މާލެއިން ބިން ދޫކޮށްލާ މީހުންނަށް ހާއްސަކޮށްގެން 3000-4000 ގޯތި ދޫކުރަނީ

ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް: މާލެއިން ބިން ދޫކޮށްލާ މީހުނަށް ހާއްސަކޮށްގެން 3000-4000 ގޯތި ދޫކުރަން ހަމަޖެހިފައިވާ ކަމަށް ވަނީ ވިދާޅުވެފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެއިން ލިބިފައިވާ ބިން ދޫކޮށްލާ ފަރާތްތަކަށް ހުޅުމާލެ އާއި ގުޅީފަޅުން 3000-4000އާ ދެމެދުގެ އަދަދަކަށް ގޯތި ދޫކުރަން ނިންމާފައިވާ ކަމަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

ބޯހިޔާވަހިކަމަށް މި ސަރުކާރުން ރާވާފައިވާ ޕްރޮޖެކްޓުތަކުގެ ތަފްސީލުތައް ހާމަކޮށްދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެކުރިން ވިދާޅުވެފައިވަނީ މާލެއިން ގޯތި ދޫކޮށްލާ މީހުންނަށް ގޯތި ދޫކުރަން ސަރުކާރުން މަޝްރޫއެއް ފަށަން ނިންމާފައިވާ ކަމަށެވެ. އެއީ މި އަހަރުގެ މާޗް މަހުގެ އަށްވަނަ ދުވަހުއެވެ.

އެއަށްފަހު ހުޅުމާލެ ދެވަނަ ފިޔަވަހިން 60 ގޯތި ވިއްކަން އެޗްޑީސީން އިއުލާނު ކުރުމާ އެކު ގިނަބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ނަމަވެސް އެއީ މިސަރުކާރުގެ ނިންމުމެއް ނޫން ކަމަށް ހައުސިން މިނިސްޓްރީން މިއަދު ވަނީ ބުނެފައެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހިން ގޯތި ވިއްކަން އިއުލާނުކޮށްފައިވަނީ މީގެ ކުރިން ހަދާފައިވާ މާސްޓާ ޕްލޭނާ އެއްގޮތަށް ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު 'ސަން' އަށް ވަނީ ވިދާޅުވެފައެވެ.

އެހެން ނަމަވެސް މި ސަރުކާރުން މާލެ ސަރަހައްދުން ގޯތި ތަކެއް ދޫކުރަން ހަމަޖެހިފައިވާކަން ފާހަގަކޮށް މިނިސްޓަރު އަސްލަމް ވިދާޅުވީ އެއީ ވިއްކާ ގޯތިތަކެއް ނޫން ކަމަށެވެ.

"ސަރުކާރުގެ ޓާގެޓަކީ ހުޅުމާލެއާ ގުޅީފަޅުން 3000-4000 ދެމެދުގެ 1000 އަކަފޫޓުގެ ގޯތި ދޫކުރުން," އަސްލަމް ވިދާޅުވިއެވެ.

އެ ގޯތިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ހޫޅުމާލެއާއި ގުޅީފަޅުންކަމަށް އަސްލަމް ވިދާޅުވިއެވެ.

"މި ގޯތިތައް ދޫކުރާނީ މާލޭގެ ބިމުން ތަންކޮޅެއް ދޫކޮށްލާ މީހުންނަށް," އަސްލަމް ވިދާޅުވިއެވެ.

އެކަން މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަލިއަޅުއްވާލާފައިވާކަން ފާހަގަކޮށް އަސްލަމް ވިދާޅުވީ މާގިނަ ދުވަސްތަކެއް ނުވެ އެ މަޝްރޫއު އިއުލާނު ކުރާނެ ކަމަށެވެ.

އެހެން ނަމަވެސް އެ މަޝްރޫއު އިއުލާނު ކުރާނެ ސީދާ ތާރީހެއް އަސްލަމް ނުދެއްވައެވެ.

މިސަރުކާރުން އިސްނަގައިގެން ފަށާފައިވާ ބޯހިޔާވަހިކަމުގެ ބޮޑެތި މަޝްރޫއުތަކެއް ކުރިއަށްދާކަން ފާހަގަކޮށް މިނިސްޓަރު އަސްލަމް ވިދާޅުވީ, އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ދެ ކުންފުންޏަކާ އެކު 4000 ހައުސިން ޔުނިޓް އަދި އެޕޯލޯ ކުންފުންޏާ އެކު ފަށާފައިވާ 1000 ހައުސިން ޔުނިޓް ކަމަށެވެ.

މީގެކުރިން ވެސް އެމްޑީޕީ ސަރުކާރުން ވަނީ މިފަދަ މަޝްރޫއެއް ކުރިއަށް ގެންގޮސްފަ އެވެ. ވެށި ފަހި މާލެ ޕްރޮގްރާމްގެ ދަށުން މާލެއިން ބިން ދޫކޮށްލައި ބިމުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭނެކަން އަންގައި ލިޔުންދީފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ވެސް ބޯހިޔާވަހިކަން ހަމަޖެހިފައި ނުވާ މީހުން އެބަތިއްބެވެ.

comment ކޮމެންޓް