މޯޓޮންއަކީ މުސްތަގުބަލުގައި ވިދާލާނެ ކުޅުންތެރިއެއް: ހެންޑަސަން

އުމުރުން 19 އަހަރުގެ ޓައިލަ މޯޓޮން

ލިވަޕޫލްގެ ޒުވާން މިޑްފީލްޑަރު ޓައިލާ މޯޓޮން އަކީ މުސްތަގުބަލުގައި ވިދާލާނެ ކުޅުންތެރިއެއް ކަމަށާއި އޭނާގެ މުސްތަގުބަލާމެދު ފޮނި އުންމީދުތަކެއް ކުރެވޭ ކަމަށް އެޓީމުގެ ކެޕްޓަން ޖޯޑަން ހެންޑަސަން ބުނެފިއެވެ.

އުމުރުން 19 އަހަރުގެ މޯޓޮން ލިވަޕޫލާ ގުޅުނީ މިއަހަރުގެ ޖަނަވަރީ މަހުގައެވެ. އޭނާ އަކީ އުމުރުން ހަތް އަހަރުން ފެށިގެން ލިވަޕޫލްގެ އެކަޑެމީއަށް ކުޅެފައިވާ ލިވަޕޫލްގެ އުފެއްދުމެކެވެ. އެންމެ ފުރަތަމަ އޭނާ ރަސްމީކޮށް ކުޅުނީ އެ ޓީމުގެ 23 އަހަރުން ދަށުގެ ޓީމަށެވެ. އޭރު އެޓީމަށް އޭނާ 10 ގޯލު ކާމިޔާބު ކޮށްދިނެވެ.

ހަމައެހެންމެ، އޭނާއަކީ ލިވަޕޫލްގެ 23 އަހަރުން ދަށުގެ ޓީމް އެފްއޭ ކަޕްގެ ފައިނަލަށް ގެންގޮސްދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރި ކުޅުންތެރިޔާއެވެ. މިއަހަރުގެ ފުޓުބޯޅަ ސީޒަނުގައި އޭނާ ވަނީ ޖުމުލަ 426 މިނެޓު ލިވަޕޫލަށް ކުޅެދީފައެވެ. އެގޮތުން އޭނާ ވަނީ ޕޯޓޯ އާއި މިލާންއާ ދެކޮޅަށް ކުޅުނު މެޗުގައި ފުލުކޮށް ކުޅެފައެވެ. އަދި ދާދި ފަހުން ޓޮޓެންހަމްއާ ދެކޮޅަށް ކުޅެ 2-2 އަކުން އެއްވަރުވި މެޗުގައި އޭނާ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ.

ސީޒަން ފެށުނީއްސުރެ ހެންޑަސަންގެ ފެވްރިޓް ކުޅުންތެރިއެއްގެ ގޮތުގައި އޭނަ ވަނީ މޯޓޮން ސިފަކޮށްފައެވެ. މެޗުތަކުގައި އޭނާ ދައްކާ މޮޅު ކުޅުމަށް ހެންޑަސަން އަންނަނީ ތައުރީފްކޮށް ހިތްވަރުދެމުންނެވެ.

"ފާއިތުވި މަދު ދުވަސްކޮޅުތެރޭގައި މޯޓޮން ވަނީ ތަފާތު ދައްކާފައި. ކުރިއަށް ވުރެ ބޮޑު ތަނުން އޭނާއަށް ކުރިއެރުންތަކެއް ވަނީ ލިބިފައި. ވަރަށް ގިނަ ކަންތައްތައް ދަސްކޮށް ޓްރޭނިންގައި ކިޔައިދޭ އެއްޗެއްސަށް ކަނުލާ އަޑުއަހައި އޭނާ ވަނީ މަސައްކަތްތަކެއް ކޮށްފައި،" ހެންޑަސަން ލިވަޕޫލްގެ ރަސްމީ ވެބްސައިޓަށް ބުނެފައިވެއެވެ.

އިންގްލެންޑްގެ ތަރި ހެންޑަސަން ބުނީ މޯޓޮންއަކީ ގަދަ އަޅާ މަސައްކަތް ކުރާ ކުޅުންތެރިއެއްކަމަށާއި އޭނާއަކީ ކުރިމަގު އޮތް ތަފާތު ހުނަރެއްގެ ކުޅުންތެރިއެއް ކަމަށެވެ.

"އަހަރެން ގަބޫލުކުރާގޮތުގައި މޯޓޮން އަކީ މުސްތަގުބަލުގައި ވިދާލާނެ ކުޅުންތެރިއެއް. ވަރަށް ފޮނި އުންމީދު އޭނާއާ ދޭތެރޭ ކުރެވޭ،" ހެންޑަސަން ބުންޏެވެ.

ޕްރިމިއާ ލީގުގެ ތާވަލުގައި ލިވަޕޫލް އޮތީ މެންޗެސްޓާ ސިޓީއާ ހަ ޕޮއިންޓުގެ ފަރަގަކުން ތާވަލުގެ ދެވަނައިގައެވެ.

ހެންޑަސަންގެ އިތުރުން ފުޓުބޯޅައިގެ ލެޖެންޑުން މޯޓޮން ދައްކާ މޮޅު ކުޅުމަށް އަންނަނީ ތައުރީފު ކުރަމުންނެވެ.

comment ކޮމެންޓް