ބާސެލޯނާގެ 10 ކުޅުންތެރިން ކޮވިޑަށް ޕޮޒިޓިވްވެ ޒަވީއަށް މާޔޫސްކަން

ބާސެލޯނާގެ ކޯޗު ޒަވީ ހަނާންޑޭޒް

ސްޕެއިންގެ ގަދަބާރު ބާސެލޯނާގެ 10 ކުޅުންތެރިން އަންނަ އާދިއްތަ ދުވަހު އެ ޓީމު ލާލިގާގައި މަލޯކާއާ ދެކޮޅަށް ކުޅެން ޖެހިފައި ވަނިކޮށް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ލަލީގާގެ ތަވާލުގެ ހަތްވަނައިގައި އޮތް ބާސެލޯނާ ކުރިއަށް ޖެހިލުމަށް މިއީ އެޓީމަށް ވަރަށް މުހިންމު މެޗެކެވެ.

މި ސީޒަނުގައި ބާސާ ޓީމަށް މޮޅު ކުޅުމެއް ދައްކަމުންދާ މުހިންމު ކުޅުންތެރިން ތަކެއް ޕޮޒިޓިވް ވުމަކީ ބާސާގެ ކޯޗު ޒަވީ ހަނާންޑޭޒްއަށް ކުރިމަތިވާނެ ގޮންޖެހުމެއްކަމަށް ސްޕެއިންގެ ކުޅިވަރު ނޫސް މާސާއިން ރިޕޯޓްކުރެއެވެ.

ޕޮޒިޓިވްވެފައިވާ ކުޅުންތެރިންގެ ތެރޭގައި އެ ޓީމުގެ ވައިސް ކެޕްޓަން ޖޯޑީ އަލްބާ، ފަހަތަށް ކުޅެމުން އަންނަ ކްލެމެންޓް ލެންގްލެޓްގެ އިތުރުން ބާސާގެ މެދުތެރޭގައި މޮޅު ކުޅުމެއް ކުޅެމުން އަންނަ ޒުވާން ކުޅުންތެރިޔާ ޕަބްލޯ ގަވީވެސް ހިމެނެއެވެ.

މީގެ އިތުރުން އެންޖަރީގައި މިވަގުތު ގިނަ ކުޅިންތެރިން ތަކެއް ތިބުމާއި ޒަވީއަަށް ކުރިއަށް އޮތް މެޗުގައި ބޭނުންކުރެވޭނީ ބާސެލޯނާގެ ފުރަތަމަ ޓީމުގެ ހަތް ކުޅުންތެރިންނެވެ.

އެހެންނަމަވެސް ޒުވާން ޓީމުގެ ކުޅުންތެރިން ބޭނުންކުރުމުގެ އިހްތިޔާރު ޒަވީއަށް ލިބިގެންވެއެވެ. އަދި މީގެ ކުރިންވެސް ޒުވާން ޓީމުގެ ކުޅުންތެރިންނަށް ފުރަތަމަ ޓީމުން ދީފައިވާ ފުރުސަތުތަކުގައި މޮޅު ކުޅުމެއް ދައްކާފައި ވުމަކީ މިވަގުތު ޒަވީއަށް ލިބޭނެ އެންމެ ބޮޑު އެއް ހިތްހަމަޖެހުމެވެ.

ބާސާ ޓީމު އަލުން ބިނާކުރުމުގެ މަސައްކަތުގެ ދަށުން ޒުވާން ގިނަ ކުޅުންތެރިންތަކަކަށް ކޯޗު ޒަވީ އަންނަނީ ފުރުސަތު ދެމުންނެވެ. އަދި މުސްތަގުބަލުގައި ވިދާލާނެ ހުނަރުހުރި ޒުވާން ކުޅުންތެރިން ޓީމަށް ގެނައުމުގެ މަސައްކަތްވެސް އެ ޓީމުން އަންނަނީ ކުރަމުންނެވެ.

comment ކޮމެންޓް