މާފުށި ޕިކްނިކް އައިލެންޑް ކައުންސިލާ ހަވާލުކުރަން ރައީސް އެރަށަށް

ކ. މާފުށީ ޕިކްނިކް އައިލެންޑް -- ފޮޓޯ/ އެމްޓީސީސީ

ކ. މާފުށީ ޕިކްނިކް އައިލެންޑް ކައުންސިލާ ހަވާލު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އެރަަށަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ރައީސްގެ މި ދަތުރުފުޅުގައި އެރަށު ކައުންސިލާ، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއާ ބައްދަލު ކޮށް، އެރަށުގެ ބައެއް ސަރަހައްދުތަކަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައި ވާކަމަށެވެ.

މާފުށީ ޕިކްނިކް އައިލެންޑްގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ބިން ހިއްކުމުގެ މަސައްކަތް ނިންމާލާފައި ވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ.

އެ މަސައްކަތް ޕްލޭނިން މިނިސްޓްރީގެ ފަރާތުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއެވެ.

މާފުށީ ޕިކްނިކް އައިލެންޓް މަޝްރޫއާ ބެހޭގޮތުން އެންމެ ފަހުން އެމްޓީސީސީން ބުނީ، ޕިކްނިކް އައިލެންޑްގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ޓަކައި ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ޕްރޮޖެކްޓު ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.

އެ ކުންފުނިން އިތުރަށް ބުނީ މި މަޝްރޫއުގެ ދަށުން، ދެ ހެކްޓަރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށެވެ.

މި މަޝްރޫއުއަށް ހަރަދު ކުރާން ނިންމާފައިވަނީ 10.8 މިލިއަން ރުފިޔާއެވެ.

މާފުށީ ފަޅު ތެރެއިން ދެ ހެކްޓަރުގެ ބިން ހިއްކައިގެން ތަރައްގީކުރާ މި ޕިކްނިކް އައިލެންޑަކީ ޗުއްޓީ ދުވަސްދުވަހު، އާއިލާއާއެކު ދަތުރުގޮސް، ހިތް އުފާ ކުރުމުގެ ފުރުސަތު ރައްޔިތުންނަށް ފަހި ކޮށްދިނުމަށް ޓަކައި ސަރުކާރުން ކުރިއަށް ގެންދާ، މަޝްރޫއުއެކެވެ.

comment ކޮމެންޓް