ޕްރެޒިޑެންޓްސް ކަޕް: ޓީސީ ބަލިކޮށް ގަދަފަަދަ މާޒިޔާ މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފި

މަޒިޔާގެ އިބްރާހިމް އައިސަމް ބޯޅައާ އެކު ކުރިއަށް ދަނީ -- ފޮޓޯ/ މާޒިޔާ

ޕްރެޒިޑެންޓްސް ކަޕްގައި މިރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބް 2-1 ގެ ނަތީޖާއަކުން ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފިއެވެ.

މުބާރާތުގައި މާޒިޔާ އެންމެ ފަހުން ކުޅެފއަިވަނީ ކުލަބް އީގަލްސްއާ ދެކޮޅަށެވެ. މި މެޗު މާޒިޔާއިން ކާމިޔާބުކުރީ ވެސް 2-1 ގޯލުންނެވެ. މީގެ އިތުރުން ޓީސީން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ ދެކޮޅަށް ކުޅުނު މެޗުގައި ސަސް އިން ވަނީ 3-1 ގޯލުން ޓީސީ އަތްދަށުލައިފައެވެ.

މިރޭގެ މެޗުގައި މާޒިޔާއިން ވަނީ ގިނަ ވަގުތު ޓިސީ ހާފުތެރޭގައި ހިފަހައްޓައިގެން ޕާސިން ގޭމެއް ކުޅެފައެވެ. ނަމަވެސް އެއާ ހިލާފަށް ޓީސީން ނިކުންނަނީ ލިބޭ ބޯޅައަކަށް ކައުންޓާ އެޓޭކް ކުރާށެވެ.

މާޒިޔާއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ޓީސީގެ ޑިފެންސް ލައިނަށް ނުރައްކާ ކުރަމުން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 37 ވަނަ މިނެޓުގައި މަޒިޔާގެ އަހުމަދު އަބްދުﷲ (ލިލީ) ހުރަސްކޮށްދިން ބޯޅަ އެޓީމުގެ މެދުތެރެއިން މޮޅު ކުޅުމެއް ދައްކަމުން އައި އިބްރާހިމް އައިސަމް ހުށިޔާރުކަމާއެކު ބޮލުން ގޯލު ތެރެއަށް ފޮނުވައިލައި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބު ކުރިއެވެ.

މެޗުގެ 43 ވަނަ މިނެޓުގައި މާޒިޔާގެ އިބްރާހިމް ހަސަން (އިއްބެ) ވަނީ ލީޑު ފުޅާކޮށްދީފައެވެ. މި ގޯލު އިއްބެ ޖަހައިދީފައިވަނީ ފުރަތަމަ ގޯލު ޖެހި އައިސަމް ނަގައިދިން ހިލޭ ޖެހުމެއް ބޮލުން ފޮނުވާލައިގެންނެވެ.

ޓީސީން ގޯލު ޖަހާފައިވަނީ 88 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބު ކޮަށްދިނީ މުހައްމަދު މުސްލިހު (މުއްޓި) ބަދަލު ކުޅުންތެރިއެއްގެ ގޮތުން ކުޅެން އަރައެވެ. އޭރިއާ ރޮނގުމަތިން މުއްޓި ފޮނުވާލި ބޯޅަ މާޒިޔާގެ ކީޕަރު ކިރަން ކުމާރަށް މަތަކުރެވުނީ ބޯޅަ ގޯލު ރޮނގު ހުރަސް ކުރި ފަހުންނެވެ.

މީގެ އިތުރުންވެސް ގޯލް ޖަހާނެ އިތުރު ފުރުސަތުތައް ދެ ޓީމަށް ވެސް ވަނީ ލިބިފައެވެ. މީގެ ތެރެއިންވެސް މާޒިޔާއަށް ލިބުނު ފުރުސަތުތައް ފާހަގަ ކޮށްލެވެއެވެ. މާޒިޔާގެ ގިނަ ހަމަލާތަކުގެ ދިފާއަކަށްވީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޓީސީގެ ގޯލްކީޕަރު އާދަމް އިމްއާނެވެ.

މި މެޗުގެ ނަތީޖާއާ އެކު މާޒިޔާ އޮތީ ތާވަލްގެ ދެވަނައިގައެވެ. އެއްވަނައިގައި އޮތް ވެލެންސިއާއި އެއްވަރަށް ޓީމަކަށް ނުވަ ޕޮއިންޓު ލިބިފައިވީނަމަވެސް އެ ޓީމު އެއްވަނައިގައި އޮތީ ހަތަރު ގޯލުގެ ތަފާތުންނެވެ. އަދި ކުޅުނު ތިން މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ޓީސީ އޮތީ ތާވަލުގެ ފަސް ވަނައިގައެވެ.

ދެން މި މުބާރާތުގެ މެޗެއް ކުޅޭނީ އަންނަ ހޯމަ ދުވަހުގައެވެ. އެ ދުވަހުގެ ހަވީރު ބައްދަލުކުރާނީ ކުލަބް އީގަލްސް އާއި ޔުނައިޓެޑް ވިކްޓްރީއެވެ.

comment ކޮމެންޓް