ފުލުފުލުގައި ފުލުހުންނަށް އަނިޔާ!

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ބަދަލުވެ، ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރާ ހަވާލުވުމަށް ފަހު މިދިޔަ އެއް މަސް ދުވަހުގެ ތެރޭގައި ހިނގައި ދިޔަ ތަފާތު ހާދިސާތަކުގައި ފުލުހުންނަށާއި ފުލުހުންގެ ތަކެއްޗަށާއި އިމާރާތްތަކަށް ވަނީ ގިނަ، އަދި ބޮޑެތި މާއްދީ އަދި މާލީ ގެއްލުންތައް ދީފަ އެވެ. ހާއްސަކޮށް އޭގެ ފަހުން ސަރުކާރާ ދެކޮޅަށް އައި ކޮންމެ މުޒާހަރާއަކާ އަޑު އުފުލުމެއްގެ ތެރެއިން ފުލުހުންނަށް ގެއްލުންތައް ލިބެމުން ދިޔަ އެވެ. ވަރަށް ގިނަ ފަހަރަށް ނުރައްކާތެރި ދަރަޖައަކަށް ހަމަލާތައް ގޮސްފައިވެ އެވެ.

ފެބުރުއަރީ އަށް ވަނަ ދުވަހު އަތޮޅުތަކުގައި ފުލުހުންނަށް އެކިވަރުގެ އަނިޔާތަކާ ކުރިމަތިވިރު ބޮޑެތި ގެއްލުންތައް ވެސް ވަނީ ދީފަ އެވެ. އޭގެ ފަހުން އެކި ހާދިސާތައް އައީ ފުލުފުލު އެވެ. އޭގެ ތެރެއިން ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމުގެ ޖަލްސާގައި ރައީސް ވަހީދު ރިޔާސީ ބަޔާން އިއްވިޔަ ނުދޭނެ ކަމަށް ބުނެ އެމްޑީޕީން ކުރި މުޒާހަރައިގައި 14 ފުލުހަކަށް އެކިވަރުގެ އަނިޔާވެ، އޭގެ ތެރެއިން ހަތަރު ފުލުހަކަށް ވަރަށް ބޮޑަށް ޒަހަމްވިއިރު އެކެއްގެ ހާލު ސީރިއަސް ވެގެން ރާއްޖެ އިން ބޭރަށް ފުރުވާލަން ޖެހުނެވެ.

ފެބުރުއަރީ އަށް ވަނަ ދުވަހުގެ ހިނގައި ދިޔަ ހާދިސާތަކަށް ފަހު ގިނަ ފަހަރަށް ފުލުހުންނަށް އަނިޔާތައް ކޮށްފައި ވަނީ ފުލުހުންގެ ގާނޫނުގެ ދަށުން ލިބިދޭ ބާރުގައި މަގުތައް ބަންދުކޮށްލައިފައި އޮންނަ ވަގުތުތަކުގައި ފުލުހުންގެ ލައިންތައް ފަޅާލައިގެން ވަދެގެންނާއި ގަސްދުގައި މަގުމަތިންނާއި ފުލުހުންގެ މަރުކަޒުތަކަށް ވަދެ އެވެ. އަދި ދުރުން ގަލާއި އެނޫން ވެސް ތަކެތި އުކައިގެނެވެ.

"ބައެއް ފަހަރަށް ގަލުގެ އިތުރުން ޕެޓްރޯލް ވެސް ފުލުހުންގެ ގަޔަށް ޖަހާފައިވޭ،" ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ. "އަދި ފުލުހުންނަށް ހަމަލާދޭން މުޒާހަރާތަކުގެ ބައެއް ބައިވެރިން ވަނީ ދަނޑިބުރި ކަހަލަ އެއްޗެހި ބޭނުންކޮށްފައިވޭ"

ރައީސް ނަޝީދު ފެބްރުއަރީ 7ގައި އިސްތިއުފާ ދެއްވުމަށް ފަހު އަނެއް ދުވަހު އެމްޑީޕީން ބޭއްވި މުޒާހަރާ ރޫޅާލުމުގައި ފުލުހުންގެ ފަރާތުން ވެސް ވަނީ ވަރަށް ގިނަ ބަޔަކަށް ސީރިއަސް ގެއްލުންތަކާއި އަނިޔާތައް ލިބިފަ އެވެ. އެ ދުވަހު ފުލުހުން ވެސް އަމަލުކޮށްފައި ވަނީ އެންމެ ރަނގަޅަށް ނޫންކަމަށް ސަރުކާރުން ވެސް އެއްބަސްވެ އެވެ.

