އެވިޑް ކޮލެޖުގެ ދަސްވެނިވުން ބާއްވައިފި

އެވިޑް ކޮލެޖްގެ ދަސްވެނިވުމުގެ ތެރެއިން -- ފޮޓޯ/ އެވިޑް ކޮލެޖް

އެވިޑް ކޮލެޖުގެ ގްރެޖުއޭޝަން މިދިޔަ އާދީއްތަ ދުވަހު ބާއްވައިފިއެވެ.

އެވިޑް ކޮލެޖުން މައުލޫމާތު ދިން ގޮތުގައި މިއަހަރު މިބޭއްވުނީ މިދިޔަ އަހަރާއި މިއަހަރު އެކޮލެޖުން މަތީ ތައުލީމު ނިންމައި، ތަފާތު ކޯސްތަކުން ސެޓްފިކެޓް ހާސިލު ކުރި ދަރިވަރުންގެ ގްރެޖުއޭޝަން ރަސްމިއްޔާތެވެ.

ދެ ދަންފަޅިއަކަށް ބަހާލައިގެން އިއްޔެ ހެނދުނާއި ރޭގަނޑު ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތު ބާއްވާފައި ވަނީ ހުޅުމާލޭ ހުރަވީ ސްކޫލު ހޯލުގައެވެ.

އެ ރަސްމިއްޔާތުގެ ފުރަތަމަ ދަންފަޅި ޝަރަފްވެރިކޮށް ދެއްވީ ޑރ. ރަޝީދާ މުހައްމަދު ދީދީއެވެ. އަދި ދެވަނަ ދަންފަޅި ޝަރަފްވެރި ކޮށްދެއްވީ އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗާ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) ގެ ރައީސް އަދި އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.

އެ ރަސްމިއްޔާތުގައި ދަރިވަރުންނަށް ސެޓްފިކެޓްތައް ހަވާލުކުރުމުގެ އިތުރުން، އެވިޑް ކޮލެޖްގެ ޗެއާމަން އަބްދުﷲ މުޝްތާގު ރަޝާދުގެ މޭސްތިރިކަމުގެ ދަށުން މިއަދާ ހަމައަށް އެ ކޮލެޖުން ހާސިލްކޮށްފައިވާ އެކި ކާމިޔާބީތަކަށް އަލިއަޅުވާލައި ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓެއް ގެނެސްދީފައިވެއެވެ.

އެ ރަސްމިއްޔާތުގައި އެވިޑްގެ ފެކަލްޓީތަކުން ދަސްވެނިވި ދަރިވަރުންނަށް ސަނަދު ހަވާލުކޮށްފައިވާއިރު، ފެކަލްޓީތަކުގެ އެކި ޕްރޮގްރާމްތަކުން އެންމެ ރަނގަޅު ނަތިޖާ ހޯދި ދަރިވަރުންނަށް އެވިޑް ކޮލެޖްގެ މަތީ އަރުތަވެރިންގެ އެވޯޑް ދީފައިވެއެވެ.

އެވިޑް ކޮލެޖްގެ ދަސްވެނިވުމުގެ ތެރެއިން -- ފޮޓޯ/ އެވިޑް ކޮލެޖް

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޗެއާމަން މުޝްތާގު ވަނީ، އެ ކޮލެޖުން މާސްޓާސް ޑިގްރީ ހާސިލްކުރި ދަރިވަރުން ކޮލެޖުން ހިންގާ ތަފާތު ރިސާޗްތަކުގައި ބައިވެރިވުމަށް އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ކޮލެޖު ނިންމާ ދަރިވަރުންވެސް ކޮލެޖުގެ ހަރަކާތްތަކުގައި ބައިވެރިވެވި، ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިވެފައިވާކަމަށް ވެސް ޗެއާމަން ވިދާޅުވިއެވެ.

comment ކޮމެންޓް