ކަރެކްޝަންސްގެ ވަޒީފާއަށް އަލަށް ވަންނަ އޮފިސަރުން ތަމްރީން ކުރަން ފަށައިފި

އަސާސީ ތަމްރީން ޕްރޮގްރާމްގެ 25 ވަނަ ބެޗް ---

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ހިދުމަތާ އަލަށް ގުޅޭ އޮފިސަރުން ތަމްރީނު ކުރުމަށް ޓަކައި ހިންގައި "ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ" ޕްރޮގްރާމް، މާފުށީ ޖަލުގައި ފަށައިފިއެވެ.

މިއީ ކަރެކްޝަންސްގެ ވަޒީފާއަށް އަލަށް ވަންނަ އޮފިސަރުން ތަމްރީންކުރުމަށް ޓަކައި ހިންގާ އަސާސީ ތަމްރީން ޕްރޮގްރާމްގެ 25 ވަނަ ބެޗެވެ.

މި ޕްރޮގްރާމަކީ ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ފަހަރުގެ ބެޗްގައި އެމްސީއެސްގެ ވަޒީފާއާ އަލަށް ގުޅޭ 24 ފިރިހެންނުންނާއި 12 އަންހެނުން ވަނީ ބައިވެރިވެފައެވެ.

މި ޓްރެއިނިން ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕްރިޒަންސް އިބްރާހިމް މުހައްމަދު ދީދީއެވެ.

މި ރަސްމިއްޔާތުގައި ބައިވެރިންނަށް މުހާތަބު ކުރައްވައި ޑީސީޕީ ވަނީ އެ ޓްރެއިނިންގައި ދަސްކުރާ އެއްޗެހީގެ ބޭނުން މަސައްކަތުގެ މާހައުލުގައި ވެސް ފުރިހަމައަށް ބޭނުން ކުރުމަށް ބާރު އަޅުއްވާފައެވެ.

މީގެ އިތުރުން ހުރިހާ ބައިވެރިންނަށް މަރުހަބާ ދެންނެވުމަށްފަހު، ވިދާޅުވީ މި ތަމްރީނު ޕްރޮގްރާމްގެ ތެރޭގައި ކިޔަވަމުންދާއިރު ގަދައަޅާ މަސައްކަތްކުރުމަށް ހިތްވަރު ދެއްވާ ކަމަށެވެ.

އަސާސީ ތަމްރީން ޕްރޮގްރާމްގެ 25 ވަނަ ބެޗް ---

ކަރެކްޝަނުން ބުނީ މި ޕްރޮގްރާމަކީ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް)އިން އެމްސީއެސްގެ ހިދުމަތާ ގުޅޭ ޕްރިޒަން އޮފިސަރުންނަށް ޖަލުތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް އިލްމު އުގަންނައިދީ، ވަޒީފާގެ މާހައުލަށް އަހުލުވެރިކޮށް، ތަމްރީނު ކުރުމަށް ހިންގާ ކޯހެއް ކަމަށެވެ.

މީގެ އިތުރުން އެ އޮފިސަރުންނަކީ އަހްލާގު ރަނގަޅު، ސިފަވަންތަ ބަޔަކަށް ހެދުމާއި ޖަލުގެ ކަންކަން ހަރުދަނާކޮށް ތައުލީމީ ޒުވާނުންތަކަކަށް ހެދުމަކީ ވެސް އެ ތަމްރީން ޕްރޮގްރާމްގެ އެއް އަމާޒު ކަމަށް ވެސް ކަރެކްޝަންސްއިން ބުންޏެވެ.

މި ޓްރެއިނިން ޕްރޮގްރާމްގައި ފިޒިކަލް ޓްރެއިނިންއާ ލީޑަރޝިޕް ކުލާސްތަކާއި އެތިކްސް އާއި ގާނޫނާއި ގަވާއިދު ތަކުގެ އިތުރުން ޕްރިޒަންސް އޮފިސަރުންގެ މަސައްކަތްތަކާއި ގުޅުންހުރި ގިނަ މޮޑިއުލް ތަކެއް ކިޔަވައިދޭނެއެވެ.

މި ޓްރެއިނިން ޕްރޮގްރާމަކީ ކޮންމެ ޕްރިޒަން އޮފިސަރެއް ވެސް ފުރިހަމަ ކުރަންޖެހޭ ކޯހެކެވެ.

ޓްރެއިނިން ޕްރޮގްރާމްގައި ކިޔަވައިދޭނީ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ މުދައްރިބުންނާއި އެމްސީއެސްގެ ފަންނީ މުވައްޒަފުންނެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު