"ހައްގު ބަސް ބުނުމުން ބައެއްފަހަރު އެކުވެރިންތަކެއް ގެއްލިގެން ހިނގައިދާނެއެވެ. ނަމަވެސް ﷲ ސުބުހާނަހޫ ވަތައާލާ ތިބާއާއެކު އަބަދުވެސް ވޮޑިގެންވެއެވެ."

***

"ނޯރާ އޯލްރެޑީ އެންގޭޖްޑް އިސްހާގު..." ކައިލްގެ ޖަވާބުން އިސްހާގު އަސާއަށް ބުރަވެގެން ހުރެ ކައިލްއަށް ނަޒަރު ހުއްޓައިލިއެވެ.

"ކާކާއިތަ؟"

"ތިހެންބުނީމަ މި ހަނދާންވީ. މާދަން އަހަންނާއިއެކު އިސްހާގު ވިންޓަރފެލްއަށް ދާންވީނު؟ އިސްހާގު އަހަރެންގެ ކައިވެންޏަށް ޝައުގު ހުރުމާއެކު ނޯރާގެ ފިއާންސޭއަކީ ކާކުކަން އެނގެން ބޭނުމިއްޔާ..."

"އަނެއްކާވެސް ވިންޓަރފެލް؟"

ހުރިހާ ޖަވާބެއްވަނީ އެތާގައި އިސްހާގު.." ކައިލް މާނަވީ ގޮތަކަށް ބުނުމުން އިސްހާގުގެ ސަމާލުކަން ދަމައިގަތެވެ.

***

ފެބްރުއަރީމަހުގެ މެދުތެރެއެވެ. އިރުއަރައިގެން އައީ އިރުގެ ހޫނު އަލިން ހުދު ސްނޯއިން ފުރިފައިވާ ޝަހަރަށް އަލިކޮށްދެމުންނެވެ. ނޯރާ ތަންކޮޅެއް އަވަހަށް ހޭލައިގެން ހޫނު ފެނުން ފެންވަރައިލުމަށްފަހު އިސްތަށިގަނޑު ހިއްކަން ފެށިއެވެ. ނޯރާއަށް މަޑުމަޑުން ނާނާއެއް އަޅުވަައިލެވުނެވެ. ކުރިން ކިތަންމެ ބަނަކޮށް ތަބީއަތު ހުއްޓަސް މިހާރު އެކަން ފިލައިފިއެވެ. ބައްޕަ ދުނިޔޭގައި އެބަހުއްޓެވެ. އަދި ބައްޕަ ސަލާމަތްކޮށްދިނީ ނޯރާ ހަޔާތުގައި ހަމައެކަނި ރުހެވުނު ޒުވާނާއެވެ. ބައްޕަގެ ސިއްހަތު އަނބުރާ ލިބުމުން ބައްޕައާއި ނާޔަލްއާއިއެކު ކުރިން އުޅުނުގޮތަށް އުފާވެރި އާއިލާއެއްގެ ގޮތުގައި އެކީގައި އުޅެވިދާނެއެވެ. އޭރުން ހުރިހާކަމެއް ހަމަޖެހިދާނެއެވެ. އޭނައަށް ބޭނުންވާ ހުރިހާ އެއްޗަކީވެސް އޭނަގެ ކުޑަ އާއިލާއެވެ. އޭނަގެ ހިތުގެ ކަނެއްގައި ފިޔަ ޖަހައިލި އުއްމީދުތައް ހިތުން ފިލުވައިލަން އޭނަ މަސައްކަތްކުރިއެވެ. އޭނައާއި ކައިލްގެ އޮތް ގުޅުމުގައި އެހެން ޝޭޑެއްގެ ކުލައެއް ޖެއްސުމެވެ.

ނޯރާ ތެދުވުނީ ދޮރުގައި ޓަކިދިނުމުންނެވެ. ނަމާދު ދޮޅިން އިސްތަށިގަނޑު ފޮރުވައިލުމަށްފަހު އޭނަ ދޮރު ހުޅުވައިލިއެވެ. އެ ދޮރުގައި ޓަކިދިން ގޮތް މާ ރަގަޅަށްވެސް ދަސްވެފައިވާތީ އެއީ ކާކުކަން ކުރިންވެސް އެނގުނެވެ.

"އައިޒަކް ކިހިނެއްވީ؟"

"އަޑުއެހިން ހޮސްޕިޓަލުން ފެމިލީ ބްރޭކެއް ނެގި ވާހަކަ.....ކީއްވެ؟" އައިޒަކް އެއް ބުމަ އަރުވައިލިއެވެ. އޭނަ ޓައީ ރަގަޅުކޮށްލިއެވެ. އޮފީހަށް ދާން ތައްޔާރުވަމުންވެސް އޭނަ އެއައީ އެކަމެއް އޮޅުން ނުފިލައިގެންނެވެ.

"ކިހިނެއް އެނގުނީ؟"ނޯރާގެ ބުމަވެސް އަރުވައިލިއެވެ."އޯ......ރަގަޅު. ތި އާއިލާއިން އެ ހޮސްޕިޓަލުގެ ހިއްސާ އޮވޭ."

"ބަލިވީތަ؟"

"މަސައްކަތަށް ސަމާލުކަން ދެވޭވަރަށް ސިއްހަތު ތަނެއްނުދޭ..." ނޯރާ ޖަވާބުދީފައި އަޑު މަޑުކޮށްލިއެވެ." ސާރާގެ ކަޒިން ޔޫނުސްގެ ޚަބަރެއް ނުވޭތަ؟ އޭނަ އިންޒާރެއް ނުދޭތަ؟"

"އަހަންނަށް އޭނަ އިންޒާރު ދޭން ޖެހޭ ސަބަބަކީ ކޮބާ؟"އައިޒަކް ބުމަ ކައިރިކޮށްލައިގެން ހުރިއިރު ރުޅިއައިކަން އެނގުނެވެ.

