މާފުށީ ޕިކްނިކް އައިލެންޑް ރަސްމީކޮށް ކައުންސިލާ ހަވާލުކޮށްފި

ޕިކްނިކް އައިލެންޑް ރަސްމީ ގޮތުން ހަވާލުކުރުމުގެ ރަސްމިއްޔާތު --- ފޮޓޯ/ ޕްލޭނިން މިނިސްޓްރީ

ކ. މާފުށީ ޕިކްނިކް އައިލެންޑްގެ ގޮތުގައި ތަރައްގީކުރި ބިން އެ ރަށު ކައުންސިލާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.

މި ޕިކްނިކް އައިލެންޑަކީ، މާފުށީ އިރު އުތުރުގައި އޮތް "ވައްމާފުށި" ކިޔާ ފަޅުރަށް ސުނާމީގައި އެއްކޮށް ގިރާލުމާ ގުޅިގެން އެރަށުގެ ރައްޔިތުންގެ އެދުމުގެ މަތީން ހިއްކައިދިން ރަށެކެވެ. ދޮޅު ހެކްޓަރުގެ އެ ރަށަކީ މާފުށީ ރައްޔިތުންގެ އިތުރުން މާލެއިންނާއި އެހެން ރަށްރަށުންވެސް ގިނަ އަދަދެއްގެ ރައްޔިތުން ދަތުރުގޮސް އުޅުނު ރަށެކެވެ.

މާފުށި ޕިކްނިކް އައިލެންޑްގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް، ޕްލޭނިން މިނިސްޓްރީގެ ފަރާތުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއެވެ.

މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ޕިކްނިކް އައިލެންޑް ކައުންސިލާ ހަވާލުކޮށްދެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްއާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއެވެ. މާފުށީ ކައުންސިލްގެ ފަރާތުން ބިމާ ހަވާލުވީ ކައުންސިލްގެ ރައީސް ހަސަން ސަލާހެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

މި ރަސްމިއްޔާތުގައި ވާހަަކަދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ މާފުށީ ޕިކްނިކް އައިލެންޑް ތަރައްގީކޮށްފައިވަނީ މީގެ ކުރިން އެހެން ރަށެއް ހިއްކައިފައިނުވާ ކޮންސެޕްޓަކަށް ކަމަށެވެ. އެގޮތުން ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށް ރަށާ ވަކިން ނުގުޅި، ގޮނޑުދޮށްތަކެއް އެއީ ހިއްކުމުގެ ބަޔެއްގެ ގޮތުގައި ހިމަނައިގެން ހިއްކި ފުރަތަމަ ރަށަކީ މިއީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވަނީ މާފުށީގެ ހިއްކި ބިމާއި ޕިކްނިކް އައިލެންޑު ރައްޔިތުންނަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ފައިދާވާނެ ގޮތަށް ބޭނުން ހިފުމަށް އެދިވަޑައިގެންފައެވެ.

މި މަޝްރޫއަކީ 10.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން، ދެ ހެކްޓަރުގެ ބިން ހިއްކައިފައިވާއިރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް އެމްޓިސީސީން ބުންޏެވެ. އެކަމަށް ބޭނުންވާ ސާމާނު މިހާރު ވަނީ އެ ރަށަށް ގެންގޮސްފައެވެ.

މީގެއިތުރުން މިއަދުގެ ރަސްމިއްޔާތުގައި ވަނީ މާފުށީގައި އަލަށް ހިއްކި ބިމާއި މާފުއްޓާ ގުޅުވާލުމަށް އަޅާ ބްރިޖުގެ މަސައްކަތް ވެސް އެމްޓީސީސީއާ ހަވާލުކޮށްފައެވެ. މި މަޝްރޫޢު ކުރިއަށްގެންދިއުމުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ، އާދަމް އާޒިމްއެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލުކުރެވުނު މި މަޝްރޫއުގެ ދަށުން މާފުށީގައި އަލަށް ހިއްކި ބިމާއި މާފުއްޓާ ދެމެދު 137 މީޓަރުގެ ބްރިޖެއް ގާއިމްކުރާނެއެވެ.

comment ކޮމެންޓް