މިނިވަން މުއައްސަސާތަކަށް ސިޔާސީ މީހުންނާއި މެންބަރުން ނުފޫޒު ފޯރުވާ: ޓްރާންސްޕޭރަންސީ

މާޗް 28، 2021: އޭސީސީގެ ފަރާތުން މީގެކުރިން ނޫސްވެރިންނަށް މައުލޫމާތު ދިނޭ: އެ ކޮމިޝަނުގެ މެންބަރުން އިސްތިއުފާ ވަނީ ދީފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިނިވަން މުއައްސަސާތަކަށް ސިޔާސީ މީހުންނާއި މަޖިލިސް މެންބަރުން ނުފޫޒު ފޯރުވާ ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ބުނެފިއެވެ.

އެ ޖަމިއްޔާއިން އެހެން ބުނީ, އިތުބާރު ނެތް ކަމަށް މަޖިލީހުގެ ކޮމެޓީން ނިންމާފައި ވަނިކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް އާއި ދެ މެމްބަރުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެކަމުގައި ހުރި ކަންބޮޑުވުންތައް ފާހަގަކޮށް ނެރުނު ބަޔާނެއްގައެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނީ، އޭސީސީގެ މެންބަރުންގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބެލުމަށްފަހު ފިޔަވަޅުއެޅުމުގެ ގޮތުން ކުރި މަސައްކަތުގައި ވަރަށް ބޮޑެތި މައްސަލަތަކެއް ހުރިކަމަށެވެ.

އެގޮތުން ޖެނުއަރީ 2015 އިން މިދިޔަ އަހަރުގެ ޖުލައި މަހަށް، ފަސް އަހަރާއި ހަ މަސް ދުވަހުގެ ޕާފޯމަންސް އޮޑިޓް ރިޕޯޓެއް ހެދިއިރު އެ މުއްދަތުގެ ތެރޭގައި މި ދައުރުގެ މެންބަރުން ކޮމިޝަނުގައި ހިދުމަތްކޮށްފައިވަނީ 10 މަހަށްކަން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ފާހަގަކުރިއެވެ.

އެހެންކަމުން, އެ ޕާފޯމަންސް އޮޑިޓްގައި ބަލާފައިވާ ގިނަ މަސައްކަތްތަކަކީ އެ މެންބަރުން ކޮމިޝަނާ ހަވާލުވުމުގެ ކުރީގެ މަސައްކަތްތައް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. އަދި ފަހުން އައްޔަނު ކުރި މެންބަރުންގެ މަސައްކަތްތައް ޖުމްލަކޮށް އަދި ވަކި ވަކިން ވެސް އަލިއަޅުވާލާފައިނުވާ ކަމަށް ވަނީ ބުނެފައެވެ.

"މިނިވަން މުއައްސަސާތަކުގައި ތިބޭ މެމްބަރުންނަށް ސިޔާސީ މަގާމުތަކުގައި ތިބޭ ފަރާތްތަކާއި މަޖިލިސް މެމްބަރުންގެ ފިއްތުންތައް ކުރިމަތިކުރުވައި މިނިވަން މުއައްސަސާތަކުގެ ހިންގުމާއި މަސައްކަތްތަކަށް ސިދާ ގޮތުން ނުފޫޒު ފޯރުވައި ކޮމިޝަންތަކުގެ މިނިވަންކަމާއި މުސްތަގިއްލުކަން ގެއްލުވާލަން މަސައްކަތްކޮށްފައިވޭ," ޓްރާންސްޕޭރެންސީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ފާއިތުވެދިޔަ އަހަރުތަކުގައި މިނިވަން މުއައްސަސާތަކުން މެންބަރުން ވަކިކޮށް ވަކި ސިޔާސީ ފިކުރަކަށް ނިސްބަވާ މީހުން އައްޔަން ކުރުމުގެ ނަތީޖާއަކަށްވީ، މުއައްސަސާތަކުގެ މިނިވަންކަމާއި މުސްތަގިއްލު ކަމާ މެދު ސުވާލު އުފެދި އެ މުއައްސަސާތަކުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފަސްޖެހި ނުވަތަ އިހުމާލުވުން ކަމަށް އެޖަމިއްޔާއިން ވަނީ ބުނެފައެވެ.

އެގޮތުން، އޭސީސީގެ މެމްބަރުންނަށް ބިރުދައްކާ، ވަކިކުރުމުގެ މަރުހަލާގެ ކަންކަން ހިންގާފައިވަނީ އޭސީސީގެ މައްޗަށް ނުފޫޒުފޯރުވުމަށާއި އެމުއައްސަސާގެ މިނިވަންކަމަށް ބުރޫއަރާނެ ފަދަ އަމަލުހިންގުމަށް މަގުފަހިކުރުމަށް ކަމަށް ބެލުމުގެ ފުރުސަތު އޮތް ކަމަށް ވެސް ޓްރާންސްޕޭރެންސީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

"އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތައް ހައްލުކުރުމުގެ ބަދަލުގައި އަދި އޭސީސީއަށް އެ މައްސަލަތައް ހައްލުކުރުމަށް ފުރުސަތު ނުދީ އަދި ހައްލުކުރުމަށް ބޭނުންވާ އެއްބާރުލުމާއި އަދި ވަސީލަތްތައް ފޯރުނުކޮށްދީ ކޮމިޝަންގެ މެންބަރުން ވަކިކޮށް މުޅި ކޮމިޝަން އެއްކޮށް ބަދަލުކުރި ނަމަވެސް އޭސީސީއަށް ކުރިމަތިވެފައިވާ ނިޒާމީ ގޮންޖެހުންތަކަށް އެދެވޭ ބަދަލެއް ނުގެނެވޭ ހާ ހިނދަކު އޭސީސީގެ މަސައްކަތްތައް އެންމެ ފުރިހަމަކޮށް އަދި މިނިވަންކޮށް ކުރުމުގެ ފުރުސަތު ކުޑަވާނެ," އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ފާއިތުވި އަހަރުތަކުގައި، ސަރުކާރާއި މަޖިލީހުން މިނިވަން މުއައްސަސާތަކަށް މެންބަރުން އައްޔަނުކުރުމުގެ މަސައްކަތް ދިގުލައި ލަސްކުރުމުގެ ސަބަބުން، ރައްޔިތުންގެ ހައްގުތަކެއް ގެއްލިފައިވާ ކަމަށް ޓްރާންސްޕޭރެންސީން ތުުހުމަތުކުރިއެވެ.

