ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލް މެޗު އަލިފުށީ ދަނޑުގައި ކުޅުމަށް ގޮތެއް ނިންމަނީ

އަލިފުށީ ފުޓުބޯޅަ ދަނޑު- ފޮޓޯ / މުއާވިޔަތު އަބްދުލްލަތީފް

ރާއްޖޭގެ އެންމެ ޝަރަފުވެރި މުބާރާތް ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލް މެޗު ރ. އަލިފުށީ ދަނޑުގައި ކުޅެވޭތޯ އެފްއޭއެމް އާއި އަލިފުށީ ކައުންސިލް ގުޅިގެން މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ.

އަލިފުށީ ކައުންސިލްގެ ރައީސް އިބްރާހިމް އާދަމް އިމްރާން "ސަން"އަށް ވިދާޅުވީ އެފްއޭއެމްއާއެކު މިއަދު ބައްދަލުވުންތަކެއް ބޭއްވި ކަމަށާއި އެރަށު ދަނޑުގެ އިންސްޕެކްޝަނެއް އެފްއޭމުން ހަދަމުން އަންނަ ކަމަށެވެ.

"މިއަދު މަޝްވަރާތަކެއް ކުރިއަށް ގެންދިޔަ. އެހެންނަމަވެސް އަދި ޔަގީނެއް ނުވޭ އަލިފުށީގައި ކުޅޭ ގޮތަށް ނިންމި ކަމެއް،" އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ އަލިފުށީ ދަނޑު އަދި ރަސްމީކޮށް ހުޅުވިފައިނުވާ ކަމަށާއި އެމެޗަކީ ދަނޑު ރަސްމީކޮށް ހުޅުވުމުގެ ގޮތުން ކުޅެވޭ މެޗަކަށް ވެގެންދާނެ ކަމަށެވެ. މިފަދަ ބޮޑު މުބާރާތެއް އަލިފުށީގައި ބާއްވާނަމަ ކައުންސިލްގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން އެފްއޭއެމަށް ދީފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަލިފުށީ ކައުންސިލާއި އެފްއޭއެމް އިން ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން- ފޮޓޯ / އަލިފުށީ ކައުންސިލް

މި މަޝްވަރާތައް އަލިފުށީގައި ކުރިޔަށްދާއިރު، މަޝްވަރާތަކުގައި ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓު މިނިސްޓަރ އަސްހަދު އަލީ (އަޑުބަރޭ)ގެ އިތުރުން އެފްއޭއެމްގެ ކޮމްޕެޓިޝަން ޑިޕާޓްމެންޓުގެ ޝާހު އިސްމާއިލް (ޝާޔާ) އާއި އިސްމާއީލް ރިޔާޒްވެސް ބައިވެރިވެވަޑައިގަންނަވައެވެ.

މިއީ 2017 ވަނަ އަހަރު އެ މުބާރާތް ބޭއްވިފަހުން ރާއްޖޭގެ ކުލަބުތަކުން މުބާރާތް ކުޅޭ ފުރަތަމަ ފަހަރަށްވުމާއެކު، މި މުބާރާތުގައި ޖުމުލަ އަށް ޓީމަކުން ވަނީ ވާދަކޮށްފައެވެ. އަދި މިހާތަނަށް މުބާރާތުގައި ކުޅެވުނު މެޗުތައް ކުޅެފައިވަނީ ގަލޮޅު ފުޓުބޯޅަ ސްޓޭޑިއަމްގައެވެ.

ސަރުކާރުގެ ހަރަދުގައި އަލިފުށީގައި އެޅި ޓާފް ދަނޑު ނިމުނުކަން ރަސްމީކޮށް އިއުލާނުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު 16 ވަނަ ދުވަހުގައެވެ.

އެންމެ ފަހުން 2017 ވަނަ އަހަރުގައި އެ ކަޕް ބޭއްވި އިރު އެމުބާރާތުގެ ޗެމްޕިއަންކަން ނިއުރޭޑިއެންޓުން ހޯދީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އިމްރާން މުހައްމަދުގެ ކެޕްޓަން ކަމުގެ ދަށުގައެވެ.

ލީގު އުސޫލުން ކުޅެވޭ މި މުބާރާތަކީ ރާއްޖޭގެ ފުޓުބޯޅަ ސީޒަން ފެށުމުގެ ގޮތުން ބާއްވާ ފުރަތަމަ މުބާރާތެވެ.

comment ކޮމެންޓް