އާ އަހަރު ފެށުނީ ހުޅުމާލެއަށް އައި ކުޑަވަރެއްގެ އީދަކާއެކު

އާ އަހަރަށް މަރުހަބާ ކިޔުމަށްޓަކައި ހުޅުމާލޭގައި ޝޯ އަކާއި ހަވާ އެރުވުން އޮންނާނެ ކަމަށް ކުރިއާލާ ވަނީ އިއުލާނު ކޮށްފައެވެ. އެޔާއެކު އާ އަަހަރު ފާހަގަ ކުރަން މާލެއިން ބޭރަށް ނުދާ މީހުންގެ މިސްރާބަކަށް ވީ ހުޅުމާލެއެވެ.

އެހެންކަމަސް ވުމާއެކު ރޭ 10 ޖަހައިގެން އައިއިރު މާލޭގެ ބޮޑުތަކުރުފާނު މަގުގައި ދުއްވާ އެއްޗެހި މަދުކަން ވަރަށް ބޮޑަށް ފާހަގަވިއެވެ. އެހާކަންހާއިރު ބްރިޖް މަތީގައިވެސް ބާރުބޮޑެއް ނޫނެވެ. ނަމަވެސް ބްރިޖް މަތީގައި އޭރުވެސް ދެ އެކްސިޑެންޓެއް ވެގެން އުޅެއެވެ. މާބޮޑުވަރު ނުވި ނަމަވެސް މަޑުކޮށްގެން ތިބި ކާރުތައް ކައިރީގައި ފުލުހުން އޭރުވެސް ހަރަކާތްތެރި ވަމުން ދިޔައެވެ. ބްރިޖް ނިމޭހިސާބުން ފެށިގެން މުޅި ހުޅުމާލޭގައިވެސް ހީވަނީ އީދެއް އަހިސްގެން އުޅޭހެންނެވެ. ދުއްވާ އެއްޗެއްސާއި މީހުންވެސް އެހާމެ ގިނައެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން ނިސްބަތުން މަދެވެ. ދެވަނަ ފިޔަވަހީގައި އާ އަހަރު ފާހަގަ ކުރަން މާ ބޮޑު ކަމެއް ނުކުރާތީ ކަންނޭންގެއެވެ. ދިހަ ވަރަކަށް ބިދޭސީން ސްޕީކަރަކުން ލަވަޖަހައިގެން ލެޑް ލައިޓް އަޅުވައިގެން ތިބުން ނޫން ކަމެއް ހިނގާތީ ނުދެކެމެވެ. މީހުން ގިނައީ ބަސް ހުއްޓި ކައިރީގައެވެ. އޭރު ބަހުގެ އިންތިޒާރުގައި ފުދޭވަރެއްގެ މީހުން ތިއްބެވެ.

ނަމަވެސް ހުޅުމާލޭ ފުރަތަމަ ފިޔަވަހި އޮތީ ފުރި ބާރުވެފައެވެ. ބޮޑުމަގުގައި ހުންނަ ހޮޓާ ރެސްޓޯރެންޓްތައް ފުރިފައެވެ. މަގުމަތީ ހިނގާބިނގާވެ އުޅޭ މީހުންވެސް އެހާމެ ގިނައެވެ. ދެ ޖިންސުގެ އެކި އުމުރުގެ މީހުން ގިނަކަމުން، މެންދަމުން އަލިވެ 12 ޖަހަނީއޭ ހީވެސް ނުވެއެވެ.

ބާރަ ޖަހަން ކައިރިވި ވަރަކަށް ސެންޓްރަލް ޕާކް ކައިރިއަށް ޖަމާވާ މީހުން ދިޔައީ ގިނަ ވަމުންނެވެ. ފުލުފުލުގައި ކާރާއި ސައިކަލު ތިބި އިރު، ހަވާ އަރުވާތަން ބަލަން ފައިމަގުގައި ގޮސް ތިބި އާއްމުންވެސް ވަކި މަދެއް ނޫނެވެ.

ބާރަ ޖެހުމާއެކު ހަވާއަރުވަން ފެށީ ބަޑިއެއް ޖެހިހެންނެވެ. ގަދަ އަޑުފައްގަނޑާއެކު ހަވާ އެރުވުން ހީވަނީ ވިއްސާރަ ދުވަހަކު ބާރު ގުގުރި ޖަހާނެންނެވެ.

ހަމަގައިމުވެސް މި ގަދަ އަޑުފައްގަނޑާއެކު ތުއްތު ކުދިން ހޭލާނެއެވެ. ނިދާފައި ތިބި މީހުން ހޭލެވޭނެ އެވެ. ގޭގޭގެ ހަަމަހިމޭންކަން ނަގާލާނެއެވެ.

އޭގެ 10 ވަރަކަށް މިނެޓް ފަހުން މާލެއަށް ދާ ބްރިޖް ލޭން އޮތީ މުޅީންހެން ހުސްކޮށެވެ. އޭރުވެސް މާލެއިން 'ވާނުކެނޑި' މީހުން ހުޅުމާލެއަށް ދެއެވެ. ހީވާގޮތުން އީދު ނިންމާފައި އަދި މީހުންތައް މާލެ ދާން ދަތުރު ނުފަށަނީއެވެ. ޓްރެފިކް ލައިޓަށް ދެތަނަށް ހުއްޓިއިރުވެސް އޮތީ އެންމެ ކާރެކެވެ. ދެން ދެތިން ސައިކަލެވެ.

ހުޅުމާލެއަށް ދިޔަ މީހުން އެނބުރި މާލެއަންނަން އުޅިގަތުމުން ނިކަން ބާރު ބޮޑުވާނެކަން އެނގޭތީ ވާނުވާ ބަލަން ހުރީމެވެ. އިސާހިތަކު ސޯޝަލް މީޑިޔާގައި މީހުންތައް ނުރުހުން ފާޅުކުރަން ފެށިއެވެ. މާލެ އަންނަ ބަސް ފުރި، އެތައް ބަޔަކު މަޑުކުރަން ޖެހުނީތީއެވެ. މަގުތަކުގައި ވެހިކަލް ގިނަވެ ޓްރެފިކް ޖެހޭތީއެވެ. ބްރިޖް މަތީގައި އެކްސިޑެންޓް ވާތީއެވެ.

ކޮންމެއަކަސް 'މާލެ ދޮވެލައި' ހުޅުމާލެއަށް ދިޔަ އެންމެން އަންނާނީ ކުޑަވަރެއްގެ އީދެއް ނިންމާފައިތާއެވެ. އެ ފޯރިގަދަ ޝޯ އާއި އަޑުގަދަ ހަވާ އެރުވުން ބަލާފައި ހިތް އުފާކޮށްގެންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް