ޗާޓަޑް ޕްރޮފެޝަނަލް އެކައުންޓެންޓުންނަށް 150 ސްކޮލަޝިޕް ހުޅުވާލަނީ

މިނިސްޓާ އޮފް ހަޔާ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން -- ސަން ފޮޓޯ/ ނާއިލް ހުސައިން

ޗާޓަޑް ޕްރޮފެޝަނަލް އެކައުންޓެންޓުންނަށް 150 ސްކޮލަޝިޕް މިއަދު ހުޅުވާލަން ނިންމާފައިވާކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މިއަދު މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓާ އޮފް ހަޔާ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން ވިދާޅުވީ، މިއީ ޗާޓަޑް ޕްރޮފެޝަނަލް އެކައުންޓެންޓުން އުފެއްދުމަށްޓަކައި ހުޅުވާލަން ނިންމާފައިވާ ސްކޮލަޝިޕްތަކެއް ކަމަށެވެ.

ރާއްޖޭގަ ވަޒީފާ އަދާކުރާ ބިދޭސީންނަށް ބަލާއިރު، ގިނަ އަދަދެއްގެ ބިދޭސީން އެކައުންޓެންޓިން ދާއިރާގައި މަސައްކަތް ކުރާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މި ސަރުކާރަށް ދިމާވެފަ އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެކައުންޓެންސީ ދާއިރާއަށް މީހުން ބިނާ ކުރުމާއި އަދި ވަޒީފާގެ ބާޒާރުގައި ތިބި ގިނަ އަދަދެއްގެ ބިދޭސީ އެކައުންޓެންޓުންގެ ބަދަލުގައި ދިވެހިން އެ ވަޒީފާތަކަށް ނެރުން،" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، މި އަހަރުގެ ކުރީކޮޅު އިއުލާނު ކުރި ލޯނު ސްކީމުގައި އެކައުންޓިން ދާއިރާއިން ފުރުސަތުތަކެއް ރިޒާވް ކުރިކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ މިއަދު ހުޅުވާލާނީ ޕަބްލިކް ސެކްޓާއަށް 50 ފުރުސަތާއި ޕްރައިވެޓް ސެކްޓާއަށް 100 ފުރުސަތު ކަމަށެވެ.

ނަމަވެސް ޕަބްލިކް ސެކްޓާއިން ސްކޮލަޝިޕަށް ހުޅުވާލި އަދަދަށް މީހުން ކުރިމަތި ނުލާނަމަ އެބައި ޕްރައިވެޓް ސެކްޓާއަށް ބަދަލު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިއީ މި ދާއިރާއަށް ދިމާވެފައިވާ މީހުން ބިނާކުރުމުގެ ގޮންޖެހުމަށް ލިބިގެންދާނެ ވަރަށް ބޮޑު ހައްލެއް ކަމަށެވެ.

މި ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތުތަކަށް ހުޅުވައިލާނީ ފުރަތަމަ ޑިގްރީއާއި މާސްޓާސް ޑިގްރީ ހާސިލު ކޮށްފައިވާ މީހުންނަށެވެ. އެއީ ސްކޮލަޝިޕް ހުޅުވާލީ ޕްރޮފެޝަނަލް ޗާޓަޑް އެކައުންޓެންޓުންނަށް ވުމަށް ވާތީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން ހުޅުވާލީ އޭސީސީއޭ ސްކިލްސް ލެވަލް، އޭސީސީއޭ ޕްރޮފެޝަނަލް ލެވަލް އަދި ސީމާ މެނޭޖްމަންޓް ލެވަލްގެ އިތުރުން ސީމާ ސެޓްފިކެޓް ލެވަލް އަށެވެ.

މިކަމަށްޓަކައި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާ އެއްބާރުލުން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އަދި މި ސްކޮލަޝިޕް ސްކީމު އިއުލާނު ކޮށްފައި ވަނީ އެފަރާތާ ވަރަށް ގާތުން މަޝްވަރާ ކުރުމަށްފަހުގައި ކަމަށާއި ސްކޮލަޝިޕް ސްކީމު އިއުލާނު ކުރުމަށްފަހު ޕްރޮމޯޝަނަލް އެކްޓިވިޓީތައް ވެސް ކުރިއަށް ގެންދާނީ އެ އިންސްޓިޓިއުޓާ ގުޅިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސްކޮލަޝިޕްގައި ހިމެނޭ އިނާޔަތްތައް:

  • ރަޖިސްޓްރީ ކުރުމުގެ ފީ
  • އެނުއަލް ސަބްސްކްރިޕްޝަން ފީ
  • އެގްޒެމްޕްޝަން ލިބޭ މީހުނަށް އެގްޒެމްޕްޝަން ފީ
  • އިމްތިހާނުގެ ފީ
  • ބުކް އެލަވަންސް
  • ޓިއުޝަން ފީ

މިއަހަރު ބޭއްވި ޕަބްލިކް އެކައުންޓެންޓްސް ފޯރަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެކައުންޓިން ދާއިރާއިން މީހުން ބިނާ ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް