ތަޢުލީމާއި ތަރުބިއްޔަތާ ބެހޭ ވާހަކައެއް

އޮގަސްޓް 10، 2021: ދިރާސީ އާ އަހަރު ފެށުމާ ގުޅިގެން ރެހެންދި ސްކޫލްގައި ބޭއްވި ހާއްސަ އެސެމްބްލީގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިންސާނެއްގެ ދިރިއުޅުމުގައި އެންމެ މުހިއްމު ކަމަކީ، ތިމާ އާއި ތިމާ ހެއްދެވި ފަރާތާ ދެމެދު އޮންނަ ގުޅުމެވެ. އެއަށްފަހު، ތިމާގެ އަމިއްލަ ޞިއްޙަތާއި ހަށިގަނޑުގެ ދުޅަހެޔޮކަމެވެ. އެއަށްފަހު، ތިމާގެ ޢާއިލާއެވެ. އެއަށްފަހު، ތިމާގެ މުޖުތަމަޢާއި ޤައުމެވެ. އެހެންކަމުން، ހެޔޮ އިންސާނަކު ބިނާ ކުރުމުގެ މަޤްޞަދު ޙާޞިލު ކުރެވޭ ގޮތަށް ފަރުމާ ކުރެވިފައި ވާ ތަޢުލީމީ އަދި ތަރުބަވީ ނިޒާމެއްގައި، ކުދީންނަށް ކިޔަވައިދެވޭ މާއްދާތަކާއި އެ މާއްދާތައް ކިޔަވައިދިނުމުގެ އެންމެހައި ގޮތްތަކާއި ކަންކަން ބައްޓަން ކުރެވިފައި ހުންނާނީ މި ދެންނެވި ކަންކަމަށް ފޯކަސް ކޮށްގެންނެވެ.

މިހާރު އަޅުގަނޑުމެންގެ އިބްތިދާއީ އަދި ސާނަވީ މަންހަޖާއި މުޤައްރަރަށް ބަލައިލުމުން، ތަޢުލީމީ އަދި ތަރުބަވީ ނިޒާމު ބައްޓަން ކޮށްފައި ވަނީ މި ދެންނެވި މަޤްޞަދުތައް ޙާޞިލު ކުރުމުގެ މައްޗަށް ވިސްނާން ޖެހޭ ވަރަށް ވިސްނައިގެންތޯ ސުވާލު އުފެދެއެވެ. މި މައުޟޫޢުގައި ވަރަށް ގިނަ ރޮނގުރޮނގުން، ވަރަށް ގިނަ ވާހަކަ ދެއްކިދާނެއެވެ. މި ފަހަރު އަޅުގަނޑު އެއްޗެއް ދަންނަވައިލާނީ، ޢާއިލީ ދިރިއުޅުމަށް ކުދީން ތައްޔާރު ކުރެވޭތޯ ނުވަތަ ނޫންތޯ މި ސުވާލާ ބެހޭގޮތުންނެވެ.

ދިވެހި މަދަރުސާތަކުގައި ކުދީންނަށް ކިޔަވައިދެވެނީ އިސްލާމާއި، ދިވެހި ބަހާއި، އިނގިރޭސި ބަހާއި، ހިސާބާއި، އިޖުތިމާޢީ ޢިލްމާއި، ހިސްޓްރީ އާއި، ޖިއޮގްރަފީ އާއި، ކޮމާރސް އާއި، އެކައުންޓިންގ އާއި، އިކޮނޮމިކްސް އާއި، ބައޮލޮޖީ އާއި، ކެމިސްޓްރީ އާއި، ފިޒިކްސް އާއި، ޓްރެވަލް