"اَللَّهُمَّ إِنِّيْ أَسْأَلُكَ عِلْمًا نَافِعًا، وَرِزْقًا طَيِّبًا، وَعَمَلاً مُتَقَبَّلاً މާނައަކީ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ، ފައިދާކުރުވަނިވި އިލްމާއި ރަގަޅު ރިޒުގާއި ގަބޫލުކުރެވިގެންވާ އަމަލެއް ދެއްވުން އެދި އިބަރަސްކަލާނގެ ހަޟުރަތުގައި މި އަޅާ ދަންނަވަމެވެ."

***

އަލާޔާ އާއި ރަދްވާ އަދި ހަނާ މޫދުގެ ދޮންވެލިގަނޑުމަތީގައި ކުއިލްޓް އަޅާލައިގެން ކާ އެއްޗެހި ނަގައިގެން ކެއުމަށް ތައްޔާރުވާން ފެށިއެވެ. އަލާޔާ ރަދްވާއާއި މެދު އެހާ ހިތް ރަގަޅުނޫނަސް ރަދްވާ ދައުވަތުދިނުމުން އައީއެވެ. ރަދްވާގެ ކޮންމެވެސް ވަރެއްގެ ހިތްހެޔޮކަމެއް ހުންނަކަންވެސް ފާހަގަވާތީއެވެ. ހަނާއަށް އައިސްކްރީމް ޗޮކްލެޓް އަދި މެޓާ އެއްޗެއް ދީ އުޅޭއިރު ކުޑަކުދިންދެކެ ލޯބިވާކަން ހަރަކާތްތަކުން އެނގެއެވެ.

"ވަރަށް ބޮޑު ވާހަކައެއް ބުނަން އެބައޮތް.....މިހުރިހާ ދުވަސްވާންދެން ސިކްރެޓެއް......އެކަމަކު ދެން ނުބުނެ ވާކަށް ނެތް.." ރަދްވާ ބުނެލިއެވެ.

"ޔެސް. އަނެއްކާ ރުގުޔާ ކުރަން އަންނަ މީހާ އަންހެނަކަށް ހެދިގެން އަންނަނީއޭ ނުބުނައްޗޭ......"

"ހާދަ މޮޅޭ ގެސްކުރަން. އެކަހަލަ ގޮތަކަށް ވީ ހަމަ ހުވާ....ތެދަށް ބުނަންޏާ އެ ރާގީ އަކީ ސަމަރުގެ ހަޒްބެންޑް އައިމަލް. އަހަރެން އުޅުނީ އޭނައާއި ރައްޓެހިވެގެން. އައިމަލްއަކީ ޕްލޭ ބޯއިއެއް. މިހެން ރުގުޔާކުރަން ދާ ކިތަންމެ ކުދިންނާއި ގުޅުން ބާއްވާކަންވެސް އަޑު ފަތުރާފައި އޮންނަނީ. އެކަމަކު އޭނަ ބުނާގޮތުން ލޯބިވަނީ އަހަރެންދެކެ. އައިމަލް ހޮޓްވީމަ އެހެންކުދިން އޭނައާއިހެދި އުޅެނީއޭ ބުނީ..ތިމަންނަ ކީއްކުރާނީހެއްޔޯ. އެންމެން އެކަކާ ހިތާވަން ވެއްޖެއްޔާ ވާނީ މިހެންނޯ.. އޭނަ ސިމްޕަތީ ވެޔޯ. ........"

ރަދްވާގެ ވާހަކަތައް އިވި ފޮނި ބޮޑާ ފިރިހެނެކޭ އަލާޔާގެ ހިތަށް އެރީ ކިތައް ސަތޭކަ ފަހަރުކަމެއް ނޭގުނެވެ. އައިމަލްއާއި ކައިވެނި ކުރެވުނުކަމުގެ މޮޔަ ހީވިއެވެ.

"އާވް. މިސްޓީރިއަސް ކަމުންގޮސް ހަނދުގެ އަނދިރި ފަރާތްވަރު އެބަވޭ. މަވެސް ސިއްރެއް ބުނެފާނަން. އޭނަ ފެނުމުން މަގޭ ހިތްވެސް ފުންމައިގަތްގޮތަށް ޕިންޕޮން ބޯޅައެއްހެން އަރައިގެން ގޮސް އޭނަގެ ހިތުގެ ތެރެއަށް ވަދެ އެކުވިގޮތަށް ދަމާ ދަމާ ނުނެރުނު. އަދިވެސް އެސޮރުގެ މޭގެ ތެރޭ ފިލާވީ..އައިމަލް ބުނީ ތެދެއް. އޭނައަކީ މިލިއަނުން އެކެއް..ރަދޫ އޭނަ ގާތު ނުބުނައްޗޭ އިނގޭ....މާމުއިކޮޅަކަށްވެގެން ގޮސް މަގޭ ކަންފަތަށް އަނެއްކާ އެޅިދާނެ." އަލާޔާ ލޯ ތަންމިނަށް ބޮޑުކޮށްގެން އިނދެފައި މޭގައިވެސް އަތް ކާއްތާލައިފިއެވެ...."މަގޭ ޕުއާ ޕުއާ ހިތް......................"

"އައިމް ސޮރީ...." ރަދްވާވެސް އަކުރުތަކަށް ދަމައިލީ ރާގަކަށެވެ. އަލާޔާގެ މަލާމާތް މާ ރަގަޅަށްވެސް ނަގައިގަނެވުނީއެވެ.

ރަދްވާ އޭނަގެ ފޯނު ހުޅުވާފައި ފޯނުން ގެލެރީގައި ހުރި ފޮޓޯ ދެއްކުމުން އެ ސެލްފީތައް ބަލާފައި ކުއްލިއަކަށް އަލާޔާ އޯކަށް ދެމިއެވެ. ރަގަޅަށްވެސް މޭ ނުބައިކޮށްފިއެވެ.

"ރަދޫ ކޮންތަނަކުން ހެދިކާ ގެނުވީ..." އަލާޔާ ފެންފުޅި އަނގައިގާ ޖެހިއެވެ.

"ފްރެޝްކޮށް ހުރީ. ކިހިނެއް ތިވީ؟"

"ނޭގޭ. މޭނުބައިކޮށްފި...އަނެއްކާ ހޮޓް ޑޮކް އައިމަލް މަތިން ހަނދާންވީމަ މަވެސް މިނި ހާޓްއެޓޭކެއް ޖެހެން އުޅުނީކަމަށްވާނީ. އެހެންޏަ. ހާޓްއެޓޭކާއި ގޭސްޓްރައިޓިސްގެ އަލާމާތްތައްވެސް ބައެއްފަހަރު ހަމަ ކައިރިކޮށްދާނީ. އެހާ ގަދަޔަށް ވިއްޔަ މޭ ނުބައި ކުރީ...." އަލާޔާ އެސްފިޔަތައް ތަޅުވައިލިއެވެ.

"އަހަންނާއި ވަރަށް އަވަހަށް މެރީ ކުރާނަމޭ ބުނި. ސަމަރު ކަހަލަ ފޮނި ބޮކަކާއި އެކު ނޫޅޭނަމޭ އައިމަލް ބުނީ. އެހެންނޫނަސް ސަމަރުއަކާއި އައިމަލް ނުވެސް ގުޅޭ ދޯ..ޓަވަރެއްގެ ކައިރީ އޮތް ކުޑަ އެތަކާއި ވައްތަރީ....."

"އައިމަލްއަށްވުރެ ސަލާރު ރީއްޗެއް ނޫންތަ؟" އަލާޔާ އެހިއެވެ.

"ރީތި އެކަމަކު ސަލާރުއަކީ ސައިކޯއެއް ދޯ..ފިނޑިކަމުން އޭނަގެ ކެރެކްޓާ މަށަށް ވަރަށް ގަޅި.....މަ ޖެހުނީ އޭނަ ބޭބީ ކުރަން. ފިރިހެންމީހާ ދޯ އަންހެންކުއްޖާ ޅަ ކުރަން ޖެހޭނީ..ނޮޓް ވައިސްވާސާ......."

"މޮޔައެއް ފެނުނިއްޔާ ވަކިކުރަން ރަދޫއަށް އެނގޭނެތަ؟ އެންމެ ބޮޑު މޮޔައަކީ ހަގީގަތުގައި ތިމާ ހެއްދެވި ފަރާތަށް ކިޔަމަން ނުވެ އަމިއްލައަށް ދުނިޔެއަށް އައިސްގެން އުޅޭކަމުގައި ހީކުރާ މީހާ........ހޫމް ދެން ހެންޑްސަމް ޑެވިލްސްގެ ވާހަކަ ދައްކަން ހަދައިގެން ފާފަވެރިވުން ނޫންކަމެއް ނުވާނެ."

ރަދްވާއަށް އޭނައާއި އައިމަލްގެ ކައިވެނީގެ ޚަބަރު އެނގޭނެކަން އަލާޔާއަށް އެގެއެވެ. އެކަމަކު ދެމީހުންވެސް މިތިބީ ނޭގޭކަމަށް ހަދައިގެން ނޫންހެއްޔެވެ؟ އޭނަވެސް ރަދްވާގެ ކުޅިގަނޑުގައި ބައިވެރިވެގެން އުޅޭނީއެވެ. ރަދްވާއަށް އޭނައާއި އައިމަލްގެ ގުޅުން ނޭގުނިއްޔާ ބުނެދޭކަށް އެއްޗެއް ނެތެވެ. ހަގީގަތުގައި އޭނައާއި އައިމަލްގެ ކައިވެންޏަކީ ހަގީގަތެއްނޫނެވެ. އެއީ ދުނިޔެއަށް އޭނަ ދައްކައިލި ދަޅައެކެވެ. ރުގުޔާ ކުރުމުގެ މަޅީގައި އަންހެންކުދިން ޖައްސަން އޭނަ ބޭނުންކުރާ ނިވާފަތްގަނޑެކެވެ. އަލާޔާއަށް ހުރިހާ އެއްޗެއް ވިސްނިއްޖެއެވެ. ރޯންވީކަމެއް ހޭންވީ ކަމެއްވެސް ނޭގި ގަނޑުވިޔަސް އަލާޔާ އޭނަގެ ނަފުސަށް ބާރު ފޯރުވަން ދަސްކޮށްފައިވި ކަމީ އޭނަގެ ނަސީބެވެ.

***

އަލާޔާ ކޮފީ ގިރަން ހުރިއިރު ވާރޭ ވެހޭ މަންޒަރު ބަލަން ހުއްޓެވެ. ބޮޑެތި ވާރޭ ތިކިތައް ފުރާޅުގައި ބީހިލާއިރު ހިތްގައިމު ރާގެއްފަދައެވެ. ޖެހި ބާރު ގުގުރިއާއެކު ވިދުވަރުގެ ހުދު އަލި އުދަރެހުން ކަނޑައިގެން ދިޔުމުން ﷲގެ ކުޅަދުންވަންތަކަން ހިތަށް އަރާފައި ތަސްބީހަ ދުޢާ ކިޔުނެވެ. ބިރުގަތަސް ނިކަން ހިތްގައިމު ރީތި މަންޒަރެކެވެ. ގުގުރީގެ އަޑުގައި ހިތްތައް ޖެހިލުންކުރުވާފަދަ ވަރުގަދަކަމެއް ހުއްޓެވެ. ގައިން ހީބިހިވެސް ނެގިއެވެ.

އިރުގަނޑެއްވާންދެން ގުދުރަތުގެ ލާމަސީލު މަންޒަރުތަކުން ހިތް އުފާކުރަން ހުރެފައި ސިޓިންރޫމަށް މިސްރާބުޖެހީ ކޮފީތަށިން އެތިފޮދު ބޮމުންނެވެ. ނޫ ޖިންސަކާއި ހުދު ޓީޝާޓެއްލައިގެން ހުރިއިރު ކަނދުރާގައި ކަޅުކުލައިގެ ފަށެކެވެ.

"ސަލާރުވެސް ދޮގުހެދީ. ހަދިޔާއެއް ދޭނަމޯ. ކޮންމެހެން އެއްޗެއް ބޭނުންވެގެނެއްނޫން އެކަމަކު ހާދަ ކިއުރިއަސްވިއޭ..އެކަމަކު އޭނަ އެ ހަދިޔާއެއް ދޭން ހަނދާނެއް ނުވި. ފޭކް ޕްރޮމިސްތަކެއް...."

ކުއްލިއަކަށް މާ މޫރިތިކޮށް ސަލާމް ގޮވައިލިއަޑު ކަންފަތުގައި ޖެހުމާއެކު އަބްދަލްކަން ދެނެގަނެވުނެވެ. ކުޑަ ބުރުގާއެއް ބޮލަށް މޮހައިލަމުން ދޮރުހުޅުވައިލުމާއެކު ސަލާރު ފެނުނުހެން ހީވިއެވެ. އެ ހެދުމާއި މީރުވަސް މުޅި ގޯތިތެރޭގައި ހިފާލާފައެވެ. ވިއްސާރައިގެ އަނދިރިކަމުގެ ތެރެއިން އަބްދަލްގެ އަލިގަދަ ހިނިތުންވުން އެތަން ދިއްލާލިހެން ހީވިއެވެ. އެހާ އުފާވެރި ހިނިތުންވުމެކެވެ. އާދައިގެ ކުއްޖަކަށްވިޔަސް ހިތްހެޔޮ މޫނެއްގެ ވެރިއެކެވެ.

"ވަރަށް ވިއްސާރަ ވައްތަރު ހުންނަނީ؟ހަނާ ކޮއްކޮ ކޮބާ؟ ސަލާރު ކުޑަ ބޮސް ހަދިޔާ ވައްތަރު ފޮނުވަނީ..." އަބްދަލް ފޮށިގަނޑުން ނެގި ބުޅާ ފެނިފައި އަލާޔާއަށް އެރުނީ މޭޒުމައްޗަށެވެ. ކުޑަ މިނިކާވަގެއްފަދަ އެއްޗެކެވެ. އެކުލައިގެ މުށި ކެހެރިގަނޑެކެވެ.

"އެއީ ކޮން ވަލަކުން އައި އެއްޗެއްތަ؟ މިތަނުން ހަމަ މިހާރު ނެރޭ.." އަލާޔާ ކަރުފަޅައިގެންދާހާ ބާރަށް ހަޅޭއްލަވައިގަތެވެ. ކުޑަ ބުޅާއަށް އަލާޔާގެ އަޑުއިވި ބިރުން ވޫސްލާފައި ދިޔަގޮތަށް ސޯފާއެއްގެ ދަށަށް ވަދެ ގެއްލުނެވެ.

" ބޮޑު މަޖާ ހުންނަނީ. ސަލާރު ބޮސް ހަދިޔާ ވައްތަރު ދިނީ..މެޑަމް ހަޅޭއް ޖަހަނީ ބުޅާ ފިލި ހުންނަނީ.........."

"އަބްދަލްއަށް ބޮޑު މަޖާވިޔަސް އަހަރެމެންނަށް ބޮޑު ބިރު ވައްތަރު ހުންނަނީ. އެނގިއްޖެތަ؟" އަލާޔާ މޭޒުމަތިން ފައިބަމުން ހަމަޖެހިލިއެވެ. އެހެން އިހުސާސްތަކަށް ކުރި ހޯދާހެން "ބިރު" އެ އިހުސާސްވެސް ސިކުނޑިން ނެރެލުމުގައި އޭނަ ކާމިޔާބުކުރާނެއެވެ. އޭނަ ހޭގޮތަށް ވައްތަރެއް ޖައްސާލައިފިއެވެ.

