ތިޔަ ލޯބި އެދިގެން... - 31

ތިޔަ ލޯބި އެދިގެންގެ ޕޯސްޓަރު --

"އެހެން އެންމެން ކޮބާ؟" ޝިޒާން އަނެއްކާވެސް ސުވާލުކޮށްލިއެވެ. ނޫރުލް ހުދާއަށް އިތުރު އެއްޗެއް ނުބުނެވި އުޅެނިކޮށް ދުވަމުން އައި އަންހެން ކުއްޖެއް އައިސް ޝިޒާންގެ ގައިގައި ބައްދައިގަނެފައި ހަޅޭއްލަވައިގަތެވެ.

އެ އަންހެން ކުއްޖާގެ ހަރަކާތްތަކުން ހައިރާންކަން ލިބުނު މިންހާއަށް ހިނިއައިސްފައި ހުރި ޝިޒާންއަށްވެސް ބަލައިލެވުނެވެ. އޭނާގެ ހިތުގައި ސުވާލު އުފެދުނެވެ.

"އައި މިސްޑް ޔޫ ސޯ މަޗް ދޮންބޭ..." އެ އަންހެން ކުއްޖާ ބުނެލިއެވެ.

"ނަވޫ ތިހާ މިސްވާނެކަން އެނގޭނެނަމަ ނުގޮސް މިކޮޅުގައި ހުންނާނީ..." ޝިޒާން އެ އަންހެން ކުއްޖާގެ ބޮލުގައި ފިރުމައިލިއެވެ.

"އެނގޭ ތިހެން ކިޔަސް ދޮންބެ މިކޮޅުގައި ނުހުންނާނެކަން." ނަވާގެ އަޑުގައި ހިސާބެއްގެ މާޔޫސްކަމެއް ވިއެވެ.

"ހާދަ އަވަހަށް ތި ދެރަވަނީ. ނަވޫއަށް އެނގޭތަ މީ ކާކުކަން؟" ޝިޒާން ލޮލުން މިންހާއާ ދިމާލަށް އިޝާރާތްކޮށްލަމުން ބުނެލިއެވެ. އެއާއެކު އެ އަންހެން ކުއްޖާ މިންހާއާ ދިމާލަށް ބަލައިލިއެވެ.

"ދޮންބެ ދައްތަ އެއްނު..." އެއްފަހަރު ޝިޒާންއަށް އަނެއްފަހަރު މިންހާއަށް ބަލައިލާފައި އެ ކުއްޖާ ވާހަކަ ދެއްކިއެވެ.

"މެރީކުރިއިރު ނައިމަ މިސްވި އިނގޭ. މީ މިންހާ، ދޮންބެގެ ވައިފް. މިންހާ މީ އަހަރެންގެ ކޮއްކޮ ނަވާ..." ޝިޒާން ފަހަރަކު މީހަކު ތަޢާރަފްކޮށްލަދިނެވެ.

"ނައިސް ޓު މީޓް ޔޫ... ދޮންބެ މީހަކު ޗޫޒް ކުރާނީ ވަރަށް ވިސްނާފަކަން އެނގޭ..." ނަވާ ބުނެލިއެވެ. އޭނާ ހުރިހާ ދަތްތަކެއް ފެންނަވަރަކަށް ހީލިއެވެ. ނަވާގެ އުމުރުން ސަތާރަ އަހަރުވެފައިވާއިރުވެސް އޭނާގެ އުޅުން ހުންނަނީ ވަރަށް ޅަކޮށެވެ.

"ކޮބާތަ މަންމަ؟" ނަވާއަށް ބަލައިލަމުން ޝިޒާން ސުވާލުކޮށްލިއެވެ.

"ބައްޕަ ކައިރީގައި އިން..." ނަވާ ބުނެލިއެވެ.

"ހިނގާ ދާން ބައްޕަ ކައިރިއަށް..." ޝިޒާން ނޫރުލް ހުދާއަށް ބަލައިލިއެވެ. ނޫރުލް ހުދާ ބޯ ޖަހައިލުމުން މިންހާއަށް ބަލައިލުމަށްފަހު އައުމަށް އިޝާރާތްކޮށް ޝިޒާން ހިނގައިގަތެވެ. ނަވާ އައި ގޮތަށް އައިސް މިންހާގެ އަތުގައި ހިފައްޓައިލިއެވެ. އެއަށްފަހު އޭނާ ހިނިތުންވެލިއެވެ. މިންހާވެސް ޝިޒާންއާ ނޫރުލް ހުދާގެ ފަހަތުން ހިނގައިގަތެވެ. އޭރުވެސް އިރުއިރުކޮޅަކާ އޭނާއަށް އެގެއަށް ވަށައިގެން ބަލައިލެވެއެވެ. ނޫރުލް ހުދާ އާއި ޝިޒާންއާއި ދެމީހުން އެކަކު އަނެކަކާ ވާހަކަ ދައްކަމުން ސިޑިން އަރައިގެން މައްޗަށް ދާން ފެށިއެވެ. މިންހާވެސް ނަވާއާއިއެކު މައްޗަށް އެރިއެވެ. ފުޅާ ކޮރިޑޯއިން ލާފައި ގޮސް ނޫރުލް ހުދާއާއި ޝިޒާން ހުއްޓުމާއެކު މިންހާވެސް މަޑުޖެހިލިއެވެ.

ނޫރުލް ހުދާ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނުމާއެކު ޝިޒާން ފުންނޭވާއެއް ލީތަން ފެނުނެވެ.

"އިޓްސް އޯކޭ ދޮންބޭ... މަންމަ އިނީމަތަ؟" ނަވާ ސުވާލުކޮށްލިއެވެ. ޝިޒާން ދެފަރާތަށް ބޯ ހޫރައިލިއެވެ. އޭނާ އެތެރެއަށް ވަތްއިރު، އެނދުގައި އޮށޯވެގެން އޮތް ނުހައިލްއަށް އޮތީ ނިދިފައެވެ. ނުހައިލްގެ ގައިމަތީގައި އޮތް ރަޖާ ރަނގަޅުކޮށްލަން މެހެރީން އުޅެއެވެ.

"މެހެރް..." ނޫރުލް ހުދާ ގޮވައިލިއެވެ. މެހެރީން ރަޖާ ރަނގަޅުކޮށްލާފައި އެނބުރިލިއެވެ. އެއާއެކު އޭނާއަށް ޝިޒާން ފެނުމާއެކު ހަރަކާތްތައް ކުޑަކޮށް މަޑުޖެހިލިއެވެ. ދެވަނަ ސިކުންތުގައި އޭނާގެ ނަޒަރު ހުއްޓުނީ ޝިޒާންގެ ފަހަތުގައި ނަވާއާއިއެކު ހުރި އަންހެން ކުއްޖާއަށެވެ. ޝިޒާންގެ ކައިވެނީގެ ވާހަކަ އޭނާއަށްވެސް އެނގިފައިވުމުން އެއީ ޝިޒާންގެ އަންހެނުންކަން ދެނެގަންނާކަށް އޭނާއަކަށް އުނދަގުލެއް ނުވިއެވެ.

"ނިދިފަ ދޯ އަދިވެސް." ނޫރުލް ހުދާ ސުވާލުކޮށްލިއެވެ.

"އާނ. ހޮސްޕިޓަލުން ދޫކޮށްލިއިރު ދީފަ ހުރި ބޭސްތަކުން ކަންނޭގެ. ހަމަ ނިދަނީ... " މެހެރީން ކުރު ޖަވާބެއް ދިނެވެ.

ޝިޒާން ކެނެޑާއަށް އައީ ނުހައިލް ބަލިވެގެންނެވެ. އޭނާ ހުރީ މަޖުބޫރުވެގެން ނޫނީ އަލުން އަނބުރާ ކެނެޑާއަށް ނާންނަން ނިންމައިގެންނަމަވެސް، އެ ކަންތައް ބަދަލުކޮށްލީ ޙާލަތެވެ. ބައްޕައަށް ކުއްލިއަކަށް ވީގޮތް ނޭނގި ގަދައަށް ހުސް އައިސް ފިޓް ޖެހި އެޑްމިޓް ކުރުމުން އޭނާ އައީއެވެ. ބައްޕަ ދެކެ އޭނާ އިންތިހާ ލޯބިވާއިރު ބައްޕަ ބަލިވުމުން ދުރުގައި ހުންނަން ޝިޒާންއަށް ފަސޭހަ ކަމަކަށް ނުވިއެވެ. އަބަދާ އަބަދު ބައްޕަ ގުޅާފައި މިންހާ ގޮވައިގެން އައުމަށް އެދޭއިރު ބިޒީކަމަށްބުނެ ޝިޒާން އަބަދުވެސް ދައްކަނީ ބަހަނާއެވެ. ހަޤީގަތުގައި އޭނާ އަލުން އަނބުރާ އެ ގައުމަށް އަންނާކަށް ބޭނުމެއް ނޫނެވެ. އޭނާއަށް ވެގެން ވާނަމަ އަބަދުވެސް އޭނާ އުޅޭނީ އެ އާއިލާއާއި ދުރުގައެވެ. އޭނާ ކިތަންމެ ލޯބިވީ ނަމަވެސް ތަޤުދީރު ރުހި ގަބޫލުވަނީ އެގޮތަށް ކަމުގައި އޭނާއަށް ޔަޤީން ކުރެވޭތީއާއި ވެސް އެކުގައެވެ.

ޝިޒާންގެ އިތުރުން ނުހައިލްގެ ހުންނަނީ ނަވާއާ އަދި އިތުރު ފިރިހެން ކުއްޖެކެވެ. އޭނާގެ ފިރިހެން ދަރިފުޅު ލީވާންގެ އުމުރުން ފަންސަވީސް އަހަރެވެ. ލީވާން އަކީ ވެސް މޮޅަށް ކިޔަވައިގެން ހުރި ކުއްޖަކަށް ވާއިރު އޭނާ މަސައްކަތް ކުރަމުންދަނީ ކެނެޑާގައި ހުންނަ ނުހައިލްގެ ކުންފުނީގެ އޮފީހުގެ އިސްމަގާމެއްގައެވެ.

"ބައްޕަ ހޭލީމަ އަންނާނީ... ހިނގާ ދާން މިންހާ..." ނޫރުލް ހުދާއަށް ބަލައިލަމުން ޝިޒާން ވާހަކަ ދެއްކިއެވެ. އޭނާ ދާން އެނބުރިލިވަގުތު ކުޑަކޮށް ނުހައިލް ކެއްސައިލިއެވެ. ޝިޒާން އެނބުރި ބަލައިލިއިރު ނުހައިލް އޮތޯ ލޯ ހުޅުވާލައިގެންނެވެ. މެހެރީން ކުޑަކޮށް ނުހައިލްގެ މޭމަތީގައި ފިރުމައިލިއެވެ. އެއަށްފަހު އޭނާ ސައިޑް ކަބަޑު މަތީގައި ހުރި ފެންތަށި ނެގިއެވެ. ނުހައިލްގެ ބޯ ކުޑަކޮށް ތެދުކޮށްލަމުން އޭނާ ފެންތަށި ނުހައިލްގެ ތުމުގައި ޖެއްސިއެވެ. ފެންބޮއިލާ ހަމަޖެހިލަމުން ނުހައިލް ޝިޒާންއަށް ބަލައިލިއެވެ. އެއާއެކު އޭނާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އަތުން އޭނާއާ ކައިރިއަށް އައުމަށް ޝިޒާންއަށް އިޝާރާތްކޮށްލިއެވެ.

"ބައްޕާ..." ޝިޒާން ނުހައިލް އަށް ގޮވައިލަމުން ގޮސް އެނދުގައި ކުޑަކޮށް އިށީނދެލާ ނުހައިލްގެ އަތުގައި ހިފައްޓައިލިއެވެ.

"ދަރިފުޅާ... ކިހިނެއްތަ؟ ކޮބާތަ އަންހެނުން؟" ނުހައިލް ޝިޒާންއާ ސުވާލުކޮށްލިއެވެ. ޝިޒާން މިންހާއަށް ބަލައިލަމުން އެ ދިމާލަށް އައުމަށް އިޝާރާތްކޮށްލިއެވެ.

"މީ މިންހާ ބައްޕާ..." ޝިޒާން މިންހާ ދައްކައިލަމުން ބުނެލިއެވެ. ނުހައިލް މިންހާއަށް ބަލައިލުމަށްފަހު ހިނިތުންވެލިއެވެ.

"ދަތުރު ވަރުބަލިވެފަ ދޯ ހުންނާނީ. އަރާމުކޮށްލަން ދާން ވީނު." ނުހައިލް ވާހަކަ ދެއްކިއިރުވެސް އެ އަޑުގައި ބަލިކަށިކަން ވިއެވެ.

"ބައްޕަ ކައިރީގައި މަޑުކޮށްލާފަ ގޮސްވެސް އަރާމުކޮށްލެވިދާނެއެއްނު." ޝިޒާން ބުނެލިއެވެ.

"ދަރިފުޅު މިކޮޅުގައި ހުންނަނަމަ..." ނުހައިލް ވަކި ހިސާބަކަށް ބުނެފައި ހުއްޓައިލިއެވެ. އޭނާއަށް ބަލައިލެވުނީ މެހެރީންއަށެވެ. ޝިޒާންއަށްވެސް ބޭއިޚްތިޔާރުގައި މެހެރީންއަށް ބަލައިލެވުނެވެ. އެއާއެކު މެހެރީން އަވަސް އަވަހަށް އޭނާގެ ނަޒަރު ދުރުކޮށްލިއެވެ. އެ މަންޒަރު ބަލަން ހުރި ނަވާގެ މޫނުމަތިން ހިތާމައިގެ އަސަރު ކޮންމެވެސް ވަރަކަށް ފާޅުވަމުންދިޔައިރު ނޫރުލް ހުދާގެ މޫނުމަތިން ފެންނަނީ ބުނެދޭން ނޭނގޭ ފަދަ އަސަރެކެވެ.

"އަހަރެން މި އައީ އެއްނު ބައްޕަ ކައިރިއަށް..." ޝިޒާން ހިނިތުންވާން މަސައްކަތް ކުރިއެވެ.

"ދޮންބެ ދެން މަޑުކޮށްބަލަ މިކޮޅުގައި." ނަވާ ވާހަކަ ދެއްކިއެވެ. އެއާއެކު މެހެރީން ނަވާއަށް ބަލައިލީ ހިތްހަމަނުޖެހިފައިވާ ފަދަ ގޮތަކަށެވެ. ވަގުތުން ނަވާ ހިމޭންވިއެވެ. ނޫރުލް ހުދާ އަށް ވެސް ބަލައިލެވުނީ މެހެރީންއަށެވެ.

"ދޮންބެ މިކޮޅުގައި މަޑުކުރީމަ އެކޮޅު މެނޭޖް ކުރާނެ މީހަކުވެސް ނުހުންނާނެއެއްނު ނަވޫ..." ޝިޒާން ހަމަޖެހެން މަސައްކަތް ކުރަމުން ވާހަކަ ދެއްކިއެވެ. ނުހައިލްއަށް ހިތްދަތި ބެލުމަކުން ޝިޒާންއަށް ބަލައިލެވުނެވެ. ހިނިތުންވުމެއްގެ ފަހަތުގައި އެ ދަރިފުޅު ސިއްރުކުރަން މަސައްކަތް ކުރާ ހިތާމަތައް އޭނާއަށް ފެންނަމުންދިޔަނަމަވެސް ޝިޒާންގެ ހައްޤުގައި މިއަދު ބުނާނެ ބަހެއް އޭނާގެ ސިކުނޑިއަކަށް ނަޔެވެ. ޝިޒާންއާ މެދު އޭނާއަށް ކަންތައް ކުރެވުނީ ބޭއިންސާފުން ކަމުގައި އޭނާގެ ޟަމީރު ބުނަމުންދިޔައެވެ. އާއިލާއާ ދުރުގައި ޝިޒާން މިއަދު ހުރުމަކީ އޭނާގެ ސަބަބުން ވީކަމެއްކަމުގައި ބުނެ ނުހައިލް އޭނާގެ އަމިއްލަ ނަފްސު ކުށްވެރިކުރަމުންދިޔައެވެ. ޝިޒާންދެކެ އޭނާ އިންތިހާ ލޯބިވީ ނަމަވެސް މިއަދު އެ ދަރިފުޅު އެއާއިލާއާ ވަކިން އުޅުމަކީ އޭނާގެ އިހުމާލެވެ. ނުހައިލްއަށް ދެލޯ މަރައިލ ބާރުކޮށްލެވުނެވެ. ޝިޒާންގެ މޫނުމަތިން މިއަދު ފެންނަމުންދާ ކުލަވަރުތަކުން އެކަނިވެސް އެ ދަރިފުޅު އެ އާއިލާއާ ގާތުގައި ވުމަށް ހިތްއެދޭ ވަރު އޭނާއަށް އަންދާޒާ ކޮށްލެވުނެވެ. އޭނާއަށް ލިބުނު ހަމައެކަނި ހިތްހަމަޖެހުމަކީ ޝިޒާންގެ ގާތުގައި ޝިޒާންއަށް އަޅައިލާ އޯގާތެރިވާނެ އަނތްބަކު މިއަދު ހުރުމެވެ. އެ އެކަނިވެރިކަން ފިލުވައިދޭނެ ޙަޔާތުގެ ބައިވެރިއެއް ޝިޒާންއަށް ލިބުމަކީ އޭނާއަށް ލިބުނު އެންމެ ބޮޑު އުފަލެވެ.

ނުހައިލް އޭނާގެ އަތް ދިއްކޮށްލުމާއެކު މިންހާ ފަހަރަކު މީހަކަށް ބަލަން ހުރުމަށްފަހު ނުހައިލްގެ އަތުގައި މަޑުމަޑުން ހިފައިލިއެވެ.

"ދެކުދިންގެ ކައިވެންޏަށް ނުދެވުނީތީ ވަރަށް ދެރަވޭ... އުފާވެއްޖެ މިންހާއާ ބައްދަލުވީމަ. އަހަންނަށް ޔަޤީން ޝިޒާންގެ ހޮވުން ގޯސް ނުވާނެކަން." ނުހައިލް ހިނިތުންވެލިއެވެ. މިންހާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.

"ބައްޕަ މާ ގިނައިން ވާހަކަ ދެއްކީމަ ވަރުބަލި ވަނީއެއްނު. އެހަށް އަރާމުކޮށްލާ..." ޝިޒާން ބުނެލިއެވެ. އޭނާ ކޮޓަރިން ނުކުންނަން ހިނގައިގަތީ މިންހާއަށް ބަލައިލަމުން އައުމަށް އިޝާރާތް ކޮށްލާފައެވެ. ނަވާއާ ނޫރުލް ހުދާވެސް ނުކުތެވެ.

"ކޮބާ ލީވާން؟" ޝިޒާން ނޫރުލް ހުދާއާ ސުވާލުކޮށްލިއެވެ.

"އޮފީހުގައި ވީ. ބައްޕަ ބަލިވީމަ ބައިވަރު ކަންތައް ހުންނާނެއެއްނު ކުރަން. ދެން މިކޮޅުގައި ހުންނާނީ ލީވާންއެއްނު." ނޫރުލް ހުދާ ބުނެލިއެވެ.

"މިހާރު އެއްޗެހިވެސް ކޮޓަރިއަށް ގެންގޮސްފަ ކަންނޭނގެ ހުންނާނީ... މާމަ ތިރިއަށް ގޮސް ކާއެއްޗެހި ކޮޓަރިއަށް ފޮނުވައިލަދޭނަން. ކައިގެން ދެން ދެކުދިން އަރާމުކޮށްލާ... އާދޭ ނަވޫ މާމައާއެކު." ނަވާއަށް ބަލައިލަމުން ނޫރުލް ހުދާ ބުނެލިއެވެ. ނަވާ ނޫރުލް ހުދާއާއެކު ސިޑިން ތިރިއަށް ފައިބަން އަވަސްވެގަތެވެ.

"ހިނގާ ރޫމަށް." ޝިޒާން ބުނެލިއެވެ. މިންހާއަށް އިތުރު އެއްޗެއް ބުނާކަށް ނުކެރުނެވެ. އޭނާ ޝިޒާންގެ ފަހަތުން ހިނގައިގަތެވެ. ޝިޒާން އޭނާގެ ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނުމުން މިންހާވެސް އެތެރެއަށް ވަދެލިއެވެ. އޭރު އެ ދެމީހުންގެ ފޮށިތައް ހުރީ ކޮޓަރިއަށް ވައްދާފައެވެ. މިންހާ ކޮޓަރިއަށް ވަށައިގެން ބަލައިލިއެވެ. މާލޭގައި ހުންނަ އޭނާގެ ކޮޓަރިއަށް ވުރެ އެ ކޮޓަރި ބޮޑުވެފައި ހިތްގައިމެވެ. ފަރުނީޗަރުތައް ހުރީ ހުދާ އަޅިކުލައިގައެވެ. އެއްފަރާތު ފާރުގައި ހުރި ދޮރުފޮތިތައް އެއްފަރާތަކަށް ކަހާލާފައި ހުރުމުން ބެލްކަންޏަށް ނުކުމެވޭ ދޮރު ފެންނަން ހުއްޓެވެ.

މިންހާ އެހެން ހުއްޓާ ޝިޒާން އައިސް މިންހާގެ ކުރިމަތީގައި ހުއްޓުނެވެ. އެއާއެކު މިންހާއަށް އިސްއުފުލައިލާ ޝިޒާންއަށް ބަލައިލެވުނެވެ.

"މިންހާ. އައި އެމް ސޮރީ. އެކަމަކު މިކޮޅުގައި އުޅޭއިރު އަހަރެމެން ޖެހޭނީ އެއް ރޫމެއް ޝެއަރ ކުރަން. " ޝިޒާން ފުން ނަޒަރަކުން މިންހާއަށް ބަލައިލިއެވެ. މިންހާގެ ނަޒަރު ހުއްޓުނީ އެނދަށެވެ. ޝިޒާންއަށްވެސް ބޭ އިޚްތިޔާރުގައި އެނދާ ދިމާލަށް ބަލައިލެވުނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު