މި އަހަރުގެ 1.3 މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އަތުވެއްޖެ

1.3 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުން -- ސަން ފޮޓޯ/މުހައްމަދު ހައްޔާން

މި އަހަރުގެ އަމާޒު ކަމުގައިވާ 1.3 މިލިއަން ވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެ އަތުވެއްޖެއެވެ.

މިއަދު ހަވީރު އެ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ކިޔަފައިވަނީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދެވެ.

1.3 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުން -- ސަން ފޮޓޯ/މުހައްމަދު ހައްޔާން

މި އަހަރު ތެރޭ ރާއްޖެ ޒިޔާރަތް ކުރި 1.3 މިލިއަން ވަނަ ފަތުރުވެރިޔާގެ މަގާމު ލިބިފައިވަނީ ރޮމޭނިއާގެ ކޮންސްޓަންޓީން ސްޓީލިއަން އެމިލްއަށެވެ. އަންހެނުނާއި ދެ ދަރިންނާއެކު އޭނާ ރާއްޖެ އައިސްފައިވަނީ މިއަދު ހަވީރު ގުލިވްއެއާގެ ފްލައިޓެއްގައެވެ.

އެމިލް ރާއްޖެ އައި ފުރަތަމަ ފަހަރެއް ނޫން

މިއީ މި އަހަރު ތެރޭ ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ ތެރެއިން 1.3 މިލިއަން ވަނަ ފަތުރުވެރިޔާގެ ޝަރަފު ލިބުނު ކޮންސްޓަންޓީން ސްޓީލިއަން އެމިލް ރާއްޖެ ޒިޔާރަތް ކުރާ ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ ރާއްޖެއައީ މީގެ ފަސް ވަރަކަށް އަހަރު ކުރިން އޭނާގެ އަންހެނުންނާ އެކު ހަނީ މޫނަށެވެ.

ހަތް ދުވަހަށް ރާއްޖޭގައި މަޑުކުރާއިރު އޭނާ ހުންނަން ހަމަޖެހިފައިވަނީ ބަނޑޮސް އައިލެންޑް ރިސޯޓުގައި ކަމަށް އެމިލް ބުންޏެވެ.

1.3 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުން -- ސަން ފޮޓޯ/މުހައްމަދު ހައްޔާން

އެންމެ ފުރަތަމަ އެމިލް ރާއްޖެ އައިސް ހުރީ ޕެރަޑައިސް އައިލެންޑް ރިސޯޓުގައެވެ. އެމިލް ބުނި ގޮތުގައި އެ ފަހަރަކީ ވެސް އެހާމެ ހިތްހަމަޖެހިގެން ނުހަނު އުފަލުގައި ހޭދަކުރެވުނު ޗުއްޓީއެކެވެ. އެހެންކަމުން، އަލުން އަނބުރާ ރާއްޖެއަށް ޒިޔާރަތް ކޮށްލުމަށް އޭނާ ހުރީ ނުހަނު ބޭނުންވެފައެވެ. ނަމަވެސް، ކޮވިޑްގެ ބަލިމަޑުކަމާ އެކު ދިމާވި ގޮންޖެހުންތަކާ ހެދި އެ ފުރުސަތު ފަހިވީ މި އަހަރުއެވެ.

މި ލިބުނު ޝަރަފާއެކު އެމިލް ބުނީ އޭނާގެ އުންމީދަކީ ވެސް އަންނަ އަހަރު ދެ މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރުން ކަމުގައެވެ. ހަމައެހެންމެ، ރާއްޖެއަށް މި ލިބުނު ކާމިޔާބީއަށް ވެސް އޭނާ ވަނީ މަރުހަބާ ކިޔާފައެވެ.

އަންނަ އަހަރުގެ އަމާޒަކީ ދެ މިލިއަން ފަތުރުވެރިން

މި އަހަރަށް ކަނޑައެޅި އަމާޒުތައް ހާސިލްވީއިރު އަންނަ އަހަރަަށް ވެސް ފަރުތުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކުން އަންނަނީ ބޮޑެތި އުންމީދުތަކެއް ކުރަމުންނެވެ.

ކޮވިޑްގެ ބަލިމަޑުކަމަށް ފަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލިފަހުން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރީ އިއްޔެކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މި މަހުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އެއް ދުވަސްތެރޭ އައި ކަމުގެ ރިކޯޑު ހަތަރު ފަހަރު މުގުރާލައިފައިވާއިރު އިއްޔެ ވަނީ 7،098 ފަތުރުވެރިން ޒިޔާރަތް ކޮށްފައެވެ.

މި އަހަރުގެ އެންމެ ފުރަތަމަ އަމާޒެއްގެ ގޮތުން އެއް މިލިއަން ފަތުރުވެރިން ރާއްޖެ ގެނެވުނެވެ. އެ އަމާޒަށްފަހު މި އަހަރު ރާއްޖެއަށް އަންނާނެ ކަމަށް ލަފާކުރި 1.3 މިލިއަން ފަތުރުވެރިންގެ އަމާޒު ވެސް ވަނީ ހާސިލްވެފައެވެ.

ރާއްޖޭގެ ގިނަ ބަޔަކު މިހާރު ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަމުން ދާއިރު އެންމެންގެ އެއްބާރުލުމާ އެކު ސަރުކާރުގެ އަމާޒަކީ އަންނަ އަހަރު ދެ މިލިއަން ފަތުރުވެރިން ގެނައުމެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަށް މިފަދަ ގިނަ ކާމީޔާބިތަކެއް ލިބެމުން ދަނީ ދާއިރާގެ ހުރިހާ އެންމެންގެ ވެސް މިންނެތް މަސައްކަތުން ކަމުގައެވެ.

1.3 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުން -- ސަން ފޮޓޯ/މުހައްމަދު ހައްޔާން

"މިއީ ވަރަށް އުފާވެރި ދުވަހެއް. ދެން އިއްޔެއަކީ އަޅުގަނޑުމެން ގައުމުގެ އެއްބައިވަންތަކަމުގެ ދުވަސްވެސްމެ. ދެން އަޅުގަނޑުމެންނަށް ބޯޑަރު ހުޅުވާލި ފަހުން ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތް ކުރީ ވެސް އިއްޔެ. ޓޫރިޒަމްގެ ވެސް ކާމިޔާބީ މިއޮތީ އަޅުގަނޑުމެން އެންމެން އެއްބައިވެގެން ކުރި މަސައްކަތުން ހަމަ. މިއީ ވަރަށް ބުރަ ކަމެއް. ދޮޅު އަހަރު ދުވަސް ހިނގައްޖެ އިންޑަސްޓްރީ ބަނޑު ދަމާލާފަ އޮތްތާ. ބޮޑެތި ގެއްލުންތަކާ އިންޑަސްޓްރީ ކުރިމަތިލި. ރާއްޖޭގެ ޓޫރިޒަމްގެ ކުރިއެރުމަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ ވަރަށް ބޮޑު މިންނެތް މަސައްކަތް،" މިނިސްޓަރު ވިދާޅުވިއެވެ.

މި އަހަރު ރާއްޖެ ޒިޔާރަތް ކުރާ 1.3 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮޔިއްބު މުހައްމަދު ވިދާޅުވީ މިއަހަރު ގިނަ ގޮންޖެހުންތަކެއް ކުރިމަތިވިޔަސް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ވަނީ ގިނަ ކާމިޔާބީތަކާއި އެވޯޑުތައްވެސް ހާސިލްކޮށްފައި ކަމަށެވެ.

1.3 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުން -- ސަން ފޮޓޯ/މުހައްމަދު ހައްޔާން

"މީގެތެރެއިންވެސް އެންމެ ބޮޑަށް ފާހަގަކުރެވޭ އެއް ކާމިޔާބީއަކީ މިފަހުން ލިބިގެންދިޔަ ވޯލްޑް ޓްރެވަލް އެވޯޑްސްގެ ޝަރަފްވެރި "ލީޑިން ޑެސްޓިނޭޝަން 2021″ ޓައިޓަލް. ދުނިޔޭގެ ފަތުރުވެރިކަމުގެ ދައިރާ މިއަހަރުގެ ތެރޭގައި އޮތީ ވަރަށްވެސް ނާޒުކުކޮށް. އެހެންނަމަވެސް ގޮންޖެހުންތަކާއެކުވެސް 1.3 މިލިއަން ފަތުރުވެރިންނަށް މަރުހަބާ ކިއުމަކީ ކުޑަ ކަމެއް ނޫން. މިއީ އިންޑަސްޓްރީގެ އެންމެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ. ފްރަންޓްލައިންގައި މަސައްކަތް ކުރި ފަރާތްތަކާއި، ސަރުކަރާއި، މިނިސްޓްރީތަކާއި، އެމްއެމްޕީއާރުސީ، އެހެނިހެން ސްޓޭކްހޯލްޑަރުންނާއި، އެންޖީއޯތަކާއި އަދި އެސޯސިއޭޝަންތަކުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ،" އޭނާ ވިދާޅުވިއެވެ.

ތޮޔިއްބު އިތުރަށް ވިދާޅުވީ އަންނަ އަހަރުވެސް ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ގިނަ ކަންތައްތަކެއް ރޭވިފައި ހުރި ކަމަށެވެ.

comment ކޮމެންޓް