"އޭނަގެ މިޒާޖާއި އަދި ސާރާ ދެއްކި ވާހަކަތަކުން އެ އެތިފަހަރު އެހާ ފަސޭހައިން ބަލައިގަންނާނެހެން ހީނުވަނީ. ސާރާފަދައިން އައިޒަކް ބްލެކްމެއިލް ކުރަން މަސައްކަތްކޮށްފާނެ. ސާރާގެ ބައްޕަ އޭނަދެކެ ވަރަށް ލޯބިވޭ އަދި އޭނަގެ ވާހަކަ ގަބޫލުކުރާނީ އައިޒަކް ނޫނީ އެހެން މީހަކު ބުނާ އެއްޗަކަށްވުރެ. ޔޫނުސް އައިޒަކްއާއި ސާރާގެ ގުޅުން ކަނޑުވާލަފާނެ...."

"ވެލް. އޭނަ އެގޮތަށް ކަންތައްކޮށްފިއްޔާ ރަގަޅު. މި ފޭކް ކައިވެންޏާއިހެދި ވަރުބަލިވެއްޖެ.."އައިޒަކް ކޮނޑު އަރުވައިލިއެވެ.

"ތިހެން މާނަ ކޮށްފައެއްނޫން ތިބުނީ ދޯ. ކިހާ ކޫލްކޮށް ރޭގައި ހުރީ. ސާރާ ދިފާއުކޮށްދިނީ. ތިއީ ރަގަޅު މީހެއް އައިޒަކް. ރަގަޅުގޮތުގައި ބޮޑުވީ..." ނޯރާ ހިނިތުންވެލުމުން އައިޒަކް ހައިރާންވީ އެއީ އާއްމުކޮށް ނުފެންނަ ކަމަކަށް ވީމައެވެ.

" ބަލިވެ އުޅޭކަމަށް ބުނާ މީހަކާއި ބަލާއިރު ހާދަ ރަގަޅު މޫޑެއްގައި ތިހިރީ..." އައިޒަކް ސުވާލުގެ ނަޒަރަކުން ބަލައިލިއެވެ.

"އޯ....ދެކުދިން ކީއްކުރަނީ؟ އެއްތަނެއްގައި ތިއްބާ ފެނުނުކަމީ ރަގަޅު ކަމެއް. ވާހަކައެއް ދައްކައިލަން ބޭނުންވެފައި ހުރީ. އާވާގެ ފުރަތަމަ ކައިވެނިކަމަށް ވާތީ އެކަމާއި އަވަދިނެތި މާމަމެންނަށް އުޅެވުނީ. އެކަމަކު ތިކުދިންގެ ކައިވެނި ދިހަ ދުވަސްފަހުން ދޯ. ހުރިހާ އިންތިޒާމެއް ހަމަޖެހިއްޖެތަ؟ ދެކުދިންވެސް ޒިންމާދާރު މެޗުއާ ބަޔަކަށް ވީމަ އިންތިޒާމާއިބެހޭ ގިނަ ކަންތައް ތިކުދިން އަތްމައްޗަށް ދޫކޮށްލީ. އެކަމަކު އަދިވެސް ނޯރާގެ ހެދުން ޑިސައިޑް ނުވެއޭ ކިޔާ އަޑުއެހިން ނޯރާ؟"

ޒައިނަބު ދައްކައިލީ އާދައިގެ މަތިން އެންމެ ރީތި ހެދުމުގައި ގަހަނާތަކުން ޒީނަތްތެރިވެ ރީތިކަމުގެ ރާނީއެއްފަދައިން ޝާހީ އިއްޒަތްތެރިއެއް ފަދައިންނެވެ. މިއަދު ޒައިނަބު ފެނުމުން އެ ރީތިކަމުންވެސް އޭނަގެ ކަންތައް ހަދާން ނައްތައެއް ނުލެވުނެވެ. އެ ގަހަނާތަކާއި ހެދުންވެސް މުހިއްމެއް ނުވިއެވެ. ޒައިނަބުގެ މޫނުމަތީގައިވި ހިނިތުންވުންވެސް މިއަދު ނޯރާގެ ލޮލަށް ފިނިކަން ގެނެސްދީ ތައުރީފުކުރުވަނި އެއްޗަކަށް ނުވިއެވެ. އަދި ޒައިނަބުގެ އެ ހުރިހާކަމެއް ދެނެގަންނަ ތޫނު ނަޒަރުދެކެވެސް ރުހެވުނުކަމަކަށް ނުވިއެވެ. ޒައިނަބުގެ ފެނިލުމާއެކު އޭނަގެ މުށް ދޮރުގެ ތަޅަށް ބާރުކޮށްލެވުނުގޮތަށް ނޭވާވެސް ކުރުވެއްޖެއެވެ.

"ޒައިނަބް އާންޓީ. ތިކަމާ......އައިޒަކްއާއި އަޅުގަނޑު ނިންމީ......"ނޯރާ ކޮންމެވެސް ވަރަކަށް ޖެހިލުންވެފައިވެސް ނިންމީ ހަގީގަތް ހާމަކުރުމަށެވެ.