ރައީސް ވަހީދު ރޭ ދި ޓީވީގައި ވިދާޅުވި ގޮތުގައި އެ ދުވަހު ކުރީގެ ރައީސް ނަޝީދު އިސްކޮށް ހުންނަވައިގެން ކުރެއްވި މުޒާހަރާގައި އެކަށީގެންނުވާ މިންވަރަށް ފުލުހުން ބާރުގެ ބޭނުން ކުރިކަމަށް ގަބޫލު ކުރެވެ އެވެ. އަދި އެކަމާ ގުޅިގެން ފުލުހުންގެ ގާނޫނުތަކާއި، އަދި އިންސާނީ ހައްގުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ވަނީ ފުލުހުންނަށް އަންގަވައިފަ އެވެ.

"އަޅުގަނޑު ވެސް އެއްބަސްވަން އެ ދުވަހު ބާރުގެ ބޭނުންކުރުމުގައި އަޅުގަނޑުމެން އެދޭވަރަށް ވުރެ ބޮޑަށް ބާރުގެ ބޭނުން ކުރެވުނުކަމަށް އަޅުގަނޑު އެއްބަސްވަން. އެކަމުގައި އަޅުގަނޑުމެން ވަނީ ފުލުހުންނަށް ދަންނަވާފައި އަޅުގަނޑުމެން ގާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތްވާގޮތުގެ މަތިން ޚާއްސަކޮށް އިންސާނީ ހައްގުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެބޭފުޅުންގެ އަމަލުތައް ބެހެއްޓެވުމަށް،" ރައީސް ވިދާޅުވި އެވެ.

ހަގީގަތުގައި އިދިކޮޅު ފަރާތަތަކުގެ ރުޅި މޫނު ފުލުހުންނަށް ދައްކަން ފަށައި ހަމަ ދިނުން އިސްކުރަން ފަށާފައި ވަނީ އޭގެ ފަހުންނެވެ. ފުލުހުންނާއި ބައެއް އާންމުން ހާއްސަކޮށް އިދިކޮޅު އެމްޑީޕީގެ ސަޕޯޓަރުންނާ ދެމެދު ގުޅުން ގޯސްވެގެން ދިޔައީ ސަރުކާރު ބަދަލުވި ދުވަހާއި އޭގެ ކުރީ ދުވަހުގެ ހާދިސާތަކަށް ފަހު އެވެ.