މުށްޓާއި ހުދުން އޮތް އެ ކަފަގަނޑެއްހެން އޮތް އެއްޗަކީ ސަލާރު ދޭން ބުނި ހަދިޔާހެއްޔެވެ؟ ހަނާއަކީ ބުޅަލާއިހެދި މޮޔަވާ ކުއްޖަކަށްވުމުން ސަލާރު އެކުއްޖާ އުފާކުރަން ދިން ހަދިޔާއަކަށް ވުމުން އޭނަވެސް މި ހަދިޔާ ގަބޫލުކުރަންވާނެކަމުގައި ޟަމީރު އެންގިއެވެ. ސަލާރުގެ ބަސްތައް އޭނަގެ ކަންފަތުގައި ގުގުމައިގަތެވެ. އަބްދަލް އަތުގައި އޮތް އަނެއް ކޮތަޅު އަލާޔާއަށް ދިއްކޮށްލިއެވެ."އަލާޔާ މެޑަމްއަށް ދެނީ ބޮސް ބުނަނީ....."

"އޯ....ސަލާރު ސީރިޔަސްކޮށް މިހާ ލޯބިތަ.... އައިމް އެކްޓިން ސޯ ސޯލްޓީ... އެހެންނުވާނީ. ކުއްލިއަކަށް ފާޑެއްގެ އެއްޗެއް ވަންގޮތަށް އެރީ ހަވާއަށް ކަމަށް ނޫނީ ބިމަށް ކަމެއްވެސް ނޭގުނު. އަބްދަލްއާއި ސަލާރު މާ ލަސްކުރީމަ ވާހާ ގޮތްތަކޭ. އަބްދަލްގެ ސަބަބުން ސަލާރު ބޮސްއަށް އެއްޗެހިވެސް ކިޔާލެވިއްޖެ. ހަދިޔާދޭން ބުނެފައި ނުލިބުނީމަ ދަހި މީހެއް ނޫނަސް ދެރަވެފައި ހުރީ.."އަލާޔާ އަވަހަށް ކޮތަޅު އަތުލާފައި ހުޅުވާލިއިރު ދަންފުޅިއަކާއި ޕެންޑްރައިވެކެވެ. ސްނޯއާއިއެކު ހުދުކުލައިގެ ގެއެއްލާފައިހުރި އެ ނޫކުލައިގެ ދަންފުޅިއާއިމެދު އިންތިހާއަށް ގަޔާވިއެވެ. އޭތި ހަލުވައިލުމުން ސްނޯގެ އެތިކޮޅުތައް ނަށަންފެށުމުން އަލާޔާއަށް އެހެން ހުރިހާކަމެއް ހަނދާންނެތި ނަޒަރު ވަކިކޮށްނުލާ ހުއްޓާ ފަހަތުން ސަމަރުއައިކަން އެނގުނެވެ. ސަމަރު ޕެންޑްރައިވް ނަގާފައި ޖިންސްގެ ޖީބަށް ޖަހައިލިއިރުވެސް އަލާޔާއަށް އެނގުނުކަމަކަށް ނުވިއެވެ. އަލާޔާއަށް މީހެއްގެ ހިލަންވުމުން އެނބުރި ބަލައިލެވުނުއިރު ސަމަރުގެ ކިބުރުވެރި ހިނިތުންވުން އޭނަގެ އުފާވެރިކަން ވަގުތުން ފޭރިގެންފިއެވެ.

"އަލާޔާ ސްޕައިސީކަމުގެ ކޮޅެއްނެތް..." ސަމަރުގެ ތުންފަތުގައިވީ މަލާމާތުން ފުރިގެންވާ ހިނިތުންވުމެކެވެ.

"ތިބުނީ ކިހިނެއްތަ؟"

"ކޫލް އޯސަމް....."

"އާހް.......ސްވީޓް ސަމަރު ލަވް....." އަލާޔާ ފުންމައިގެންގޮސް ސަމަރުގެ ކޮލަށް ދޮނެއް ދިނެވެ. ދެވަނަ ސިކުންތުކޮޅުގައި މޫނަށް ވައްތަރެއް ޖައްސައިލިއެވެ."ސޮރީ ކޮވިޑް މަތިން ހަނދާންނެތުނީ....."

"މަގޭ ބޮޑު ސުވާލަކީ ސަލާރުއަށް ހެދީ ކޮން ފަންޑިތައެއް ހެއްޔޭ. ސަލާރު ކުއްލިއަކަށް ދަންފުޅި އެއްޗެހި ދޭނީ ކޮންމެވެސް ކަމެއް ވީމައެއްނު...." ސަމަރު އެތެރެ އެތެރެއިން އަނދާވަރު އަލާޔާއަށް ފެނުނެވެ. ހަށަން ބަދެލައިގެން ނުލަފާ ހިންޏެއް އައިސްފަ ހުރި އަލާޔާވެސް ސަމަރުގެ ލޮލުގެ ތެރެއަށް ތޫނު ދެލޮލުން ބަލަން ހުރީ ހަތިޔާރެއް ނަމަ ފޫ އަޅުވާލާނެ ފަދައިންނެވެ. ބެލުމުގެ މުބާރާތެއްގައި ވާދަކުރާ ފަދައެވެ.

