ރެއާލުން ޗެލްސީގެ ރުޑިގާއަށް ފާރަލަނީ

އަންޓޮނިއޯ ރުޑިގާ

ޗެލްސީއަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ އެންޓޯނިއޯ ރުޑިގާ އަންނަ ފުޓުބޯޅަ ސީޒަނުގައި މަޝްހޫރު ރެއާލް މެޑްރިޑަށް ބަދަލުވާނެކަމަށް ބޭރުގެ އިތުބާރު ހިފޭ ރިޕޯޓްތަކުން ބުނެފިއެވެ.

އުމުރުން 28 އަހަރުގެ ރުޑިގާ ވިދާލީ މިއަހަރު ބޭއްވި ޔޫރޯ މުބާރާތުގައި ޖަރުމަނުގެ ޓީމަށް ތަފާތު ދައްކާ މޮޅު ކުޅުމެއް ދެއްކުމުންނެވެ. ބެލެވޭ ގޮތުގައި ރުޑިގާ ރެއާލަށް ދާން ނިންމާފައިވަނީ ފްރީ ޓްރާންސްފާ މާކެޓުގައެވެ.

ރުޑިގާ ޗެލްސީގެ ކޮންޓްރެކްޓްގައި ހުރީ މި ސީޒަނުގެ ނިޔަލަށެވެ. ރުޑިގާއާ އެކު ޗެލްސީން ހަދާފައިވާ ކޮންޓްރެކްޓް އާ ކުރަން އެ ކްލަބުން ކުރަމުން އަންނަ މަސައްކަތަށް އަދި އެކަށީގެންވާ ކުރިއެރުމެއް ނުލިބެއެވެ. އެއީ ރުޑިގާ ކިޔާ މުސާރަ ބޮޑުުވުމުންނެވެ.

ރުޑިގާ މި ވަގުތު ޗެލްސީގެ ކޮންޓްރެކްޓްގައި ހުރީ އަހަރަކު ހަ މިލިއަން ޑޮލަރު ލިބޭ ގޮތަށެވެ. އަލުން ކޮންޓްރެކްޓް އާ ކުރަން ރުޑިގާ ބޭނުންވަނީ މިހާރު ހުރި ކޮންޓްރެކްޓަށް ވުރެ ނިސްބަތުން ބޮޑު މުސާރަ އަކަށްވާތީ ޗެލްސީ އަށް އުޅެނީ އޭނާއާ އެކު އެއްބަސްވުމަކަށް ނާދެވިގެންނެވެ.

ސްޕެއިނުގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި ހިލޭ ޓްރާންސްފާއެއްގައި ރުޑިގާގެ ހޯދަން ރެއާލުން ވަނީ އޭނާއާ އެކު އަނގަބަހުން އެއްބަސްވުމަކަށް އަތުވެފައެވެ.

އަންޓޮނިއޯ ރުޑިގާ

ޖަރުމަނުގެ ޑިފެންޑަރު މި ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުގައި އިދިކޮޅު ކުޅުންތެރިން އުފައްދާ ހަމަލާތައް ބްލޮކް ކުރުމާއެކު އޭނާގެ ދުވެލި ބާރުކަމުން ބޮޑެތި ކްލަބުތަކުން ރުޑިގާ އަށް އަންނަނީ ފާރަލަމުންނެވެ.

ރެއާލަށް އޭނާ ބަދަލުވެއްޖެނަމަ ޕްރިމިއާ ލީގުން އޭނާ ނުފެނި ދެން ފެންނާނީ ލަލީގާއިންނެވެ. އޭނާ އަކީ މި އަހަރު ވެސް ޗެލްސީއަށް އެންމެ ގިނަ މެޗު ކުޅެފައިވާ ޑިފެންޑަރެވެ. އެގޮތުން އޭނާ ވަނީ ޖުމުލަ 23 މެޗު ކުޅެފައެވެ. ހަމައެހެންމެ ރުޑިގާ ވަނީ އެންމެ ފަހުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ތަށި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ފައިނަލުގައި ކުޅެ ޗެލްސީއަށް ތަށި ކާމިޔާބުކޮށްދީފައެވެ.

މެޑްރިޑްގެ އިތުބާރު ހިފޭ ރިޕޯޓުގައި ބުނެފައިވާގޮތުން ސަންތިއާގޯ ބަރްނަބެއުގައި އަންނަ ސީޒަނުގައި ރުޑިގާ ކުޅޭނެއެވެ. ރެއާލަށް އޭނާ ގެންނަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަންނަނީ ކުރަމުންނެވެ.

ރުޑިގާއަށް ދާދި ފަހުން މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ރަލްފް ރަންގްނިކް އެދޭތީ އެޓީމުން ވަނީ އޭނާ ގެނައުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް ހަބަރުތައް ބުނާގޮތުން ޔުނައިޓެޑަށް އޭނާ ބުނީ ނޫނެކެވެ.

ރުޑިގާގެ އިތުރުން ރެއާލުން ޕީއެސްޖީގެ ޒުވާން ތަރި ކިލިއަން އެމްބާޕޭ އަށް ވެސް އަންނަނީ ފާރަލަމުންނެވެ. ހަބަރުތައް ބުނާގޮތުން އަންނަ ސީޒަނުގައި އެމްބާޕޭ ވެސް އެޓީމަށް ކުޅޭތަން ފެންނާނެއެވެ. އަދި އެއީ އެމްބާޕޭގެ ހުވަފެން ހަގީގަތަކަށް ވާނެ ދުވަހެކެވެ.

ރެއާލްގެ އިތުރުން ބާސެލޯނާ އިން އަންނަނީ އެ ޓީމު އިތުރަށް ވަރުގަދަ ކުރުމަށް ދުނިޔޭގައި މިހާރު އެންމެ ނަން ވިދާ ކުޅުންތެރިން އެޓީމަށް ގެނައުމަށް މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް