މާފުށިވަރު ރިސޯޓުން ތިމާވެއްޓަށް ގެއްލުން ދިނުމުން ހަތަރު ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

އދ. މާފުށިވަރު ރިސޯޓް -- ފޮޓޯ/ މާފުށިވަރު

އދ. މާފުށިވަރު ރިސޯޓުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރުމާ ގުޅިގެން އެތަން ތަރައްގީ ކުރި ކުންފުނި 402،500 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އެންވައިރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ޕެރެޑައިސް ރިސޯޓް ޑިވިލޮޕްމަންޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުން މާފުށިވަރު ތަރައްގީ ކުރުމުގެ މަސައްކަތް ކޮށްފައި ވަނީ މިނިސްޓްރީގެ ބަޔާނާއި އީޕީއޭގެ ހުއްދައާއި ހިލާފަށް ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އީޕީއޭއިން ނުދެއެވެ.

އެހެންކަމުން 'ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ބެހޭ ގާނޫނު'ގެ ދަށުން، ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދާ އެއްގޮތް ވާގޮތުގެ މަތިން އެ ކުންފުނި ޖޫރިމަނާ ކޮށްފައިވާ ކަމަށް އީޕީއޭއިން ބުނެއެވެ.

އެހެންކަމުން އިއްޔެއިން ފެށިގެން މަސް ދުވަހުގެ ތެރޭގައި ޖޫރިމަނާ ދެއްކުމަށް އީޕީއޭއިން ވަނީ ޕެރެޑައިސް ރިސޯޓް ޑިވިލޮޕްމަންޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑަށް އަންގާފައެވެ.

މާފުށިވަރު ރިސޯޓަކީ، އެންމެ ގިނަ ރިސޯޓުތައް އެ އަތޮޅަކަށް ނިސްބަތްވާ އަރިއަތޮޅު ދެކުނުބުރީގައި ތަރައްގީ ކޮށްފައިވާ ރިސޯޓެކެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން 25 މިނެޓުން ސީޕްލޭނުގައި ދެވޭ ސަރަހައްދުގައި އޮންނަ މާފުށިވަރު ރިސޯޓުގައި ފަސް ކެޓަގަރީއެއްގެ ބީޗް ކޮޓަރިތަކާއި މޫދު ކޮޓަރި ހުރެއެވެ.

ސްޕާ އާއި ޖިމްގެ ހިދުމަތްވެެސް ލިބޭ މި ރިސޯޓު މިދިޔަ އަހަރު އަލުން ހުޅޫވީ މަރާމާތަށް ބަންދުކޮށްފައި އޮންނަތާ އަހަރެއް ފަހުންނެވެ.

comment ކޮމެންޓް