"ސަލާރުއަކީ މަގޭ ފުރަތަމަ ލޯބި....." އަލާޔާގެ އަޑު ހަކުރު ވިރުވާ އަޅާހާ ފޮންޏެވެ.

"އަބްދަލް. ކަލޭ ކުރަން ހުރި މަސައްކަތްކުރަން ދޭބަލަ. "ސަލަރު ލޯ އަޅައިގަތެވެ. އަބްދަލް ވާރޭގެ ތެރެއަށް ނުކުމެގެން ދިޔަތަން ބަލަން ހުރެފައި ސަމަރު އެނބުރުނުއިރު ދެލޯ ވަށްކޮށްލާފައި ހަނގުރާމައަކަށް ކަމަރު ބަދެލިފަދައެވެ.

"މި އެންމެން ސަލާރުގެ އިނޮސެންޓްކަމުން އެޑްވާންޓޭޖް ނަގަނީ. އެބޮންދުވެސް ހަމަ ސަލާރުގެ ހެދުމާއި އެއްޗެހި އަތުލައިގެން އޭނަ ކޮޕީކޮށްގެން ތިމާ ވަރު ކަމެއް ނެތްކަމަށް ހެދުނަސް ސަލާރު ހިނގި މަގަކުންވެސް ހިނގޭނީއެއްނޫން. ހާދަ ފޫހި ބޮންދެކޭ. އެހެންނޫނަސް ކަލޭމެން ދެމީހުން މާ ފޮޅުވާ ވާހަކަ އައިމަލް ގާތު ބުނާނަން..ސީރިޔަސްކޮށް އަލާޔާއަށް އަބްދަލް ކަމުދިޔައީތަ........" ސަމަރުގެ އަމިއްލަ ނަފުސުގެ ލަގަން ދޫވެ ހިތުގައިވާހާ އެއްޗެއް އޮއްސާލައިފިއެވެ.

"އަވަހަށް ބުނޭ. އަދަބު ދޭންވެގެން އަހަރެން މާރސްއަށް ހިޗްހައިކް ކުރަން ޖައްސާނީކަން ނޭގެއެއްނު........" އަލާޔާ ހޭންފެށިއެވެ.

"މަޖަލެއް ނޫނޭ އަލާޔާ."

"ކޮބާ މިތާ އޮތް ޕެން...." އަލާޔާ ކުއްލިއަކަށް ކަމެއް ހަނދާންވެގެން އެތަން މިތަން ހާވަންފެށިއެވެ." އަނެއްކާ ބުޅާ މަށަށް އައި ރުޅީގައި އޭތި ދިރުވާލީކީ ނޫންތަ؟މިވަރުން ދަންޏާ މި ކުޑަ ސިންގާ މަ ވެސް ކައިލާނެ."

ބުޅާ ސޯފާގެ ދަށުން އެ ބޮޑު ދެލޯ ދިއްލާލައިގެން ބޮދާ އޮތްތަން ފެނުމުން އަލާޔާއަށް މަޖާވެސް ވިއެވެ.

"ހަނާ...."އަލާޔާ އަޑުކޮޅަށް ގޮވަންފެށިއެވެ."ހަނާގެ ގިފްޓް އެބައޮތް ސޯފާގެ ތަންދޮށަށް ވަދެފައި..ހަނާގެ ލޯބިވާ ސަލާރު އަންކަލް ދިނީ ހަނާ ކަހަލަ ކިއުޓް އެހާ ވައިލްޑް ފުށްގަނޑެއް..ދެކުދިން ފީކޯތް ކުޅެން އުޅެބަލަ........."

ސަމަރު ޗުސް ކަނޑާލާފައި މިސްރާބުޖެހީ ކޮޓަރިއާއި ދިމާލަށެވެ. ކުދި ކިޔަމުންނެވެ. އަދި ބޮލަށް އުދަގޫވެގެން ކަންފަތުގައި އަތް އަޅައިލިތަން ފެނުމުން އަލާޔާއަށް ކާމިޔާބުން ފުރިގެންވާގޮތަކަށް ހީލެވުނެވެ.

***

އަލާޔާ ސަކީނާމެންނާއި ގުޅުން ވަރުގަދަކޮށް އެމީހުންނާއެކު ހަވީރު ސައިބޯން އައިސް އަނގަ ތަޅާލަން އިންނައިރު ސަލާރުގެ އެކި ވާހަކަ އިވުމުން ހިތަށް އުފާވެރިކަން ލިބެއެވެ.ކަޅުހެދުން ލައިގެން ހެޑްސެޓް ކަންފަތުގައި އަޅައިގެން ގުރުއާން އަޑުއަހަން ފެށުނީވެސް ސަލާރުއާއި ވާދައަށެވެ. އެކަމަކު އަބަދުހެން ޤުރުއާނުގެ ސޫރަތްތައް ކަންފަތުގައި ހަރުލާފައި ހުންނަން ފެށުމުން ނޭގި ނަމަވެސް ހަނދާނުގައި ހަރުލާ ދަސްކުރެވެން ފެށިކަން ފާހަގަވިއެވެ. ލަވައަށް ޝައުގުވެރިވާފަދައިން ގުރުއާނަށް ޝައުގުވެރިވެ ލޯބި ހިތުގައި ފުންވިއެވެ. އެކަނި ހުންނައިރުވެސް ކިޔައިލެވެނީ ޤުރުއާނުގެ ތަންކޮޅެކެވެ. ބޮލުތެރޭގައި އެނބުރެނީ އެހެން ޚިޔާލުތަކުގެ ބަދަލުގައި ޤުރުއާނުގެ ކޮންމެވެސް އާޔަތެކެވެ.

މިއަދުވެސް އަލާޔާ ހަވީރު ފިންޏަށް "ސަލާރުގެ ޖަގަހަ"އަށް އައެވެ. ހަނާވެސް އޭނަގެ ކުޑަ ބުޅާ "ލެވީ" އުނގަށްލައިގެން އިނދެ އެ ސޮރާއި ވާހަކަދައްކަމުން ދިޔައީ އެކުވެރިއެއްފަދައިންނެވެ. ސަލާރު ފަދައިން އެކުއްޖާވެސް ބުޅަލަކާއިހެދި މަރުދަން ޖެހެނީއެވެ.

އަލާޔާ ފެންނައިރަށް ސަކީނާ އާދައިގެ މަތިން މާމަގެ ފުށްގަހު ގުރާއޭ ކިޔާފައި ގޮވައިލިއެވެ. ގުރައެކޭ ކިޔަންވީ ސަބަބެއް ނޭގުނަސް ލޯބި އެއްޗެއްގެ ނަމަށްވުމުން އަލާޔާ އެނަމާއި ނިކަން ގަޔާވެއެވެ. މިއަދުވެސް އެންމެ ކުރިން ދެކެވުނީ ސަލާރު ނެތުމުން ހަނދާންވާ ވާހަކައެވެ. މާމަމެންގެ ހިތުގައި ސަލާރުއަށްޓަކާ ޚާއްސަ މަގާމަކާއި ލޯތްބެއްވެއެވެ. މަޑުމަޑުންގޮސް ރަށުތެރޭގައި ހިނގާ ޚަބަރުތަކާއި ހަމަޔަށްގޮސް ތިމާގެ މީހަކު ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި ބާއްވައިގެން ހާލު ދެރަވެގެން އުޅޭ ވާހަކަ ދެކެވުނެވެ.

"ޑަކުތަރުންނަށް އެނގޭ އެއްޗެއް ހަރާމް. އެންމެ ކުރިން އިބްރާހިމްބެޔަށް ޖެހުނީ ކެންސަރޭ ކިޔާފައި މިހާރު ބުނީ ކޮބަޑި ޖެހިގެންނޭ.." ރެކިދިޔެ ދެފައި ދަމާލައިގެން އުނގުގައި ދުފާދަޅު ބާއްވައިގެން އިނެވެ.

"ނަސީބެއްނު ކެންސަރަށް ނުވިކަން. އެހެންނޫނަސް ބަޑިތަކުރު ވިހޭރޭ އަލަފަތް އައިހެން އިބްރާހިމްބެ މަހުޖަނަކަށްވީ. ކޮންމެފަދަ ބައްޔެއް ޖެހުނަސް ވިލާތަށްގޮސްގެންވެސް ބޭސްފަރުވާކުރެވޭނެ. ރެކިދައްތާ.. ކޮބަޑިއެއް ނޫން. ގޭގެ ބިތުގައި އެހުންނަ އެއްޗެއް ހުޅުވާލާއިރަށް އަބަދު ކިޔާނެ ކޮކަޑި..........ނޫނޭ އަދި ކޮކަޑިއޭވެސް ނޫން ކިޔަނީ. ކޮއިޑް......" ސަކީނާ ދައްތަގެ ކުށް ރަގަޅުކޮށްލަދިނުމުން ހަމީދާ ވަގުތުން ދެކޮޅުހެދިއެވެ.

"މަގޭ މާމަ ދަރި ބުނީ މި އާ ޖަރާސީމަށް ގޮރޯނާ އޭ ކިޔަނީ.. ފަރަންޖީ ވިލާތުން އުނގެނިގެން އައީވެސް ޖަރާސީމްގެ އިލްމު.. އެކޮއިފުޅު ބުނިގޮތުން އޭތި އެކިގޮތްގޮތަށް ބަދަލުވެގެން މީހުންގެ އެތެރެހަށްޓަށް ހަމަލާދެނީ...." ހަމީދާ މާސްކު ދަތްދޮޅީގައި އަޅުވާލައިގެން އިނދެ އިރުއިރުކޮޅާ މާސްކުގައި އަތް ކާއްތައިލައެވެ.

"ކޮވިޑްގެ ނަމަށް ދިވެހި ނަމަށް ކިޔާކަން މިއެނގުނީ އަލަށް. ކޮބަޑިއަކީ ދިވެހި ނަން ދޯ..ގޮރޯނާވެސް ހަމަ ދިވެހި ނަމަކަށް ރަގަޅު. އެކަމަކު އިބްރާހިމް ބެއްޔާ ބޫސްޓާރ ވެސް ޖެހިތަ.........." އަލާޔާ ރެކިދިޔެގެ ދުފާދަޅުން ގަދަޔަށް ދުފާ އަނގަ ރަތްކޮށްލަމުން ދަބަހުން ނެގި ލޯގަނޑަކުން މޫނަށް ބެލިއެވެ. ތުންފަތް ރަތްކަމުން ލޭކޮޅެއްފަދައެވެ.

"އިބްރާހިމްބެ ޖެހީ ކޯންޗެއްކަމެއް ނޭގޭ. ދައްތަ ދިޔައީ ފައިޒާ ގާތަށް. ފައިޒާ އެ ޖެހި އެއްޗެއް ޖެހީމަ ﷲގެ އިޒުނަފުޅުން އެ ޖަރާސީމަށް ދައްތައާއި ކޯހަކަށްވެސް ކައިރި ނުވާނެ..އިބްރާހިމްބެއްޔާގެ ކާފަ ދަރިއެއްހުރޭ. ހުރިގޮތަށް ހުރި މަޑުޗަކުން ޗައްޕާސް..ހަތާނެތި އުޅޭ ވައިކުޅަދުރެކޭ އެއްގޮތް......އޭނައާއި ހެދި ދައްތަމެން ކަހަލަ އަޖޫޒަކަށްވެސް އެގެއާއި ކައިރިވިޔަކަނުދޭ. އެ ކުއްޖާ ހީކުރަނީ މުހުތާދެއް ޖެހިގެން އެމީހުން އަތުން އެއްޗެއް ބޭނުންވެގެންނޭ ދަނީ."ރެކިދިޔެގެ އަނގައިގެ ދަތްތައް މަދުކަމުން ދައްކާ ވާހަކަ ދޭހަވަނީ ކިރިޔާއެވެ.

"ހަސްފަސްނެތި އުޅޭ އެކަހަލަ ސޮރުންނާއިހެދި އިބްރާހިމްބެއާއި މާމަމެންގެ ގުޅުން ކެނޑިއްޖެ. އެކަމަކު މަރުބައްޔެއް ޖެހުނީމަ މާމަމެންނަށް ދުޢާކޮށްދެވޭނީ....."

މުސްކުޅި މާމަމެންގެ ލޯބި ވާހަކަތައް އަހަން އިންއިރު ގިނަފަހަރު އެކިޔަނީ ކީކޭކަން ނަގައިގަންނަންވެސް ދަތިވަނީ މުސްކުޅި ބަހުރުވަ ގިނަކަމުންނެވެ. އެމުސްކުޅި ބަސްތައް އަޑުއަހާ އަހާ އޭނައަށް އެބަސްތައް ބޭނުންކުރެވެންވެސް ފެށުނެވެ.

އަލާޔާ ސެލްފީތަކެއް ނެގިއެވެ.ސަލާރުއަށް ސެލްފީ ދައްކާހިތުން ކެތްކުރެވުނީއެއްނޫނެވެ. އައިމަލްއާއެކު އުޅޭ ވަގުތުތަކުގައި އަބަދު ނުތަނަވަސްވެ ހަށިގަނޑަށް ހަރުކަމެއް ވެރިވެފައި ހުއްޓަސް ސަލާރުއާއި އޭނަގެ އެކުވެރިންނާއެކު އުޅޭވަގުތު އޭނަގެ އަސްލު ސިފަ ދައްކާލައިގެން ހާދަ ހިތްފަސޭހަކޮށް އުޅެލެވެއެވެ. ހަގީގީ އުފަލަކީ މިއީހެއްޔެވެ؟

***

ސޫފިޔާނާގެ ފިރިމީހާއާއި ވަކިވިޔަސް ހުސްހަށިބަޔަށް ހުންނަންވުމުން އޭނަގެ ހިތާމައާއި އެކަނިވެރިކަން ފިލުވައެއްނުލެވުނެވެ. އަތުގައި ހިފާލައިގެން ހުންނާނެ ރަގަޅުބައިވެރިޔެއް ހޯދަން ކުރީގެ އެކުވެރިންނާއި ދަންނަ މީހުންގެ ތެރެއިންވެސް ބެލެމުން ދިޔައީ ހަރުކުލައިގެ އިއްޒަތްތެރިންނާއި މުއްސަދިންނަށެވެ. އެތަނުން އެކަކު ގެއްލިފައި އެތައް ޒަމާނެއްވުމަށްފަހު ޓްވިޓާއިން ދިމާވުމުން ސިއްރުން މެސެޖްތައް ބަދަލުކުރެވެން ފެށުނެވެ.

ސޫފިޔާނާއާއި ކަމާލުއްދީންގެ ގުޅުން ބަދަހިވަމުން އައިސް ކައިވެންޏަށް އެހުމުން ސޫފިޔާނާއަށް ދުނިޔޭގައިވާހާ އެއްޗެއް މިލްކުވިފަދައެވެ.

***

އައިމަލްއާއި ސަމަރު ފައިސާ ގިނައިން ހޯދަން ރުގުޔާ ކުރުމާއި ހިޖާމާ ޖެހުމުގައި އަވަދިނެތި އުޅެމުންދާއިރު އެދެމީހުންގެ އަމަލު ހުންނަގޮތުން އެ އިލްމު ރަގަޅަށް އުނގެނިގެން ކުރާކަމެއް ބާވައޭ އަލާޔާގެ ހިތުގައި ސުވާލު އުފެދުނެވެ. އަލާޔާގެ ހިތުގައި އޭރު އޮތީ އައިމަލްގެ ފަރާތުން ސަލާމަތް ވުމެވެ. މީހުންގެ މަލާމާތުން ސަލާމަތްވެ އެއަށްވުރެ ރަގަޅު ބައިވެރިއެއް ދެއްވުމަށް ދުޢާވެސް ގިނަގިނައިން ކުރެވެއެވެ.