"އަޅުގަނޑުމެން ދެންމެ ތިކަމާއި މަޝްވަރާކުރަން ތިބީ. މާމާ. ނޯރާ ހެދުމާއި ބެހޭގޮތުން ވާހަކަދެއްކި. ހެނދުނު ތެދުވެގެން ހެދުމެއް ގަންނަން މޯލަށް ދާން ނިންމީ."އައިޒަކް ހިނިތުންވެލިއެވެ. ނޯރާގެ ނަޒަރު އައިޒަކްއަށް ހުއްޓުނީ ހައިރާންކަމާއެކުގައެވެ. އައިޒަކްފަދަ މީހެއްދެކެ ރުހެވެން ނެތް ސަބަބު އަދިވެސް ނޭގެނީހެއްޔެވެ

"ތިބުނީ ރަގަޅަށްތަ؟ އެހެންވިއްޔާ މާމަވެސް ދާނަން. ހެދުން ހޮވުމަކީ ޒުވާންކުދިންނަށް ފަސޭހަކަމެއްނޫން. ކޮންމެ އަންހެންކުއްޖަކުވެސް އެކުއްޖެއްގެ ކައިވެނީގެ ހެދުން އެންމެ ފުރިހަމަކުރަން ބޭނުންވާނެ.." ޒައިނަބު ހީނގަނެފައި ނޯރާގެ ކޮނޑުގައި މަޑުމަޑުން ޖެހިލިއެވެ." އަވަހަށް ގޮސް ތައްޔާރުވޭ ނޯރާ. ކާރުގައި އިންތިޒާރުކުރާނަން. އާންޓްވެސް މޯލަށްދާންވެގެން ހަމަ އުޅުނީ.."

"އޯ...ހޮސްޕިޓަލުން ބްރޭކެއް ނެގީތަ؟ ހާލުކިހިނެއްތަ؟"ކުއްލިއަކަށް ކަމެއް ހަނދާންވީ ކަހަލަގޮތަކަށް ޒައިނަބު ސުވާލުކުރުމުން ނޯރާ ހިންދިރުވައިލިއެވެ. އޭނައަށް އިހުސާސްވީ އޭނަގެ ކޮންމެ ހަރަކާތެއް ކުޑަކަމެއް ނަމަވެސް ވިންޓަފެލްއިން ގާތުން ބަލަމުން ދާކަމެވެ. ޒައިނަބުއަށް އޭނަގެ ހުރިހާކަމެއް އެބައެނގެއެވެ.

"ކައިވެނި އެހާ ކައިރިވީމަ އެއްކޮށް އުޅޭ ޑޮކްޓަރުން ނިކަން އުފަލުން ތިބެ ހަފްތާއެއްގެ ބްރޭކް ދީފި.." ނޯރާވެސް ދޮގު ހިނިތުންވުމެއް ތުންފަތް މައްޗަށް ގެނައުމުން އައިޒަކްވެސް ހައިރާންވީ އޭނަގެ ދޮގާއި ނޯރާވެސް އެއްބައިވެ ކުރިއަށް ގެންދިޔައީމައެވެ. ނޯރާ ބުނީ މުޅިން ދޮގެއް ނޫނެވެ. އޭނަ ޗުއްޓީއެއް ނަގަން އުޅުމުން އެމީހުން ނިންމީ ނޯރާގެ ކައިވެނީގެ ކުރިން ކުރަން ޖެހޭ ކަންތައް ނިންމުމަށް ކަމުގައެވެ. ނޯރާ އެމީހުންގެ ގަބޫލުކުރުންތަކާއި ދެކޮޅެއްނަހަދައެވެ. ބައްޕަގެ ހާލަތުގެ ޒިންމާ ނަގަން ޖެހޭ ފަރާތަކީ ވިންޓަރފެލް ކަމަށް ވަންޏާ ނޯރާއަށް އެންމެ ރަގަޅުގޮތަކީ ހިމޭނުން ހުރުމެވެ. އަދި އެމީހުންގެ ރާޑަރަށް ނާރާފަދަ ގޮތަކަށް ހަރަކާތްތައް ބެހެއްޓުމެވެ. ކުއްލިއަކަށް ކައިވެނި ކެންސަލްކޮށްފައި އެގެ ދޫކޮށް އޭނަ ގެއްލިއްޖެއްޔާ ޝައްކުވާނެއެވެ.

އަށް އަހަރު ކުރިން ނޯރާ އޭނަގެ ބައްޕަ ހޯދުމުގެ މަސައްކަތުގައި އުޅެނިކޮށް ކޮންމެވެސް ބަޔަކު އޭނަ ކިޑްނެޕްކުރަން މަސައްކަތްކުރިއެވެ. އެފަހަރު އޭނަ ޖެހުނީ ސިފަބަދަލުކޮށްގެން ފިލައިގެން އުޅުމަށެވެ. އެއްރޭ އޭނަ ސަލާމަތްވީ ހަމަ ކިރިޔާއެވެ. ކައިލް ސަލާމަތްކޮށް ނުދިން ނަމައެވެ. ބައްޕަ އެ ހާލަށް ވައްޓައިލީ ވިންޓަރފެލް މީހުން ކަމުގައި ވެއްޖެއްޔާ އޭނަގެ ފަހަތުން އުޅުނު މީހުންވެސް މަސައްކަތް ކޮށްދޭނީ އެމީހުންނަށްތާއެވެ. އަޖައިބުވަނީ އޭނަ ވިންޓަރފެލްއަށް ބަދަލުވުމާއެކު އޭނަގެ ފަހަތުން ހިޔަނިތައް ހެން ވިއްދާފައި ހުރިހާ ހަރަކާތްތަކަށް ފާރަވެރިވި ސޫޓުގައި ތިބި ފިރިހެނުންވެސް އެފަހުން ނުފެނުނުކަމެވެ. ނޯރާއަށް ނަޒަރު ހުއްޓައިލެވުނީ ހީލައިގެން ހުރި ޒައިނަބުއަށެވެ. އެމީހަކީ ޒައިނަބުހެއްޔެވެ؟ ލޯބި ލޯބި އުމުރުން ދުވަސްވެފައި ހުރި މާމައެއް ހެއްޔެވެ؟ މިހުރިހާ ކަމެއްގެ ފަހަތުގައި ހުރީ މީނަހެއްޔެވެ؟ ކައިލްގެ މަންމަ މަރާލުމާއި ބައްޕަގެ ގެއްލުމުގެ ފަހަތުގައިވެސް ހަމަ ހުރީ ޒައިނަބުހެއްޔެވެ؟ ޖަވާބު ނުލިބޭ ސުވާލުތައް ވަރަށް ގިނައެވެ.

ނޯރާ ބައްޕައަށް ޒިޔާރަތްކޮށް ހާލު ބަލަން ބޭނުންވެފައިހުރިއިރުވެސް މި ޖެހުނީ އިންތިޒާރުކުރުމަށެވެ. އޭނަ ބައްޕަ ހޯދުމުގައި ތޭރަ އަހަރު ވޭތުކުރިއެވެ. އެކަމަކު އަދިވެސް އެކަމާއި އުފާ ފާޅުކޮށް އެންމެންގެ ތެރޭގައި ބައްޕަގެ ވާހަކަދެއްކޭނެ ގޮތެއްނުވެއެވެ. ނޯރާ އޭނަގެ ބޭބެއަށް ގުޅާފައި ބުނީ އެގެއަށް ދެވޭނީ ތަންކޮޅެއް ފަހުން ކަމަށެވެ.

***

ވިންޓަރފެލްގެ ޚާދިމާއެއްކަމަށްވާ ޖޫލީ އަވަސް އަރުވާލައިގެން ނިކުންނަން ހަދައިގެން ފައި ފުރޮޅާނުލީ ކިރިޔާއެވެ. މުހިއްމު މެހުމާނުންތަކެއް ގެއަށް އަންނަ ވަގުތު ކުޑަތަންވީއިރު އަދިވެސް ދޮރާށި ކުރިމަތީގައި ފުނިޖެހިފައިވާ ސްނޯ ސާފުކުރާކަށް މަސައްކަތު މީހުން ނޫޅެއެވެ. އޭނަ ގެއާއި ދޮރާށްޓާއި ދެމެދު ހިނގަން ހަދާފައި އޮތް ދިގު މަގު ކަަޑައްތުކޮށް ދޮރާށްޓާއި އަރާ ހަމަވުމާއެކު ފިޔަވަޅު ހުއްޓުނެވެ. މެހުމާނުން އައީއެވެ. މާސްޓަރ ހައިތަމް މަސައްކަތުމީހުންގެ މުސާރައިގެ ދެބައިކުޅަ އެއްބައި ކަނޑައިލާނެކަން ޔަގީނެވެ.

"މަރުހަބާ މިސްޓަރ ކައިލް. މާސްޓަރ ހައިތަމް އޮފީހުގައި އިންތިޒާރުގައި އެބަ އިންނެވި...."ޖޫލީ އަދަބުވެރި ހިނިތުންވުމަކާއެކު ބުނެލިއެވެ. ޖޫލީގެ ހިނިތުންވުން ގެއްލުނީ ކައިލްގެ ލޮލުގައި އަޅާފައިވާ އަވިއައިނު ނެގުމާއެކު ހެނދުނުގެ އަވީގައި އެފެނުނު ރަން މުށި ދެލޮލުގެ ސަބަބުންނެވެ. ޖޫލީ ބޯގުދުކޮށްލާފައި ތިރިއަށް ބަލައިލިއިރުވެސް އޭނަގެ ބުމަ ރޫޖެހި ހައިރާންކަމާ އޮޅުންއަރާ ގޮތްވެފައެވެ. ކައިލްއާއެކު ދެން ހުރި ފިރިހެންމީހާ އަސާގެ އެހީގައި ހިނގައިގަތްއިރު އެމީހުންގެ ފަހަތަށް ބަލަން ހުރި ޖޫލީގެ މޫނުމަތިން އަދިވެސް ފެންނަނީ ހަމަ އެ ކުލަވަރެވެ.

***

"ވަރަށް އުފާވެއްޖެ ބައްދަލުވީމަ. މިސްޓަރ އިސްހާގު. ތިއީ ކައިލްގެ ބައްޕަ. އަހަންނަށް ހީވާގޮތުން؟" ހައިތަމް އިސްހާގުއާއި އަތާއި އަތް ޖޯޑުކޮށްލަމުން ސަލާމްކޮށްލަމުން ހިނިތުންވެލިއެވެ. އަދި އެންމެންވެސް ކައުޗްތަކުގައި އިށީދެ ހަމަޖެހިލިއެވެ. ކުރިމަތީގައި ހުރި މޭޒުމަތީގައި ހޫނު ކޮފީތަށިތައް އާވިއަރަ އަރާ ހުއްޓެވެ.

