އަފްގާން އަންހެނުން މަހުރަމަކާ ނުލާ ދިގު ދަތުރުތައް ކުރުން މަނާ ކޮށްފި

އަފްގާނު އަންހެނުންތަކެއް ފިރިހެނަކާއެކު ދަތުރު ކުރަނީ ---

މަހުރަމަކާ ނުލާ ނުނީ ދިގު ދަތުރުތައް ކުރުން އަފްގާނިސްތާނުގެ އަންހެނުންނަށް ތާލިބާން ޖަމައާތުން މަނާ ކޮށްފިއެވެ.

މިދިޔަ އާދިއްތަ ދުވަހު ނެރުނު މި ގަވައިދާ އެކު ގިނަ އަންހެނުންތަކަކަށް ވާޒިފާއަށް ދިއުމުގެ ފުރުސަތު ގެއްލިފައިވާއިރު އަންހެންކުދިން ސްކޫލަށް ފޮނުވުމަށް ވެސް ތާލިބާނުން ވަނީ ހުރަސް އަޅާފައެވެ.

އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ކެމްޕެއިން ގްރޫޕެއް ކަމަށްވާ ހިއުމަން ރައިޓްސް ވޮޗް އިން ބުނީ މިފަދަ ގަވައިދުތަކަކީ އަންހެނުން ގައިދީންގެ ގޮތުގައި ބޭތިއްބުމަށް ހަދާ ގަވައިދުތަކެއް ކަމަށެވެ.

އެގޮތުން، މި ގަވައިދާއެކު 72 ކިލޯމީޓަރަށް ވުރެ ދުރަށް އަފްގާނު އަންހެނުންނަށް ދަތުރު ކުރެވޭނީ އާއިލާގެ ގާތް ފިިރިހެން މީހަކާއެކުއެވެ. އަދި އަންހެނުންގެ ބޮލާއި މޫނު ނުފޮރުވާނަމަ ދަތުރު ކޮށްދޭ މީހާ އެ ދަތުރަށް އިންކާރު ކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއްގެ ގޮތުގައި ވެސް އެ ގައިދުގައިވެއެވެ. ހަމަ އެހެންމެ، ދަތުރުކުރާ އުޅަނދުގައި ލަވަ ޖެހުމަކީ ވެސް މަނާ ކަމެކެވެ.

ބޭރުގެ ބައެއް މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުން އަފްގާން އަންހެނުން މިފަދަ ގަވައިދުތައް ސިފަ ކުރަނީ އެ މީހުންގެ އުފަލާއި މިނިވަކަން ތާލިބާނުން ނިގުޅައިގަތުމުގެ ގޮތުގައެވެ.

އަފްގާނިސްތާނުގެ އަންހެނުން ޓީވީ ޑްރާމާތަކަށް އެރުން ވެސް މިދިޔަ މަހުގެ ތެރޭގައި ވަނީ މަނާކޮށްފައެވެ.

comment ކޮމެންޓް