ފެރާން ޓޮރެސް އަކީ މިހާރު ބާސެލޯނާ ކުޅުންތެރިއެއް!

ފެރާން ޓޮރެސް-- ފޮޓޯ / ބާސެލޯނާ

މި ސީޒަނުގައި މެންޗެސްޓާ ސިޓީއަށް ކުޅުނު ސްޕެއިންގެ ފެރާން ޓޮރެސް ޔޫރަޕުގެ ގަދަބާރެއް ކަމަށްވާ ބާސެލޯނާއަށް މިއަދު ރަސްމީކޮށް ބަދަލުވެއްޖެއެވެ.

އުމުރުން 21 އަހަރުގެ މޮޅު ފޯވާޑު ބާސެލޯނާއަށް ސޮއިކުރީ ހަތް އަހަރު ދުވަހު އެޓީމަށް ކުޅުމަށް އެއްބަސްވުމަށްފަހުއެވެ. އޭނާ އެންމެ ފަހުން ސިޓީއަށް ކުޅުނު އިރު އެޓީމަށް ވަނީ 43 މެޗެއް ކުޅެދީ 16 ގޯލު ކާމިޔާބުކޮށްދީފައެވެ. އަދި ގޯލު ޖެހުމަށް ހަތަރު ފުރުސަތު ވެސް ވަނީ ފަހިކޮށްދީފައެވެ.

ބާސާ އިން ދާދި ފަހުން ވަނީ ޓޮރެސްގެ މެޑިކަލް ޓެސްޓުތަކެއް ހަދާފައެވެ. މިއަދު ބާސާއިން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ 2027އާ ހަމައަށް ޓޮރެސް އެ ކްލަބްގައި ހުންނާނެ ކަމަށާއި އޭނާއަށް މަރުހަބާ ކިޔާ ކަމަށެވެ.

ސިޓީން ވެސް ވަނީ ޓޮރެސް އެޓީމު ދޫކޮށް ބާސާއާ ގުޅުނުކަން ޔަގީންކޮށްދީފައެވެ.

ހަމައެހެންމެ، ޓޮރެސްއަށް ޖުމުލަ 55 މިލިއަން ޔޫރޯ ދިނުމަށް ބާސާއިން އެއްބަސްވެފައިވާ ކަމަށް ވެސް ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މިއަހަރުގެ ޔޫރޯގައި ތަފާތު ކުޅުމެއް ދެއްކި ޓޮރެސްގެ ޓްރާންސްފާއާ ގުޅިގެން ގާޑިއޯލާ ބުނެފައިވަނީ ބާސާ އަކީ އޭނާ ކުރިން ހަވާލުވެ ހުރި ކުލަބަކަށްވާއިރު އެ ކްލަބަށް ދިއުމަށް ހުށަހެޅުމުން އެކަމާ ދެކޮޅަށް ނިކުންނަން އުނދަގޫވާ ކަމަށެވެ.

"ޓޮރެސް ސިޓީގައި ހުންނަން ބޭނުންނުވާނަމަ އަދި ސިޓީގައި ހުންނަ އިރު އުފާ ނުވާ ނަމަ އެންމެ ރަނގަޅުގޮތަކީ ޓޮރެސް އުފާވާ ކުލަބަކަށް ދިއުން. ކުލަބު ދޫކޮށް ދާން ބޭނުންވާއިރު އަހަރެން އެއްވެސް ކަމަކަށް ހުރަސް އަޅާކަށް ނެތިން. އަހަރެން ޓޮރެސްއަށްޓަކާ އުފާކުރާނަން،" ގާޑިއޯލާ ބުންޏެވެ.

comment ކޮމެންޓް