ހުޅުމާލެއިން ގޯތި ވިއްކުން ބަލައެއް ނުގަނެވޭ: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު --- ފޮޓޯ/ މަޖިލިސް

ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިމާއި ގޯތި ވިއްކަން އެޗްޑީސީން ނިންމި ނިންމުން ބަލައި ނުގަނެވޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލޭ ސަރަހައްދުގައި ދިރިއުޅޭ އާމްދަނީ މަދު މީހުންނަށް ބިން ލިބޭނެ ގޮތެއް ނެތި ހުޅުމާލެއިން ބިން ވިއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައެވެ. އަދި އެ ސިޔާސަތު ބަދަލު ކުރުމަށް އެމަނިކުފާނު ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

ހުޅުމާލެއިން ބިމާއި ގޯތި ގަތުމުގެ ފުރުސަތު އަންނަ މަހުގެ ދެވަނަ ދުވަހުން ފެށިގެން ހުޅުވާލަން ނިންމިކަން އެޗްޑީސީން މިއަދު ވަނީ އިއުލާންކޮށްފައެވެ.

ބިމާއި ގޯތި ގަތުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ އަންނަ މަހުގެ ނިޔަލަށެވެ.

މިދިޔަ އަންގާރަ ދުވަހު އެމްޑީޕީ ބޭއްވި މާލޭ ސިޓީ ކޯކަސް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ މާލޭގެ ރައްޔިތުންނަށް ހުޅުމާލެއިން ގޯތިދިނުމުގެ ވައުދު އެމްޑީޕީ ސަރުކާރަށް ނުފުއްދޭ ކަމަށް އިދިކޮޅު ފަރާތްތަކުގެ އިތުރުން އެމްޑީޕީއަށް ސަޕޯޓްކުރާ މާލޭގެ ރައްޔިތުންވެސް ބުނަމުން އަންނަ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ހަމަނޭވާ ލެވި ހިނގާބިނގާވެ އުޅެވޭހާ ހިނދަކު މާލޭގެ ރައްޔިތުންނަށް ހުޅުމާލެއިން ގޯތި ދިނުމަށް ވަކާލާތު ކުރާ ކުރުމާއި އެ ވައުދު ފުއްދުމުގެ މަސައްކަތް ވެސް އެމްޑީޕީން ހުއްޓައިނުލާނެ ކަމަށެވެ.

އެގޮތުން، ހުޅުމާލޭގެ ބިން ކަނޑާފައި މާލޭގެ ރައްޔިތުންނަށް ދެވިއްޖެނަމަ، އެމީހުން އެތަން އާރާސްތު ކުރާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެމީހުން އެތަނުން އާމްދަނީ ހޯދައިގެން އެ އާމްދަނީ ޓެކްސްގެ ގޮތުގައި ދައުލަތަށް ފޯރުކޮށްދޭނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

comment ކޮމެންޓް