އޭނަ ޝަކުވާ ކުރަނީ ހަމައެކަނި ހެއްދެވި ފަރާތަށެވެ. ފައުޅުކުރާ އަދި ފޮރުވިފައިވާ ސިއްރުތައް ދެނެވޮޑިގެންވާ ފަރާތަކީ އެއީއެވެ.

އެންމެފަހުން މަހާއަށް އިތުބާރުކޮށް އައިމަލްގެ ނުލަފާކަމުގެ ވާހަކަ ދެއްކުނެވެ.

"މަހާ ޕްރޮމިސްކުރޭ. މާޒިންއަށް އެނގިއްޖެއްޔާ ކިޔެވުން ހުއްޓާލާފައިވެސް އަންނާނެ. ނުބުނައްޗޭ...."

"އިންޝާﷲ.އެކަމަކު ތިޔަ ކައިވެނި ނިމުމަކަށް ގެންނަންވާނެ. އެބަ ބަލަން ހަދަންވީގޮތެއް..........."

"މި އައިމަލް ޑޮކްޓަރެއްގެ ނަމުގައި އައީ ފޭކް ސެޓްފިކެޓެއްގައިކަން ޔަގީން. ރާގީއެއްވެސްނޫން. އޭނަ ރުގުޔާ ކިޔާއިރު އެންމެ އާޔަތެއް ތަކުރާރުކޮށް ކިޔަވާ. އެ އާޔަތް ކިޔާއިރުވެސް ކުށް ހުރޭ. ދެން ހުރީ ސަމަރު. އޭނަ މިހާރު ހިޖާމާ ޖަހަން ފަށައިފި. މީހެއްގެ އަތުން އެއްހާސް ރުފިޔާ ނަގާ...އެހެން އުޅެން ހެއްދެވި ފަރާތަށްވެސް ބިރެއްނުގަނޭ. ރަދްވާ ކިޔައިނުދިނަސް އެހެން ހިތަށް އަރާ....ވަރެއްގެ އައިމަލްއެއް...."

"ޔޫކޭއަށް އާދޭ......"

"އައި ވިޝް.....ތިހެން ބުނީމަ ދާ ހިތްވެއްޖެ.." އަލާޔާ ބަލަން އޮތީ އޭނަގެ އަތުގައި އޮތް ދަންފުޅިއަށެވެ. ލޮލުން ކަރުނަ ހިލޭގޮތްވިއެވެ. ވާރޭގެ ބަދަލުގައި ސްނޯ ފެންނާނެނަމައެވެ. އޭނަގެ މި ދިރިއުޅުންދެކެ ފޫހިވެ އެހެން ހަޔާތަކަށް އެދުންވެރިވިއެވެ. ނަމަވެސް މި އަލާޔާވެސް މާޒީގެ ތެރެއަށް ލާފައެވެ. އަނެއްކާ އާޒީންއަށް ވެވޭނެނަމައެވެ. އޭނައަށް ޔޫކޭ އަށް ދާން ބޭނުންވީ ސަލާރު އެތާ ހުރީކަމުގައި ހިތް ބުނަން ފެށިއެވެ. އެހެންވާންވީ ސަބަބެއް ނޭގުނެވެ. ނަމަވެސް ސަލާރު މަތިން ހަނދާންވާންފެށީ ހިތަށް ތަދުވާހާ ބޮޑަށެވެ.

***

ހަނާގެ ލޯ ކަރުނުން ފުރިފައިވާތަން ފެނުމުން އަލާޔާ ކަންބޮޑުވެ ސުވާލުކުރަންފެށިއެވެ. އެ ސުވާލުގެ ޖަވާބު ލިބުނީ ނިތްކުރި ފެނިފައެވެ. ބޮޑުތަނެއް ދުޅަވެފައިވާތަން ފެނި އަވަހަށް އައިސްޕެކް ޖައްސައިލެވުނެވެ.

"ދަރިފުޅު ކިހިނެއްވީ؟ ތަނަކުން ވެއްޓުނީތަ؟"

"ޖޭމު ގަހުން ވެއްޓުނީ..." ސަމަރު ކޮޓަރިން ބޯދިއްކޮށްލިއެވެ. އަލާޔާ އެވާހަކަ ގަބޫލުކުރަން ބޭނުންނުވެ އެކިގޮތްގޮތަށް ސުވާލުކުރަން ފެށުމުން މިފަހަރު ހަނާ ބުނީ ބިންމައްޗަށް ވެއްޓުނީކަމުގައެވެ. ދޮގުނަހަދަން މަންމަ ކައިރީ ވައުދުވީކަން ހަނދާންކޮށްދިނުމުން އެންމެފަހުން ބުނީ ޑެޑީ ކޮށްޕައިލުމުން ފާރުގައި ބޯ ޖެހުނީކަމުގައެވެ. އަލާޔާގެ ހިތަށް އެވަގުތު ވީގޮތް ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު