އައު އަހަރުގެ އަޒުމަކަށް ވާންވީ ތަރައްގީގެ ރޭހުގައި އައު ހަރުފަތަކަށް ގެންދިޔުން: ސިޔާމް

އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުން މަޖިލީޙުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ---

މި ފެށޭ އައު އަހަރު އެންމެންގެ އަޒުމަކަށް ހަދަން ވީ ރާއްޖޭގެ ތަރައްގީގެ ދުވެލި އައު ހަރުފަތަކަށް ގެންދިއުން ކަމުގައި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

އައު އަހަރަށް ރައްޔިތުންނަށް މަރުހަބާ ކިޔުމަށް ދެއްވި ހިތާބުގައި އޭނާ ވިދާޅުވެފައިވަނީ މި ފެށިގެން ދާ އައު އަހަރު ނިމިދިޔަ އަހަރަށްވުރެ ހުރިހާ ގޮތަކުން ވެސް އުފާ ފާގަތި އަހަރެއްގެ ގޮތުގައި ލެއްވުން އެދި ދުއާ ކުރާ ކަމަށެވެ.

"ނިމިގެން މިދިޔަ 2021 ވަނަ އަހަރަކީ، ކޮވިޑް-19ގެ ދަތި އުނދަގޫ ދުވަސްތަކަށް ފަހު، ރައްޔިތުންނަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ގެނެސްދިން އަހަރެއްކަމީ ފެންނަން އޮތް ހަގީގަތެއް. ހަމައެއާއެކު، ނިމިދިޔަ އަހަރަކީ ދިވެހިރާއްޖެއަށް އިގްތިސާދީ ގޮތުންނާއި އިޖްތިމާއީ ގޮތުން ވެސް ކުރިއެރުން އައި އަހަރެއް. މިފެށޭ 2022 ވަނަ އަހަރު އަޅުގަނޑުމެންގެ އަޒުމެއްކަމުގައި ވާންވީ، ދިވެހިރާއްޖެ ތަރައްގީގެ ރޭހުގައި އައު ހަރުފަތަކަށް ގެންދިއުމަށް ކެނޑިނޭޅި މަސައްކަތް ކުރުމަށް،" ސިޔާމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ދ. މީދޫ ދާއިރާ ތަމްސީލު ކުރައްވަމުން ގެންދަވާ ސިޔާމް އިތުރަށް ވިދާޅުވީ ދިވެހީންގެ މެދުގައި އެކުވެރިކަމާ އެއްބައިވަންތަކަން އާލާކޮށް މުޖުތަމައުގައި ހުރި ނުރަނގަޅު ސިފަތައް ނައްތާލުމަށް އެންމެން އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. ހަމައެހެންމެ، މަސްތުވާ ތަކެއްޗާއި އެފަދަ ކަންކަމާ ގުޅުންހުރި އެންމެހާ އިޖްތިމާއީ ބަލިތަކުން މުޖުތަމައު ރައްކާތެރިކޮށް އިސްލާމީ ރިވެތި އާދަތަކުގެ ތެރޭގައި ގައުމު ބިނާކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ނިމިދިޔަ 2021 ވަނަ އަހަރު، ދިވެހިރާއްޖޭގައި ތަފާތު ނުރަނގަޅު އޮއިވަރުތައް ފެތުރުނުކަމީ، އެކަމާއިމެދު އަޅުގަނޑު ނުހަނު ކަންބޮޑުވާ ކަމެއް. ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫއަރާގޮތަށް، އަދި އެތައް ޒަމާންތަކެއްވަންދެން ދަމަހައްޓަމުން އައި ހާރިޖީ އެކުވެރިކަމުގެ ވަރުގަދަ ގުޅުންތަކަށް އަސަރު ކުރާނޭހެން، ގައުމަށްވުރެ ވަކިބައެއްގެ އަމިއްލަ މަސްލަހަތު
އިސްކޮށް ކުރިއަށްގެންދާ މިފަދަ ނޭއްގާނީ ހަރަކާތްތަކުގެ ގެއްލުން އާހިރުގައި ލިބޭނީ ދިވެހި ރައްޔިތުންނަށް. އެހެންކަމުން، މިފަދަ ނުރަނގަޅު އޮއިވަރުތައް ހުއްޓުވުމަށް މަސައްކަތް ކުރުމަށް، އަޅުގަނޑު އެންމެހައި ލޮބުވެތި ރައްޔިތުންނަށް އިލްތިމާސް ކުރަން،" ސިޔާމް ވިދާޅުވިއެވެ.

ސިޔާމް އިތުރަށް ވިދާޅުވީ މި ފެށުނު އައު އަހަރަކީ މާތް ﷲގެ އިރާދަފުޅުން ރައްޔިތުންނަށް ބާއްޖަވެރި އަދި ތަރައްގީގެ ރޮނގުން ރަނގަޅު ކާމިޔާބީތަކެއް ހާސިލް ކުރެވޭނެ އަހަރެއް ގޮތުގައި ލެއްވުން ކަމުގައެވެ. ހަމައެހެންމެ، ދިވެހީންނަކީ އެކަކު އަނެކަކަށް އިހުތިރާމް ކުރާ އަދި އަނެކުންގެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތާ ބަޔަކު ކަމުގައި ލެއްވުމަށާއި އަމަންކަމާއި ސުލްހަމަސަލަސްކަމަށް ލޯބިކުރާ ބައެއްގެ ގޮތުގައި ދިވެހީން ލެއްވުމަށް އެދި ވަނީ ދުއާ ދަންނަވާފައެވެ.

މީގެ އިތުރުން، ސިޔާމް ވަނީ އައު އަހަރު ދުވަހުގެ ތަހުނިޔާ އަމިއްލަ ނަންފުޅުގައާއި ޕާޓީގެ ނަމުގައި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.

comment ކޮމެންޓް