އޭސީސީގެ މެންބަރުންގެ ގޮނޑިތައް މުއްދަތަކަށް ހުސްވެއްޖެ ނަމަ، ސިޔާސީ ފަރާތްތައް ޒިންމާދާރުކުރުވުމުގެ މުހިންމު މަސްއޫލިއްޔަތު އަދާކުރަމުންދާ މި މުއައްސަސާގެ ތަހުގީގުތަކަށާއި، މަސައްކަތްތަކަށް ނޭދެވޭ އަސަރުކުރުވާ، މިހާރު ކުރިއަށްދާ ބޮޑެތި މައްސަލަތަކުގެ ތަހުގީގުތައް މެދުކެނޑުމުގެ ފުރުސަތުބޮޑުވެ، އިތުރަށް ދިގުލައިގެން ދިއުމަށް މަގުފަހިވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

މިނިވަން މުސްތަގިއްލު މުއައްސަސާތަކުގެ މެންޑޭޓް އަދާކުރުމަށް ބޭނުންވާ އެކަށޭނެ ބަޖެޓާއި މާލީ މިނިވަންކަން އަދި ހިންގުމުގެ މަސައްކަތް ހަރުދަނާކުރުމަށް ކޮންމެހެން ބޭނުންވާ މުހިންމު ވަސީލަތްތަކާއި ނިޒާމުތައް ހޯދައިދިނުމަށް ސަރުކާރާއި މަޖިލީހުން ސިޔާސީ ގޮތުން ނުކުޅެދިފައިވާ ކަމަށް ވެސް އެޖަމިއްޔާއިން ވަނީ ތުހުމަތުކޮށްފައެވެ.

ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ހުށަހެޅުންތަކާއި ގޮވާލުންތައް:

  • އޭސީސީގެ މަސްއޫލިއްޔަތު އަދާކުރުން މެދު ކެނޑުނަ ނުދިނުމަށާއި، ކޮރަޕްޝަންގެ މައްސަލަތައް ބެލުން މަޑުޖެހުނަ ނުދިނުމަށްޓަކައި، އޭސީސީގެ ހުސްވެފައިވާ މަގާމުތަކަށް މެންބަރުން އައްޔަނުކުރުމުގެ މަސައްކަތް ވަގުތު ނަގާނުލާ އަވަހަށް ކުރިއަށްގެންދިއުން.
  • އޭސީސީ މެންބަރުންނަކީ ނަޒާހަތްތެރި، އަދި ސިޔާސީ ޕާޓީތަކުގެ ނުފޫޒުން ވަކިވެފައިވާ ބައެއްކަން ކަށަވަރުކުރުން.
  • މިނިވަން މުއައްސަސާތަކާއި އެމުއައްސަސާތަކުގެ މެމްބަރުންނަށް ކުރިމަތިކުރުވާ ސިޔާސީ އަދި ޕާޓީ ފިއްތުންތަކާއި ބިރުދެއްކުން ހުއްޓުވާ މިނިވަންކަމާއި އެކު މަސައްކަތްކުރެވޭނެ މާހައުލެއް ގާއިމުކޮށްދިނުން.
  • މިނިވަން މުއައްސަސާތައް އެމުއައްސަސާއެއްގެ މަސްއޫލިއްޔަތު މިނިވަންކަމާއި އެގޭ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ބޭނުންވާ ބަޖެޓާއި، ވަސީލަތްތަކާއި އިކުއިޕްމެންޓް މުއައްސަސާތަކަށް ފޯރުކޮށްދިނުން. އަދި އޭސީސީގެ އިންވެސްޓިގޭޓިވް އެންޑް އިންޓެލިޖެންސްގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ބޮޑެތި މާލީ ކުށްތަކުގެ ތަހުގީގުތައް ހިންގާނެ ގޮތުގެ ފަންނީ ގާބިލްކަން އިތުރުކުރުން.
  • މުއައްސަސާތައް ގަވާއިދުން އޮޑިޓުކޮށް، ކުރެވޭ އޮޑިޓުތަކަކީ އެ މުއައްސަސާތަކުން ކުރާ މަސައްކަތްތައް ފުރިހަމައަށް އަލިއަޅުވާލެވޭ އޮޑިޓުތަކެއްކަން ޔަގީންކޮށް، އަދި އެ އޮޑިޓުތަކުން ފާހަގަވާ ކަންކަން ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތަކީ، މަތި އޮމާންކުރުމަށް އަޅާފިޔަވަޅުތަކަކަށް ނުހަދާ، މާނަވީ ހައްލުތަކެއްކަން ޔަގީންކުރުން.

އޭސީސީގެ ދިފާއުގައި ޓްރާންސްޕޭރެންސީން ބަޔާނެއް ނެރިފައިވާއިރު, އެ ކޮމިޝަނުގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވި މަރިޔަމް ޝިއުނާ މީގެ ކުރިން ވަނީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރައްވާފައެވެ.

comment ކޮމެންޓް