އެންޑް ޓުއަރިޒަމާއި، މެރިން ސައެންސާއި، ހެލްތު އެންޑް ފިޒިކަލް އެޑިޔުކޭޝަނާއި، ކްރިއޭޓިވް އާރޓާއި، އިންފޮރމޭޝަން އެންޑް ކޮމިޔުނިކޭޝަންސް ޓެކްނޯލޮޖީ ފަދަ މާއްދާތަކެވެ. ޝައްކެއް ނެތް ގޮތުގައި، މިއިން ކޮންމެ މާއްދާ އަކީ ވެސް ޢިލްމެއް ނުވަތަ މަސައްކަތު ފަންނެއްގެ ހުނަރުތައް ކުދީންނަށް އުނގަންނައިދޭ މާއްދާއެކެވެ. ނަމަވެސް، މީގެ ތެރެއިން ބައެއް މާއްދާތަކަކީ އިބްތިދާއީ އަދި ސާނަވީ ތަޢުލީމުގައި ކުދީންނަށް ކިޔަވައިދިނުމުގެ އެއްވެސް ބޭނުމެއް ނުވަތަ މާނައެއް ނެތް، ކުދީންނާއި މުދައްރިސުންގެ ވަގުތާއި، ތަޢުލީމީ ނިޒާމުގެ ވަސީލަތްތައް ބޭކާރު ކުރުމެއް ކަމަށް މެނުވީ ނުވާ މާއްދާތަކެވެ. އެންމެ ރަނގަޅު ދެ މިސާލަކީ އެކައުންޓިންގ އާއި ޓްރެވަލް އެންޑް ޓުއަރިޒަމް ސްޓަޑީޒެވެ. މި ދަންނަވަނީ، މި ދެ މާއްދާ އަކީ އޭގެ ޒާތުގައި ބޭކާރު އަދި އެއްވެސް އަގެއް ނުވަތަ މުހިއްމުކަމެއް ނެތް ދެ މާއްދާއެކޭ ނޫނެވެ. ޝައްކެއް ނެތް ގޮތުގައި، ޤައުމުގައި އެކައުންޓެންޓުންނާއި ފަތުރުވެރިކަމުގެ ދާއިރާގެ ޕްރޮފެޝަނަލުން ތިބުމަކީ ހަމަ ކޮންމެހެން ވެސް ބޭނުން ކަމެކެވެ. މި ދަންނަވާ އެއްޗަކީ، މިއީ އިބްތިދާއީ އަދި ސާނަވީ ފެންވަރުގައި ކުދީންނަށް ކިޔަވައިދޭން ޖެހޭ މާއްދާތަކެއް ނޫން ވާހަކައެވެ. އޭލެވެލް ނިންމުމަށް ފަހު، ދެން އެކައުންޓިންގގެ ދާއިރާއިން ކުރިޔަށް ދާން ބޭނުން ކުއްޖަކަށް ކޮލެޖުގައި ނުވަތަ ޔުނިވަރުސިޓީގައި އެކައުންޓިންގ ކިޔެވޭނެއެވެ. ފަތުރުވެރިކަމުގެ ދާއިރާއަށް ދާން ބޭނުން ކުއްޖަކަށް، އެ ދާއިރާއިން ކޮލެޖު ނުވަތަ ޔުނިވަރުސިޓީ ކޯސްތަކުގައި ކިޔެވޭނެއެވެ. ކުދީންގެ އެންމެ އަސާސީ ތަޢުލީމުގެ ތެރޭގައި މި މާއްދާތައް ހިމެނުމަކީ ރަނގަޅު ގޮތްތޯ އަޅުގަނޑުމެން އެންމެން ވެސް ފުންކޮށް ވިސްނައިލާން ޖެހެއެވެ.

