ވަދާއީ ބައްދާލުމާއެކު، މަންމަގެ ހިމާޔަތުން ދޫވެ ރާޅުތަކުގެ ތެރެއަށް

(ތ. ވިލުފުށިން) މި ރަށުގެ އެއްވެސް ރައްޔިތަކަށް އެއީ ވަކި ހާއްސަ ދުވަހެއް ނޫނެވެ. އެހެން ދުވަސްތަކެކޭ ވެސް އެއްފަދައިން އެކި މީހުން އުޅުނީ އެކި ކަންކަމުގައި ހޭލަމޭލައަށެވެ. އެކި މަސައްކަތްތަކުގައި އަވަދިނެތިއެވެ. ފެންނަނީ އެކުވެރި، އެއްބައިވަންތަ ބަޔަކު އުޅޭ އަމާން ރަށެކެވެ.

މި ރަށު އައިސްތު ހުސައިން (ތުއްތުމަންޖެ)އަށް ވެސް އެ ދުވަހަކީ ހަމަ އާދައިގެ ދުވަހެކެވެ. އެ ދުވަހު އޭނާ ވެސް އުޅުނީ އެހެން މީހުންނެކޭ އެއްފަދައިން މަސައްކަތެއްގައެވެ. ކުޅިރޮށި ހެދުމުގައެވެ. ކުޅިރޮށި ހަދަން މިރުސްކޮޅެއް ހޯދަން އައިސްތު ގޮސްލީ އޭނާގެ އެއްބަނޑު އެއްބަފާ މީހެއްގެ ގެއަށެވެ. މިރުސް ގަނެގެން އައިސްތު ގެއަށް ދިޔައީ އަތިރިމަގުން ލައިފައެވެ. ދިޔައިރު އޭނާގެ ދަރިފުޅު، މުހައްމަދު ނައީމު ގޯތި ދޮށުގައި ކުޅެން ހުއްޓެވެ. އުފާވެރިކަމާއި މިނިވަންކަމާއެކުގައެވެ.

އެއްވެސް ހާސްކަމެއް ނެތި ހިނގައިފައި އައި އައިސްތުއަށް ހުއްޓެވުނީ އޭނާގެ ދަރިފުޅު މުހައްމަދުގެ އަޑަށެވެ. ދަރިފުޅު ބުނި އެއްޗަކުން އައިސްތުގެ ހިތުގައި ބިރުވެރިކަން އުފެދޭން ފެށިއެވެ. ހާސްވެ ކަންބޮޑުވާން ފެށިއެވެ. ވާން މިއުޅެނީ ކިހިނެއްކަން ހިޔާލަށް ވެސް ގެންނަން ނޭނގޭތީއެވެ.

"ގޮސްފަ ހުނި ގާނަން ތިބި މީހުން ކައިރިއަށް ނުހުއްޓެވޭ، ދަރިފުޅު ގޮވައިލައިފި މަންމާއޭ ބޮޑު ރާޅެއް އެބަ އާދެޔޭ. ބުނީމަ މަ ބުނީ ދަރިފުޅު އެހެން ވިއްޔާ އެތެރެއަށް އަންނާށޭ. ކިޔާފައި އެ މިރުސްކޮޅު އެތާ ބަހައްޓާފަ ގެއަށް ނުވަދެވޭ. ދެން ނޭނގެ ވީނުވީއެއް ވެސް،" އައިސްތު ކިޔައިދިނެވެ.

އޭރު އައިސްތުގެ ތިބެނީ ތިން ދަރިންނެވެ. އޭގެ ތެރެއިން، އޭރު ރަށުގައި ތިބީ އޭނާގެ ދެ ފިރިހެން ދަރިންކަމަށްވާ މުހައްމަދާއި ޚަލީލު އެކަންޏެވެ. އޭނާގެ އަންހެން ދަރިފުޅާއި ފިރިމީހާ އޭރު ހުރީ މާލޭގައެވެ.

އައިސްތުގެ ފިރިހެން ދަރިފުޅު ޚަލީލަކީ ދުނިޔެއަށް އުފަންވީންސުރެ ވެސް ނުކުޅެދުންތެރިކަމެއް ހުންނަ ކުއްޖެކެވެ. ސުނާމީ ކާރިސާ ހިނގިއިރު އޭނާގެ އުމުރަކީ 21 އަހަރެވެ. މީހެއްގެ އެހީތެރިކަމަކާ ނުލައި އޭނާއަށް ތަނަކު އިށީނދެގެން ވެސް ނީނދެވެއެވެ. "މަންމަ" އަދި "ބައްޕަ" ފިޔަވައި އެހެން އެއްވެސް ލަފްޒެއް ނުކިޔެއެވެ. ކޮޅަށް ނީނދެވޭތީ އޭނާ ބާއްވާ ތާކު އޮންނަނީއެވެ.

ރާޅު އަންނަ ވާހަކަ މުހައްމަދު ބުނުމުން އައިސްތު މިރުސްކޮޅު ބަހައްޓައިފައި ގެއަށް ވަދެ ޚަލީލު ބާއްވައިފައި އޮތް ކޮޓަރިއަށް ވަނެވެ. އަދި ހަލީލު ގައިގައި ބައްދައިލިއެވެ. ނަމަވެސް އައި ރާޅުގެ އޮއިވަރުގެ ބާރުކަމުން، ދަމައިގަނެގެން އެ ދެމައިން ވެސް ގެންދިޔައީއެވެ. ވީގޮތެއް އައިސްތުއަކަށް ވެސް ކިޔައިދޭކަށް ނޭނގުނެވެ.

"ދެން ސަލާމަތްވާން ކީއްކުރާނީ، ރާޅާ ހަމަ ދަމައިގަތީ. ދަމައިގަނެގެން ގޮސް އަޅުގަނޑު ވެސް ފައިޖެހުނީ ދެން ރަށުގެ ބޮޑުމަގުން ވެއްޓިފައި އޮތް ގެއެއްގެ ކައިރިން. ދެން ގޮވާލީ މަގޭ ބަލި ކުއްޖާވީ މިތާއޭ" އައިސްތު ކިޔައިދިނެވެ.

ގޮތް ހުސްވެފައިވާ ހާލު އައިސްތު އެތަނުގައި ހުރި އިރު އެހީތެރިކަމެއް ދިއްކޮށްލާނޭ މީހަކު ވެސް އެ ވަގުތަކު ނެތެވެ. ހަތަރު އުދަރެސް ފެނުޖެހިފައިވާ މީހަކު ފަދައިން އެތަނުގައި ރޯން އޭނާއަށް ހުރެވުނެވެ. ނަމަވެސް އިރުކޮޅެއްފަހުން، ހިތްވަރު ކޮށްފައި ގެޔާ ދިމާއަށް ދިޔައެވެ. ދިޔައިރު ފެނުނު މަންޒަރުން އައިސްތުގެ ހިތާމަވީ އިތުރެވެ. ރިހޭ ފައި މައްޗަށް ފޮއި ވެއްޓުނީއެވެ.

އޭނާގެ ގޭގެ ކައިރީގައި ވެއްޓިފައި އޮތް ފާރެއްގެ މަތީގައި އޭނާގެ ދަރިފުޅު މުހައްމަދު ބާއްވައިފައި އޮތެވެ. އޭރު އޭނާގެ މޫނުގެ އެކިތަންތަނުންނާއި ބޮލުން ލޭ އޮހޮރެއެވެ. ލޭގެ ކޯރެއް އޭނާގެ ކައިރީގައި ދެމެމުންދިޔައެވެ.

"ގޭ ދޮރުމަތީގައި ހުރި ފާރު ވެއްޓިގެން އެ ފާރުގަނޑު މަތީގައި އޮތީ ބާއްވައިފައި، ހަމަ ހީވަނީ ދެން ފުރާނަ ވެސް ނެތްހެން. ދެން އެތަނުން އަނެއްކާ ވެސް ދިމާވީ އަޅުގަނޑު ފިރިމީހާގެ މަންމަ. ގޭގައި ލަކުޑިގަނޑެއް މަތީގައި އިށީނދެގެން އިންތަން،" އެ ވާހަކަތައް އައިސްތު ކިޔައިދިންއިރު ކޯތާފަތްމަތިން ކަރުނަތައް ފައިބަމުންދިޔައެވެ.

އެތަނުގައި ވެސް އައިސްތުއަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނެ މީހަކު އެ ވަގުތަކު ނެތެވެ. އެންމެން ވެސް އެ ވަގުތު އުޅުނީ އަމިއްލަ ސަލާމަތައިގެންނެވެ. އަމިއްލަ އާއިލާއާއިންނެވެ. އެހެންކަމުން، ހަދާނެ ގޮތް ހުސްވެފައި ގޭ ކުރިމަތީގައި އައިސްތު ހުރީއެވެ. އޭރު ވެސް އޭނާ ދިޔައީ ގިސްލާ ރޮމުންނެވެ.

އެ ވަގުތު އެތަނަށް އައިސްތުގެ ފިރިމީހާގެ އެއްބަނޑުއެއްބަފާ މީހެއް އައެވެ. ނަމަވެސް އޭނާ ވެސް އުޅުނީ އާއިލާގެ މީހަކު ގެއްލިގެން ހޯދާށެވެ. ހުރީ ހާސްވެ ކަންބޮޑުވެފައެވެ. އެހެންކަމުން އެހީވެވޭ ގޮތެއް ނުވިއެވެ. އައިސްތުއަށް އެހީތެރިވީ އެހެން ލައިފައި ދިޔަ އެހެން މީހެކެވެ.

"ދެން އެހެން ލާފަ މީހަކު ދަނިކޮށް ގޮވާލީ. ގޮވާލީމަ އައިސް (މުހައްމަދު) ކޮނޑަށް ލައިގެން ގޮވައިގެން ދިޔައީ މަރުކަޒަށް، ގޮސް މަރުކަޒު އެނދެއްގައި ބޭއްވީ. ދެން ބުނެފި އަނެއްކާ އެބަ ރާޅު އަރައޭ. ދެން ހަމަ ޝުކުރުކޮށްލައިގެން ކުއްޖާ ކައިރި ހުރީ. ހުއްޓާ އަޅުގަނޑު ފިރިމީހާއާ އެއްބަނޑުއެއްބަފާ މީހަކު އައިސް ކުއްޖާ ގެންދިޔައީ އެފަރާތު އަތިރިއަށް،" ހުއްޓެމުން، ހިނދެމުން އެ ވާހަކަތައް އައިސްތު ހިއްސާކުރިއެވެ.

އަތިރިމައްޗަށް މުހައްމަދު ގެންދިއުމަށް ފަހު އެތަނުގައި އޮތް އެއްޗެއްގެ މަތީގައި ބޭއްވިއެވެ. އަދި އެ ތަނުގައި ހުރި ރުކަކުން ކުރުނބާ އަޅައިގެން މުހައްމަދަށް ކުރުނބާ ފެންފޮދެއް ދިނެވެ. ނަމަވެސް ކުރުނބާ ފެންފޮދު ދިނުމާ އެކު އޭނާއަށް ލެވުނީ ހޮޑެވެ.

އެ ވަގުތު އެތަނަށް އައި ދޯންޏަކުން މުހައްމަދު ގޮވައިގެން އައިސްތު ދިޔައީ މި އަތޮޅު ގުރައިދުއަށެވެ. އެންމެ ފުރަތަމަ މި ރަށުން ގެންދިޔަ އެއްބަޔަކީ އެއީއެވެ. ސަބަބަކީ އެންމެ ބޮޑަށް އަނިޔާވި މީހުންގެ ތެރޭގައި މުހައްމަދު ހިމެނޭތީއެވެ. ގުރައިދުއަށް ދިއުމަށް ފަހު، ދެން ދިޔައީ ވޭމަންޑުއަށެވެ. ވޭމަންޑޫން ދެން ދިޔައީ މާލެއަށެވެ.

މާލޭގައި ހަތަރު މަސް ދުވަހު މުހައްމަދު ގޮވައިގެން އޭނާ ހޭދަކުރިއެވެ. ފަރުވާ ކުރުމަށެވެ. ފިޒިއޮތެރަޕީ ވެސް ހެދިއެވެ. ހަތަރު މަސް ދުވަސް ފަހުން އެ މީހުން އައީ ބުރުންޏަށެވެ. މިހާރު މުހައްމަދަކީ ދިވެހި ފުލުހުންގެ އިދާރާގައި މަސައްކަތް ކުރާ މީހެކެވެ. ނަމަވެސް މިއަދު ވެސް އޭނާގެ ކިބައިން އެ ދުވަހުގެ ހަނދާންތައް ފެންނަން އެބަހުއްޓެވެ.

މުހައްމަދުގެ ފުރާނަ ސަލާމަތް ކުރުމަށް ޓަކައި އައިސްތުއަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރިއެވެ. ﷲގެ ތަނަވަސް ރަހުމަތްފުޅާ އެކު އެކަން އޭނާއަށް ކާމިޔާބުވިއެވެ. އޭނާ އެ ވަގުތު މުހައްމަދު ގޮވައިގެން މާލެ ދިޔައިރު ވެސް ހިތުގައި އޮތީ ނުތަނަވަސްވެރިކަމެވެ. އޭނާގެ ލޮލަކުން ކަރުނައެއް ނުހިކެއެވެ. ރާޅު އަރާތީ، ސަލާމަތް ކުރަން ވެގެން ގޮސް ބައްދައިލި ދަރިފުޅު ނުފެންނަކަމުގެ ކަންބޮޑުވުން އައިސްތުގެ ހިތުގައި އިންތިހާއަށް އޮތެވެ.

އެކި ގޮތްގޮތުން ޚަލީލު ހޯދޭތޯ އޭނާ މަސައްކަތް ވެސް ކުރިއެވެ. ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ. އެހެންކަމުން ޚަލީލު ފެންނާނެކަމުގެ އުއްމީދު ފަނޑުވަމުން ދިޔައެވެ. އުއްމީދުގެ ހުޅުކޮޅު ކަނިވަމުން ގޮސް ނިވެން ކައިރިވިއެވެ. ފެނުނު ނަމަވެސް ދިރިހުއްޓާ ނުފެންނާނެކަން ޔަގީނާ ގާތްވިއެވެ.

މާލެއަށް ގޮސް ތިންވަނައަށް ވީ ދުވަހު އައިސްތުއަށް ލިބުނީ ފޯނުކޯލެކެވެ. އެއީ އޭނާގެ ހިތާމަ އިތުރުވި ފޯނު ކޯލެކެވެ. އެ ފޯނު ކޯލު އޭނާއަށް ލިބުނީ މި އަތޮޅު ވަންދޫންނެވެ. މި އަތޮޅު ކަފިދޫ ކައިރިގައި އޮންނަ ރަށަކުން ޚަލީލު ފެނިއްޖެ ކަމަށް ބުންޏެވެ. ނަމަވެސް ފެނުނު އިރު ޚަލީލުގެ ފުރާނައެއް ނެތެވެ.

"ގުޅާފަ ބުނީ ޚަލީލު ފެނިއްޖޭ. ތިމަންމެން ކުރާންވީ ކަމެއް ކޮށްފައި މިހާރު ވަޅުލައްވައިފީމޭ. ކަހުޅަކު ކިޔާ ރަށެއް އޮންނާނެ އެތަނުގައި، އެ ރަށުގައި ވަޅުލީ،" އައިސްތު ކިޔައިދިނެވެ.

ސަލާމަތް ކުރަންވެގެން ގޮސް ބައްދާލައިގެން އޮތް ދަރިފުޅު އަތުން ދޫވެގެން ދިއުމުން އައިސްތުއަށް ކުރަން ޖެހުނު ހިތާމަ ބޮޑުވިއެވެ. އޭނާއަށް އެ ދަރިފުޅު ދެން ދުވަހަކު ވެސް ނުފެންނާނެކަން އެނގުމުން ހިތާމަތަކުން އޭނާގެ ދިރިއުޅުން ބަނަކޮށްލިއެވެ.

"ދައްތައަށް ނުވޭ އެއްވެސް އަނިޔާއެއް ﷲ އިރާދަކުރައްވައިގެން، އޮޔާ ގެންދިޔަޔަސް، އެއްވެސް އަނިޔާއެއް ނުވޭ. ދައްތައަށް އެ ލިބުނު ހިތާމަ ދެން. އެއް ދަރިއަކު މަރުވެފައި އަނެއް ދަރިއަކު އެހާވަރު ވީމަ ހިތާމަ އޮންނާނެ ދޯ ދައްތަ،" އައިސްތު ބުންޏެވެ.

ސުނާމީ ކާރިސާއަށް މިއަދު 17 އަހަރު ފުރުނު ނަމަވެސް އެ ހަނދާންތައް އައިސްތުއަށް އަބަދާއިއަބަދު އާވެއާލާވެ ހުރެއެވެ. މިހާރު ވެސް ބާރުގަދަ އަޑެއް އިވިއްޖެނަމަ ސިއްސައިގެން ދެއެވެ. އެ ދުވަހުގެ ހަނދާން އާވުމުން ލޯ ކަރުނުން ފުރެއެވެ. މިއަދު އާދައިގެ ދިރިއުޅުމެއް އުޅެމުން ދިޔަ ނަމަވެސް، އެ ދުވަހުގެ މަންޒަރުތައް މިހާރު ވެސް އައިސްތުއަށް ސިފަވާ ކަހަލައެވެ. އެ ދުވަހު ކަންހިނގާ ދިޔަގޮތް ސިފަކުރަމުން ދިޔައިރު އައިސްތުގެ ކޯތާފަތް މައްޗަށް ފައިބަމުންދިޔަ ކަރުނަތައް އެކަމަށް ހެކިވެއެވެ. އެ ހަނދާންތައް އާ ވުމުން، އަދިވެސް އޭނާގެ ހިތް މަރައިލައެވެ.

comment ކޮމެންޓް