މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީ ހުޅުވައިފި، ކިޔެވުން މެދުކެނޑިފައި ތިބި ކުދިންނަށް އިސްކަން ދޭނެ

މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީ އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު ކުރުމުގެ ތެރެއިން-- ފޮޓޯ/ ރައީސް އޮފީސް

ޕައިލެޓުން ތަމްރީނުކުރުމަށް، ގައުމީ އެއާލައިން، މޯލްޑިވިއަން އާއި ގައުމީ ޔުނިވާސިޓީ ގުޅިގެން އުފެއްދި، މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީ ހުޅުވައިފިއެވެ.

އޭވިއޭޝަން އެކަޑެމީ ހުޅުވުމަށް ގައުމީ ޔުނިވާސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. މި ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާއި އައިލެންޑް އޭވިއޭޝަންގެ އިސްވެރިންނާއި އެމްއެންޔޫގެ އިސްވެރިންގެ އިތުރުން ސަރުކާރުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާ އެކު އުފައްދާ ޖޮއިންޓްވެންޗާ ކުންފުންޏަކުން ހިންގަން ނިންމާފައިވާ މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީ ހިންގުން ހަވާލުކޮށްފައިވަނީ ޗެކް-ރިޕަބްލިކްގެ މަޝްހޫރު ފްލައިން އެކެޑެމީ އަކާއެވެ.

މި ރަސްމިއްޔާތުގައި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވީ މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީ ހިންގާނީ އައްޑޫގައި ކަމަށާއި މިހާރު ދަރިވަރުންނަށް ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

މޯލްޑިވިއަންގެ އޭވިއޭޝަން ސުކޫލުން ކޮންމެ އަހަރަކު 80 ކުދިންނަށް ޖާގަ ދޭން ނިންމައިފައިވާއިރު، ފުރަތަމަ ބެޗުން 30 ކުދިންނަށް ޖާގަ ދިނުމަށް ވަނީ ނިންމައިފައެވެ.

އޭވިއޭޝަން ސުކޫލުގައި، މިހާރު އެކި ސަބަބުތަކާ ހުރެ ކިޔެވުން މެދުކެނޑިފައިވާ ދަރިވަރުންނަށް ހާއްސަ އިސްކަމެއް ދެވިގެންދާނެ ކަމަށް މިހާދު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ތަމްރީނާއި ތަޖުރިބާ ލިބިފައިވާ ވޯކްފޯހެއް އުފެދިގެން، ކުންފުނީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އިތުރު ފަސޭހަތަކެއް ވެގެން ދާނެ ކަމަށެވެ.

މޯލްޑިވިއަންގެ އޭވިއޭޝަން ސުކޫލުގައި އެންމެ ފުރަތަމަ ދޭން ހަމަޖެހިފައިވަނީ ފްލައިން ޓްރެއިނިންއެވެ. އެހެންނަމަވެސް ކައިރި މުސްތަގްބަލެއްގައި އެކަޑެމީގައި އިތުރު ޕްރޮގްރާމްތައް ތައާރަފްކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.

މި ފްލައިން އެކަޑެމީގެ ދަށުން އެންމެ ފުރަތަމަ ގެންދަން ހަމަޖެހިފައިވަނީ ދެ މަސް ދުވަހުގެ ރިފްރެޝާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި 50 ގަޑިއިރުގެ ތިއަރީއާއި ފްލައިން ކުރިއަށް ދާނެ ކަމަށް މިހާދު ވިދާޅުވިއެވެ.

މިހާދު ވަނީ މި އެކަޑެމީގެ މަސައްކަތް ފެށުމުގައި، ސަރުކާރުންނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވެވި އެއްބާރުލުމަށް ޝުކުރު އަދާކުރައްވައިފައެވެ.

މިއީ ރާއްޖޭގައި ދިވެހި ކުންފުނިތަކަކުން ގާއިމްކޮށްގެން ހިންގާ ފުރަތަމަ ފްލައިން ސުކޫލެވެ.

comment ކޮމެންޓް