ބައެއް ފަހަރަށް އެއްވުމަކާ ނުލައި ވެސް ފުލުހުންނަށާއި ފުލުހުންނަށް ނިސްބަތްވާ ތަންތަނަށް ގެއްލުން ދޭން ވަނީ ފަށައިފަ އެވެ. އޭގެ ތެރޭގައި މިދިއަ އަންގާރަ ދުވަހުގެރޭ ވަޅި ހިފައިގެން އިސްކަންދަރު ބިލްޑިންގަށް ވަދެ ފުލުހުންނަށް ބިރު ދައްކައި ވަނީ އަނިޔާ ކުރަން މަސައްކަތްކުރުމާއި އެރޭ ޓްރެފިކް ޕޮލިހަށް ވަދެ އެތާނގެ ކޮމްޕިއުޓާ ސިސްޓަމެއް ބިއްންމައްޗަށް ވައްޓާލުމަށް ފަހު ގެއްލުން ދިނުމާއި ގަލޮޅު ޕޮލިސް ސްޓޭޝަންގެ ބިއްލޫރި ގަނޑެއް ވެސް ތަޅާލުމާއި އަލިފާނާއި ޕެޓްރޯލުން ފުލުހުނަށް ހަމަލާ ދިނުމަށާއި ފުލުހުންގެ މުދާ ކަމަށް ޝައްކުވާ އެއްޗެއްސަށް ގެއްލުން ދިނުން ހިމެނެ އެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ ހެންވޭރުކޮޅު ސަރަހައްދުން ދިޔަ ފުލުހުންގެ ވެހިކަލަކަށް ވެސް ބަޔަކު ހަމަލާދީ ގެއްލުން ދިނެވެ. އެރޭގެ އެކި ހާދިސާތަކުގައި ފުލުހުންނާއި ކުރިމަތިލައި މާރާމާރީ ހިންގާފައިވެ އެވެ. އަދި އޭގެ ކުރިން މިމަހުގެ އެއްވަނަ ދުވަހު ވެސް މާލޭ ސިޓީ ކައުންސިލް ކުރިމަތިން ސައިކަލެއްގައި ދިޔަ ދެ ފުލުހަކަށް ހަމަލާދީ، ސައިކަލްގައި ރޯކޮށްލި އެވެ. އަދި މިދިޔަ ހޯމަ ދުވަހުގެ ރޭ ވެސް ހެންވޭރު މުސްތަރީ މަގުގައި ބަހައްޓާފައި ހުރި ފުލުހެއްގެ ސައިކަލެއްގައި ރޯކޮށްލި އެވެ. މިކަން ކަމަކީ މިހާރު ވަރަށް ބޮޑަށް ގޯހުން ގޯހަށް ބަދަލުވަމުންދާ އަދި ބަލައި ނުގަނެވޭނެ ކަންކަމެވެ.

"އަޅުގަނޑު ވެސް ގަބޫލު ކުރަން ފުލުހުންނަށް ހަމަލާ ދެވިގެނެއް ނުވާނެ އެއް ވެސް މީހަކު ފުލުހުންނާއި ސިފައިންނާ ކުރިމަތިލައި ހަމަލާދީ އަދި އެމީހުންގެ ގެދޮރަށާއި ތަކެއްޗަށް ގެއްލުން ދީގެނެއް ނުވާނެ. އެކަމަކު އެފަދަ މަންޒަރުތައް ފެންނަން ފެށީ ފުލުހުންގެ އަމަލުތައް ވެސް ފަހަކަށް އައިސް ހުންނަ ގޮތުން ކަމަށް ބެލެވެނީ،" އެމްޑީޕީގެ އޮފިޝަލަކު ވިދާޅުވި އެވެ.

ފުލުހުންނަކީ އާންމުންނަށް ހިމާޔާތްދޭ، އަދި ކޮމިއުނިޓީ އޮރިއެންޓެޑް އުސޫލުގެ ދަށުން ހިދުމަތްދޭ ބައެކެވެ. އާންމުންނާއި ފުލުހުންނާ ދެމެދު ކުނިޖެހި ފުލުހުން އާންމުންނަށް، އަންމުން ފުލުހުންނަށް ހަމަލަދީ ގެއްލުންތައް ދޭ ކަމަށްވާ ނަމަ އެއީ އަވަހަށް ހައްލު ކުރަން ޖެހޭނެ ބޮޑު މައްސަލައެކެވެ. ފުލުހުންނަށް އާންމުން އިތުބާރު ކުރަން ޖެހެ އެވެ. އެ އިތުބާރު ކުރުމަށް ފުލުސް ކޮމިޝަނަރު ވަނީ ގޮވާލައްވާފަ އެވެ. ފުލުހުން ވެސް އާންމުންނަށް އިތުރުބާރު އުފައްދައިދޭން ޖެހެ އެވެ.

މިހާރު ގަސްދުގައި ފުލުފުލުގައި ފުލުހުންނަށް ހަމަލާ ދެމުންދާ ކަމަށް ފުލުހުން ބުނާއިރު ހަމަލަތައް އިތުރު ވެފައި ވަނީ ފެބުރުއަރީ އަށެއްގެ ހާދިސާއަށް ފަހު ކަމަށް ވަރަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. އަދި ބައެއް ފަރާތްތަކުން ބުނަނީ ފެބުރުއަރީ އަށެއްގެ ހާދިސާގެ ފަހުން ފުލުހުން ކަންކުރާ ގޮތްތަކަށް ބަދަލުތަކެއް އައިސްފައި ވިޔަސް މިހާރު ދޭތެރެ ދޭތެރެއިން މާލޭގައި އެމްޑީޕީ އަށް ނިސްބަތްވާ އަންހެންވެރިން ކުރާ މުޒާހަރާތަކުގައި ފުލުހުންގެ އަމަލުތައް އެންމެ ރަނގަޅު ނޫން ކަމަށެވެ.

"ފަހަރެއްގައި ވެދާނެ މިދިޔަ ދުވަސްތަކުގައި ފުލުހުންނަށް ވެސް ގެއްލުންތަކެއް ލިބިފައި ވުމުން އެކަމާ ނުރުހިފައި ތިބީ ކަމަށް ވެސް. އަދި ފުލުހުންނަށް ނިސްބަތްކޮށް ބައެއް ފަރާތްތަކުން ގޮވާ އެއްޗެހީގެ ސަބަބުން ކަމަށް ވެސް. އެކަމަކު ފުލުހުންނަކީ ރުޅި މޫނު ދައްކަން ޖެހޭ ބައެއް ނޫން... ކޮންމެއަކަސް ފުލުހުންނާއި އާންމުންނާ ދެމެދު އޮތް ދުރުކަމާ ނަފުރަތު ފިލުވަން ޖެހޭ، އެކަން އެބައޮތް،" ކުރިން ވާހަކަ ދެއްކެވި އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅާ ވިދާޅުވި އެވެ.

ފުލުހުންނަށް ދެމުންދެމުންދާ ހަމަލަތަކާއި ގެއްލުންތަކާ ގުޅިގެން ފުލުހުންނަށް ހަމަލާދޭ މީހުންގެ ފޮޓޯ އާއި ވީޑިއޯތައް ފުލުހުން ވަނީ ދިރާސާކުރަން ފަށާފަ އެވެ. ފުލުހުން ބުނާ ގޮތުގައި ފުލުހުންގެ ސަފުތައް ފޫދުއްވާލައި އެތެރެއަށް ވަދެ ލަކުޑިފައްޗާއި އެސްލޯންހޮޅި އާއި ދަގަނޑު އަދި ގާ ފަދަ ތަކެތިން ފުލުހުންނަށް ހަމަލާދޭ މީހުންނާއި އެ ފަދަ ހަމަލާދޭން މަސައްކަތްކުރާ މީހުންގެ ފޮޓޯ އަދި ވީޑިއޯތައް ފުލުހުންނަށް ވަނީ ލިބިފަ އެވެ. އެފަދަ ވީޑިއޯ އާއި ފޮޓޯ ފުލުހުންގެ ފޮރެންސިކް ޓީމުން ދިރާސާކުރާނެ އެވެ. އަދި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅާނެ އެވެ.

ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަން ޑިޕާޓްމަންޓްގެ އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝަމީމް ވިދާޅުވި ގޮތުގައި މާލޭގައި ފަހަކަށް އައިސް ހިންގަމުންދާ ހަމަނުޖެހުންތަކަކީ ވަރަށް ބޮޑަށް ރާވައިގެން ހިންގާ ހަމަނުޖެހުންތަކެކެވެ. އެކަންކަން ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތައް ހޯދައި އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ އެވެ.

"މާލެތެރޭގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކަކީ ވަރަށް ބޮޑަށް ރާވައިގެން ހިންގާ ހަމަނުޖެހުންތަކެއް މިކަންކަން ރޭވުމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި މެދު މޯލްޑިވްސް ޕޮލިސް ސާވިސް އިން ފިޔަވަޅު އަޅާނަން،" ޝަމީމް ވިދާޅުވި އެވެ. "ކުށްކުރުމަށް ފަހު ފުލުހުންނަށް ފިލައިގެން ނޫޅެވޭނެ،"
ގުޅޭ ޓެގު
comment ކޮމެންޓް