އިބްތިދާއީ އަދި ސާނަވީ ގުރޭޑުތަކުގައި، އެ ގުރޭޑުތަކުގައި ކިޔަވައިދިނުމުގެ ބޭނުމެއް ނެތް ބައެއް މާއްދާތައް ކުދީންނަށް ކިޔަވައިދެވޭ އިރު، މަންހަޖުގައި ނުހިމެނޭ މުހިއްމު އެއް ބަޔަކީ ޢާއިލީ ދިރިއުޅުމަށް ކުދީން ތައްޔާރު ކުރުމަށް ޓަކައި ބޭނުން ވާ ތަޢުލީމާއި ތަރުބިއްޔަތެވެ. ދަރިއެއްގެ ޙައިޘިއްޔަތުން، ނުވަތަ އަޚެއް އުޚްތެއްގެ ޙައިޘިއްޔަތުން، ނުވަތަ މައެއް ބަފައެއްގެ ޙައިޘިއްޔަތުން، ނުވަތަ މައިދައިތައެއް ބަފައިބެއެއްގެ ޙައިޘިއްޔަތުން، ނުވަތަ ޅީދަރިއެއް ދަނބިދަރިއެއްގެ ޙައިޘިއްޔަތުން، ނުވަތަ އެއަށްވުރެ ދުރުން ތިމާގެ ވާ ޢާއިލީ މެންބަރެއްގެ ޙައިޘިއްޔަތުން ވިޔަސް، ޢާއިލާއާ ގުޅުން ބޭއްވުމަކީ މީހާގެ ކިބައިގައި ވަކި ކަހަލަ އަޚްލާޤަކާއި ސުލޫކެއް ހުރެގެން ވާ ކަމެކެވެ. ޖަޒުބާތީ ވިސްނުންތެރިކަން ނުވަތަ "އިމޯޝަނަލް އިންޓެލިޖެންސް" އެކަށޭނަ މިންވަރަކަށް ތަރައްޤީ ކުރެވިފައި ހުރެގެން ވާ ކަމެކެވެ. ކީރިތި ﷲ ސުބުޙާނަހޫ ވަތަޢާލާ ކޮންމެ އިންސާނަކުގެ ކިބައިގައި ވެސް، ޢާއިލާ ދެކެ ލޯބި ވުމުގެ ޠަބީޢަތާއި ފިޠުރަތު ލައްވަވައިފައި ވިޔަސް، މީހާގެ ކިބައިގައި މި ދަންނަވާ އަޚްލާޤާއި ސުލުކާއި ޖަޒުބާތީ ވިސްނުންތެރިކަން، ހެޔޮ ތަރުބަވީ ނިޒާމެއްގެ ތެރެއިން އަށަގެންނުވިފައި ނުވަންޏާ، މީހަކު "ޢާއިލީ މީހަކަށެއް" ނުވާނެއެވެ.

މިހާރު އަޅުގަނޑުމެންގެ މުޖުތަމަޢުގައި އޮތް އެތައް އިޖުތިމާޢީ މައްސަލަތަކެއްގެ މައިގަނޑު އަޞްލަކީ، އަޅުގަނޑުމެން ކުރެ ގިނަ މީހުންނަށް ޢާއިލާގެ މެންބަރުންގެ ގޮތުގައި ތިމާމެންގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަކީ ކޮބައިކަން ރަނގަޅަށް ނޭނގުމާއި، ޢާއިލާއެއްގައި އުޅޭން ނޭނގުމެވެ. އަޅުގަނޑުމެންގެ މަދަރުސާތަކުން، މަންމައެއްގެ އަދި ބައްޕައެއްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކަކީ ކޮބައިކަމެއް ދަސްކޮށެއް ނުދެއެވެ. މަންމަޔަކާއި ބައްޕައެއް، ދަރިފުޅާ މެދު މުޢާމަލާތު ކުރާންވީ ގޮތަކީ ކޮބައިކަމާއި، ދަރިފުޅަށް ހެޔޮ ތަރުބިއްޔަތެއް ދިނުމުގައި ޢަމަލު ކުރާން ވީ ކޮން ގޮތަކަށް ކަމެއް ދަސްކޮށެއްނުދެވެއެވެ. ތިމާގެ ދަރީން ބޮޑެތި ވެގެން އެ ދަރީން މީހުނާ އިނީމާ، ޅީދަރީން ދަނބިދަރީންނާ މެދު ޢަމަލު ކުރާން ވީ ކޮން ގޮތަކަށް ކަމެއް އުނގަންނައެއްނުދެއެވެ. ތިމާގެ އަނބިމީހާ ނުވަތަ ފިރިމީހާގެ ޢާއިލާއާ އެކު ތިމާ ބާއްވާން ވީ ގުޅުމަކީ ކޮބައިކަން، އުނގަންނައެއްނުދެވެއެވެ. އެއްބަނޑުއެއްބަފާ މީހުން އެކަކު އަނެކަކާ މުޢާމަލާތު ކުރާންވީ ގޮތްތަކެއް އުނގަންނައެއްނުދެވެއެވެ. ނަތީޖާއަކީ، އެތައް ހާސް މައިންބަފައިންނަށް، ދަރީން ގެންގުޅޭން ނޭނގުމެވެ. އެތައް ހާސް ދަރީންނަށް، މައިންބަފައިންނަށް ލޯބި ކޮށް ހެޔޮކޮށް ހިތާން ނޭނގުމެވެ. އެކުގައި، ލޯބިން، މުސްލިމް ޢާއިލާއެއްގެ ގޮތުގައި، އުޅޭ މަންމަޔާއި ޅީދަރިއަކީ ނާދިރު އެއްޗަކަށް ވުމެވެ. ކޮންމެ ޢާއިލާއެއްގައި ކަހަލަ ގޮތަކަށް، ފިރިހެން ދަރީގެ އަނބިމީހާ އަކީ، އޭނާގެ މަންމަޔާއި އުޚްތުންގެ ދުޝްމަނަކަށް ވުމެވެ. ޢާއިލާތަކުގެ މެންބަރުން އެކަކު އަނެކަކާ މެދު ގެންގުޅޭ ރުޅިވެރިކަމާއި ޙަސަދަވެރިކަމުގެ ސަބަބުން، އަދި ކަން ކުރާ ގޮތުގެ ސަބަބުން ޢާއިލާތައް ރޫޅެމުން، ބައިބައިވަމުން ދިޔުމެވެ. އެއްބަނޑުއެއްބަފާ ވުމަށް ވުރެ ދުރު ވެއްޖެއްޔާ، އެއީ ތިމާގެ މީހެއް ވެސް ނޫންކަމުގެ ފާސިދު ވިސްނުން ޢާއްމު ވެ، ރަޙިމުގެ ގުޅުމުގެ މަތިވެރި މަފްހޫމަކީ ބަލައިނުގަނެވޭ އެއްޗަކަށް ވާ ހިސާބަށް ކަންތައް ދިޔުމެވެ.

މި ހިސާބަށް ކަންތައް ގޮސް، "އެއްބަނޑު އެއްބަފާ މީހަކަށް ވެސް މި ޒަމާނުގައި އިތުބާރު ކުރާކަށް ނުވާނެޔޭ" މިފަދަ ހަރުބަސްތައް އަޅުގަނޑުމެންގެ ތެރޭގައި އުފެދެމުން ދިޔުމަކީ، ހިތާމަވެރި އަދި ލަދުވެތި ކަމަކަށް ނުވޭތޯއެވެ؟ ޢާއިލާގެ މެންބަރުން އެކަކު އަނެކަކާ މެދު ގެންގުޅޭން ޖެހޭ އިތުބާރާއި ލޯތްބާއި އަޅައިލުން ނެތިގޮސް، ގިނަ ބަޔަކު މާޔޫސީ އާއި ހާސްކަމާއި ހިތާމައިގެ ތެރޭގައި، ނަފްސާނީ ބަލިބައްޔަށް ފަހައި، ޙަޔާތްތައް ބަރުބާދު ވުމުގެ މައިގަނޑު ސަބަބަކީ ޢާއިލާގެ ތެރެއިން، ޢާއިލާގެ ކޮންމެވެސް މީހަކު ނުވަތަ މީހުންގެ ފަރާތުން ލިބޭ އަނިޔާ އާއި ހިތްދަތިކަން ކަމަށް ވާ ހިސާބަށް ކަންކަން ދިޔުމަކީ ކޮންފަދަ ބިރުހުރި ކަމެއްތޯއެވެ؟

ޝައްކެއް ނެތް ގޮތުގައި، ކޮންމެ މީހަކުގެ ވެސް ދިރިއުޅުން ހެޔޮ ގޮތުގައި، އުފާވެރިކަމުގައި، އަދި ބާއްޖަވެރިކަމުގައި ވެއަތު ކުރުމަށް ޓަކައި، ރޫޙާނީ ގޮތުން މީހާ ފުރާފުރިހަމަ ވެ ﷲ ތަޢާލާއާ ދެމެދު އޮންނާން ވީ ގުޅުން ހެޔޮ ގޮތުގައި އޮތުމާއި، ތިމާގެ ހަށިގަނޑުގެ ޖިސްމާނީ ޞިއްޙަތާއި ނަފުސުގެ އަޚްލާޤީ ޒީނަތްތެރިކަމަށް ފަހު، އެންމެ މުހިއްމު އެއްޗަކީ ޢާއިލާއެވެ. ޢާއިލާގެ ލޯތްބާއި އަޅައިލުމެވެ. ޢާއިލީ ގުޅުމާއި އެއްބައިވަންތަކަމެވެ. ދުނިޔަވީ ދިރިއުޅުން އުފާވެރި ކުރުމަށް ޓަކައި ކޮންމެ މީހަކަށް ވެސް ޢާއިލާގެ އެހީތެރިކަމާއި މަދަދު ބޭނުން ވެއެވެ. މައިންބަފައިން، ދަރީން، ޅީދަރީން ދަނބިދަރީން، އެއްބަނޑުއެއްބަފާ މީހުން، ބޮޑުބޭބެއިން ބޮޑުދައިތައިން، ދެބެންގެދެދަރި މީހުން، މިހެން ގޮސް ޢާއިލާއަށް ކިޔާ އެންމެތަކުންގެ ފަރާތުން ވެސް ލިބޭ އަޅައިލުމާއި ލޯތްބާއި އެހީތެރިކަމަކީ ކޮންމެ މީހަކަށް ވެސް އޭގެ ބޭނުން ޖެހޭ، ޟަރޫރީ އެއްޗެކެވެ. ޢާއިލާ އެއްލައިލައިފައި އެ އެއްޗެއްގެ އަޅުގަނޑުމެން ދުވާ އެއްވެސް ކަމަކުން، އަޅުގަނޑުމެންނަށް އާޚިރުގައި ޙަޤީޤީ އުފަލެއް، ލޯތްބެއް، އަޅައިލުމެއް ނުލިބެއެވެ. އެއީ ވަޒީފާ އާއި ކެރިއަރު ކަމަށް ވިޔަސް، ފައިސާ ކަމަށް ވިޔަސް، ރަޙުމަތްތެރީންނާއި ކޮފީ މޭޒު އެކުވެރީން ކަމަށް ވިޔަސް، އަދި އެފަދަ އެހެން ކަމެއް ނުވަތަ އެއްޗެއް ކަމަށް ވިޔަސް ވެހެވެ.

އެހެންކަމުން، މި ހުރިހައި ކަމަކަށް ވުރެ ޢާއިލާ އެތައް ގޮތަކުން، އެތައް ގުނައެއް މުހިއްމުކަން ބޮޑެވެ. ވީއިރު، މަދަރުސާތަކުން ކުދީންނަށް "ޕްރޮފެޝަންތަކުގެ ތަމްރީނު" ދޭ އިރު، ޢާއިލާ އާއި ޢާއިލީ ދިރިއުޅުމުގެ ކަންކަމާ ބެހޭ ތަޢުލީމާއި ތަރުބިއްޔަތު ނުދެވެނީ ކީއްވެގެން ބާވައެވެ! ޢާއިލާއެއްގައި ދިރިއުޅުމަށް ޓަކައި ބޭނުން ވާ އަޚްލާޤާއި ސުލޫކާއި ޖަޒުބާތީ ވިސްނުންތެރިކަން ކުދީންގެ ކިބައިގައި އަށަގެންނުވުމަށް މަސައްކަތް ނުކުރެވެނީ ކީއްވެގެން ބާވައެވެ! އަޅުގަނޑުމެން މާއްދިއްޔަތަށާއި ރައުސްމާލީ ނުވަތަ "ކެޕިޓަލިސްޓް" ސަގާފަތަށް އަޅުވެތި ވެގެން ދިޔަ ވަރުން، ކުޑަކުދީންގެ ތަޢުލީމާއި ތަރުބިއްޔަތުގެ ނިޒާމުގައި ވެސް އެންމެ މުހިއްމީ ސިނާއަތްތަކަށް މުއައްޒަފުންނާއި މަސައްކަތްތެރީން ލޭބަރަރުންގެ ގޮތުގައި ކުދީން ތަމްރީނު ކުރުން ކަމަށް ވިސްނެނީ ބާވައެވެ! ރަނގަޅު މަސައްކަތްތެރިޔަކު އުފެއްދުމަކީ، ރަނގަޅު އިންސާނަކު އުފެއްދުމަށް ފަހު ދެން ކުރާން ޖެހޭ ކަމެއްކަން އަޅުގަނޑުމެންނަށް އޮޅުނީ ބާވައެވެ! ތިމާގެ ޢާއިލާއަށް އިސްކަން ނުދޭ، ޢާއިލާގެ މެންބަރުންނަށް ލޯތްބާއި އަޅައިލުން ދޭން ނޭނގޭ، ރަޙިމުގެ ގުޅުން ހެޔޮ ގޮތުގައި ބާއްވާން ނޭނގޭ މީހަކު ވިއްޔާ، މަސައްކަތްތަކަށާއި ޕްރޮފެޝަންތަކަށް ކިތަންމެ މޮޅު ވިޔަސް، އެ މީހަކީ ނިކުއުލިއަރު ސައެންޓިސްޓަކަށް ވިޔަސް، ކިތަންމެ މޮޅު ޤާނޫނީ ވަކީލަކަށް ވިޔަސް، ކިތަންމެ ބޮޑު ވިޔަފާރިވެރި "އޮންޓަރޕްރީނަރ" އަކަށް ވިޔަސް، އާޚިރުގައި އެ މީހަކުގެ ނިމުން އަންނާނީ ހިތްދަތިކަމާއި އެކަނިވެރިކަމާއި ނަފްސާނީ ބަރުބާދީއެއްގައިކަން އަޅުގަނޑުމެންނަށް ޤަބޫލު ނުކުރެވެނީ ބާވައެވެ؟

އިބްތިދާއީ އަދި ސާނަވީ ތަޢުލީމުގެ ތެރޭގައި ވަކި މާއްދާއެއް ހިމަނައިގެން، އެ މާއްދާގެ ތެރެއިން ނަޒަރިއްޔާތީ އަދި ޢަމަލީ އެކިއެކި ފިލާވަޅުތަކާއި އުނގަންނައިދިނުންތަކާއި ޙަރަކާތްތަކުގެ ތެރެއިން، ކުދީންނަށް ޢާއިލީ ދިރިއުޅުމުގެ ހުރިހައި ކަމެއް ފުރިހަމަޔަށް އުނގަންނައިދޭން ޖެހެއެވެ. ކުދީންގެ ޢުމުރާ ގުޅޭ ގޮތަށް ފަރުމާ ކުރެވޭ މުޤައްރަރަކާ އެއްގޮތަށެވެ. މާތް ވެގެންވާ އިސްލާމް ދީނުގެ މަތިވެރި ތަޢުލީމާތުގެ އަސާސުގައެވެ. ދީނުގެ ރިވެތި އަޚްލާޤު އުނގަންނައިދިނުމުގެ ބައެއްގެ ގޮތުގައެވެ. ޢާއިލީ ދިރިއުޅުމުގެ އެންމެ ފުރިހަމަ ނަމޫނާ ކަމަށް ވާ ކީރިތި މާތް ނަބިއްޔާ އާއި، އެކަލޭގެފާނުގެ ލޮބުވެތި އަނބިއަނބިކަނބަލުންނާއި ދަރިދަރިކަނބަލުން، އަދި އިތުރު އެކަލޭގެފާނުގެ ބަރަކާތްތެރި ޢާއިލާގެ އެހެން ބެއިފުޅުންގެ ދިރިއުޅުއްވުމުން ލިބިދޭ މަތިވެރި ފިލާވަޅުތަކުގެ އެހީގައެވެ. ދީނުގައި ރަޙިމުގެ ގުޅުމަށް ދެއްވައިފައި ވާ އަހައްމިއްޔަތާއި، ރަޙިމުގެ ގުޅުމުގެ މަފްހޫމު ކުދީންނަށް ކިޔަވައިދޭން ޖެހެއެވެ. ޢާއިލާގެ މުހިއްމުކަން ދީނީ ގޮތުންނާއި ނަފްސާނީ އަދި އިޖުތިމާޢީ ޢިލްމުގެ އަލީގައި ކުދީންނަށް އުނގަންނައިދީ، ޢާއިލާ ދެކެ ލޯބި ވުމާއި ޢާއިލާއަށް ހެޔޮކޮށް ހިތައި ވަފާތެރި ވުމުގެ ސިފަތައް ކުދީންގެ ކިބައިގައި އަށަގަންނުވައި "އިންޓާރނަލައިޒް" ކުރާން ޖެހެއެވެ. ޢާއިލާގެ މެންބަރުންގެ ޙައްޤުތަކާއި ވާޖިބުތައް އަދާ ކުރުމުގައި އިސްލާމީ ޝަރީޢަތް ކަނޑައަޅާ އެންމެ މަދު މިންވަރު އަދާ ކުރުމަށް ފަހު އެއަށްވުރެ އިތުރު ކޮށް، ލޯތްބާއި އަޅައިލުމުގެ ގޮތުން އެންމެ މަތީ ދަރަޖައިގައި ޢާއިލާގެ މެންބަރުންނަށް ހެޔޮކޮށް ހިތުމުގެ މައްޗަށް ކުދީން ތަރުބިއްޔަތު ކުރާން ޖެހެއެވެ. ޢާއިލާގައި ޖެހޭ މައްސަލަތައް ޙައްލު ކުރުމުގެ ރިވެތި ގޮތްތަކަށް ކުދީން އަހުލުވެރި ކުރާން ޖެހެއެވެ. އޭލެވެލް އާ ހިސާބުން، އަނބިފުރާވަރަށް އަދި ފިރިފުރާވަރަށް އަރާ ކުދީންނަށް، ޅަކުދީން ގެންގުޅުމުގެ ހުނަރުތަކާއި، ލޯބިވެރި އަތްނބެއްގެ ގޮތުގައި އަދި ލޯބިވެރި ފިރިއެއްގެ ގޮތުގައި އުޅޭނޭ ގޮތް ދަސް ކޮށްދޭން ޖެހެއެވެ. މި ދެންނެވީ ބައެއް މިސާލުތަކެވެ. މީގެ އިތުރުން ވެސް، އެތައް ކަންތައްތަކެކެވެ.

އޮޅުމެއް ނެތް ގޮތުގައި، ފޭލި ވެފައި ވާ ޢާއިލާއެއްގައި އުފާވެރި ފަރުދަކު ހުރުމަކީ ނާދިރު ކަމެކެވެ. ގާތްގަނޑަކަށް މުސްތަޙީލު ކަމެކެވެ. އެފަދަ ޢާއިލާއަކުން ރިވެތި އަޚްލާޤާއި ހެޔޮ ބުއްދީގެ މަގުގައި ތަރުބިއްޔަތު ވެފައި ހުރި ކުއްޖަކު އުފެދުމަކީ ވެސް ހަމަ އެފަދަ ކަމެކެވެ. އަޅުގަނޑުމެންގެ ޢާއިލާތައް ހަލާކު ވެފައި ވަނީވިއްޔާ، އަޅުގަނޑުމެންގެ މުޖުތަމަޢާއި ޤައުމު ވެސް އޮންނާނީ ހަލާކު ވެފައެވެ. އެހެންކަމުން، ޢާއިލާ ސަލާމަތް ކުރުމަށް ޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރާން ޖެހެއެވެ. މި ދެންނެވީ ހަމައެކަނި ތަޢުލީމާއި ތަރުބިއްޔަތުގެ ނިޒާމުގެ ތެރެއަށް ގެންނާން ވީ އިޞްލާޙެއްގެ ވާހަކައެވެ. މީގެ އިތުރުން ވެސް، އެކި ދާއިރާތަކުން މި މައްސަލައާ ގުޅޭގޮތުން ކުރާން ޖެހޭ ގިނަ މަސައްކަތްތައް އެބަހުއްޓެވެ. އެ މަސައްކަތްތަކަށް އަޅުގަނޑުމެންގެ ވިސްނުން އަމާޒު ކުރަމާ ހިންގަވާށެވެ! އެންމެންގެ ޙައްޤުގައެވެ. އަޅުގަނޑުމެންގެ މުސްކުޅި މައިންބަފައިން މާމައިން ކާފައިންނާއި، އަޅުގަނޑުމެންގެ ޅަދަރީންގެ ޙައްޤުގައެވެ. އަޅުގަނޑުމެންގެ އަމިއްލަ ނަފުސުތަކުގެ ޙައްޤުގައެވެ. އަޅުގަނޑުމެންގެ ޤައުމުގެ ޙައްޤުގައި ވެސް މެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް