މި މަހު މާފަރު އެއާޕޯޓަށް 136 ޖެޓު ޖައްސައިފި

މާފަރު އިންޓަނޭޝަނަލް އެއާޕޯޓު -- ފޮޓޯ/ ރިއްފަތު އިބްރާހިމް

މި މަހު މިހާތަނަށް ނ. މާފަރު އިންޓާނޭޝަނަލް އެއާޕޯޓަށް ޖުމުލަ 136 ޖެޓު ޖައްސައިފިއެވެ.

މާފަރު އެއާޕޯޓަށް އެންމެ ގިނަ ޖެޓު މި މަހު ޖައްސައިފައިވަނީ 24ވަނަ ދުވަހުއެވެ. އެ ދުވަހު އެ އެއާޕޯޓަށް 20 ޖެޓު ޖެއްސި ކަމަށް މާފަރު އިންޓަރނޭޝަނަލް އެއާރޕޯޓުގެ ޖެނެރަލް މެނޭޖަރު މުމްތާޒް އަލީ ވިދާޅުވިއެވެ.

މުމްތާޒް ވިދާޅުވީ މި ފެށޭ އަހަރުގެ ޖަނަވަރީ މަހު ދެވަނަ ދުވަހުން 10ވަނަ ދުވަހާ ހަމައަށް ކޮންމެ ދުވަހަކު އެވަރެޖްކޮށް 10 ޖެޓު ޖައްސާނެ ކަމަށެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ ރާއްޖޭގެ ދެވަނައަށް އެންމެ ބިޒީ އެއާޕޯޓެވެ. ނ. އަތޮޅުގައި ގިނަ އަދަދެއްގެ އަގުބޮޑެތި ރިސޯޓުތައް އޮންނާތީ މާފަރު އެއާޕޯޓަށް ގިނަ އަދަދަަކަށް ޖެޓު ޖައްސައެވެ.

ކޮންމެ އަހަރަކު ވެސް ޕީކް ސީޒަނާ ދިމާކޮށް ޗުއްޓީ ހޭދަކުރަން ރާއްޖެއަށް ގިނަ މުއްސަނދިން އާދެއެވެ. ކްރިސްމަސް ޗުއްޓީއަށާއި އައު އަހަރުގެ ޗުއްޓީއަށް އެ އަދަދުތައް މާ ގިނަވެއެވެ.

މާފަރު އެއާޕޯޓަށް ޑިސެމްބަރު މަހު ދުވާލެއްގެ މައްޗަށް އެވަރެޖްކޮށް ހަތަރެއް ނުވަތަ ފަސް ޖެޓު ޖައްސައިފައިވެއެވެ.

މާފަރު އެއާޕޯޓަށް އަންނަ ޖެޓު ތަކުން ގިނައިން އަންނަނީ އެ ރަށުގެ ކައިރި ރިސޯޓްތަކަށް އަންނަ މީހުންނެވެ. އަދި މާފަރު ކައިރީގެ ގިނަ ރިސޯޓްތަކެެއް މިހާރު ވެސް ވަނީ ފުލްވެފައެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އަބޫދާބީ ފަންޑުން 60 މިލިއަން ޑޮލަރު ހޭދަކޮށްގެން ހިލޭ އެހީގެ ގޮތުގައި ހަދާފައިވާ މާފަރު އެއާރޕޯޓަކީ ދުނިޔޭގެ އެންމެ ބޮޑެތިި މަތިންދާ ބޯޓުތައް ކަމަށްވާ A320 އާއި ބޮއިންގ 737 މަރުކާގެ ބޯޓު ވެސް ޖެއްސޭ ފެންވަރަށް ތަރައްގީ ކޮށްފައިވާ އެއާރޕޯޓެކެވެ. މާފަރު އެއާރޕޯޓުގެ ރަންވޭގެ ދިގުމިނަކީ 2،200 މީޓަރެވެ. އަދި ފުޅާމިނަކީ 40 މީޓަރެވެ. ރަންވޭގެ އިތުރުން ޓާމިނަލް އަކާއި ލައުންޖެއް ވެެސް މާފަރު އެއާރޕޯޓުގައި ހުރެއެވެ.

comment ކޮމެންޓް