ރާއްޖޭގެ ގެސްޓުހައުސް ޓޫރިޒަމަކީ ދުނިޔެއަށް ނަމޫނާއެއް: ރައީސް

ކ. މާފުށީ ޕިކްނިކް އައިލެންޑްގެ ގޮތުގައި ހިއްކި ބިން އެ ރަށު ކައުންސިލާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގައި ހިންގަމުން އަންނަ ގެސްޓުހައުސް ޓޫރިޒަމަކީ މުޅި ދުނިޔެއަށް ވެސް ނަމޫނާއެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކ. މާފުށީ ޕިކްނިކް އައިލެންޑްގެ ގޮތުގައި ހިއްކި ބިން އެ ރަށު ކައުންސިލާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ލޯކަލް ޓޫރިޒަމް އެންމެ ފުރަތަމަ ތައާރަފްކުރީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ކަމަށެވެ. އެކަމަށް ޓަކައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް، ރައީސް ޝުކުރު އަދާކުރެއްވިއެވެ.

ރާއްޖޭގައި ޓޫރިޒަމް ފުރަތަމަ ފެށިގެން އައީ "ވަން އައިލެންޑު، ވަން ރިސޯޓު"ގެ ގޮތުގައި ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިހާރު ރާއްޖެއަކީ މުޅި ދުނިޔޭގެ ޓޫރިޒަމަށް ވެސް ނަމޫނާ ގައުމެއް ކަމަށެވެ.

"އެއީ މުޅި ދުނިޔޭން ގަބޫލުކުރި ނަމޫނާ ޓޫރިޒަމެއް. އެއަށްފަހު އަޅުގަނޑުމެން ދެން މިއައީ ލޯކަލް ޓޫރިޒަމެއް. ގެސްޓުހައުސް ޓޫރިޒަމް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ގެސްޓު ހައުސް ޓޫރިޒަމް ވެސް މިހާރު ދުނިޔެއިން ބަލައިގަނެފައިވާ ކަމަށާއި އޭގެ އެންމެ ބޮޑު ޝުކުރު ހައްގުވަނީ މާފުށީގެ ރައްޔިތުންނަށް ކަމަށެވެ.

"ރާއްޖޭގެ ގެސްޓުހައުސް ޓޫރިޒަމް މިއަދު މިވަނީ ދުނިޔޭގެ ނަމޫނާ ޓޫރިޒަމަކަށް ވެގެން ގޮސްފައި، އެހެން ގައުމުތަކުގައި އެ ފެންނަ ފަދަ ގެސްޓު ހައުސްތަކެއް ނޫން ރާއްޖޭގައި ހުރީކީ، މާ ފުރިހަމަ، މާ ފައްކާ. ހުރިހާ ވަސީލަތްތަކެއް ފުރިހަމަވެފައި ހުރި ގެސްޓު ހައުސްތަކެއް،" ރައީސް ވިދާޅުވިއެވެ.

މިފަދަ ޒަމާނީ ގެސްޓުހައުސް ޓޫރިޒަމެއް ފެށިގެން އައީ މާފުށީން ކަން ފާހަގަކުރައްވައި ރައީސް އިތުރަށް ވިދާޅުވީ މިކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ބޮޑު ބަދަލުތަކެއް އައިސް، ކުރިއެރުންތަކެއް ލިބިއްޖެ ކަމަށެވެ.

ރައީސް ވަނީ މާފުށީގެ ހިއްކި ބިމާއި ޕިކްނިކް އައިލެންޑު ރައްޔިތުންނަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ފައިދާވާނެ ގޮތަށް ބޭނުން ހިފުމަށް އެދިވަޑައިގެންފައެވެ.

މީގެ އިތުރުން އަންނަ އަހަރުގެ ބަޖެޓުގައި މާފުށީ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ހިމަނައިފައިވާ ކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

މާފުށީ ޕިކްނިކް އައިލެންޑްގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ބިން ހިއްކުމުގެ މަސައްކަތް ނިންމާލާފައި ވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ.

އެ މަސައްކަތް ޕްލޭނިން މިނިސްޓްރީގެ ފަރާތުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއެވެ.

މާފުށީ ފަޅު ތެރެއިން ދެ ހެކްޓަރުގެ ބިން ހިއްކައިގެން ތަރައްގީކުރާ މި ޕިކްނިކް އައިލެންޑަކީ ޗުއްޓީ ދުވަސްދުވަހު، އާއިލާއާއެކު ދަތުރުގޮސް، ހިތް އުފާ ކުރުމުގެ ފުރުސަތު ރައްޔިތުންނަށް ފަހި ކޮށްދިނުމަށް ޓަކައި ސަރުކާރުން ކުރިއަށް ގެންދާ، މަޝްރޫއުއެކެވެ.

comment ކޮމެންޓް