ޓޫރިޒަމް ދާއިރާއިން މީހުން ބިނާކުރަން ޕްރައިވެޓް ސެކްޓާގެ އެހީ ބޭނުން: ހަޔާ އެޑިއުކޭޝަން

މިނިސްޓްރީ އޮފް ހަޔަ އެޑިއުކޭޝަން އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ޓޫރިޒަމް ދާއިރާއިން މީހުން ބިނާކުރެވޭނީ ޕްރައިވެޓް ސެކްޓާގެ ވެސް އެހީއާއެކުގައި ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މީހުން ބިނާކުރާ ކޯސްތައް ކުރިއަށް ގެންދިއުމަކީ ސަރުކާރާއި ޕްރައިވެޓް ސެކްޓާ ގުޅިގެން ނޫނީ ނުކުރެވޭނެ މަސައްކަތްތަކެއް ކަމަށެވެ.

އެގޮތުން ޓޫރިޒަމް ސެކްޓާގެ ކޮންސްޓްރަކްޝަން އަދި އައިސީޓީ ހިމެނޭ ގޮތަށް މީހުން ބިނާ ކުރުމަށްޓަަކައި ސްކިލްސް ފޮ އަ ރިޒިލިޔަންޓް ވޯކްފޯސް ޕްރޮގްރާމުގެ ދަށުން އިތުރު ކޯސްތައް ހިންގައިދޭނެ ފަރާތްތައް ހޯދަން މިދިޔަ އަންގާރަ ދުވަހު އިއުލާނު ކޮށްފައި ވާނެ ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން މިކަމުގައި ޕްރައިވެޓް ސެކްޓާގެ އެއްބާރުލުން މިހާރަށްވުރެވެސް އިތުރަށް ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މީހުން ބިނާކުރުމަށް މީގެ ކުރިން 15 ފަރާތަކާ ހަވާލުކޮށް، އޭގައި ހިމެނޭ މީހުން ކޯސް ނިންމައި ސަނަދު ދިނުމާ ހަމައަށް ގޮސްފައިވާ ކަމަށެވެ.

"އެއް ފަރާތަކުން 83 ކުދިންނަށް ސަނަދު ދިން ހަފްލާގައި މިނިސްޓްރީން ބައިވެރިވީ އުފަލާއެކުގައި،" މިނިސްޓަރު ވިދާޅުވިއެވެ.

މީހުން ބިނާކުރަން ޕްރޮގްރާމު ހިންގައިދޭން ކުރި ދެވަނަ އިއުލާނާއެކު ވެސް ޕްރައިވެޓް ސެކްޓާގެ އެއްބާރުލުން ލިބޭނެކަމަށް އުންމީދު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ ކުރިއަށްވުރެ ގިނަ މީހުން އެކަމަށް ކުރިމަތިލުމަށް އެދިވަޑައިގެންފައެވެ.

comment ކޮމެންޓް