"އެންމެންވެސް ކިޔަނީ އެހެން.. "އިސްހާގު ހުނުމަކާއެކު ކައިލްއަށް ނަޒަރު ހުއްޓައިލިއިރު ކައިލްވެސް އެ ކުށް ރަގަޅުކޮށްލަދޭކަށް ކޮންމެހެން ނޫޅުނެވެ. އެއީ އެންމެނަށްވެސް އޮޅުން އަރާފައިވާ ކަމެކެވެ. އޭނަގެ ނަމަކީ ކައިލް އިސްހާގުތާއެވެ. މައިންބަފައިންނާއި ނުލާ ބޮޑުވީ ކުއްޖަކު މިހިސާބަށް އަރާފާނެކަމަށް އެއްވެސް މީހަކު އުއްމީދެއް ނުކުރާނެއެވެ. ހައިތަމްއަށްވެސް ކައިލްގެ އާއިލާއެއް ނެތްކަން އެނގުނުނަމަ އެހާވަރުން އޭނަގެ އަންހެން ދަރިފުޅާއި ކައިވެނި ކުރުވަން މަސައްކަތެއް ނުކުރީސްކަން ނޭގެއެވެ.

"އެންމެ ފަހުން ދިމާވިއިރު ދެކެވުނު ވާހަކަތަކާއިމެދު ޚިޔާލުކޮށްލިންތަ؟" ހައިތަމްގެ މޫނުމަތިން ފެނުނީ ބޭގަރާރުކަމެވެ.

"ލައްބަ. މި ލިބުނު ފުރުސަތު ނަގާލުމަކީ މާނައެއް ހުރިކަމެއްނޫން. އަޅުގަނޑަށް އެ މަގާމުދޭން ނިންމެވުމަކީ ޝަރަފެއް. އެކަމަކު އެއީ އާވާ އެކަމާއި ދެކޮޅު ނަހަދަންޏާ..."ކައިލްގެ ޖަވާބުން ހައިތަމްގެ ހިނިތުންވުން ފުންވިއެވެ. އެ އުމުރުގައިވެސްހައިތަމްގެ މޫނު އޮމާންވެފައި ފިރިހެންވަންތައެވެ. އަދި އިސްތަށިގަނޑުގެ ގަދަ މުށިކުލަ އޭނަގެ މަންމައާއި ތަފާތެއްނެތި އެ ދޮން ހަމުގެ ކުލައާއި ގުޅެއެވެ. އެ ލޮލުން ވިސްނުން ތޫނުކަމާއި ކަންތައް ދެނެގަތުމުގެ ގާބިލުކަން ފައުޅުވެއެވެ. އަދި ލޮލުގެ ކަނުގައި ކުދި ކުދި ރޫތަކެއްވިއެވެ. އޭނަގެ އަތުކުރީގައި ވިދަވިދާ އޮތް ރަންގަޑިވެސް ހާމަކޮށްދެނީ މުއްސަދިކަމެވެ.

"ގުޑް މޯނިން ކައިލް އަދި....؟" އެތެރެއަށް ވަން ޒައިނަބު އިސްހާގުއަށް ހިނިތުންވުމެއް ދެމުން ތައާރަފަކަށް މަޑުކޮށްލިއެވެ. ސިކުންތުކޮޅެއްގެ ތެރޭގައި ޒައިނަބު ބޭނުންކޮށްފައި ހުރި ސެންޓުގެ ގަދަ ވަސް މުޅި ކޮޓަރި ހިސާރުކޮށްލައިފިއެވެ.

"އަހަރެންގެ ދަރިފުޅަށް ބައްދަލުވުންތައް ބާއްވަން އެންމެ އެކަށީގެންވާ ގަޑިތަކެއް ދެނެގަތުމުގައި މައްސަލައެއް އުޅޭ. މިހާ ހެދުނާ ތެދުވާންވުމުން ބުރަކަމެއް އުދަގުލެއްނެތް ކަމަށް އުއްމީދުކުރަން..."

"އޯ.. ފަޖުރުގެ އަލިކަން ފައުޅުނުވަނީސް ކައިލް ތެދުވާނެ. ފަތިސް ނަމާދަށްފަހު އެންމެ އިރުކޮޅަކަށްވެސް ނުނިދާނެ..." އިސްހާގު ކޮފީއިން ކޯވަރެއް ބޯލަމުން ބުނެލިއެވެ. އެހެންނޫނީ ކައިލް މި ވާހަކަ ކުރިއަށް ނުގެންދާނެކަން އިސްހާގުއަށް ޔަގީނެވެ. ބޭނުމެއްނެތް ވާހަކައަކަށް ވެއްޖެއްޔާ ކައިލް ޖަވާބެއްވެސް ނުދޭނެއެވެ. ހައިތަމްގެ ބުމަ ކުޑަކޮށް އަރުވައިލެވުނެވެ. ވީއިރު މި ޒުވާނާ ހަމައެކަނި ކާމިޔާބީ ވިޔަފާރިއަކު ނޫނެވެ. އެކަމަކު ދީންވެސް އެހާ ސީރިޔަސްކޮށް ނަގަނީ ހެއްޔެވެ؟

"އަންހެނުންގެ ވާހަކަ އެހިދާނެތަ؟ކޮންއިރަކު އޭނައާއި ބައްދަލުވާނީ؟" ޒައިނަބު އެހިއެވެ.

"އަހަރުތަކެއްކުރިން އަހަރެމެން ދުރުވެއްޖައިން. މިހާރު ދިރިއުޅެނީ ކައިލްއާއެކު..." އިސްހާގު ތެދުބަހުން ޖަވާބުދިނެވެ.

"ތިވާހަކަ އަހާފައި ވަރަށް ދެރަވެއްޖެ..." ޒައިނަބްގެ ނަޒަރު ހުއްޓުނީ ކައިލްއަށެވެ.

"މިހެން އެހިޔަސް ހިތްހަމަނުޖެހޭނެކަމަށް އުއްމީދުކުރަން. އަދިވެސް މަންމައާއި ގުޅުން އޮވޭތަ؟މި ކައިވެންޏާއި ބެހޭގޮތުން މަންމައަށްވެސް އެނގެންވާނެއްނު....." ޒައިނަބު ސުވާލުކުރިއެވެ. ހައިތަމްގެ ދަރިފުޅުގެ ކައިވެނީގައި ކައިލްގެ ބައްޕަ ހަމަ އެކަނި ހުރިއްޔާ މަންމައާއިމެދު އެންމެން ސުވާލުކުރާނެއެވެ.

"އައި ޑޯންޓް.."ކައިލް ބުނެލިއެވެ."އެއަށްވުރެ މާ ދުރުގައި ވީ.."

އިސްހާގު އޭނަ ރައިހާނާ ވަރިކުރި ވާހަކަ އަދި ކައިލް އޭނަގެ މަންމަގެ މަރުގެ ވާހަކަ ދެއްކިގޮތުން އެތާ ތިބި މީހުންނަށް އެދެމީހުން ދެއްކީ މުޅިން ތަފާތު ދެ އަންހެނުންގެ ވާހަކަކަން ދެނެގަނެވޭނެ ގޮތެއްނުވިއެވެ.

"އަޅުގަނޑުގެ ދަރިފުޅުގެ މަންމަ ނެތަސް މި ކައިވެންޏަށް އެއްވެސް މައްސަލައެއް ކުރިމަތިނުވާނެކަމަށް އުއްމީދުކުރަން. ދަރިފުޅު އަންބަކު ހޯދުމުގެ ވަގުތު ޖެހިއްޖެ. އޭނަގެ ބޮޑު ވިޔަފާރިއަށް ވާރިސަކު ހުންނަން ބޭނުން..." އިސްގާހު ދެރަވީކަމަށް ހެދެމުން ބުނެލިއިރު ކައިލްއަށްވެސް އެ މޫނަށް ބަލައިލެވުނެވެ. ހީކުރިވަރަށްވުރެ އިސްހާގުގެ މަސައްކަތަށް ތަރުހީބުދޭވަރެވެ. އޭނަގެ ވާހަކަދެއްކުމުގެ ހުނަރަކީ ޖޯކެއް ނޫނެވެ.

"ޔަގީންތާ. މިކައިވެންޏަކީ ވިންޓަރފެލްއަށް ލެއްވި ރަހުމަތެއް. އަހަރެމެންގެ އާވާއަށް ލިބުނީ އިއްޒަތްތެރި ފިރިހެނެއް. އެކަމުގެ ޝަރަފު ލިބިއްޖެ....." ޒައިނަބު ހިނިތުންވެލީ ކައިލްގެ އާއިލާގައި އޮތް މައްސަލަތަކުގެ ސަބަބުން ލިބުނު ނުތަނަވަސްކަން ފޫބައްދަންވެގެންނެވެ.

"މަންމާ. ކައިލްގެ އާއިލާ ދިރާސާކޮށް މަންމަ ނިންމަވައިފިއްޔާ ތާރީޚެއް ކަނޑައެޅިދާނެތޯ؟ "ހައިތަމް ވާހަކަދެއްކިއެވެ."ވީހާވެސް އަވަހަށް ވިއްޔާ ރަގަޅީ.މާޗް އެކެއް ކިހިނެއްވާނެ؟"

" މާޗު އެކެއް؟އެއީ ނޯރާއާއި އައިޒަކްގެވެސް ކައިވެނީގެ ތާރީޚު. ދެންމެ މިއައީ ނޯރާއަށް ކައިވެނީގެ ހެދުމެއް ހޮވަންވެގެން ގޮއްސަ..." ޒައިނަބު ވިސްނައިލީ މާމަ ދެ ދަރިންގެ ކައިވެނި އެއް ދުވަހެއްގައި ކުރާނީތޯ ނުވަތަ ނޫންތޯއެވެ.

"އެކީ ކައިވެނި ކުރުމާއިމެދު ހުރިހާ ކުދިން ހިތްހަމަޖެހޭނެހެން ހީވޭ. ކޮންމެގޮތެއްވެސް އަންނާނީވެސް އެއްބަޔެއްނު. އެހެންވީމަ މައްސަލައެއް އޮތްކަމަކަށް އަޅުގަނޑު ނުދެކެން." ޒައިނަބުގެވާހަކައިން ދޭހަވަނީ ކައިލްއާއި ނޯރާގެ އާއިލާ ނެތްކަމެވެ.

"މާޗު އެކެއް ކައިލްއަށް ރަގަޅުވާނެ؟" ޒައިނަބްގެ ސަމާލުކަން ހުއްޓުނީ ކައިލްއަށެވެ.

"ތިކަން އަޅުގަނޑު ދޫކޮށްލާނީ ތިޔަބޭފުޅުންގެ އަތްމައްޗަށް. ކޮންމެ ދުވަހެއްވެސް އަޅުގަނޑަށް އޯކޭވާނެ..."ކައިލް ބުނެލިއެވެ." އެކަމަކު މިދުވަސްކޮޅު ވަރަށް އަވަދިނެތި މިއުޅެނީ..."

ކައިލްގެ ބޭނުމަކީ މަހުމޫދުގެ ސިއްހަތާއި ހަނދާން އަނބުރާ އަންނަން ވަގުތު ލިބުމެވެ.

***

"ގޯޝް. މާމާ ހަގީގަތުގައިވެސް ވަރަށް ރަގަޅަށް ވެޑިން ޑްރެސް ކަންތަކުގައި މިހިރީ ގޮސްފައި. މިހާ ރީތި ހެދުމެއް އަހަންނަށް ހޯދަދޭނެކަމަށް ހިޔެއްނުކުރަން."އާވާއަށް ހަޅޭއްލަވައިގަނެވުނީ އެ ހެދުން ނޯރާއަށް ލެއްވުމަށްފަހުގައެވެ." ބައެއް އަންހެންކުދިން މިފަދަ ހެދުމެއް ހޯދަން ކިޑްނީވެސް ވިއްކާލަފާނެ. އަހަރެން ފޮޓޯއެއް ނެގިޔަދީ. އޭރުން އައިޒަކް މީގެ އަގު ދޭން ޖައްސާނީ..."

އާވާ އޭނަގެ ކެމެރާ ހޯދަން ޑެސްކާއި ދިމާލަށް ހިނގައިގަތެވެ.

"އާވާ ޕްލީޒް..."ނޯރާ ގޮތްހުސްވެފައިވާފަދަ ގޮތަކަށް ފައި ތަޅައިގަތެވެ. ދެން ފެނުނީ އާވާގެ ކޮޓަރީގެ ދޮރު ހުޅުވާފައި ހުރިތަނާއި އާވާ އަވަދިނެތި ޑެސްކްގައިވާހާ އެއްޗެއް ނެރެގެން އެ ކެމެރާއެއް ނުފެނިގެން އަވަދިނެތި އޮތް މަންޒަރެވެ. ލިބުނު ދަނޑިވަޅު ބަލާފައި ނޯރާ ކޮޓަރިން ނުކުންނާން ހިނގައިގަތީ ހެދުމުގެ ދެފަރާތުން ލޭސްތަކުގައި ހިފަހައްޓާލައިގެންނެވެ. އެހެދުން އެކަނި ބަރީ އެއް ނޫނެވެ. އެހާ ޒީނަތްތެރިކަމާއި ގޮތްބޮޑުކޮށް ހަދާފައެވެ.ޑިސްނީ ޕްރިންސެސްއިން ގެ ބޯލް ގައުންތަކުގައި ލާ ހެދުންވެސް މިހާ "ޕްރިންސެސް" އެއް ނޫނޭ ހިތަށް އެރިއެވެ. ސާފު ފަށުވިން ހަދާފައިވާ ކުޑަ ފޮތިކޮޅުން އިސްތަށިގަނޑުވެސް ކިރިޔާ ނިވާ ވާކަމެވެ. މިފަދަ ހެދުމެއް ދުވަހަކުވެސް ލާން ޖެހިދާނެކަމަށް އޭނަ ހިޔެއްނުކުރެއެވެ.

ނޯރާ ހެދުން ހިއްލާލައިގެން އޭނަގެ ކޮޓަރިއާއި ދިމާލަށް މިސްރާބު ޖަހާފައިވާއިރު ހެދުމުގެ ފަސްބައި ދުރުދުރަށް ދާންދެން ފެތުރިފައި އޮތެވެ. އެ ބަރު ދިގުހެދުން ކޮންމެވެސް ތަނެއްގައި އަޅައިގެންފާ އޭނަގެ ފިޔަވަޅުތައް ހުއްޓުވީ ކުއްލިއަކަށެވެ. ކުއްލިއަކަށް އެނބުރުނީ ރުޅިވެރިކަމާއިއެކު އެ ހެދުން އަޅައިގަތްތަނަކާއި ދިމާލަށް އެއްޗެހި ކިޔައިގަތުމުގެ ނިޔަތުގައެވެ. އަދި އަޅައިގަތްތަނަކުން ހެދުން ދަމައިގަތުމަށެވެ. ހަލާކުވިޔަސް ހެޔޮކަމަށެވެ.

"ސޮރީ...." ކައިލް ހެދުމުގެ ފަހަތުން ދިގުކޮށް އޮތް ބައިމަތިން ބޫޓު ނެގިއެވެ.

"ހަގީގަތުގައި ނާރާ ވޭތޯ މަސައްކަތްކުރިން.." ކައިލް ދެވަނަ ފިޔަވަޅު އެޅީ ވިސްނާފައެވެ.

"މިތަނުގައި ކީއްކުރަނީ؟" ނޯރާއަށް ލިބުނު ޝޮކާ ސިހުމާއެކު ސުވާލުކުރީ އެކަން ސިއްރުކުރަން މަސައްކަތްކުރަމުން ކަމުގައިވިޔަސް އަޑުންވެސް އޭނަގެ ޝޮކް ހާމަވިއެވެ.

"އަހަންނާއި އާވާގެ ކައިވެނީގެ ޑޭޓް ކަނޑައަޅަންވެގެން މިސްޓަރ ހައިތަމް ދައުވަތުދީގެން އައީ.." ކައިލް ގުދުވެލާފައި ނޯރާގެ ހެދުމުގައި ހުރި ވެއްޔާއި އެކުވެފައި ހުރި ސްނޯ ފިލުވަން މަސައްކަތްކުރިއެވެ.

"ކައިލްގެ ވެޑިން؟" ނޯރާއަށް އެހުނެވެ. ކައިލް ޖަވާބެއްނުދީ އަންގި ލައްވާފައި ހުރި އަތުން މަސައްކަތްކުރަމުން ދިޔައީ އޭނަގެ ބޫޓުން އެރުމުން ހެދުން ހަޑިވެފައި ހުރި ތަން ސާފުކޮށްދިނުމަށެވެ.

"ކީއްތިކުރަނީ؟ ތިކަން ހުއްޓާލަފާނަންތަ؟" ނޯރާ ތިރިއަށް ބަލަމުން އެދުނެވެ. ކައިލް ހީކުރަނީ ކީކޭހެއްޔެވެ؟ އޭނަ ނުލާން ކަނޑައަޅާފައިވާ ހެދުމެއްގައި ހުރި ހަޑި ސާފުކުރަން އެހާވަރުން އުޅުމުގެ އެއްވެސް ބޭނުމެއްނެތެވެ." ތިހެދުން ހަލާކުކޮށްލަނީއޭ......." ނޯރާ ބާރަށް ބުނެލިއެވެ. އެއީ ނޯރާ ބުނަން ބޭނުންވި ހިތުގައި އޮތް އެއްޗެއްގެ ދިމާ އިދިކޮޅެވެ. ހެދުން ހަލާކުވިޔަސް އޭނައަށް ވަރިހަމައެވެ. އެކަމަކު ކޮންމެވެސް ސަބަބަކާއިހުރެ ހިތަށް ކޮށްފައިވާ ހިތްދަތިކަން ރުޅިވެރިކަން ޚިޔާރުކުރިއެވެ. ނޯރާ ހެދުމުގައި ހިފާ ބާރުލާފައި ދަމައިގަތެވެ. ކައިލް އިސްއުފުލާ ބަލައިލިއެވެ.

"ޔަގީންތަ؟ފަހަރެއްގައި ހެދުން ދޮންނަންވެސް ޖެހިދާނެ." އަންގި ލައްވާފައިވާ އަތްތިލައެކީ ހިންގައިލަމުން އޭނަ ކޮޅަށް ތެދުވެއްޖެއެވެ.

"އިޓްސް ފައިން..." ނޯރާ ކުއްލިއަކަށް އަނެއްފަރާތަށް އެނބުރުނީ އެމޫނަށް ބަލަހައްޓައިގެން ހުންނަން ބޭނުންނުވެގެންނެވެ. އެދެލޮލުން ދުވަހަކުވެސް އޭނަ ބޭނުންވާފަދަ ގޮތަކަށް އޭނައަށް ނަޒަރު ހިންގައިލާނީއެއްވެސް ނޫނެވެ. ކައިލް ފަރުވާތެރިކަމާއެކު އެ ހެދުމަށް ނާރަން މަސައްކަތްކުރަމުން ހިނގައިގަންނަމުން ނޯރާއާއި މުޚާތަބުކުރިއެވެ. މިކާލް ބޭރުގައި އިންތިޒާރުގައި ހުންނާނެކަމަށާއި އޭނަގެ ގެއަށް މިކާލްގެ ކާރުގައި ދެވިދާނެކަމުގައެވެ.

" ހެނދުނު ނާސްތާގައި އެއްވެސް އެއްޗެއް ކާން ނޯރާގެ ބައްޕަ ދެކޮޅުހެދީ...."

"ބައްޕަގެ ހާލު ކިހިނެއްތަ؟ ރަގަޅުތަ؟" ނޯރާ ކަންބޮޑުވުމާއެކު ސުވާލުކޮށްލިއިރު އޭނަ ދައްކައިގެން ހުރި ކުލަވަރު ބަދަލުވެ ވައިގާ ހިފާފައި ހުރި ނުތަނަވަސްކަން ކެނޑި ނޯރާ އެހެން ހުރިހާ ކަމެއް ހަނދާން ނެތުނެވެ. އަދި ކައިލްގެ ފަސްފަހަތުން ތިރިއަށް ދާން ހިނގައިގަތެވެ.

"އަނެއްހެން ރަގަޅު. އެކަމަކު އެހިސާބަށްވެސް ދާނީ ތިހެދުމުގައިތަ؟" ކައިލް ބުމަ އަރުވައިލުުމުން ނޯރާގެ މޫނު ރަތްވެގެން ދިޔުމާއެކު އަވަހަށް އަނެއް ފަރާތަށް އެނބުރެމުން އޭނަ އައި ދިމާލަށް ހިނގައިގަތެވެ. ކައިލް ތިރިއަށް ދިޔައިރު އެކަނިމާ އެކަނި ހުރެވެސް ހީލައިގެން ދިޔުމުން އެކި މަސައްކަތުގައި ތިބި ޚާދިމާއިންނަށް ނަޒަރު ހުއްޓުވަން މަޖުބޫރުވިއެވެ. ހައިރާންކަމާއިއެކު ބިރުވެސް ގެންފައި ތިބީ ކައިލް އެކަނި ހުރެ ހިނިތުންވެގެން ހުރި ސަބަބެއް ނޭގިގެންނެވެ.

***

"ބައްޕާ..ކޮންމެހެންވެސް ބައްޕަ ނާސްތާކޮށްލަން ޖެހޭނެ. ކޮންމެވެސް އެއްޗެއް ކާންވާނެ..." ނޯރާ މަހުމޫދު އިން ކޮޓަރިއަށްވަނީ ނޯރާ އަމިއްލައަށް ކެއްކި ކާއެއްޗެހި އަތުރާފައި ހުރި ތަބައް ހިފައިގެންނެވެ. އެއީ ބައްޕަ އެންމެ ގަޔާވާގޮތަށް ހަދާފައި ހުރި ޕޮރިޖަކާއި ބިސްގަނޑެކެވެ. ބައްޕަ އެންމެ ލޯބިކުރާ ނާސްތާއެވެ.

"ނޯރާ...." މަހުމޫދު އަޑުކޮޅަށް ގޮވައިލިއެވެ. ބައްޕަގެ ހަނދާނަށް އޭނަ އައީއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު