މޭމަތީގައި "އިންޑިއާ އައުޓް" ޖަހައިގެން ޔާމީން ނުކުންނެވުމުން ފަހުރުވެރިވޭ: އަދުރޭ

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (ކ) އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، (ވ) ---

މޭމަތީގައި އިންޑިއާ އައުޓް ޖައްސަވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނުކުމެވަޑައިގަތުމުން އެކަމާ ލަދު ގަތުމުގެ ބަދަލުގައި ފަހުރުވެރިވާ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އިން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވަނީ "އިންޑިއާ އައުޓް" ހަރަކާތާ ގުޅިގެން ވެރިކަންކުރާ އެމްޑީޕީން ރައީސް ޔާމީނަށް އަމާޒުކޮށްފައިވާ ފާޑުކިޔުންތަކަށް ރައްދު ދެއްވާފައެވެ.

"އިންޑިއާ އައުޓް" ހަރަކާތަށް ފާޑުވިދާޅުވަމުން، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެފައި ވަނީ ދިވެހި ބޭސްގަނޑެއްހެން، ރައީސް ޔާމީންގެ ގައިގައި "އިންޑިއާ އައުޓް" ބަނދެގެން ނުކުމެ، ހިންގާ ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ބޮޑު ނުރައްކަލެއް ކަމަށެވެ.

އެ ހަރަކާތަށް ފާޑު ވިދާޅުވެ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވިދާޅުވެފައިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ގޮސް، އިންޑިއާ އައުޓޭ ނުގޮވޭނެ ކަމަށާއި އެއީ ރާއްޖޭގެ ސުލްހަ މަސްލަހަތާ މުޅިން ހިލާފު ކަމެއް ކަމަށެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވަމުން އަދުރޭ ވިދާޅުވީ މޭމަތީގައި ބޮޑުއަކުރުން، އިންޑިއާ އައުޓް ޖައްސަވައިގެން ނުކުންނަވައި ރައީސް، ޔާމީން އެ ކުރައްވާ މަސައްކަތަކީ ދިވެހި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމަށް ޓަކައި ވެވަޑައިގަންނަވާ އަގު ނުކުރެވޭ ފަދަ މަތިވެރި ގުރުބާނީއެއް ކަމަށެވެ.

އެހެންކަމުން އެ ގުރުބާނީ އާމެދު ލަދުގަތުމުގެ ބަދަލުގައި ފަޚްރުވެރިވާ ކަމަށް ވިދާޅުވިއެވެ.

"އިންޑިއާ އައުޓް" ކެމްޕެއިން ހަރަކާތެއްގެ ތެރެއިން --

އޭނާގެ ވާހަކައިގައި ވަނީ ސަރުކާރު ކޯލިޝަންގެ ލީޑަރުންނަށާއި ސަރުކާރަށް ވަރުގަދަ ބަހުގެ ހަމާލެއް ދެއްވާފައެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ 241 ކޮމިޓީގެ އިތުރުން މަޖިލީހުގައި ދެން ހުރި ކޮމެޓީ ތަކަށް މައްސަލަ ވެއްދިޔަސް އިންޑިއާ އައުޓް ހަރަކާތް ހުއްޓައިނުލާނެ ކަމަށެވެ.

އެ ހަރަކާތް ހުއްޓާލާނީ އިންޑިއާގެ އަސްކަރިއްޔާ މި ގައުމުން ބޭރު ކުރުމަށްފަހުގައި ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

"ދެ އަހަރަށްވުރެ ގިނަ ދުވަހު ސަރުކާރުގެ އަނިޔާވެރިކަމުގައި ޖަލާއި ގޭގައި ހޭދަ ކުރެއްވުމަށްފަހު، މޭމަތީގަ ބޭސްގަނޑެއްހެން އިންޑިއާ އައުޓް ޖަހައިގެން ނުކުތީމަ އަޅުގަނޑުމެން ފަހުރުވެރިވަނީ. ހަސަން ލަތީފަށް ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެން ފަހުރުވެރިއޭ ވަނީ. ލަދެއް ނޫނޭ ގަންނަނީ،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ 2023ގެ ރިޔާސީ ޓިކެޓަށްވުރެ، ރައީސް ޔާމީނަށް މުހިއްމުވަނީ ދިވެހި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތް ކުރެއްވުން ކަމަށެވެ. އެގޮތުން މިވަގުތު އެމަނިކުފާނު އެންމެ ބޮޑު އިސްކަމެއް ދެއްވަނީ އިންޑިއާގެ އަސްކަރިއްޔާގެ ކިބައިން ގައުމު ސަލާމަތް ކުރުމަށް ކަމަށް ވިދާޅުވިއެވެ.

"ރައީސް ޔާމީން މިނިވަންވި ދުވަހު ގެއަށް ވަޑައިގަންނަވަނިކޮށް އަޅުގަނޑު ދެންނެވިން 2023ގެ ރިޔާސީ ޓިކެޓް ރަސްމީކޮށް އެމަނިކުފާނާ ހަވާލުކުރަން ބޭނުންވާ ކަމަށް. ވިދާޅުވީ އަދުރޭ އޭ ތިމަންނައަށް ޓިކެޓެއް މުހިއްމެއް ނޫނޭ. އަހަރެމެންގެ މަސައްކަތަކަށް ވާންވީ ގައުމު ސަލާމަތް ކުރުމޭ. އިންޑިއާ އައުޓް ކެމްޕެއިނޭ މުހިއްމީ. އެ ހަރަކާތޭ ފުޅާ ކުރަންވީ،" އަދުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންޑިއާ ސިފައިން މި ގައުމުން ބޭރު ކުރުމަށްފަހުގައި ނޫނީ އިންޑިއާ އައުޓް ހަރަކާތް ހުއްޓައި ނުލާނެ ކަމަށާއި އެކަން ހުއްޓުވޭނެ ވަރުގެ މީހަކުވެސް ނުހުންނާނެ ކަމަށެވެ.

"ކޯލިޝަންގެ ހުރިހާ ލީޑަރުންނަށާއި ސަރުކާރަށް ދަންނަވާލަން ބޭނުންވަނީ ކިތަންމެ ވަރަކަށް އުޅުނަސް އިންޑިއާ އައުޓް ހަރަކާތެއް ދެން ނުހުއްޓުވޭނޭ،" އަދުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޯލިޝަންގައި ހިމެނޭ ލީޑަރުންނާއި ސިޔާސީ ފަރާތްތަކުން ވެސް އެއްބައިވަންތަ ކަމުގެ ވާހަކަ ދައްކަން ނުތިބެ، މޭމަތި ފުރެންދެން އިންޑިއާ އައުޓް ޖަހައިގެން ނުކުމެ، އިދިކޮޅާ ގުޅެންވީ ކަމަށެވެ.

"އެބޭފުންނަށް މި ގޮވާލަނީ ދިވެހި ގައުމު ދެކެ ލޯބިވާ ނަމަ ރައްޔިތުންނަށް ހެޔޮ އެދޭނަމަ އަމިއްލަ އެދުން އެއްފަރާތް ކުރެއްވުމަށްފަހު، ޕީޕީއެމްއާއެކު މަސައްކަތް ކުރައްވަން ވަޑައިގަންވާށޭ. ގައުމަށް ޓަކައި ދީނަށް ޓަކައި ރައްޔިތުންނަށް ޓަކައި ވާން ޖެހޭ ގުރުބާނީގަ ލަދުފުޅު ނުގަންނަވާށޭ. އަޅުގަނޑުމެންނަށް ކީއްވެގެންތޯ ދިވެހި ރައްޔިތުންނަށްވުރެ، އިންޑިއާ މުހިއްމު ވެގެން މި އުޅެނީ. ކޮން ސަބަބަކާ ހުރެތޯ،" އަދުރޭ ވިދާޅުވިއެވެ.

comment ކޮމެންޓް