ޖުމްހޫރީ މައިދާނު ވިނަގަނޑުގައި ޓެންޓް ޖެހީ އެއްބަސްވުމާ ހިލާފަށް، ކުށްވެރިކުރަން: ސިޓީ ކައުންސިލް

ޖުމްހޫރީ މައިދާނު ސަރަހައްދުގެ ވިނަގަނޑުގައި ޓެންޓު ޖަހައިފައި-- ފޮޓޯ/ މޭޔަރު މުއިއްޒު

ޖުމްހޫރީ މައިދާނުގެ ވިނަގަނޑުގައި ހޯމް މިނިސްޓްރީން ޓެންޓު ޖެހީ، މާލޭ ސިޓީ ކައުންސިލާއެކު އެއްބަސްވި ކަންކަމާ ހިލާފަށް ކަމަށް އެ ކައުންސިލުން ބުނެފިއެވެ.

ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުމްހޫރީ މައިދާނުގައެވެ.

މި ޖަލްސާއަށް ހޯމް މިނިސްޓްރީން ތައްޔާރުވަމުން އަންނައިރު، މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ވިނަގަނޑު ނުހެދެނީސް އެއްވެސް އެއްޗެއް ވިނަ މަތީ ނުބެހެއްޓުމަށް އެކި ބައްދަލްވުންތަކުގައި ތަކުރާރުކޮށް ދަންނަވާފައިވާ ދެންނެވުމާ ހިލާފަށް މިނިސްޓްރީން އަމަލުކޮށްފައިވާތީ އެކަމާ ނުރުހުން ފާޅުކުރައްވައިފައެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޖުމްހޫރީ މައިދާނަކީ މާލޭގެ މަލަމަތި ދައްކުވައިދޭ މުހިންމު ސަރަޙައްދެއް ނަމަވެސް ފާއިތުވި ތިން އަހަރުގެ ތެރޭގައި އެ ތަނުގެ އާބާތުރަފިލުވުމަށް އެއްވެސް މަސައްކަތެއްކޮށްފައި ނުވާ ކަމަށެވެ.

އެ މަސައްކަތް މާލޭ ސިޓީގެ މި ދައުރުގެ ކައުންސިލްގެ ފަރާތުން ވަރަށް ބޮޑު ހޭދައެއް ކޮށްގެން ކުރަމުން އަންނަކަން ފާހަގަކޮށް ކައުންސިލުން ބުނީ އެ ތަނުގައި ގަސް އިންދުމަށްފަހު، ވިނަގަނޑު ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށް ތިން ހަފްތާ ވަންދެން ބޭނުން ނުކުރުމަށް ހޯމް މިނިސްޓްރީއަށް އަންގައިފައިވާނެ ކަމަށެވެ.

އެހެންނަމަވެސް ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމީ ޖަލްސާ ބޭއްވުމަށްޓަކައި ޖުމްހޫރީ މައިދާނުގައި ޓެންޓު ފަދަ ތަކެތި ބެހެއްޓުމަށް، ވިނަގަނޑުގެ ބޭނުންކުރުމަށް ހޯމް މިނިސްޓްރީގެ ފަރާތުން ސިޓީ ކައުންސިލްގެ ހުއްދަ އަށް އެދި ސިޓީއެއް ފޮނުވުމުން ވިނަގަނޑު ހަލާކުވާނެ ފަދަ އެއްވެސް ކަމެއް ކުރުމުގެ ޖާގަ ނުދޭނެ ކަމަށް އެންގި ކަމަށް ކައުންސިލުން ބުންޏެވެ.

"އަދި ހަމަ އެހެންމެ އެއްބައިވަންތަ ކަމުގެ ޖަލްސާ ބޭއްވުމަށް އިސްލާމީ މަރުކަޒުގެ ބޭރުގައި މާބްލް ޖަހާފައިވާ ސަރަޙައްދު ހަމަޖައްސައިދެއްވާނެ ކަމަށްވެސް ސިޓީ ކައުންސިލްގެ ފަރާތުން ހޯމް މިނިސްޓްރީއަށް ވަނީ އަންގާފަ،" މާލޭ ސިޓީ ކައުންސިލުން ބުންޏެވެ.

ސިޓީ ކައުންސިލުން އިތުރަށް ބުނީ މިކަމުގައި ކުރިއަށް ދިޔަ މަޝްވަރާތަކުގެ ތެރެއިން ޖުމްހޫރީ މައިދާން ދޫކުރަން ނިންމީ، ދެ ފަރާތުން އެއްބަސްވެ، ޓެންޓް ބެހެއްޓުން ފަދަ ކަންތައްތައް ނުކުރެވޭ ގޮތަށް ކަމަށެވެ.

އެހެންނަމަވެސް ކައުންސިލްގެ އެންގުމަށް އިހުތިރާމު ކުރުމެއް ނެތި ހޯމް މިނިސްޓްރީން ވިނަގަނޑު ހަލާކުވާ ފަދަ ކަންކަން ކޮށްފައިވާތީ އެކަމާ އިންތިހާއަށް ކަންބޮޑުވާ ކަމަށް ބުނެ ސިޓީ ކައުންސިލުން ވަނީ ހޯމް މިނިސްޓްރީގެ އަމަލުތައް ކުށްވެރިކޮށްފައެވެ.

comment ކޮމެންޓް