ނަރުހުގެ މަރު: މާވިންއާއި ލަމްހާގެ މައްސަލަ ޕީޖީއަށް ފޮނުވައިފި

މާވީންއާއި އޭނާގެ ލޯބިވެރިޔާ ލަމްހާ --

އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހަކު މަރާލިކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ އޭނާގެ ފިރިމީހާ މާވިންއާއި އޭނާގެ ދިވެހި ލޯބިވެރިޔާ ހަލީމަތު ލަމްހާ އަބްދުއްރަހްމާންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރެސެކުއުޓާ ޖެނެރަލްގެ (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލަ ޕީޖީ އޮފީހަށް ފޮނުވައިފައި ވާކަން ޕީޖީ އޮފީހުން ވަނީ ކަށަވަރު ކޮށްދީފައެވެ.

ޕީޖީ އޮފީހުން ބުނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ ކުރިން މި މައްސަލައާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.

ދިވެހި ނަރުސް ހަލީމަތު ލަމްހާ މީގެ ކުރިން "ސަން"އަށް ދިން އިންޓަވިއުއެއްގައި ވެސް ވަނީ އެ ދެ މީހުންގެ ދެމެދުގައި ލޯބީގެ ގުޅުމެއް އޮތް ކަމަށް ބުނެފައެވެ. މޭރީ ގްރޭސް މަރުވުމުގެ އެއް ދުވަސް ކުރިން އެ ދެ މީހުންގެ ގުޅުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވެސް ލަމްހާ ކިޔައިދިނެވެ. އަދި މޭރީގެ މަރަށް ފަހު އެ ދެ މީހުން ލޯބީގެ ގޮތުން އަލުން ގުޅެން އޮތީ ނިންމާފައެވެ.

މިދިޔަ އޮކްޓޯބަރު މަހު ދަންޖެހިގެން މަރުވި ކަމަށް ބުނި މޭރީގެ މަރުގައި ޝައްކު ކުރެވޭ ފަދަ ކަންތައްތަކެއް ހުރުމުން އޭނާގެ ފިރިމީހާ މާވީން ހައްޔަރު ކުރީ އެ މަހު 27ގައެވެ. އަދި ލަމްހާ ހައްޔަރު ކޮށްފައިވަނީ މި މަހު 16ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.

މޭރީ ދަންޖެހިގެން މަރުވީކަމަށް ބުނެ ހޮސްޕިޓަލަށް ހަށިގަނޑު ގެންދިޔައީ ވެސް އޭނާގެ ފިރިމީހާ މާވިންއެވެ. އެއީ އޭނާ ހޮސްޕިޓަލުގައި ޑިއުޓީގައި ހުރެފައި ބްރޭކަށް ދިޔަތާ އިރުކޮޅެއް ފަހުންނެވެ.

އެނގިފައިވާ ގިތުގައި މާވީންއާއި ލަމްހާގެ މައްޗަށް ތުހުމަތު ކުރަނީ މޭރީ މަރާލުމުގައި އެ ދެމީހުން ބައިވެރިވިކަމާއި މަރާލީ ދުރާލާ ރާވައިގެން ކަމަށެވެ.

މީގެ އިތުރުން، މޭރީ މަރާލައިފައިވަނީ އޭނާ ދިރިއުޅުނު މއ. އުދުހޭކޮކާގޭގެ ފުރަތަމަ ބުރީގެ ކޮޓަރިއެއް ތެރޭގައި ކަމަށާއި އޭނާ މަރައިލައިފައިވަނީ އަނިޔާވެރިކޮށް ކަން ވެސް ވަނީ އެނގިފައެވެ.

comment ކޮމެންޓް