ހިޔާ ފްލެޓުގެ ފިނިޝިން މަސައްކަތް ނިންމަން އިތުރު ތިން މަސް ދީފި

ހިޔާ ފްލެޓް --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ހިޔާ ފްލެޓުގެ ފިނިޝިން މަސައްކަތްތައް ނިންމަން އިތުރު ތިން މަސް ދުވަސް ދޭން ނިންމައިފިއެވެ.

ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ މި ގޮތަށް ނިންމައިފައިވަނީ ހިޔާގެ 7000 ފުލެޓުގެ ކުލި ނަގާ މުއްދަތު އިތުރު ކުރުމާ ގުޅިގެން ކަމަށެެވެ.

ހިޔާ ފްލެޓުތަކުން ކުލި ނެގުން އިތުރު ތިން މަހަށް ފަސް ކޮށްފައިވާކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކުރެއްވީ ގައުމީ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގައެވެ.

ރައީސް ވިދާޅުވީ ތަފާތު އެކި ސަބަބުތަކާ ހެދި ހިޔާ ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތްތައް ކަނޑައެޅިފައިވާ މުއްދަތަށް ނިމިފައިނުވާ ކަމަށެވެ. އެހެންކަމުން އެ މަސައްކަތަށް އިތުރު ތިން މަސް ދުވަސް ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި މި ހިޔާ ފްލެޓުތަކުގެ ފިނިޝިން މަސައްކަތްތައް ނިންމޭނެ އެންމެ ފަހު ތާރީހަކީ އަންނަ މާޗު މަހުގެ ނިޔަލަށް ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، މިހާރު ހިޔާ ފްލެޓުތަކުގައި ގިނަ ބަޔަކު ދިރިއުޅެމުން ދާތީ ރޭގަނޑު 10:00 ފެށިގެން ހެނދުނު 8:00 އާ ދެމެދު އަދުގަދަވާ ފަދަ އެއްވެސް މަސައްކަތެއް ކުރުން މަނާ ކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

ހަމައެހެންމެ، މާދަމާއިން ފެށިގެން ގާކުނި ފަދަ ތަކެތި އުކާލަން ޖެހޭނީ އެ ފްލެޓެއްގެ ވެރި ފަރާތުން އަމިއްލައަށް މުވައްސަސާތަކާ ގުޅިގެން ކަމަށް މީގެ ކުރިން އެޗްޑީސީން ބުނެފައި ވީ ނަމަވެސް ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަގުތައް ހަދާ ނިމެންދެން އެކަމަށް އަމަލު ކުރުން ފަސް ކޮށްފައިވާ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން އިތުރަށް ބުނީ ހިޔާ ފްލެޓުގައި ގިނަ ބަޔަކު ދިރިއުޅެމުން ދާތީ އެ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަކަށް ރިއާޔަތްކޮށް ފުލެޓުތަކުގައި މަސައްކަތްތ ވީ އެންމެ އަވަހަކަށް ނިންމުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.

comment ކޮމެންޓް