބަލަން ތިބީ އެތަނަށް ވަދެވެން ހުރި ދޮރާއި ދިމާލަށެވެ. ޕްޓެރިކޯގެ އެތައް މަސައްކަތު މީހުންނެއް ބޮޑެތި ފޮށިތަކެއް ހިފައިގެންނެވެ. އައިސް ބަރިބަރިއަށް އަތުރާލައިފިއެވެ. އަދި އެމީހުން ކުރަން އުޅޭކަމެއްވެސް އެނގެނީއެއް ނޫނެވެ. އިސްހާގު ހައިރާންކަމާއެކު ނަޒަރު ހުއްޓީ ކައިލްއަށެވެ.

"ހައިތަމް ވިންޓަރފެލްގެ ސެންޓު ބިޒިނަސްގެ އޯނަރަކަށް ކައިލް ހެދީތަ؟ އަދި އެވެސް އޭނަގެ ދަރިފުޅާއި ކައިވެނިކުރަން ބުނުމުން....."

އެ ވާހަކަ އިވިފައި ނޯރާ ކަންބޮޑުވިއެވެ. އޭނައާއި ކައިލްގެ ލޯ ގުޅުނެވެ.

"އެހުރިހާ ސެންޓަކުން ކީއްކުރާނީ؟ ނޯރާ އަހަން ހިތަށް އެރިތަނާ ނާޔަލް އެ ސުވާލުކުރިއެވެ. އޭރު ނޯރާވެސް އުޅުނީ ސުވާލުކުރާށެވެ.

"އަހަރެން މިއުޅެނީ މި އެއްޗެހި ހިލޭ ބަހައިލަން. މުޅި ދުނިޔެއަށް. ސަދަގާތުގެ މަސައްކަތް....." ކައިލް އެއްޗެކޭ ބުނުމުން ނޯރާ ލޯ ބޮޑުކޮށްލއެވެ. އޭނަގެ އެ މާނައިން ފުރިގެން ވީ ބެލުން ނޯރާއަށް އަންގައިދިނީ ކައިލް އެ ދިނީ އޭނަ ކުރިން ކުރި ސުވާލުގެ ޖަވާބުކަމެވެ.އާވާއާއި ކުރަން އުޅޭ ކަވެނީގެ ވާހަކަ ދެކެވުނު ސަބަބަކީ އެއީއެވެ. ހައިތަމް އެހާވެސް ބޮޑަށް ކައިލްއަށް އިތުބާރުކުރީ ހަގީގަތް ނޭގިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު